26 Jan 2021

By: Ifraz Ali

އެންމެފަހުން ސިނަމާއަކަށް ދިޔަ ދުވަސް ހަނދާން އެބަހުރި ހެއްޔެވެ؟ ޝުވެކްގައި އެޅުވި، އެލިޒަބެތު މޮސް އުޅޭ ހޮރޯ ތުރިލާ "ދަ އިންވިޒިބަލް މޭން" އެއީ، އަހަރެމެން އެންމެފަހުން ބަލަން ދިޔަ ފިލްމެވެ. އެއީ މާލެ ސިޓީގައި ކޮވިޑް ފެތުރި ސިނަމާތައް ބަންދުކުރަން އެންގުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ސިނަމާތައް ބަންދުކުރީ މާޗު، 16 އިން ފެށިގެންނެވެ. އޭގެ ފަހުން، އަލުން ވެސް ސިނަމާތައް ހުޅުވާނެ ދުވަހަކަށް ވަރަށް އިންތިޒާރު ކުރަމުން އަންނަނިކޮށް، މިހާރު އެ އޮތީ އެކަމަށް ވެސް ހުއްދަ ދީފަ އެވެ.

އާއިލާ އާއި ރައްޓެހިން ނުވަތަ ލޯބިވެރިން ގޮވައިގެން ޑޭޓަކަށް ވިޔަސް، ސިނަމާއަށް ދިޔަ ދުވަސްތައް ވަރަށް "މިސްވެއްޖެ" ކަން ޔަގީނެވެ. ފުރަތަމަ އަޅުވަންވީ ކަމަށް ބުނެ، މީހުން މިދުވަސްކޮޅު އެންމެ ގަދަޔަށް އެ ފިލްމެއްގެ ވާހަކަދައްކާ "ކޭޖީއެފް:ޗެޕްޓަރު 2" ކަހަލަ ވަރުގަދަ ފިލްމެއް އެންމެ ފުރިހަމަ ގޮތުގައި ބެލޭނީ އަދި އަސްލު ހިތްހަމަޖެހުމެއް ވެސް ލިބޭނީ ސިނަމާއަކަށް ބަލަން ގޮސްގެންނެވެ. މިއީ ކަނައްޑާގެ އެކްޝަން ކްރައިމް ފިލްމެކެވެ. އެހެންވެ، ސިނަމާއަށް ނުގޮސް މީހުން ނުތިބޭނެއޭ ބުނެވޭކަށް ނެތެވެ.

އެއަށް ވުރެ ބޮޑަށް، މިދިޔަ އަހަރު އަހަރެމެން އިންތިޒާރުކުރި ވަރަށް ގިނަ ސަޅި ފިލްމުތަކެއް ނާޅުވާ، މި އަހަރަށް ފަސްކޮށްފައި ހުރުމުން ވެސް، އެ ފިލްމުތައް ބަލައިލަން ހިތުގައި އޮތް ޝައުގުވެރިކަން ވެސް އިންތިހާއަށް ބޮޑެވެ.

ސިނަމާ ހުޅުވާނީ ކޮންއިރަކުން؟

މާލޭގައި ހިންގާ ދެ ސިނަމާ ކަމަށްވާ ޝްވެކް އާއި އޮލިމްޕަސް ހުޅުވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ. މި ދެ ސިނަމާ އިން ވެސް އަދި ރަސްމީކޮށް ކޮމެންޓެއް ދޭން ބޭނުންނުވި ނަމަވެސް، ހުޅުވާނެ ތާރީޚެއް އަދި ޔަގީންނުވާ ކަމަށްވެ އެވެ. އެއީ އެޗްޕީއޭ އިން އެކުލަވާލައިފައިވާ، ސިނަމާތަކަށް ޚާއްސަ ގައިޑްލައިނާއި އެއްގޮތަށް އެތަންތަން ހުޅުވަން އަދި ދުވަސްކޮޅެއް ހޭދަވާނެތީ އެވެ.

ދިވެހި ފިލްމު އަޅުވާ އޮލިމްޕަސް ސިނަމާ އަލުން މަރާމާތުކުރުމުގެ ބައެއް މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އޮލިމްޕަހަށް ކުރިއަށް އޮތީ ވެސް ވަރަށް ބާރުބޮޑުވާނެ ދުވަސްތަކެކެވެ. މިދިޔަ އަހަރަށް ތާވަލުކޮށް ނޭޅުވި ހުރި ފިލްމުތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ފިލްމުތަކާ އެކު، 18 ފިލްމު ކިއުގައި އެބަ އޮތެވެ.

ސިނަމާތައް ބަންދުކުރިތާ އަހަރެއްހާ ދުވަސް ވާން ކައިރިވާއިރު، މި ތަންތަނުން އާމްދަނީ ހޯދާ މީހުނަށް ލިބުނީ ވަރަށް ބޮޑު ގެއްލުމެކެވެ. އަހަރެއް މިދިޔައީ އެއްވެސް އާމްދަނީއެއް ނުލިބި އެވެ. މިއީ ސިނަމާތައް އަލުން ހުޅުވަން ޖެހޭ އެންމެ ބޮޑު ސަބަބެވެ. ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މިހާރު ސިނަމާތައް އަންނަނީ ހުޅުވަމުންނެވެ.

ގައިޑްލައިންގައި އޮތީ ކީކޭ؟

އާއިލާ ނުވަތަ ރައްޓެހިންނާ އެކު ގްރޫޕް ހަދައިފައި ސިނަމާއަށް ދާ ބޭނުންވާ މީހުނަށް، ވަކި އުސޫލެއްގެ ތެރެއިން އަދިވެސް އެ ފުރުސަތު އެބަ އޮތެވެ. އެކަމަކު އެއީ ސިނަމާ ހިންގާ ފަރާތުން އެ އިންތިޒާމުތައް ހަމަޖައްސައިފައި އޮތް ނަމަ އެވެ. ވަކި ގްރޫޕަކަށް ތިބޭ މީހުންގެ ވަށައިގެން، ކޮންމެ ކޮޅަކުން ތިން ފޫޓުގެ ދުރުމިން ބަހައްޓަން ޖެހެ އެވެ.

އެޗްޕީއޭ އިން ނެރުނު ގައިޑްލައިންގައި ސިނަމާ ހިންގާ ފަރާތާއި އަދި ސިނަމާއަށް ދާ މީހާ އަމަލުކުރަން ޖެހޭ އުސޫލުތަކެއް ބަޔާންކޮށްފައިވެ އެވެ.

ސިނަމާ ހިންގާ ފަރާތުން ކުރަންޖެހޭ ބައެއް މުހިންމު ކަންކަން؛

- ސިނަމާއަށް ވަދެނިކުމެވާ ތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދޭ އިރުޝާދު ބޯޑުތައް ބެހެއްޓުމާއި، ހުން ބެލުމާއި، 3 ފޫޓުގެ ދުރުމިން ބަހައްޓައިގެން މީހުން ސިނަމާ ހޯލަށް ވެއްދުމާއި ނެރުމާއި އަދި އެތެރޭގައި ވެސް އެ މިނުގެ ދުރުމިން ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން

- ވަންނަ ދޮރު ކައިރީގައި ސެނިޓައިޒާ ބެހެއްޓުމާއި ސައިބޯނި ލައިގެން އަތް ދޮވެވޭނެ ގޮތް ހެދުން

- އޮންލައިންކޮށް ޓިކެޓް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމާއި ފަހުން ސީޓު ބަދަލުނުކުރެވޭނެ ކަން އެންގުން

- ސިނަމާގައި މަސައްކަތްކުރާ މުވައްޒަފުން މާސްކާއި ފޭސްޝީލްޑު އެޅުމާއި އެ ނޫން ވެސް މުވައްޒަފުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި އަދި ސިނަމާއަށް ވަންނަ މީހުން މާސްކު އަޅައިގެން ތިބިތޯ ކަށަވަރުކުރުން

- ފެންފުޅިއެއް ފިޔަވާ އިތުރު ކާބޯތަކެތި ސިނަމާއަށް ވެއްދިޔަ ނުދިނުމާއި އެފަދަ އެއްޗެހި ވިއްކަން ނުބެހެއްޓުން

- ސިނަމާއަށް ދާ ހުރިހާ މީހުންގެ މައުލޫމާތު ލޮގުކުރުމާއި ޓްރޭސް އެކީ އެޕް ބޭނުންކުރަން ބާރުއެޅުން

- އާންމުކޮށް މީހުން ސިނަމާގައި އަތްލާ އުޅޭ ތަންތަން ކޮންމެ ޝޯއެއް ނިމުމުން ޑިސްއިންފެކްޓުކުރުމާއި ކުނި އަޅަން މަތިޖެހޭ ޑަސްބިން ބެހެއްޓުމާއި އަދި ކުނި ނައްތާލެވޭނެ ރައްކާތެރި އިންތިޒާމެއް ހަމަޖެއްސުން

ސިނަމާއަށް ދާ މީހުން ކުރަންޖެހޭ ބައެއް މުހިންމު ކަންކަން؛

- ކޮވިޑްގެ އަލާމާތެއް ހުރި ނަމަ އާއި ކަރަންޓީން ނުވަތަ އައިސޮލޭޝަންގައި ހުރި މީހެއް ނަމަ ސިނަމާއަށް ނުދިއުން

- ސިނަމާގައި ހުއްޓާ އަލާމާތެއް ފެނިއްޖެ ނަމަ އެހެން މީހުންނާއި އަވަހަށް އެކަހެރިވުމާއި ސިނަމާ ހިންގާ ފަރާތައް އެންގުން

- އަބަދުވެސް މާސްކު އެޅުމާއި އަތް ސާފުކޮށް ބޭއްވުމާއި އަދި ސިނަމާއަށް ވަދެނިކުތުމުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުން

ބޮލީވުޑް ހޮލީވުޑް ދިވެހި ފިލްމް އިންޑަސްޓްރީ އޮލިމްޕަސް ސިނަމާ ފިލްމު

Popular