25 May 2019

"ނުދާށެ ދޫކޮށްފާ": އެންމެ ހިނގި ވާހަކަ

"ނުދާށެ ދޫކޮށްފާ": އެންމެ ހިނގި ވާހަކަ

By: Aishath Maaha

ލޯބިން އުޅޭ ފިރިމީހާ އާއިން ދެ އަންބަށް ކައިވެނިކުރަން އުޅޭ ވާހަކަ ބުނުމާއެކު ޔަލްވީގެ ވަށައިގެންވީ މަންޒަރުތައް ހުއްޓުނީ އެވެ. ބާރު ސްޕީޑެއްގައި އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެ ފުރޮޅުލީ ގޮނޑިއަކީ ޔަލްވީގެ ބައިވެރިޔާ ކަމުގައި ވީ ދުވަހު އާއިން ދެ އަންބަށް ކައިވެނިކުރީ އެވެ. ނިކަމެތިކަން އައިސް ޔަލްވީ ވަށާލި ވަގުތު އޭނާގެ އަތުގައި ހިފައި ފުރޮޅުލީ ގޮނޑި ދޫކޮށްލާ ކޮޅަށް ތެދުވަން އަދި ދިރިއުޅުމައިގެން ކުރިއަށް ދާން އެހީތެރިވެދޭނެ އަސާގަނޑަކަށްވީ އޭނާގެ ފިޒިއޯތެރަޕިސްޓް އަދި ކުޑައިރުގެ ރަހުމަތްތެރިޔާ ސާހިލް އެވެ.

މިއީ ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި "ދޯ"ގައި ގެނެސްދިން ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ "ނުދާށެ ދޫކޮށްފާ"ގެ ވަރަށް ވެސް ކުރު ހުލާސާ އެކެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ފެށި އެ ވާހަކަ އަކީ 40 އެޕިސޯޑުގެ ދިގު ވާހަކަ އެކެވެ. މިއީ، ކިޔުންތެރިން އާދަޔާޚިލާފު ބޮޑު ސަޕޯޓެއް ކުރި ވާހަކައެކެވެ. މި ވާހަކަ ވެގެން ދިޔައީ އާންމުން ބަރާބަރަށް ފޮލޯ ކުރަމުން ދިޔަ، ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ވާހަކައެކެވެ. "ދޯ" އަށް މިއަދު 2 އަހަރު ވެގެން ދިޔައިރު ވެސް މި ވަރުގެ ވާހަކައެއް އަދި ޝާއިއުއެއް ނުކުރެވެ އެވެ.

ވާހަކަ ލިޔުންތެރިޔާ މަރިޔަމް ޔަސްމާގެ މި ވާހަކައަކީ ހަގީގީ "ކެރެކްޓާ" އަކުން އިންސްޕަޔާ ވެގެން ލިޔެފައިވާ ވާހަކަ އެކެވެ.

"އެ ވާހަކައިގަ އުޅޭ ސާހިލްގެ ކެރެކްޓާ އަކީ ދަންނަ ކުއްޖެއްގެ ދިރިއުޅުމުން އިންސްޕަޔާ ވެފަ އިން ކެރެކްޓާއެއް. ވަރަށް ކުރިން ވެސް ލިޔަން ބޭނުންވެފައި ލިޔަން ނުކެރިފައި ހުރީ. އެހެން ހުއްޓަ ތަފާތު ހިޔާލެއް އައީ. ފުރޮޅުލީ ގޮނޑި ހިޔާލު އައީ އިނގިރޭސި ވާހަކައަކުން. 'މީ ބިފޯ ޔޫ' އެއީ. ހިތަށް އެރީ މިއީ ތަފާތު ގޮތެކޭ. މިހެން ލިޔުނީމަ އެއްވެސް މީހަކަށް ނޭނގޭނޭ ސާހިލް ކެރެކްޓާ އަކީ އަސްލެއް ކަމެއް،" "ދޯ" އަށް ރީތި ވާހަކަތަކެއް ލިޔެދީފައިވާ، އަދި މިހާރު ވެސް ލިޔަމުން އަންނަ ޔަސްމާ ބުންޏެވެ.

އެއީ ދަންނަ އެހެން ފިރިހެން ކުއްޖެއްގެ ދިރިއުޅުމުން އިންސްޕަޔާވެގެން ވާހަކައެއް ލިޔަން ޔަސްމާ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ވެސް މެ އެވެ. އެހެން ނަމަވެސް އެ ހިޔާލު ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ފުރަތަމަ ވެސް ލިޔުނީ "ނުދާށެ ދޫކޮށްފާ"ގެ ދެ އެޕިސޯޑެވެ.

އެހާ ހިސާބުން ވާހަކަ ޕަބްލިޝްކުރަން ވެސް ފެށީ އެވެ. އެއްކޮށް ނުނިންމާ އޮތަސް ވާހަކައިގައި އުޅޭނެ ހުރިހާ ކެރެކްޓާތަކާއި މުޅި ކޮންސެޕްޓް ޔަސްމާ އޮތީ ނިންމައިފަ އެވެ.

"ދެ އަންބަށް އިނދެގެން އުޅޭ ބައެއްގެ ވާހަކަ ވެސް ލިޔަން ބޭނުންވެފަ ހުރީ. އެއީ ކުރިން ނުލިޔާ ކަހަލަ ވާހަކައެއް. އެހެންވެ މި ވާހަކައަށް އެބައި ވެސް އެޑްކޮށްފައި ތަފާތުކޮށްލީ."

ރަށު ސިއްހީ މަރުކަޒުގައި އެ ދުވަސްކޮޅު މަސައްކަތް ކުރަމުން އައި ޑޮކްޓަރަކާއި ނަރުހަކާ ވާހަކަ ދައްކައިގެން އިތުރަށް މައުލުމާތު އޮޅުންފިލުވި އެވެ. ޔަލްވީ އަކީ ވާހަކަ ފެށޭ ހިސާބުން ވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހަކަށް ވާތީ އެވެ.

"ދެން ހާއްސަ އެހީއަށް ބޭނުންވާ މީހަކު އުޅެފައި އޭނަ އަށް ދިމާވާ ކަންތައްތަކުގެ ސަބަބުން މި ވާހަކަ ވަރަށް އިމޯޝަނަލް ވެފައި ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަންނަ ކަމަކަށްވީ." އޭނާ ބުންޏެވެ. "އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން އެނގޭ. އެކަމާ ވަރަށް ބޮޑަށް އުފާވި."

އެހެންވެ އެންމެ ގިނައިން އެ ވާހަކަ އަށް ލިބުނު ކޮމެންޓަކީ ވެސް ވާހަކައިގެ ތެރެއަށް ވަދެވި، ހިތުގެ ފުންމިނަށް އަސަރުކޮށް ދެރަވެ ރޮވޭ ވާހަކަ އެވެ.

ޔަސްމާގެ ވާހަކަތަކަށް އެންމެ ގިނައިން ލިބޭ އެއް ކޮމެންޓަކީ ވެސް އެއީ އެވެ. ޔަސްމާ އުފަންކުރުވާ ހިޔާލީ ދުނިޔޭގެ ތެރެއަށް އަހަރެމެންގެ ކިޔުންތެރިން ފޮނުވާލަ އެވެ.

މި ރޯދަމަހު "ދޯ" އިން ވާނީ ޔަސްމާގެ އިންޓަވިއުއެއް ވެސް ގެނެސްދީފަ އެވެ. ވާހަކަ ލިޔުމުގައި ޔަސްމާ ގެންގުޅޭ އުސޫލުތަކާއި ވާހަކަ ލިޔުމާ ގުޅޭ ގިނަ ވާހަކަތަކެއް އެ އިންޓަވިއުގައި ޔަސްމާ ވަނީ ކިޔައިދީފަ އެވެ.

Popular