9 Sep 2019

By: Ifraz Ali

މަޝްހޫރު ދިވެހި މޮޑެލް، ކައިޒީން ސިންގަލްވުންވީ ވަރަށް ގިނަ ބަޔަކަށް ޝޮކިން ހަބަރަކަށެވެ. އެ ހަބަރު ލިބުމާއެކު ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އޭނާ އަށް ތުހުމަތުވާ ގޮތަށް އެކި ކަހަލަ ވާހަކަތައް ފަތުރައިފަ އެވެ. ސިޔާސީ ބައެއް މީހުންނާއި ބައެއް ވިޔަފާރިވެރިންނާ ވެސް އޭނާ އާ އަޅުވާކިޔައިފި އެވެ. އެހެންވެ، އެ ހުރިހާ ތުހުމަތުތަކަށް ރައްދު ދީ އޭނާ މިއަދު ވަނީ ދިގު ބަޔާނެއް ނެރެފަ އެވެ.

މި ބަޔާނުގައި އޭނާ ވަނީ ކައިވެނި ރޫޅުނު ފަހުން އޭނާ އެހެން މީހަކާ އެކު ގުޅުމެއް އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް ދޮގުކޮށްފަ އެވެ.

"އަހަރެން ވަރިވި ފަހުން އަދި ތިން މަސް ދުވަސް ނުވޭ. އެހެންވީމާ ދީނީ ގޮތުން ބެލިއަސް އަހަންނަށް އަދި އެހެން މީހަކާ ޑޭޓެއް ނުކުރެވޭނެ. މި ހުރިހާ ތުހުމަތުތަކަކީ ހުސް ދޮގު،" އިނގިރޭސި ބަހުން ކައިޒީން އާންމުކުރި ސްޓޭޓްމަންޓުގައި ބުނެފައިވެ އެވެ.

އޭނާއަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ފެތުރުމުން އުނދަގޫ ނުވާ ކަމަށާއި ނަމަވެސް އެކަމުގެ ތެރެއަށް އެހެން މީހުން ވައްދައިގެން ދޮގު ވާހަކަތައް ފެތުރުމުން އެ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް އުނދަގޫތައް ވަމުންދާ ކަމަށް ކައިޒީން ބުންޏެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

ކައިޒީންގެ ސްޓޭޓްމަންޓް.

"އަހަންނަކީ އަބަދުވެސް ސޯޝަލް މީޑިއާގައި އަހަރެންނޭ ކިޔައިގެން މީހުން ކިޔާ ފާޑުކިޔުތައް ބަލައިގަންނަ މީހެއް. އެކަމަކު މިފަހަރު ކަންތައްތައް މިދަނީ މާ މައްޗަށް."

ދޮގު ހެދުމާއި ނަފުރަތު އުފެއްދުމާއި އަދި ބޮޑީ ޝޭމްކުރުން ހުއްޓާލުމަށް ވެސް އޭނާ އެދުނެވެ. އަދި ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރާފައި ހުރި ޕޯސްޓުތައް ވެސް ނެގުމަށް އޭނާ އެދުނެވެ.

އެހެން ނޫން ނަމަ، އެކަންކަން ކުރާ ފަތުރާ ފަރާތްތަކާއި ދޮގު ހަބަރު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅެއް އޮވެއްޖަ ނަމަ އެކަން ވެސް ކުރާނެ ކަމަށް ބުނެ ކައިޒީން އިންޒާރު ދިނެވެ.

މި ހުރިހާ ކަންތައްތަކެއް ވެސް ހިނގަމުންދާއިރު، އަބަދު ވެސް ކައިޒީނަށް ސަޕޯޓު ދޭ އޭނާގެ ފޭނުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައި ތިބީ ފޭނުން ކަމަށާއި ސޯޝަލް މީޑިއާގައި އޭނާއޭ ކިޔައިގެން މި ދެކެވޭ ދޮގު ވާހަކަތައް ގަބޫލުނުކުރަމަށް ވަނީ އެދިފަ އެވެ.

ކައިޒީން އާއި އޭނާގެ ފިރިމީހާ ޖޯޑަން ވަކިވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ކައިޒީންއަކީ އިންސްޓަގްރާމްގައި ހޯދާފައިވާ މަޝްހޫރުކަމާއެކު ބައެއް ވިޔަފާރި ބްރޭންޑްތަކުގައި އެމްބެސެޑަރުކަން ވެސް ކުރަމުން އަންނަ މޮޑެލް އެކެވެ. އޭގެ އިތުރުން ވީޑިއޯ ލަވައިން ފެނިގެން ގޮސްފައިވާއިރު އެކިކަހަލަ އިޝްތިހާރުތަކުން ވެސް ފެނިފައިވެ އެވެ.

ރާއްޖޭގައި ތިބި މޮޑެލުންގެ ތެރެއިން އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން މި ވަގުތު ތިބި ލޯކަލް މޮޑެލް އަކީ ކައިޒީން އެވެ. އޭނާގެ އިންސްޓަގްރާމަކީ ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކު އޭނާގެ އަޕްޑޭޓްސްތަކަށް ބޯދިއްކުރާ ޕްލެޓްފޯމެކެވެ.

މޮޑެލްކުރުމުގެ ދާއިރާ އަށް ކައިޒީން ވަނީ 2011 ވަނަ އަހަރު މާލޭގައި ބޭއްވި ފެޝަން ޝޯއަކުންނެވެ.

Popular