23 Sep 2020

By: Ifraz Ali

ސެލެބްރިޓީ ޖޯޑު، ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމާއި ޝިފާ އިބްރާހިމްގެ، ކުއްލި ކައިވެނީގެ ޚަބަރާ އެކު، ދެން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މި ލޯބިލޯބި ޖޯޑުގެ ވެޑިން ޕާޓީއަށެވެ. އެ ޕާޓީ ބޭއްވީ އިންޑިއަން ތީމަކަށެވެ. އެ ޚަބަރު ޖެހުމުން، ސޯޝަލް މީޑިއާ ކޮމެންޓުތަކުގައި ގިނަ ބަޔަކު އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކަށްވީ، ވަކި ހާއްސަ ތީމަކަށް ވެޑިން ބޭއްވުން މުހިންމުހޭ ބުނަމުންނެވެ. އެންމެ ރީތިވާނީ އެވެނި، މިވެނި ތީމެކޭ ވެސް ކިޔެވެ.

ގިނަ މީހުން ބުނީ ވެޑިން ޕާޓީ ބާއްވާނެ، ހާއްސަ ތީމެއް ކަނޑައެޅުން، ހީކުރާ ވަރަށް ވުރެ ވެސް މާ އުނދަގޫ ކަމަށެވެ. ވަކި ތީމަކަށް، ދިވެހިން ވެޑިންތައް ބާއްވަން ފެށި ފަހުން އަދި މާ ގިނަ އަހަރުތަކެއް ވެސް ނުވެ އެވެ. އެކަމަކު މިހާރު ކައިވެނީގެ ވަލީމާއެއް ބާއްވަން ވިސްނާއިރު، އެންމެ އިސްކަމެއް ދޭނީ ތަފާތު ތީމެއް އިހުތިޔާރުކުރެވޭތޯ އެވެ.

ތަފާތު ތީމްތަކަށް ކައިވެނި ޕާޓީ ބޭއްވުމުގެ ކުރިން، ކުރީގައި އާންމުންކޮށް ބްރައިޑް އާއި ގްރޫމް ތިބޭނީ ވެސްޓާން ސްޓައިލްގެ އައުޓްފިޓުތަކުގަ އެވެ. އެ ހިސާބުން ދެން އެ ނިމުނީ އެވެ. ހަފުލާއަށް އަންނަ މީހުންނަށް މީރު ކެއުމެއް ދެވެނިކޮށް އެހެން ކަންތައް ވަރިހަމަ އެވެ. އޭރު ވެޑިން ޕާޓީއަށް ދާ މީހުން ވެސް ހަމައެކަނި ފާޑުކިޔާނީ ކެއުމަށެވެ. ތަނުގެ ޒިނާތްތެރިކަމަކަށް މާ ބޮޑަށް އަޅައެއް ނުލާނެ އެވެ. އެކަމަކު މިހާރު އެ ދުވަސް ވެސް މާޒީ ވެއްޖެ އެވެ. ލައިގެން ހުންނަ ހެދުމުން ފެށިގެން، ކެއުމާއި އަދި ހިޔާރުކުރާ ވެޑިން ތީމަށް ވެސް އެމީހުން ފާޑުކިޔަ އެވެ.

View this post on Instagram

A post shared by Prolitestudio | Photography (@prolitestudio) on

ބްރައިޑް އާއި ގްރޫމް އިހުތިޔާރުކުރާ ވެޑިން އައުޓްފިޓްތަކަށް ވެސް ބޮޑު ބަދަލެއް އަންނަ ފެށީ، ވަކި ތީމްތަކަށް ކައިވެނި ޕާޓީ ބޭއްވުން ތައާރަފުވީ ހިސާބުން ކަމަށް ބެލެވެ އެވެ. އަދި ކައިވެނިކުރާ ދެމީހުންގެ އިތުރުން ދެ ފަރާތުގެ އާއިލާ އާއި ރައްޓެހިން ވެސް ވަކި ސްޓައިލަކަށް، އެ ތީމަކާ ގުޅޭ ގޮތަށް، ހެދުން އެޅުން މިހާރު އޮވެ އެވެ.

"ވަކި ތީމަކަށް ވެޑިން ބާއްވަން ވަރަށް ސަޅި ހަމަ. ވެޑިންގެ ފޮޓޯތައް ރީތިކޮށްލަން ބޭނުންވާ ނަމަ، ހަމަ އެންމެ ރަނގަޅު ވާނީ ތީމެއް ޗޫޒްކުރުން،" ވަރަށް ފަހުން ކައިވެނިކުރި މީހަކު ބުންޏެވެ.

އެންމެ އާންމީ ކޮން ތީމްތަކެއް؟

މިހާރު އެންމެ އާންމުކޮށް -- ލޮކްޑައުންގެ ކުރިން -- ފެންނަނީ ފްލޯރަލް ތީމްތަކާއި ބީޗް ތީމް އަދި އެއިސްތެޓިކް ތީމްތަކެވެ. ވީހާ ވެސް ބޮޑަށް ކުލަ މަދުން ބޭނުންކޮށްގެން ބޭއްވިދާނެ، ސިމްޕަލް ވެޑިން ތީމްތަކެކެވެ.

View this post on Instagram

A post shared by Mariyam Azza (@axzxa) on

ވަރަށް ގިނަ މީހުން މިހާރު އިންޑިއަން ތީމްތަކަށް ވެސް ވެޑިން ބާއްވަ އެވެ. ޝަލަބީ އާއި ޝިފާގެ ކުރިން، ސެލެބްރިޓީ ޖޯޑު، ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއި އަބްދުﷲ ފާލިހު ވެސް އެމީހުންގެ ވެޑިން ޕާޓީ ބޭއްވީ އިންޑިއަން ތީމަށެވެ. އިންޑިއަން ތީމަށް ވެޑިންތައް ބާއްވަން ގިނަ ބަޔަކު އެންމެ ބޮޑަށް ޝައުގުވެރިވީ ވެސް އެހިސާބުން ކަމަށް ބެލެވެ އެވެ. އެ ދުވަސްވަރު ވަރަށް ގަދަޔަށް އެ ތީމްގެ ވާހަކަތައް ވެސް ދެކެވުނެވެ. އަދި އެ ތީމަށް ވެޑިންތައް ބޭއްވުން ވެސް ގިނަވި އެވެ.

View this post on Instagram

A post shared by Mira Mohamed Majid (@mira.mohamed.majid) on

މިހާރު އެންމެ ހިނގާ ތީމަކަށް ވެފައި ވަނީ ދިވެހި ގޮތަކަށް ވެޑިން ބޭއްވުމެވެ. ދިވެހިންގެ ސަގާފަތް ފެންނާނެ ގޮތަކަށެވެ. މި ގޮތަށް ބޭއްވި ވެޑިންއެއްގެ ވާހަކަ "ދޯ" އިން މިދިޔަ އަހަރު ގެނެސްދީފައިވާނެ އެވެ. ބްރައިޑް ހުރީ ހުދު ދިވެހި ލިބާހުގައި އަދި ގްރޫމް ހުރީ ހުދު ގަމީހާއި މުންޑުގަ އެވެ. އާއިލާގެ މެމްބަރުން ވެސް ތިބީ ދިވެހި ހެދުމުގަ އެވެ. ޕާޓީގެ ޑެކަރޭޓްކުރީ ދިވެހި ރުކުން ލިބޭ ބައެއް އެއްޗެހި ބޭނުންކޮށްގެންނެވެ. އަދި ހުރީ ތަފާތު ވައްތަރުތަކުގެ ދިވެހި ކެއުމެވެ.

މުޅި ވެޑިން އެއް ތީމަކަށް ބޭއްވުމުގެ ބަދަލުގައި، ރަން ކިޔުމުގެ ހަފުލާ ވަކި ތީމަކަށް އަދި ޕާޓީ ވަކި ތީމަކަށް ވެސް ބާއްވަ އެވެ. ފިލްމީ ޖޯޑު، މަރިޔަމް އައްޒަ އާއި އަބްދުﷲ މުއާޒް ކައިވެނި ޕާޓީ ބޭއްވީ އެ ކަހަލަ ގޮތަކަށެވެ. އެ ތަރިންގެ ރަން ކިޔުމުގެ ހަފުލާ ބޭއްވީ ބީޗެއްގައި ދިވެހި ތީމަކަށެވެ. އަދި ވެޑިން ޕާޓީ ބޭއްވީ ފްލޯރަލް ތީމަކަށެވެ.

ވިސްނަންވީ ކޮން ކަމަކަށް؟

ތީމެއް ހިޔާކުރުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ޕާޓީ ބާއްވާ ތަނާއި ވަގުތަށެވެ. އަދި އެ ތީމެއް ބަޖެޓަށް ފިޓުވޭތޯ ވެސް ބަލަން ޖެހޭނެ އެވެ.

View this post on Instagram

A post shared by Mariyam Azza (@axzxa) on

"އިންޑިއަން ވެޑިން ތީމެއް ވެއްޖެއްޔާ އެންމެ ރީތި ނުވެދާނެ ރޭގަނޑު ގަޑީގައި. އެއީ އާންމުކޮށް އިންޑިއަން ތީމް ވެޑިންތައް ބާއްވާ އުޅެނީ ދުވާލު ކަމަށް ވީމަ. ވެސްޓާން ސްޓައިލްގެ ވެޑިންތައް ވެސް އާންމުކޮށް ބާއްވާ އުޅެނީ ހެނދުނު،" އެހެންވެ، ވެޑިން ޕާޓީ ބާއްވާ ގަޑި ވަރަށް މުހިންމުވާ ކަމަށް ވެޑިން ޕްލޭނިން ހަދައިދޭ މީހަކު ބުންޏެވެ.

ކޯވިޑްއާ އެކު މިހާރު ވެޑިން ކަހަލަ ހަފުލާތަކުގައި، އެންމެ ގިނަވެގެން ބައިވެރިވެވޭނީ 30 މީހުނަށް ކަމަށް އެޗްޕީއޭ ގައިޑްލައިންގައި އޮތީ ބުނެފަ އެވެ. އެހެންވެއާ އަދި ހަރަދަށް ވެސް ބެލުމަށް ފަހު، މިދުވަސްކޮޅު މާ ބޮޑު ވެޑިން ހަފުލާއެއް ގިނަ މީހުން ނުބާއްވަ އެވެ.

ކައިވެނި ހަފްލާ ކައިވެނި ޕާޓީ

Popular