10 Jan 2021

By: Aminath Ibrahim

ސްކޫލް ހުޅުވާތީ ކިތަންމެ ފޯރީގައި ތިއްބަސް، އަހަރެއް ވަރު ފޮތްތަކާއި ކިޔެވުމާ މުޅިން ދުރުގައި ހޭދަކުރުމަށް ފަހު ކުދިން ސްކޫލަށް ދާން ފަށާ ފުރަތަމަ ދުވަސްކޮޅު އަވަހަށް ވަރުބަލި ވާނެ އެވެ. ފަސޭހައިން ކަންނެތްވެ މޫޑީ ވާނެ އެވެ. މި ކަންނެތްކަން ފިލުވަން އެންމެ ރަނގަޅު އެއްގޮތަކީ މި ދުވަސްކޮޅާ ގުޅުވާލައިގެން ކުދިންގެ ޑައިޓް ބަދަލުކޮށްލުމެވެ.

ރަނގަޅު ކާއެއްޗެހިން ސިކުނޑީގެ ހަރަކާތްތައް އިތުރުކޮށްދީ، މޫޑު ރަނގަޅު ކޮށްދީ، ކިޔެވުމާއި އެހެން ކަންކަމަށް ފޯކަސް ކުރަން ކުދިންނަށް އެހީތެރިވެދޭނެ އެވެ. އަދި ރަނގަޅަށް ނިދަން ވެސް އެހީ އަކަށް ވާނެ އެވެ.

މަންމައެއްގެ އިތުރުން ރަޖިސްޓަޑް ޑައިޓީޝަނެއްގެ ގޮތުގައި މަސައްކަތްކުރައްވާ އާސިޔަތު އަބްދުއްރަހީމް ވެސް ގަބޫލުކުރައްވަނީ މި ގޮތެވެ. އޭނާ ވިދާޅުވީ، ވީހާ ވެސް ބޮޑަށް، ހަކުރު ނުހިމެނޭ ކާއެއްޗެހި ކުދިންނަށް ދިނުމަށެވެ.

"ހަކުރު ހުންނަ އެއްޗެހި، ހާއްސަކޮށް ޕެކެޓު ކަހަލަ އެއްޗެހި ކުދިންނަށް ދިނީމަ މި ވާގޮތަކީ، އެ ވަގުތުކޮޅަށް ކުދިން ތަންކޮޅެއް އެކްޓިވްހެން ހީވާނެ. އެކަމަކު ގާތްގަނޑަކަށް ގަޑި އިރެއް ފަހުން ކުއްޖާ ލެތާޖިކް[ވަރުބަލި] ވާނެ،" އާސިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކީ ރަނގަޅަށް ނާސްތާ ދީފައި ސްކޫލަށް ފޮނުވާއިރު ސްކޫލް އިންޓަވަލް އަށް ވެސް ޕެކެޓް ގަނެފައި ދިނުމުގެ ބަދަލުގައި ކިރު ނުވަތަ ފެންފުޅިއެއް ދިނުން ކަމަށެވެ. އަދި ކުދިންނަށް މުޅި ދުވަހުގެ ކާއެއްޗެހި ދޭން ޕްލޭނަކަށް ފޮލޯކުރަން ބޭނުންވާނަމަ އެޑިއުކޭޝަން މިނިސްޓްރީ އިން އެކުލަވާފައިވާ "ފޫޑް" ގައިޑާ އެއްގޮތަށް ކާން ދިނުމުން ވެސް މި މަގްސަދު ހާސިލް ކުރެވިދާނެ ކަމަށެވެ.

މި ކިޔައިދެނީ، ކުދިންގެ ކަންނެތްކަން ފިލުވައިލާ ކަހަލަ ކާއެއްޗިއްސާ މެދު ވިސްނާއިރު ކާންދޭން ކޮންމެހެން ރަނގަޅު ބައެއް ކާނާގެ ބާވަތްތަކެވެ.

1- ބިސް

ސެންޓަ ފޮ ޑިސީސް ކޮންޓްރޯލް (ސީޑީސީ) އާއި އެޑިއުކޭޝަން މިނިސްޓްރީ އިން ވެސް އެކުލަވާލާފައިވާ ހެލްތީ ފޫޑް ގައިޑްލައިން ގައި ނާސަރީ އުމުރުގެ ކުދިންނާއި ޕްރައިމަރީ ގްރޭޑް ތަކުގެ ކުދިންގެ ހެނދުނު ނާސްތާގައި ހިމަނަން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް ބާވަތަކީ ބިހެވެ. ބިހުގެ ގޮބޮޅީގައި ހިމެނޭ "ކޮލިން" ނަމަކަށް ކިޔާ މާއްދާއިން ސިކުނޑީގެ ސެލްތަކުން "އެސިޓަލްކޮލިން" ނަމަކަށް ކިޔާ ނިއުރޯޓްރާންސްމިޓާ އެއް އުފައްދައިދެ އެވެ. މީގެ ސަބަބުން ސިކުނޑި ހޭލައްވާލައި ދަސްކުރުމުގެ ބާރު ގަދަކޮށްދެ އެވެ.

މި ނޫނަސް ބިހުގެ ފައިދާތަކަކީ ސިއްރެއް ނޫނެވެ. ބިހަކީ ޕްރޮޓީނުން މުއްސަނދި އެނާޖީ ބޫސްޓާއެއް ކަހަލަ ބާވަތެކެވެ.

ކުދިންގެ ނާސްތާގައި ބިސް، ފެނު ކައްކާފައި ޕާނާއެކު ސޭންޑްވިޗް ކޮށްފައި ދެވިދާނެ އެވެ. ނުވަތަ ސްކޫލަށް ލަންޗް ބޮކްސް ފޮނުވޭނަމަ އެގް ސެލެޑެއް ކަހަލަ އެއްޗެއް ވެސް ހަދާފައި ދެވިދާނެ އެވެ. ނޫނީ ކިޔެވުމާއި ހުރިހާ ކަމެއް ނިންމާފައި ދަރިފުޅުގެ ގައިގެ ވަރު ޖައްސަން ފެނުކައްކާފައި ބިހެއް ދޭން ވެސް އެންމެ ރަނގަޅު ވާނެ އެވެ.

2- މަސް/ސީ ފޫޑް

މަހާއި ސީފޫޑްގެ ގޮތުގައި ހިމެނޭ ބާވަތްތަކަކީ ސިކުނޑީގެ ބާރު ގަދަކޮށްދޭ ނިއުޓްރިއަންޓް ހިމެނޭ ކާނާ އެވެ. މަސް ކާން ދެވޭނީ ކޮންމެހެން ގަރުދިޔަ ނޫނީ ރިހަ ނޫނީ ތެލުގައެއް ނޫނެވެ. ކުދިން ގަޔާވާނެ ކަހަލަ ގޮތަކަށް "ފިޝް" ސްޓިކް ވެސް ތައްޔާރުކުރެވިދާނެ ނޫންހެއްޔެވެ؟

3- އެވޮކާޑޯ

ކުދިންނަށް ސޭންޑްވިޗް ތައްޔާރުކޮށްފައި ދޭއިރު ހިމަނަން އެންމެ ފަސޭހަ އެއް "ސީކްރެޓް އިންގްރީޑިއަންޓް" އަށް އެވޮކާޑޯ ހަދައިލެވޭނެ އެވެ. އެވޮކާޑޯ އިން ފެޓްސް ލިއްބައިދޭނެ އެވެ. އެކަމަކު ފެޓްސް މުހިއްމު ވަނީ ކީއްވެގެން ހެއްޔެވެ؟ ކާބޯހައިޑްރޭޓް ހިމެނޭ ކާއެއްޗަކާއެކު ފެޓްސް ހިމެނޭ ބާވަތެއް ދިނުމުން ހަޖަމްކުރުން ލަސްކޮށްދޭނެ އެވެ. އޭރުން އަވަހަށް ބަނޑުހައި ނުވާނެ އެވެ. އެވޮކާޑޯ އަކީ ކިކުނޑީގެ "މެމޮރީ ފަންކްޝަން" ރަނގަޅުކޮށްދިނުމަށް ވެސް އެހީވެދޭ ކާނާ އެކެވެ.

މިހެން ބުންޏަސް، ފެޓްސް ކާންދޭން ހަދައިގެން ކުކިން އޮއިލް ނުވަތަ ސެޗުރޭޓެޑް ފެޓްސް ހުންނަ ކާނާ ދިނުން އެއްގޮތަކަށް ވެސް ހެލްތީ އެއް ނޫނެވެ. ފެޓްސް ކާން ދޭނަމަ ދޭންވީ ނަޓްސް އާއި އެވޮކާޑޯ ފަދަ ބާވަތްތަކުން ނެވެ.

4- ވޯލްނަޓް

ވޯލްނަޓަކީ ސިކުނޑީގެ ފައިދާ ގިނަ މަދުގެ ބާވަތެކެވެ. އެކަމަކު ވޯލްނަޓް އާއި ގުޅޭ ދިރާސާތަކުގެ ޑޭޓާ ސާމްޕަލް ގައި މިހާތަނަށް ގިނައިން ހިމަނާފައިވަނީ ބޮޑެތި މީހުންނެވެ. އެކަމަކު ވޯލްނަޓް ކައިގެން ގެއްލުމެއް ނުވާނެ ނޫންހެއްޔެވެ؟ ކުދިން ހެދިބޮޑުވަމުން އަންނަ އިރު ވޯލްނަޓް ދިނުމުން ސިކުނޑިއަށް މީގެ ފައިދާ ކުރާނެ އެވެ.

ކުދިންނަށް ވޯލްނަޓް ކާންދޭނަމަ، ހެނދުނުގެ ނާސްތާއަށް ވޯލްނަޓް ބަޓާ ސޭންޑްވިޗް ތައްޔާރުކޮށްލެވިދާނެ އެވެ. ނުވަތަ އަލަށް އިންޓްރޮޑިއުސް ކުރާއިރު، ކުދިން ލައިކްވާ ކަހަލަ މޮޅު ޖޯކެއް ސިކުނޑި އާއި ވޯލްނަޓާ ގުޅުވާލާފައި ވެސް ކިޔައިދެވިދާނެ އެވެ.

5- އާފަލު/ސްޓްރޯބެރީ

ކޮންމެ ކޮންމެ ދުވަހަކު ސްޓްރޯބެރީ ކާން ނުދެވިދާނެ އެވެ. އެކަމަކު ލިބޭ ދުވަސްތަކުގައި މިއީ ކުދިންނަށް ދޭން ރަނގަޅު މޭވާއެކެވެ. ސްޓްރޯބެރީ އިން ވިޓަމިން ސީ ލިއްބައިދިނުމުގެ އިތުރަށް ބްރެއިން ސެލްތައް އެކްޓިވްކޮށްދޭ މާއްދާއެއް ހިމެނެ އެވެ. ސްޓްރޯބެރީ ނުކާ ކުއްޖަކަށް، ކިވީ، ސިޓްރަސް، ރެޑް ޕެޕާ އިން ވެސް މި ފައިދާތައް ހޯދިދާނެ އެވެ.

ހެނދުނުގެ ނާސްތާއަށް ދޭން ރާއްޖެ ކަހަލަ ތަނަކުން އެންމެ އަގުހެޔޮކޮށް ގަންނަން ލިބޭނެ އެންމެ ހެލްތީ މޭވާއަކަށް ވާނީ އާފަލެވެ. އާފަލެއްގެ ފައިދާ ކިޔަން ވެއްޖެނަމަ މި އާޓިކަލް މާ ދިގު ވެދާނެ އެވެ. ވިޓަމިންސީ، ފައިބާ، ކާބޯހައިޑްރޭޓް ފަދަ މާއްދާތައް ހޯދަން އެންމެ އާފަލެއް ދުވާލަކު ދިނަސް ފުދޭނެ އެވެ.

6- ހެނދުނުގެ ނާސްތާ

ތި ހިތަށް އެރީ ރަނގަޅަށެވެ. މިއީ ވަކި ކާނާގެ ބާވަތެއް ނޫނެވެ. އެކަމަކު ސްކޫލް ކުއްޖަކަށް އެންމެ މުހިއްމު ކެއުމަކީ މިއެވެ. ދަރިފުޅުގެ ދުވަސް ރަނގަޅަށް ގެންދަން ބޭނުން ނަމަ ރަނގަޅު ނާސްތާއެއް ދީފައި ކުއްޖާ ސްކޫލަށް ފޮނުވަން އާދަކުރަންވީ އެވެ. ނާސްތާގައި ރޮއްޓާއި މަސްހުންޏާއި ކިރުތައްޓެއް ހިމެނިދާނެ އެވެ. ކޯން ފްލޭކްސް އާއި ކިރާއި އާފަުކޮޅެއް ވެސް ހިމެނިދާނެ އެވެ. ނުވަތަ މަހާއި ބިހާއި ކުއްޖާ ކާ ބާވަތެއްގެ ރޯ ތަރުކާރީ ކޮޅަކާއެކު ސޭންޑްވިޗެއް ވެސް ކިރު ތައްޓަކާ އެކު ދެވިދާނެ އެވެ.

އެންމެ ރަނގަޅު ގޮތަކީ ނާސްތާއަށް ދެންމެ މި ބުނި ކަހަލަ މިން ހެޔޮ އެއްޗެއް ދިނުމެވެ. އެކަމަކު އެ ނެތް ނަމަ ކޮންމެވެސް އެހެން ކެއުމެއް ތައްޔާރުކޮށްގެން ވިޔަސް ބަނޑު ފުރުވާފައި ސްކޫލަށް ފޮނުވުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫނީ ކްލާހުގައި ރަނގަޅަށް ސަމާލުކަމެއް ނުދެވޭނެ އެވެ. ހާ ބަނޑާ ސްކޫލަސް ގޮސްފައި އައިސް މެދންދުރު ކެއުމުން އެއްކޮށް ލޮޑުވެފައި މުޅި ދުވަސް ދާނީ ވަރުބަލިކަމުގަ އެވެ.

ސްކޫލް ކިޔަވާކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular