By: Aishath Maaha
މޭކްއޯވާގެ ދެވަނަ ސީޒަން ފަށަން އަހަރެމެން ބޭނުންވީ އަރަމުން އަންނަ ހުނަރުވެރި ފޮޓޯގްރާފަރުންނާ އެކުގަ އެވެ. ހުނަރު ދައްކާލަން ބޭނުންވެފައި ތިބި އެފަދަ ޒުވާނުންގެ މަސައްކަތްތައް ވެސް ދައްކާލަން ފުރުސަތުތަކެއް ހޯދައިދޭށެވެ. އުމުރުން 18 އަހަރުގެ އައިޝަތު ނަދުހާ އާ ވެސް ދިމާވީ އެގޮތަށެވެ.
ނަދުހާއާ އެކުގައި ވިލިނގިލީގެ އެކި ހިސާބުތަކުގައި ނެގި ފޮޓޯތައް އެޑިޓްކޮށް އަދި ރީޓަޗްކޮށްފައި ބުނި ދުވަހަށް ފޮނުވިއިރު އެ ފޮޓޯތައް އަހަރެމެން އުންމީދުކުރި ވަރެއް ނޫނޭ ބުނެފި ނަމަ އެ ވާނީ ދޮގަކަށެވެ. ނަދުހާގެ އިންސްޓަގްރާމް ފީޑުގައި އެހެރަ ފޮޓޯތައްހާ އެ ފޮޓޯތައް ރީއްޗެވެ.
ނަމަވެސް ނަދުހާ މިއީ އެންމެ ކުޑައިރުން ފެށިގެން ތިމަންނަ ވާނީ ފޮޓޯގްރާފަރަކަށޭ ކިޔައިގެން އުޅުނު ކުއްޖެއް ނޫނެވެ. އޭނާގެ އުންމީދަކީ ގްރެފިކް ޑިޒައިނަރަކަށް ވުމެވެ. ޕަބްލިސިޓީ ބިއުރޯގައި މިހާރު ފޮޓޯގްރާފަރަކަށް އުޅުނަސް މުސްތަގްބަލްގައި ގްރެފިކް ޑިޒައިނަރެއްގެ ގޮނޑި ވެސް ފުރާނެ އެވެ.
"ދެހާސް ބާރާގަ ފެމެލީ ޓްރިޕެއް ދިޔައީ މެލޭ އަށް. އޭރު ބައްޕަ ގެންގުޅުނު ވީޑިއޯ ކެމެރާއެއް. އޭތި ނަދޫ އަތަށް ގެންގުޅެލަން ދިނީމަ އިންޓްރެސްޓް އުފެދުނީ ފޮޓޯ ނަގަން،" ފޮޓޯ ނަގަން ޝައުގުވެރިކަން އުފެދުނު ގޮތް ނަދުހާ ކިޔައިދިނެވެ.
ފޮޓޯ ނަގަން އުފެދުނު އެ ޝައުގުވެރިކަން އައިސް ނަދުހާ ވަށާލުމުން އެންމެ ފުރަތަމަ ފޮޓޯ ނަގަން ފެށީ އޭރު ގެންގުޅުނު އައިޕެޑުންނެވެ. އޭގެފަހުން އައިޕޮޑް އަދި އައިފޯނުން ފޮޓޯނަގަން ފެށީ އެވެ. ޓިއުޝަން ނިންމާފައި އެގޭ ފުރާޅުމައްޗަށް އަރައިގެން ރައްޓެހިންނާއެކު ކޮންމެ ދުވަހަކު ވެސް ފޮޓޯ ނަގަ އެވެ.
ޓަމްބްލާއާ އަޅާކިޔައިގެން ނެގި ފޮޓޯތައް ވަކި ހިސާބަކުން ބަދަލުކޮށްލައި އަމިއްލަ ހިޔާލު ހިމަނައިގެން ފޮޓޯ ނަގަން ފެށީ އެ ދުވަސްވަރެވެ.
އަމިއްލަ ޑީއެސްއެލްއާރް ކެމެރާއެއް ލިބުނީ އެހެން އުޅެނިކޮށްނެވެ. ފޯނު ހިފައިގެން އަބަދު ފޮޓޯ ނަގަން އުޅޭތީ ނަދުހާގެ މައިންބަފައިން އޭނާއަށް ކެމެރާއެއް ގަނެދިނީ އެވެ. ނަދުހާގެ ހުނަރު ފެނި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
"އޭރު ނޭނގޭނެ އެއްގޮތަކަށް ވެސް ކުޅޭކަށް ކެމެރާއަކާ. އަލަށް ކެމެރާއެއް ލިބުނީ. އަމިއްލައަށާއި ފޮޓޯ ނަގާ ރައްޓެހިންގެ ފަރާތުން ދަސްކުރީ."
އެހާ ހިސާބުން ދެން ނަދުހާ އަށް އައި ހިޔާލަކީ އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި އިންސްޓަގްރާމަށް އަމިއްލަ ފޮޓޯތައް އަޕްލޯޑުކުރަން ފެށުމެވެ. ގިނަ ބަޔަކަށް ނަދުހާ އެނގި އޭނާގެ މަސައްކަތް މީހުންނަށް ކަމުގޮސްގެން ކޮމެންޓުތަކާއި ފޮޓޯ ނަގާނެ ފުރުސަތުތައް ވެސް ލިބެން ފެށި އެވެ.
އެހެން އުޅެނިކޮށް ކައްޓި ހިތްވަރު ފެސްޓިވަލުގައި ބައިވެރިވާން ލިބުނު ފުރުސަތުގެ ބޭނުން ވެސް ނަދުހާ ހިފީ އެވެ. ޕޮޒިޓިވް ކޮމެންޓުތަކާއެކު ރަސްމީކޮށް އެ މަސައްކަތްކުރާނެ ހިތްވަރު ލިބުނީ އެވެ.
އަމިއްލައަށް އަދި ރައްޓެހި ބައެއް ފޮޓޯގްރާފަރުންގެ ފަރާތުން ފޮޓޯ އެޑިޓްކޮށް، ރީޓަޗްކުރަން ދަސްކޮށްގެން ފޮޓޯ ޝޫޓްތައް ނަގައިދެން ފެށީ 2017 ވަނަ އަހަރުން ފެށިގެންނެވެ.
"ކުރިން ނަގަނީ ޕޯޓްރެއިޓް. މިދިޔަ އަހަރާ ހަމައަށް ހަމައެކަނި ނެގީ ޕޯޓްރެއިޓް. އެއީ ނަދޫގެ ކޮމްފޯޓް ޒޯން ވީމަ. ދެން މިއަހަރު ޕަބްލިސިޓީ ބިއުރޯ އަށް ޖޮއިންކުރީމަ އެމީހުން ނަދޫގެ ކޮމްފޯޓްޒޯން އިން ނެރުނީ. މިހާރު ފުޑް ފޮޓޯގްރަފީ، އާ އެހެން ހުރިހާ ކަހަލަ ފޮޓޯތައް ނަގަން ފެށީ."
"މިހާރު ނަދޫ ބްރޯޑްވޭ އެބަ. ވަރަށް ގިނަ އާ އެއްޗެހި ދަސްވޭ،"
ނަމަވެސް ވެޑިން ފޮޓޯ އަދި ނަގައެއް ނުދެ އެވެ. ނަދުހާ ބުނަނީ އެވަރަށް އަދި ތައްޔާރުނުވެވޭ ކަމަށެވެ. ފޮޓޯ ނަގަން ބޭނުންވާ ސާމާނު ހޯދަމުން އަންނައިރު އަދި އެވަރަށް ސާމާނު ހަމައެއް ވެސް ނުވެ އެވެ.
"ވަރަށް ގިނައިން ލިބޭ ވެޑިންތައް. ޓްރައިކޮށްފިން ވެޑިން ނަގަން. ފެމެލީ ބައެއް މީހުންގެ. އެކަމަކު އަދި ރެޑީއެއް ނޫން ވެޑިން ފޮޓޯ ނަގަން. އެކަނި ނުވެސް ވާނެ."
ނަދުހާ ބުނީ އޭނާ އެންމެ ޝައުގުވެރިކަން ހުންނަނީ ފެޝަން ފޮޓޯނަގަން ކަމަށެވެ. ފަހަރުގައި އެއީ އެންމެ ކުރިން ފެށިގެން ޕޯޓްރެއިޓް ފޮޓޯތައް ނަގަމުން އައިމަ އެވެ.