10 Dec 2019

By: Ifraz Ali

މޮޑެލް ކުރަން މަރިޔަމް މަނިކެ ހަމަ ނިކުތްތަނާހެން، އޭރު މުޅި ރާއްޖެ ގުގުމަމުން ދިޔަ ލަވަކިޔުންތެރިޔާ އަލީ ރަމީޒާ އެކު "ފިނިފެންމަލެކޭ" ލަވަ ކުޅެފި އެވެ. އަލީ ރަމީޒްގެ މަޝްހޫރުކަމާއި އެ ކުޅުނު ލަވަ ދިވެހިންގެ ދޫތަކަށް ފަރިތަވެ އަބަދު ކިޔަން ފެށުމާ އެކު މަރީ ވެސް "މޮޑެލް މަރީ" ގެ ގޮތުގައި އެންމެނަށް އެނގި މަޝްހޫރުވީ އެވެ.

"ފިނިފެންމަލެކޭ" ލަވައިގެ ޅެމުގައި އެ ކިޔައިދޭ ރީތިކަން މަރީ އަށް ނިސްބަތް ކުރި އެވެ. މިއީ އޭގެ 20 އަހަރު ފަހެވެ. އެކަމަކު މިހާރު ވެސް މަރީ ސިފަކުރަން އެ ލަވަ ރަނގަޅުވާނެ އެވެ. އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުން ދިޔަ ނަމަވެސް އެ މޫނަކުން އެކަމެއް ނުފެނެ އެވެ.

މަރިޔަމް މަނިކެ (މޮޑެލް މަރީ) ގެ މޭކްއޯވާ އިންޓަވިއު. -- ވީޑިއޯ: މާސްކޭ ސްޓޫޑިއޯ / ނަވާޒް | އެޑިޓިން: އަބްދުﷲ އައުރާފް

މަރީގެ މި "މޭކްއޯވާ" އަކީ އެތައް އަހަރެއް ފަހުން އޭނާ މީޑިއާއަކަށް ދިން ފުރަތަމަ އިންޓަވިއު އެވެ. އުމުރުން އެންމެ 20 އަހަރުގައި މޮޑެލިން ކެރިއާ ފަށައިގެން، މިއަދާ ހަމަ އަށް އަދިވެސް މެދުކެނޑުމެއް ނެތި މި ދާއިރާގައި ހުރެވުމުގެ ސިއްރުތައް ވެސް މަރީ ކިޔައިދިނެވެ. މީގެ އިތުރުން މަރީ ކުޅުނު ލަވަތަކާއި ފިލްމާއި މަރީގެ ފިޓްނެސްގެ ވާހަކަތަކާ ވެސް އެކު އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

މިފަހަރު ވެސް ހަމަ ފޮޓޯގްރާފަރު ނަވިން ސައީދު އާއި މޭކަޕް އާޓިސްޓް ރިޒްނާ އަހްމަދުގެ ކޮލެބްއާ އެކު އަހަރެމެން މަރީގެ ދެ ލުކެއް ރެޑީ ކުރީމެވެ. ރިޒްނާގެ މި ސްޓައިލިން މަރީ އަށް ވަރަށް ކަމުދިޔަ އެވެ. މީގެ ތެރެއިން އެންމެ ހާއްސަވީ ދިވެހި ލިބާހުގައި ކުރި ޝޫޓެވެ. މި ލިބާހައި ދެ ވަނަ ޝޫޓްގައި ލައިގެން ހުރި ހެދުމަކީ ވެސް "ޔުޝާ އައިރިސް ޓެއިލާސް" ހަސަންގެ ޑިޒައިންތަކެވެ.

ފުރަތަމަ ފެނިލުން ފަރުމާ ފެޝަން ޝޯއިން

އުފަން ރަށް ހއ.ފިއްލަދޫ ދޫކޮށް މަރީ މާލެ އަށް ބަދަލުވީ ފުރާވަރުގަ އެވެ. މާލެ ބަދަލުވެ މޮޑެލްކުރާ ހިތްވެގެން، ފުރަތަމަ ސްޓޭޖަކަށް އެރީ 1999 ވަނަ އަހަރު އެވެ. އެއީ 1996 ވަނަ އަހަރުން ފެށިގެން، އެކި ޑިޒައިނަރުންގެ ހެދުންތައް ދައްކާލުމަށް މާލޭގައި ބާއްވާ ފަރުމާ ފެޝަން ޝޯ އަށެވެ. އެ ފުރުސަތު މަރީ އަށް ހޯދައިދިން މީހަކީ ޑިޒައިނަރު ނާޒިއާ އެވެ.

އޭރު މޮޑެލްކުރަން ފެށި ގޮތަށް އަދިވެސް ކޮންމެ އަހަރަކު މަދުވެގެން އެއް ޝޯގައި މަރީ މޮޑެލް ކުރެ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

މި ހިސާބަށް މަރީއަށް އާދެވުނީ ވެސް ވަރަށް މަސައްކަތުންނެވެ. ފުރަތަމަ ފެށިއިރު، މިކަމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް ނެތުމާއި ތަޖުރިބާ ހުރި މީހުން އޭރު ރާއްޖޭގައި މަދުވުމަކީ ވެސް މަރީ އަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

"ކުރިއަށް ވުރެ ގިނަ ޑިޒައިނަރުން މިހާރު އެބަ އުޅޭ. ގިނަ ޝޯތައް ވެސް އެބަ ބާއްވާ. ގިނަ ކުދިންނަށް ރާއްޖެ އިން ބޭރުގައި މޮޑެލް ކުރުމަށް ވެސް ފުރުސަތު ލިބޭ. އޭގެ ތެރެއިން ވަރަށް ގިނަ ކުދިން ވިން ވެގެން ވެސް އެބަ އާދޭ،" އެހެންވީމާ މިހާރު އަލަށް ނިކުންނަ ކުއްޖަކަށް ވަރަށް ފަސޭހަ ވާނެ ކަމަށް މަރީ ބުންޏެވެ.

މޮޑެލް ކުރުމުގެ އިތުރުން މަރީ އަކީ މިހާރު މޮޑެލް ކޯޗެކެވެ. ކޯޗުކަން ކުރަން ފެށީ 2010 ވަނަ އަހަރު ބްރައިޑް މޯލްޑިވްސްގައި ބައިވެރިވެ، ޖެހިގެން އައި އަހަރު ބްރައިޑް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝާފީގެ އެދުމުގެ މަތިންނެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

"ކޯޗުކަން މި ކުރަން ޖެހެނީ އާ ކުދިން ނެރެދޭން ޖެހޭތީ. ކޮންމެ އަހަރަކު ވެސް އާ ކުދިންތަކެއް ނެރެދެން،" ކޯޗުކަން ކޮށްދެމުން އަދިވެސް މަރީ ހަމަ މޮޑެލް ވެސް ކުރެ އެވެ.

މަރީގެ މޮޑެލިން ކެރިއާގައި އަދި ވަރަށް ހާއްސަ ދެ ކަމެއް އެބަ އޮތެވެ؛

"މޮޑެލިން ކެރިއާގައި އަދި ނީންނާނެ އެއްވެސް އިރެއްގައި ވަނަ ހޮވާ އެއްޗެއްގައި ބައިވެރިފައެއް،" މުޅިން ވެސް ބައިވެރިވީ ޑިޒައިންތައް ޝޯކޭސްކުރަން ބާއްވާ ޝޯތަކުގައި ކަމަށް މަރީ ބުންޏެވެ.

އަނެއް ކަމަކީ މިހާތަނަށް މަރީ މުޅިން ވެސް މަސައްކަތް ކުރީ ދިވެހި ޑިޒައިނަރުންނާއެކު އެކަންޏެވެ. މަރީއަށް އެންމެ ކަމުދާ ޑިޒައިނަރުންނަކީ އޭނާ މިކަމަށް ނެރެދިން ނާޒިއާގެ އިތުރުން ޑިޒައިނަރު ޝަމްލާ އަދި ޑިޒައިނަރު ރާއިދާ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

ކެއުމާމެދުގައި މާ ބޮޑަކަށް ނުވިސްނާ

"ހަމަ އަތުޖެހުނު ހުރިހާ އެއްޗެއް ކަން، ފޮނި އެއްޗެހި ނޫނީ،" ފިޓްކޮށް ހުންނަން ކުރަނީ ކީއްތޯ އެހެމުން މަރީގެ ފުރަތަމަ ޖަވާބަކީ ވެސް މި އެވެ. އާންމުކޮށް އުޅޭއިރު ހަށިގަނޑަށް މާ ބޮޑަށް ނުބަލާ ކަމަށް މަރީ ބުންޏެވެ.

އެކަމަކު ޝޯއަކަށް އަރަން ކައިރިވީމަ މީހާ ފިޓްވެލަން، ކުޑަ ޑައިޓެއް ކުރެ އެވެ.

"ކުޑަކުޑަކޮށް ފުރުޓް އެންޑް ވެޖިޓެބަލް ޑައިޓެއް ނަގަނީ. ދެން ގޭގައި ޒުންބާ ޖައްސަނީ،" މިކަން ކުރަނީ ޝޯއަށް އެރުމުގެ މަހެއް ކުރިން ކަމަށް މަރީ ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

މަރީ ބުނީ މީހާ ރީތިވާށޭ ކިޔައިފައި ސީދާ ވަކި ހާއްސަ ކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް އަމިއްލަ އަށް ގޭގައި އެކި އެއްޗެހި ބޭނުންކޮށްގެން ފޭސް މާސްކް ހަދައިގެން ބޭނުންކުރެ އެވެ. އަދި އެއްވެސް ވަރަކަށް، ވިއްކަން ހުންނަ ފޭސް މާސްކް ބޭނުމެއް ނުކުރެ އެވެ.

އެންމެ ބޮޑު ސަޕޯޓަކީ ފިރިމީހާ

ފަރުމާ ޝޯ ވީ މަރީގެ ނަސީބަކަށެވެ. އެ ޝޯއިން މަރީ ފެނިގެން ކެމެރާމަން ހަސަން ހަލީމް (ކޮކޯ)، މަރީ އަށް ލަވައެއް ކުޅެލަން ފުރުސަތު ދިނެވެ. "ފިނިފެންމަލެކޭ" އަކީ އެ ލަވަ އެވެ. އޭގެ ފަހުން އަށް ލަވަ އޭނާ ކުޅުނެވެ.

"މިހާ ގިނަ ދުވަހު މިކަން [މޮޑެލިން] އަސްލު މި ކުރެވުނީ ފިރިމީހާގެ ސަޕޯޓް ލިބޭތީ،" ދާއިރާގައި ދެމިހުރެވުމުގެ ސިއްރަކީ އެއީ ކަމަށް މަރީ ބުންޏެވެ. މަރީގެ ފިރިމީހާ އަކީ ކުރިން ފިލްމާއި ލަވަ އުފައްދާ އުޅުނު މުހައްމަދު ރަޝީދު (މުހައްމާ) އެވެ. އެ ދެމީހުންގެ 14 އަހަރުގެ އަންހެން ކުއްޖަކު ވެސް އެބަ ހުއްޓެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

ލަވަ ކުޅުމުގެ ތެރޭގައި ވެސް މަރީ އަށް ބޮޑަށް އުޅެވުނީ ފިރިމީހާގެ ސަބަބުންނެވެ.

"އެންމެ ލަވައެއް ނޫނީ ހުރިހާ ލަވަ އަކީ އަމިއްލަ ރާގުގެ ލަވަތައް،" ކޮޕީ ރާގުގެ ލަވަތަކަށް އަބަދު ވެސް ނޫނެކޭ ބުނާ ކަމަށް މަރީ ބުންޏެވެ. "ފިނިފެންމަލެކޭ" އާ އެކު މަރީގެ އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި "ފެނުޕަރީ"، "އިންސާނެކެ މީ ދުނިޔޭގައި"، "އެ ހީލުން" އަދި "ޔާރުގެ ނަލަކަން" ހިމެނެ އެވެ.

މީގެ ތެރެއިން މަރީ އަށް އެންމެ ހާއްސަ ލަވަ އަކީ "ފެނުޕަރީ" އެވެ. އެ ލަވަ އަކީ މަރީގެ ފިރިމީހާ ތައްޔާރުކުރި ލަވަ އެކެވެ. މަރީ ބުނި ގޮތުގައި އެ ލަވަ އަކީ އޭނާ އެންމެ ބުރަކޮށް މަސައްކަތް ކުރި ލަވަ އެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

"ހަމަ އަސްލު މާ ކަނޑު އަޑީގައި، އެއްވެސް އިފެކްޓެއް ބޭނުންނުކޮށް އޭގެ މަންޒަރުތައް ނެގީ. އަދި މާމެއިޑެއް ކަހަލަ ޓެއިލެއް ލައްވައިގެން ފީނަންވީމަ ކިހާ ބުރަވާނެ ދޯ،" އެ ތަޖުރިބާ މަރީ ކިޔައިދިނެވެ. އެހެން ހުރިހާ ލަވައެއް ވެސް ކުޅުނީ ވަރަށް ހިތްހަމަޖެހިގެން ކަމަށް މަރީ ބުންޏެވެ.

"އަދިވެސް ލަވައެއް ކުޅެފާނަން"

މަރީ ކުޅުނީ އެންމެ ފިލްމެކެވެ. އެއީ ކުރީގެ ޑައިރެކްޓަރު އީސާ ޝަރީފްގެ "ހަތަރު އުދަރެސް" އެވެ. މި ފިލްމަކީ ކުރީގެ ފިލްމީ ތަރި އަލީ އަހްމަދު ނުވަތަ މި ފިލްމަށް ފަހު މަޝްހޫރުވި ނަމުން ނަމަ އުދަރެސް އައްޔަގެ ވެސް އަލަތު ފިލްމެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

"އެއީ ކުދިކުދި ކަންކަން ދިމާވެގެން އޭރު މުޅިން ކޮމްޕްލީޓް ނުވެ ރިލީޒްކުރި ފިލްމެއް،" މަރީ ބުންޏެވެ.

ކަނޑުމަތީގެ ހަގީގީ ހާދިސާއަކަށް ބިނާކޮށް ގެނެސްދިން މި ބިރުވެރި ފިލްމުގެ ވާހަކަ ލިިޔުނީ "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް އެވެ.

"ފިލްމު ކުޅެން މަރީ އަސްލު ބޭނުމެއް ނުވޭ، ކުރީގައި ވެސް. ފިރިމީހާ ބައިވެރިވެގެން ހަދައިފައި އިން ފިލްމެއް ވީމަ އެ ފިލްމަށް ޔޭސް ބުނީ،" އެކަމަކު މިހާރު ވެސް ފިލްމަކަށް ފުރުސަތެއް ދީފި ނަމަ ރަނގަޅު މީހަކު ހަދާ އެއްޗެއް ނަމަ އެކަމާއި މެދު ވިސްނާނެ ކަމަށް މަރީ ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

މޮޑެލްކުރި ނަމަވެސް މުނިފޫހިފިލުވުމުގެ ދާއިރާގެ ކަންކަމާ މަރީ މިހާރު ވަރަށް ދުރެ އެވެ.

"ލަވައެއް ނަމަ އެއީ ކާކު ހަދާ ލަވައެއްތޯ ބަލައިފައި، ކޮން ބައެއްތޯ ލަވައިގައި އުޅެނީ ބަލައިފައި މަރީ އަދިވެސް އާނއެކޭ ބުނެފާނަން،" މިހާރު ވެސް ފުރުސަތުތައް ލިބޭ ކަމަށާއި އެކަމަކު މަރީ އަކީ ވަރަށް "ޗޫޒީ" މީހެއް ކަމަށް ބުންޏެވެ.

"މަރީ ފޮނިކަމަކުން ނޫން އެއީ. ކޮންމެ ކޮންމެ މީހެއްގެ ލަވައެއް، ފިލްމެއް ކުޅެން ބޭނުން ނުވަނީ. އެމީހަކު ދޯ އެމީހެއްގެ އަގާ އެއްޗެހި ހިފަހައްޓަންޖެހޭނީ،" މަރީ ވިސްނާ ގޮތް ބުންޏެވެ.

ފޮޓޯގްރެފީ: ނަވިން ސައީދު | މޭކަޕް އެންޑް ސްޓައިލިން: ރިޒްނާ އަހްމަދު | ވޯޑްރޮބް: ޔުޝާ އައިރިސް ޓެއިލާސް

އެކަމަކު މިހާރު ވެސް މަރީ އިޝްތިހާރުތައް ކުޅެ އެވެ. ބޭރު ގައުމުތަކުގެ ބައެއް އިޝްތިހާރުތައް ވެސް އޭނާ ކުޅެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ހެއާ ކަލަރިން ޕްރޮޑަކްޓެއް ކަމަށްވާ ވެލާގެ އިޝްތިހާރަކާއި ޔަމަހާގެ އައުޓްބޯޑް އިންޖީނެއްގެ އިންޓަނޭޝަނަލް އިޝްތިހާރެއް ވެސް ކުޅުނެވެ.

"މިހާ ދުވަހު މި ދާއިރާގައި އުޅެވިފައި ހުރީމަ، މިހާރު އެދެނީ މި ކުރާ މަސައްކަތުގެ އަގުވަޒަން ކޮށްދޭނެ ދުވަހަކަށް،" މިހާރު ދެކެން ބޭނުންވާ ދުވަހަކީ އެއީ ކަމަށް މަރީ ބުންޏެވެ.

ބްރައިޑް މޯލްޑިވްސް

Popular