2 Apr 2020

By: Ifraz Ali

ފޯބްސް މެގަޒިން އިން ހޮވި އޭޝިއާގެ އެންމެ ޒުވާން ވިޔަފާރީވެރިންގެ ލިސްޓުގައި ދިވެހި ޑިވެލޮޕަރު، މުހައްމަދު އަފްޒަލް އާމިރް (އަޕޯ) ހިމެނިއްޖެ އެވެ.

އުމުރުން 28 އަހަރުގެ އަޕޯ އަކީ ރާއްޖޭގެ އޮންލައިން ނޫސް ވެބްސައިޓްތައް ޑިވެލޮޕްކުރުމުގައި ތަޖުރިބާ ހުރި، އަދި ރާއްޖޭގެ ވަރަށް ގިނަ ނިއުސް ޕްލެޓްފޯމްތައް އުފެއްދުމުގައި ބައިވެރިވެފައިވާ ހުނަރުވެރިއެކެވެ.

މެލޭޝިއާގައި ހުންނަ "ޑްރިންކް ރޭންޖް" ގެ އައުޓްލެޓެއް.-- ފޮޓޯ: އަޕޯ

މިހާރު މެލޭޝިއާގައި މަސައްކަތް ކުރަމުން އަންނަ އަޕޯގެ ނަން މި ލިސްޓަށް އެރީ އޭނާގެ ބިޒްނަސް ޕާޓްނާ، ޖެވިން ސިން 25، އާ އެކު މިދިޔަ އަހަރު ތައާރަފުކުރި އޮންލައިން ކޮފީ އެޕެއް ކަމަށްވާ "ޑްރިންކް ރޭޖް" ގެ ހުނަރުވެރި މަސައްކަތުގެ ސަބަބުންނެވެ. މި ލިސްޓުގައި އޭޝިއާގެ އެކި ގައުމުތަކުން 30 ވިޔަފާރިއެއް ފީޗާކޮށްފައިވެ އެވެ.

"ރޭޖް ކޮފީ" އިން ލިބޭ ބައެއް ބުއިންތައް.

މިއީ މެލޭޝިއާގެ ކޮފީ ޓްރެންޑް މުޅިންހެން ބަދަލުކޮށްލި އެޕެކެވެ. މި އެޕް މެދުވެރިކޮށް، އޮންލައިންކޮށް ކޮފީއާ އަދި އެހެން ވެސް ބުއިންތައް އޯޑަރުދެވެ އެވެ. މި އެޕަކީ ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހުނަށް، ހެޔޮ އަގެއްގައި ކޮލިޓީ ރަނގަޅު ކޮފީއެއް/ބުއިމެއް ލިބޭނެ ގޮތް ހެދުމަށް ތައްޔާރުކުރި އެޕެކެވެ.

އޮފީސްތައް ގިނަ ހިސާބުތަކުގައި ހަދަމުން އަންނަ ޑްރިންޖް ރޭޖްގެ އައުޓްލެތްތަކުން އޮފީހުގައި ތިބެ ކޮފީއަކަށް ޕްރީއޯޑާ ކުރެވިދާނެ އެވެ. އަދި އެތަނަށް ގޮސް ގަންނަން ވެސް އަދި އޯޑަރު ކޮށްގެން އޮފީހަށް ގެންނަން ވެސް ލިބޭނެ އެވެ.

އެކި ފްލޭވާތަކުގެ ކޮފީ އަދި ކެފެއިންގެ ބުއިންތައް ލިބޭ މި ސްޓާޓްއަޕްގެ 12 އައުޓްލެޓެއް މެލޭޝިއާގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. މިއީ ޒުވާނުންގެ މެދުގައި އޮންނަ ކޮފީ ބުއިމުގެ ފޯރި އާއި ޓެކްނޮލޮޖީ އެކުވެގެން ކުރަމުން އަންނަ ކާމިޔާބު ވިޔަފާރިއަކަށް މިހާރު ވަނީ ވެފަ އެވެ.

ފޯބްސް ކޮފީ

Popular