30 Jun 2020

By: Ifraz Ali

މަޝްހޫރު މޮޑެލް ކައިޒީން (ކައި) ގެ އިންސްޓަގްރާމްގައި 100،000 ފޮލޯވާސް ހަމަވުމުގެ އުފަލުގައި ގިވްއަވޭގެ ގޮތުގައި ދޭން ނިންމި 3،000 ޑޮލަރު ލިބޭ މީހުން މިއަދު އިއުލާންކޮށްފި އެވެ. ގިވްއަވޭ ދޭން ތިން މީހަކު ހޮވައި، އޭގެ ތެރެއިން ކޮންމެ މީހަކަށް، 1،000 ޑޮލަރު ވަނީ ދީފައެވެ. މި ތިން މީހުންގެ އިތުރުން އެހެން މީހަކަށް ވެސް "ސަޕްރައިޒް" އެހީއެއްގެ ގޮތުގައި އަގުބޮޑު ހަދިޔާއެއް ދޭން ކައި ވަނީ ނިންމައިފައެވެ.

ގިވްއަވޭ ލިބޭ ތިން މީހުންގެ އިންސްޓަގްރާމް އައިޑީ އާއި އެ މީހަކަށް މި ގިވްއަވޭ ލިބެން ޖެހޭ ސަބަބެއްގެ ގޮތުގައި ފޮނުވަން ޝަރުތުކުރި މެސެޖުތަކުގެ ސްކްރީންޝޮޓްތައް ވެސް ކައި ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ދެންމެ ލައިފަ އެވެ.

ގިވްއަވޭ ލިބޭ މީހުން އިއުލާންކުރަން ކައި ކުރި އިންސްޓަ ސްޓޯރީ ޕޯސްޓް.

"މި ތިން ވިނާސްގެ އިތުރުން އަހަންނަށް ވަރަށް އަސަރުގަދަ އެހެން މީހެއްގެ ވާހަކައެއް ވެސް ފެނިފައި ވަނީ. އެހެންވެ އަހަރެން ވަނީ އެމީހަކަށް ވީލްޗެއާއެއް ހަދިޔާކޮށްފައި،" ބަލިވެ އުޅޭ ބައްޕައަކަށް އެހީއެއް ބޭނުންވެގެން މީހަކު މެސެޖެއް ކުރި ކަމަށާއި އެހެންވެ އިތުރު މީހަކަށް ހަދިޔާއެއްގެ ގޮތުގައި ވީޗްޗެއާއެއް ދޭން ނިންމީ ކަމަށް ކައި ބުންޏެވެ.

ގިވްއަވޭ ލިބޭ މީހުން އިއުލާންކުރަން ކައި ކުރި އިންސްޓަ ސްޓޯރީ ޕޯސްޓް.

މިއަދު "ދޯ" އަށް ދިން އިންޓަވިއުއެއްގައި ކައި ބުނެފައި ވަނީ މި ގިވްއަވޭގައި 20،000 ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށެވެ.

ނަސީބުވެރިން އިއުލާން ކުރަމުން ކައި ވަނީ ގިވްއަވޭގައި ބައިވެރިވި އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ގިވްއަވޭ ލިބެންޖެހޭ ސަބަބެއްގެ ގޮތުގައި ކޮންމެ މީހަކު ފޮނުވި މެސެޖުތައް ވަކިވަކިން ކިޔާފައިވާނެ ކަމަށް ވެސް ބުންޏެވެ.

ގިވްއަވޭ ލިބުނު މީހުންގެ ވާހަކަތައް ކައިގެ ސްޓޯރީއަށް ލާފައި ވަނީ އެމީހުންގެ ހުއްދައާ އެކު ކަމަށާއި އަދި އޭގައި ވަރަށް ސެންސިޓީވް ވާހަކަތައް ހިމެނޭތީ ކޮންމެ މީހަކު ވެސް ކޮމެންޓްކުރާއިރު އެމީހުންގެ ހާލަތާ މެދުގައި ވިސްނައި ސަމާލުވުމަށް އެދިފައިވެއެވެ.

"ވިނާސް ސެލެކްޓްކުރަނީ ރީޒަން ބޭސްޑްކޮށް. ކޮންމެ މީހަކަށް ވެސް ދިނިން އެ އޮޕޮޗިއުނިޓީ، ވެލިޑް ރީޒަންއެއް ޕްރޮވައިޑްކޮށް ދޭން. ފިލްޓާކޮށްލަން ވެސް އޭރަށް ފަސޭހަ ވާނެތާ، މި ބޮޑަށް ބޭނުންވާ ކޮން ބައެއްކަން. މިސާލަކަށް ލަކީޑްރޯއަކަށް ގޮސްފި ނަމަ އެ އެންމެ ބޭނުންވާ މީހާ އަށް ނުލިބިދާނެތީ،" ކައި ބުނީ އެންމެ ރަނގަޅު އަދި އިންސާފުވެރި ގޮތަކަށް ވަނީ އެ ގޮތް ކަމަށް ދެކޭތީ، އޭނާގެ ޓީމުން ގިވްއަވޭ ދޭނެ މީހުން ހޮވީ މި ގޮތަށް ބެލުމަށް ފަހުގައި ކަމަށް ވަނީ ކުރިން ބުނެފަ އެވެ.

ސެލެބްރިޓީން ސޯޝަލް މީޑިއާ

Popular