7 Feb 2023

● 29 ވަނަބައި

"ދޭނުހޭ ގެންގޮސްވަޔާއޭ.. ހެޔޮދުއާ އާއި އެކު ސަލާމް..." އެއީ އަހަރެން އެލަވަ ހަދަން ފަށައިފައިވާ ގޮތެވެ. އޭނާ އެވަރުވެސް ހަނދާން ހުރިކަން އެނގުމުން އަހަރެން އަންތަރިސްވިއެވެ.

އަހަންނަކަށް އެތާކު ނީނދެވުނެވެ. ގޮނޑިން ތެދުވުމާއިއެކު ލަތީފު ބަލައިލިއެވެ. އަހަރެން މިދަނީ ފާޚާނާއަށްކަމަށް ބުނުމުން އޭނާވެސް ތެދުވިއެވެ. އެހިނދު އަހަރެން ބޯ ހޫރާލަމުން އެތަނަށް ފެންނަން ހުރި "ވޯޝް ރޫމް" ޖަހާފައި ހުރިތަނާދިމާލަށް އިޝާރަތްކޮށްލަމުން ހިނގައިގަތީމެވެ.

"އެންމެ ފަހު ނޭވާލަމުންވެސް ދެންނެވޭނީ ލޯބިވޭ" އިޝާން ކިޔާލިއެވެ.

އެއީ އަހަރެން ލިޔުނު އިބާރާތެއް ނޫނެވެ. އަސްލު ލަވައިގައި އޮންނާނީ ލޯބިވޭ ގެ ބަދަލުގައި ޝުކުރިޔާއެވެ. އެހެންކަމުން އެއީ އޭނާގެ ސާފު މެސެޖެއްކަން ޔަގީންވިއެވެ. އެއަޑުއިވުމުން އެއެންމެންގެ ތެރޭގައި ގޮސް ސްޓޭޖަށް އަރާ އިޝާންގެ ގައިގައި ބައްދާލަން ހިތް އެދުނެވެ. އެޔާއިއެކު ދުވަހަކުވެސް ތަޖުރިބާ ނުކުރާ ފަދަ ބިރުވެރިކަމެއް އިހުސާސްވެގެން ދިޔައެވެ. އަހަރެންގެ ނަފްސު ކޮންޓުރޯލުން ނެއްޓި ފަހުން ދެރަވެ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ނުކުރެވެނީސް އެތަނުން ދުރަށް ދާން ބޭނުންވިއެވެ. ދުރަށް، އޭނާގެ އަޑުނީވޭ ހިސާބަކަށެވެ. އަހަރެން ބާރަށް ހިގަންފެށިމެވެ. ލަތީފުމެން ތިބި ތަނަށް އަހަރެން ނުފެންނާނެކަން ޔަގިންވީ ހިސާބުން ދުއްވައިގަތީމެވެ.

އަހަރެން މިސްރާބުޖެހީ ކޮޓަރިއާ ދިމާލަށެވެ. ދެފަރާތުގައި ގަސް ހެދިފައިވާ އަނދިރި މަގުން ލާފައި އަހަރެން ދިޔައިރު އަހަރެންގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އިޝާން އަދިވެސް އަހަރެންދެކެ އެހާ ލޯބިވޭ ހެއްޔެވެ؟ އަހަރެންގެ މެޔަށް ހީވަނީ މީހާކު ބާރަށް ފިތާލައި ހުރިހެންނެވެ. ވަކިހިސާބަކުން ކުރިއަށް ނުދެވިގެން ހުއްޓުނީމެވެ. އަޑުވީއްލާ ރޮއެގަނެވުނެވެ. ހިނދުކޮޅަކަށް ފަހު ވަރަށް ހިތްވަރު ކޮށްފައި އަނެއްކާވެސް ކުރިއަށް ދާންފެށީއެވެ.

ކޮޓަރިއާއި ހަމައަށް ދެވުނުއިރު އަހަރެންނަށް މާ ނޭވާލެވެއެވެ. ފައިގެ ފުންނާބުން ވިންދުޖަހާކަންވެސް އިހުސާސް ކުރެވެންފެށިއެވެ. ކޮޓަރި ހުންނާނީ ތަޅުލާފައިކަން ހަނދާންވީ ދޮރުގައި ހިފާލާފައެވެ. ތަޅުދަނޑިބަލާ އަލުން ލަތީފުއާއި ހަމައަށް ދާނެ ހިތްވަރެއް ނެތެވެ. އަހަރެން ދޮރުގައި ލެގިލީމެވެ. މުޅިން މާޔޫސްވެ ގޮތްހުސްވެގެންނެވެ. ދެން ހަދާނީ ކިހިނެތްކަމެއް އަހަންނަކަށް ނުވިސްނުނެވެ. ކުޑައިރުކޮޅަކު އެހެންހުރުމަށްފަހު އަހަރެން ހިގައިގަތީމެވެ. އާވާރާއަކު ފަދައިން ވަކި މިސްރާބެއްނެތިއެވެ. އަހަންނަށް ނިކުމެވުނީ ގޮނޑުދޮށަށެވެ. ކުރިމަތީން ފެންނަން އޮތީ ހަނުހިމޭން ކަނުއަނދިރިކަމެވެ. ފަރުމައްޗަށް މުގުރަމުން ގެންދާ ރާޅުގެ އަޑު ފިޔަވައި އިތުރު އަޑެއް ނުއިވެއެވެ.

އަހަރެންގެ ލޮލުން އަނެއްކާވެސް ކަރުނަ އޮހޮރިގަތެވެ. އަހަރެން ދެން އެންމެ އިރުކޮޅަކުވެސް އެރަށުގައި ހުންނާކަށް ބޭނުމެއްނޫނެވެ. އިޝާން އަހަރެން ދެކެ އަދިވެސް ލޯބިވާކަން ޝައްކެއްނެތި އެނގުނީމަ ވަކިން ބޮޑަށް ދެރަވެއްޖެއެވެ. އެލަވައެއީ އަހަރެން އިޝާން އާއި ދިމާވުމުގެ މާކުރިން ހަދަން ފެށިލަވައެކެވެ. އަހަރެންގެ ކޮޓަރީގައި ހިއްޕައިގެން ގެންގުޅު އޭނާގެ ފޮޓޮއަށް ބަލަން އޮވެ އަހަރެން ހަދަން ފެށިލަވައެކެވެ. އެލަވަ އިޝާންއަށް ދެއްކީ އެންމެ ފަހަރަކުއެވެ. ހަދައި ނިންމާފައި ދޭނެކަމަށް ބުނެފައެވެ. ނަމަވެސް އެކަންވެސް އެކުރީ އޭނާ އަމިއްލެއަށެވެ. އަހަރެންގެ ހިތުގެ ހާލު އޭނާއަށް އިއްވަން ހަދަންފެށިލަވައެއް އެންމެފަހުން އެނިންމާލީ އޭނާގެ ހިތުގެ ހާލު އަހަންނަށް އިއްވާފައެވެ.

އަހަރެންވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ. ނެތް ހިތްވަރު ދައްކަމުން ދިޔަ ސިކުނޑި ވާޅުވެއްޖެއެވެ. ނެތް ހަގީގަތަކަށް ތަބާކުރުވަމުން ދިޔަ ހިއްސުތައް ގަބުވެއްގެން ހިގައްޖެއެވެ. ދެންއަހަންނަށް އިޝާން ލިބޭނެގޮތް އެއީ ނެތްގޮތެއްކަންހިތަށް އެރުމުން، ހިތް ކުދިކުދި ވެއްޖެއެވެ. ތެދެކެވެ. ރީނާނޫން އެހެންމީހެއް އޭނާ ބޭނުމެއްނޫނޭ ބުންޏެވެ. އެއަޑު އަހަރެންގެ ސިކުނޑީގައި ޓަކިޖަހައި ހެކިބަސް ދީފިއެވެ. ތިން އަހަރު ފާއިތު ވިއިރުވެސް އޭނާ އެހެރީ އެގޮތުގައި ހެއްޔެވެ.؟ މާތް އިންސާނަކަށް ދޭންވީ އިނާމަކީ މިއީ ހެއްޔެވެ؟ ޝެރީންގެ ހިތް ޒަޚަމްވާން ދޫކޮށްލި ނަމަ ޒަޚަމްވީހީ އެންމެ ހިތެކެވެ. މިއަދު މިއޮތީ ދެހިތް ގަތުލުވެފައެވެ. ތިންވަނަ ހިތް އެއޮތީ ގަތުލުގާހުގައެވެ. ލަތީފުއަށް މިކަން އެނގުމާއެކު އެހިތްވެސް ކަތިލެވޭނެއެވެ. މި ހުރިހައި ކަމެއްގެ ސަބަބަކީ އެ ފިނޑިފިނޑި ރީނާއެވެ. ރަހުމަތް ތެރިކަމަށްޓަކައި ހަގީގީ ލޯބި ދޫކޮށްލުން އެއީ މަތިވެރި ގުރުބާނީއެއް ކަމަށްދުށް ރީނާއެވެ.

އަހަރެން މަޢާފަށް އެދުމުން އޭނާ އެއްވެސް ޖަވާބެއް ނުދިންކަން އެއީވެސް ޖަވާބެކެވެ. އެނގުނީ މަޢާފުލިބުން ނެތްކަމެވެ. އަނެއްކާވެސް ކަރުނައިގެ އާކޯރެއް އަހަރެންގެ ލޮލުން ފައިބަންފެށިއެވެ. ދެ ކޯތާފަތްމަތިން މޭމައްޗަށެވެ.

"އަހަރެންވެސް އިޝާންނޫން މީހަކު ބޭނުމެއްނޫން!" އަހަރެންގެ އަމިއްލަ ނަފްސާއި މުޙާތަބު ކުރީމެވެ. "އަހަރެންނަކަށް ދެނެއްކެތެއް ނުވާނެ!".

އަހަރެން ކުރިއަށް ހިނގައިގަތީމެވެ. މަޑުމަޑުން ފިޔަވަޅު އަޅަންފެށީމެވެ. ލައިގެންހުރި ހަރުވާޅު ތެމުމުން ވެސް އެއްވެސް ފަރުވާލެއް ނުބަހައްޓަމެވެ. ފައިގައި ކެފިފައިވާތަނުން ކުޑަދިލަ އެއްނަގާކަން އިހުސާސް ވުމުންވެސް އަހަރެންނަށް ލިބުނީ ހިތްހަމަޖެހުމެވެ. އެއީ އަހަންނަށް ލިބެންޖެހޭ ސަޒާއެކެވެ. ދިރިދިރި އޮތް ލޯތްބެއް އަމިއްލަ އަތުން ކަފުންކޮށް ވަޅުލާ މޮޔައަކަށް މިއަށްވުރެ މާ ހޫނު ސަޒާ ހައްގުވެގެންވެއެވެ. އަހަރެންގެ ދެއަތުން މަރާލާ މާލޭގައި ވަޅުލި ޒުވާން ލޯތްބެއް ތިންއަހަރު ފަހުން ވެސް ދިރިއޮތްކަން މިރޭ ޔަގީންވެގެން ހިގައްޖެއެވެ.

ކުރިމަތީގައި އޮތް އަނދިރި ކަމާއި ދިމާއަށް އަހަރެންގެ ނަޒަރު ހުއްޓާލީމެވެ. އެއީ އަހަރެންގެ ހަޔާތުގެ ކުރިމަގު ހެއްޔެވެ؟ މި ވޭންތަކުން ބޭރަށް ނިކުމެހިގަމުން ހިގަމުން ގެއްލެން ބޭނުންވިއެވެ. ހަމަ އެންމެނަށެވެ. ލަތީފުއަށެވެ. އިޝާނަށެވެ. ދެންތިބި އެންމެނާއި މުޅި ދުނިޔެއަށެވެ.

މި ފުރާނައާއި ހަށިގަނޑު މިއޮތް ކަނު އަނދިރިކަމުގެ ތެރެއަށް ޣަރަގު ވެއްޖެއްޔާ ހިތާމަތަކަށް ނިމުމެއްއައީއެވެ. ދުނިޔެއިން އުންމީދު ކެނޑިފައިވާ މީހަކަށް އެގޮތްވެސް ހަމަ ރަނގަޅުވާނެޔޭ ހިތަށް އެރިއެވެ. އިޝާންގެ ލޯތްބާ ނުލައި ދިރިހުންނާކަށް ބޭނުމެއްނޫނެވެ.

އަހަރެން ކުރިއަށް އިތުރު ފިޔަވަޅެއް އެޅީމެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ކުރިމަތިން އައި ރާޅަކާ އެކީ އަހަރެންގެ ކަކުލާ ހަމައަށް ލޮނުގަނޑު އަރައިގެންދިޔައެވެ. އަހަރެން އަރިއަޅާލުމާއެކު ސިއްސައިގެންދިޔައެވެ. އެތަނަށް ނުވެއްޓި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ދިމާ ކުރިމަތީ ކަޅިއަޅައިގެން ތިބެ ވިދާބަބުޅަމުންދާ ތަރިތައް ފުރަތަމަ ފަހަރަށް ލޮލުގައި އަޅައިގަތެވެ. އަހަރެން ބިރުގަތެވެ. މި ހުރެވުނީ ދެބައިކުޅަ އެއްބައި މޫދަށް އެރެވިފައިކަން އިހުސާސް ވުމުންނެވެ.

އަހަންނަށް ކުރެވެން މިއުޅެނީ ކީއްހެއްޔެވެ؟ ނޫނެކެވެ. އަހަރެން އަދި ދުނިޔޭގައި ހުންނަން ބޭނުމެވެ. އަހަރެން އަދި އިޝާން ދެކެންވެސް ބޭނުމެވެ. އޭނާ އަހަންނަށް މާފުކޮށްފީމޭ ބުނާ އަޑު އަހައި ހިތަށް ލުޔެއް ހޯދަން ބޭނުމެވެ. އަހަރެން އެއްގަމަށް އަރަން ހިނގައިގަތީމެވެ.

އަހަރެން އަހަން ބޭނުމީ ހަމައެކަނި މަޢާފުކޮށްފީމޭ ބުނާ އަޑު އެކަންޏެއްވެސް ނޫނެވެ. އޭނާ އަހަރެންދެކެ އަދިވެސް ލޯބިވެޔޭ ބުނާއަޑުވެސް އަހަންބޭނުމެވެ. ލަވަޔަކުން ނޫނެވެ. ސާފު ސީދާ އިބާރާތުންނެވެ. އަހަރެން އޭނާ ކައިރިއަށް އެނބުރިދާން ބޭނުމެވެ. ތިންއަހަރު ކުރިން ދެމީހުން އެކީގައި ދުށް ހުވަފެންތައް ހަގީގަތަކަށް ހަދަން ބޭނުމެވެ.

އެހެންނަމަވެސް ވަގުތު ވަނީ ފާއިތުވެފައެވެ. އަހަންނަކީ މިހާރު އެހެންމީހެއްގެ ދިރިއުޅުމެކެވެ. އޭނައެއް އަހަރެންނެއް މިނިވަނެއްނުކުރާނެއެވެ. ކުރަން ބުނަން ކެރޭނީ ކިހިނަކުންހެއްޔެވެ؟.

''ދުނިޔޭގައި ހުރިއްޔާ އުމުރުދުވަހަށް ވެސް ހުންނަންޖެހޭނީ ލަތީ އާއި އެކު! އަހަރެންގެ ހަގީގީ ލޯބި ފޮރުވައިގެން....." އަހަރެން ލޯ ފޮހެލަމުން އަމިއްލެއަށް ވާހަކަ ދެއްކީމެވެ.

އަޅެ ކޮންމެވެސް ގޮތެއް މެދުވެރިވެގެން ނަމަވެސް ލަތީ........! އެއްވެސް އިޚުތިޔާރަކާއި ނުލައި އަހަރެންގެ ހިތަށް އެވަގުތުއެރި އެއްޗަކުން އަމިއްލައަށް އަނގަމަތީ އަތްއެޅުނެވެ. ބިރުން ހީބިހި ނަގައިގެން ދިޔައެވެ.

މާތްކަލާކޯއެވެ!. އަހަރެންގެ ހިތަށް މިވަންނަނީ ކޮންފަދަ ގޯސް ޚިޔާލެއް ހެއްޔެވެ.؟ ނޫނެކެވެ. އަހަރެން އަވަސް އަވަހަށް ބޯ ހޫރާލީމެވެ. އެކަހަލަ ގޯސް ޙިޔާލު ސިކުނޑިއަށް ވައްދާކަށް ބޭނުމެއްނޫނެވެ. އަހަރެން ބޯގޮވާ މޮޔަވާކަށް ބޭނުމެއްނޫނެވެ. އަހަރެންގެ ސިކުނޑިއަށް ކޮންޓުރޯލު ނުކުރެވޭ ފަދަ ވަހުމު ހިތަށް އަރުވާކަށްވެސް ބޭނުމެއްނޫނެވެ.

ބިރުން މޭތެޅިތެޅި ހުއްޓާ ކައިރިން ވަރަށް ބާރަށް ކޮންމެވެސް ދިރޭއެއްޗެއް ތޫލިއަޑެއްލައްވާލާފަ ހަޅޭއްލަވައިގަތްއަޑަށް އަހަރެން ވަރަށް ބޮޑަށް ސިހުނެވެ. މަތިބަލާލެވުނު ވަގުތު ބޯމަތިން ކަޅުހިޔަންޏެއް ކަހަލަ އެއްޗެއް ދިޔަހެންހީވިއެވެ. އަހަންނަށް ދުއްވައިގަނެވުނެވެ. އޭރު އަހަންނަށް ހުރެވުނީ ބޯ ހިރުނދު ގަސްތައް ހެދިފައިވާ ހޭޅިއާ ވަރަށް ކައިރީގައިކަން ވިސްނުމުން ކުރިއަށް ވުރެ މާބޮޑަށް ބިރުގަތެވެ.

ކުއްލިއަކަށް އަހަރެންގެ ކުރިމަތިން މީހަކު ފެނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

"ރާނިޔާ؟!" ލަތީފުގެ އަޑުއިވުމުން އަހަރެން ދުވެފައިގޮސް އޭނާގެ ގައިގަ ބައްދައިގަތީމެވެ. އެޔާއިއެކު ބާރަށް ރޮއެގަނެވުނެވެ. ލަތީފު ކަންބޮޑުވެގެން ވީ ކީއްތޯ އަހަންފެށިއެވެ. އަހަންނަށް ވާހަކަ ދެއްކުނީ އެތައް އިރެއްފަހުންނެވެ. ކޮޓަރި ތަޅުލާފައި ހުރީމަ ގޮނޑުދޮށަށް ނުކުތްތަނާ ވަރަށް ބާރަށް އެއްޗެއް ގޮވާލުމުން ބިރުގަތީ ކަމަށް އަހަރެން ބުނީމެވެ.

"ތިވާނީ ވާލެއްކަމަށް" ލަތީފު ބުނެދިނެވެ. އޭނާއަށް އަހަރެންގެ ތިރީކޮޅު ތެމިފައި ހުރިކަން ފާހަގަވެގެން އެކަމާ ސުވާލުކުރިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. ދާދި ދެންމެއަކު އަހަރެންނަށް ކުރެވެން އުޅުނު އަމަލާއި ހިތާއި ސިކުނޑިއަށް އެވެރިވި ވަސްވާސް ތަކަކީ ދުލުން ބޭރުކުރަން ކެރޭވަރުގެ ކަންކަމެއްނޫނެވެ.

"ކިހިނެއްތަވީ؟" ލަތީފު ކަންބޮޑުވިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.

މާގޮނޑު ދޮށާއި ކައިރިންދަނިކޮށް ރާޅެއްޖެހިވަގުތު ވެއްޓުނީ ކަމަށް އަހަރެން ބުނެދިނީމެވެ.

."އަސްލު އަހަރެންގެ ކުށް.. ރާނިޔާ އެކަނި ފޮނުވުނުކަމީ... ހިޔެއްނުކުރަން ކޮޓަރިއަށް ކަމަކަށް ދާނީ!" ލަތީފު ވާހަކަ ބުނެލިއެވެ. އަދި ވަރަށް ދެރަވެލާފައި ސޮރީއޭ ބުނެލިއެވެ.

އޭނާ އަހަރެންދެކެ ކިހާލޯބިވޭހެއްޔޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން ދެރަވިއެވެ. ތެތް ހަރުވާޅު ބާލަން ފާޚާނާއަސް ވަދެފައި ލޯގަނޑުން އަހަރެންގެ އަމިއްލަ ސޫރައަށް ބަލަން އެތައް އިރަކުހުރީމެވެ. އަހަރެންގެ ހިތަށް އަރާފައިބައިގެން ދިޔަ އެއްޗެތިތަށް ހަނދާނުން ފޮހެލެވޭތޯ މަސައްކަތްކުރީމެވެ.

އަހަރެން ގިނައިރުވެގެން ލަތިފު އައިސް ދޮރުހުޅުވާލިއެވެ. އޭނާ ފެނުމުން އިތުރަށް ދެރަވިއެވެ. އޭނާގެ ގައިގަ ބައްދާލާފައި ދުވަހަކުވެސް އަހަންނާއި ވަކިނުވައްޗޭ ބުނެލެވުނެވެ.

" އެންމެފަހު ނޭވާލަމުންވެސް ދެންނެވޭނީ ލޯބިވޭ!" އެޔާއިއެކު އިޝާންކީ ލަވައިގެ ތަންކޮޅު އޭނާ ކިޔާލިއެވެ.

ވަގުތުން އަހަރެން ފެންކަޅިވިއެވެ. ލަތީފަށް އެމަންޒަރު ފެނުނެވެ. އަހަރެންގެ ލޯ ފޮހެލަދެމުން ރޮނީކީއްވެތޯ އަހަންފެށިއެވެ. އެއަށް ދޭންވީ ޖަވާބު އޮތީ އަހަރެންގެ މޭގައި ތަޅުލެވިފައެވެ. އަދިވެސް އެއަށް ނިކުތުމުގެ މިނިވަންކަމެއް ނެތެވެ. އެނޫން ޖަވާބެއް ދޭކަށް އަހަންނަކަށް ނޭނގުނެވެ.

"ނޭގެ... މިރޭމިތާ އެކަނި ހުރެފައ ހަމަ ހިތަށްވަނީ ލަތީ އަހަންނާ ވަކިވެދާނެޔޭ!..." އެތައް އިރެއް ފަހުން އަހަރެން ޖަވާބެއް ދިނީމެވެ.

"ނޫން.. ދުވަހަކުވެސް ތިހެން ހިތަށް ނާރުވާތި ދެން! އިރާދަކުރެއްވިއްޔާ އަހަރެންގެ އުމުރު ހުސްވަންދެން ވެސް ހުންނާނީ ރާނިޔާއާ އެކީ!" އަހަރެން ގެންގޮސް އެނދުމަތީގައި ބައިންދަމުން ލަތީފު ބުނެލިއެވެ. އަހަންނަށް ލޯމަރާލެވުނެވެ. ހަގީގަތަކީ އެއީއެވެ. އަހަރެންގެ ހިތް އެކަން ގަބޫލު ކުރާނީ ކިހިނެތް ހެދިއްޔާބާވައެވެ؟.

އޭރު އަހަރެންގެ ހިތާއި ނަފްސް ވަނީ ދުވަހަކުވެސް ނުވާވަރަށް ވަރުބަލިވެފައެވެ. އަހަރެން އެނދު ހުރަހަށް އޮށޯވެލީމެވެ. އެޔާއިއެކު ދެން ޝޯވް ބަލަން ނުދާނަންތޯ އެނާ އަހާލިއެވެ.

"ދެން ނުހިނގޭނެ އެހިސާބަކަށް!" އަހަރެން މަޑުމަޑުން ބުނެލީމެވެ.

"ދޭނުހޭ ގެންގޮސް ވަޔާއޭ..." ލަތިފު އެއްޗެތި ބަދަލުކުރަމުން ލަވަކިޔަން ފެށިއެވެ. އަހަންނަށް އެއަޑު އަހަންވަރަށް އުނދަގޫވިއެވެ. ލޯމަރާލާ ގޮތަށް ދެކަންފަތް ލެއްޕެން ހުންނަ ނަމައޭ ހިތަށްއެރިއެވެ.

" އަހަރެން ހިތަށް އަރާ އަހަންނަށްވެސް އިޝާން ކިޔާގޮތަށް ލަވަކިޔޭނެ ނަމައޭ!" އޭނާ އައިސް އަހަރެންކައިރީ އޮށޯވެފައި ބުނެލިއެވެ. "އަޑުވެސް ހާދަ ރީއްޗޭ!"

"ލަތީ! " އަހަރެން ގޮވާލުމުން އޭނާގެ ސަމާލުކަން އަހަންނަށް ލިބުނެވެ. އަހަރެން ގަދަކަމުން ހިނިތުންވެލީމެވެ.

އަހަރެންބޭނުންވީ އޭނާގެ އެހީއާއި އެކު ދުނިޔެމަތީގައިވާ އެހެންހުރިހާކަމެއް އެވަގުތަށް ހަނދާންނައްތާލެވޭތޯ މަސައްކަތް ކުރާށެވެ.

-- ނުނިމޭ --

◀ މި ވާހަކައިގެ އާ ބައެއް ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހަކު ގެނެސްދޭނެ

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular