20 May 2023

ހުސޭނު ބޯޖަހާލިއެވެ. "އެނގޭ މިހާރު ބޭނުން ވާނީ ތިގޮތްކަން! އަހަރެން ކައިރިން މިނިވަންވާން ބޭނުމިއްޔާ ކޯޓަށްވެސް ދާންވީ ހަމަ!"

އަހަންނަށް ކުއްލި ޝޮކެއްލިބުނެވެ. އެއީ އަދި އަހަރެންގެ ސިކުނޑިއަށް ނުވަންނަ ޚިޔާލެކެވެ. އިސްތިރި ނަގާ ކޮޅަށް ބަހައްޓާފައި އޭނާއާއި ދިމާލަށް އެނބުރުނީމެވެ. އޭނާ ކުރިން ދެއްކިވާހަކައާއި މުޅިން ތަފާތު ވެއްޖެއެވެ. އެއީ މިހާރު އޭނާ ބޭނުންވާ ގޮތް ބާވައެވެ؟

"އަހަންނެއް ދުވަހަކުވެސް ދޫކޮށެއްނުލާނަން... އެކަމަކު ފާތުން ބޭނުމިއްޔާ.. މިނިވަން ކޮށްދޭނަން!"

"އާނ އޭރުންތާ ދެންވެސް މީހުން ކުރިމަތީ ތިމާގެ ކުށެއް ނެތްކަން ދެއްކޭނީ!" އަހަރެންނަށް އިތުރަށް ހިތްހަމަ ނުޖެހުނެވެ.

"އުނހޫ ތިހެން ހީނުކުރޭ.." ހުސޭނު ވާހަކަ ދައްކަން ފެށިއެއްކަމަކު އަހަރެން އިތުރަށް އެވާހަކަތައް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. އެނދުމަތީގައި އޮތް ބުރުގާ ނަގާ ކޮށްޕާލައިގެން ބޭރަށް ނުކުތީއެވެ. މަގުމައްޗަށް ނުކުމެ ވަކި މިސްރާބެއް ނެތި އަހަރެން ހިނގަންފެށީމެވެ. އެއީ ހަވީރުގެ ވަގުތު ކަމުން އާސިމާމެން ގޭ ކައިރީ ޖޯލިފަތިވެސް އޮންނާނީ ފުރާލާފައެވެ. އެ މަޖާ މާހައުލަކާ އަހަރެންނަށް މިވަގުތު ކުރަމުން ދާ އިހުސާސް ތަކަކާއި ނުގުޅޭނެއެވެ.

ހުސޭނު ހަމަ އަސްލުގައިވެސް ބޭނުންވަނީ އަހަރެން ދޫކޮށްލަން ހެއްޔެވެ؟ މިގުޅުން ނިމުމަކަށް އައީ ހެއްޔެވެ؟ އަހަންނަށް އުޅެން ޖެހިފައި މިވަނީ ކޮންކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟ ހިނދުކޮޅަކަށް ފަހު އަހަރެންގެ އިހުސާސްތައް މައިތިރި ކުރީމެވެ. ހުސޭނުގެ ސަބަބުން އަހަރެން ހިތާމަ ކުރާކަށް ނެތީމެވެ. މިހާރު އަހަރެންވެސް ބޭނުންވަނީ އެގޮތެވެ. އޭނާގެ ކައިރިން މުޅިން މިނިވަންވެގެން މާލެ ބަދަލުވުމެވެ. އެކަމަކު އެންމެ ކުރިން އަހަރެން ބޭނުމީ މާލެ ދާށެވެ. ވަރީގެ ކަންތަކާ އުޅޭނީ އޭގެ ފަހުންނެވެ.

އޭނގެ ފަހުން އޭނާ އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެތައް އިރެއްކޮށްފައި އަހަރެން ގެއަށް އައި އިރު މަސްޓޭންކު ސާފު ކުރަން ހުއްޓެވެ. އަހަންނަށް ގޮވާލާފައި ސައިތައްޓެއް ހަދައިދީބަލާށޭ ބުނެލިއެވެ. އަހަރެންވެސް ހަމަ ކުރިއެކޭ އެއްގޮތަށް އޭނާ އައި ދޭތެރެ އަމަލުތައް ބެހެއްޓީމެވެ. އެކަމަކު އޭނާއާއި ކުރިމަތި ނުލާންވެގެން ކޮންމެރެއަކު ކައި ނިންމައިގެން އަހަރެން އިށީންނަނީ ފަހާ ފޮށި ދޮށުގައެވެ.

ސާމިޔާއްތަމެންނަށް ރަށަށް އާދެވުނީ ބޮޑު އީދަށެވެ. އެދުވަސްކޮޅުގެ ފުލައިޓުން ޖާގަ ލިބޭގޮތެއް ނުވިއެވެ. އެކި މީސްމީހުންނާއި ގުޅައިގެންވެސް އެންމެއަވަހަށްވެސް ޖާގައެއް ލިބުނީ އީދު ބަންދު ނިމޭ ދުވަހަށެވެ.

ޢީދު ދުވަހުގެ ރޭވެސް އަހަރެން ބޭރަށް ދާހިތެއްނުވިއެވެ. އާސިމާ ދުއްވާލަން ދާން ހިނގާށޭ ބުނީމާ އަހަރެން ބަލަން ބޭނުންވާ މީހާއެއް ނާދޭ ނޫންހޭ ކިޔާފައި ގޭގައި ހުރީއެވެ. މަންމަ އެކަނި މާއެކަނި ސާމިޔާއްތަ ކޮޓަރީގައި ޓީވީ ބަލަން އިންދާ އަހަރެން ގޮސް ދޮރުހުޅުވާލީމެވެ. އެރޭ ޓީވީއިން ލައިވްކޮށް ދައްކަނީ މާލޭގެ ކާނިވާ ސަރަހައްދުގައި ބޭއްވި ސްޓޭޖް ޝޯއެވެ. އެހެންކަމުން އަހަރެންވެސް އެތަނަށް ވަދެ އިށީނީމެވެ. ޝޯ ބަލަން އިނދެފައި އިޝާން ކޮބައިބާވައޭ ހިތަށް އެރިތާ މާގިނަ އިރެއް ނުވަނީސް އޭނާ ސްޓޭޖަށް ނުކުތެވެ. އޭނާއަށް އޮތް ތަރުހީބު ފެނިފައި އަހަރެން އުފާވިއެވެ. ލޮލުން ކަރުނަ ހިލޭގޮތްވިއެވެ. އަހަންނަށް މާލެ ދެވުނުނަމަ މިހާރު ހުންނާނީ އެ ސްޓޭޖް ކައިރީގައިކަން ހަމަ ޔަގީނެވެ. އަނެއްކާވެސް އަހަންނަށް ގެއްލުނު ދިރިއުޅުމުގެ މަތިން ހަނދާން ވާން ފެށިއެވެ. އޭނާއާއި އެކީގައި އުޅުނު ނަމަ އަހަންނަށް ސްޓޭޖް މަތީގައި ލަވަކިޔަން ކެރުނީސް ހެއްޔެވެ؟

އަހަންނަށް ހިތްވަރު ލިބުނު ދުވަހަކުން އޭނާގެ ކައިރިއަށް އެނބުރި އަންނާނަމޭ ބުނެ ވާނީ ވަޢުދުވެފައެވެ. މިހާރު އޭގެ ފަހުން ސާދަ އަހަރުވެގެން ދިޔައީއެވެ. މިހާދުވަސް ވެގެން ދާއިރު އޭނާގެ ހަޔާތަށްވެސް ކޮންމެވެސް އެހެން އަންހެނަކު އަންނާނެކަން އަހަންނަށް އިނގެއެވެ. އެ ނަސީބުވެރިއަކީ ކާކު ބާވައެވެ؟ އެހެންނަމަވެސް އަހަންނެކޭ އެއްފަދައިން އޭނާގެ ހިތުގައިވެސް އަހަންނަށްޓަކައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާނެކަން އަހަންނަށް ހަމަ ޔަގީނެވެ. އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. ދެން ކުރިއަށް ވިސްނަން އެނގޭނީ އޭނާއާއި ދިމާވީމައެވެ. އޭނާ އާއި ދިމާވިއަސް ނުވިއަސް އަހަރެން ހުސޭނުއާއި އެކީ އުޅޭކަން ދެން ނެތީމެވެ.

އަހަރެން މާލެދާން ތައްޔާރު ވާން ފެށީމެވެ. އެއްޗެހި ދޮވެ، ފޮށި ނަގާ ހިރަފުސް ފޮޅާ ސާފުކޮށް ހެދީމެވެ. އަހަރެންގެ މައިދައިތަ ކައިރީ މާލޭ ގޮސްލަށޭ މިއުޅެނީ ބުނީމާ އަހަރެންގެ ގައިގަ ފިރުމާލާފައި ގޮސްލާފައި އަވަހަށް އަންނަށް ޗޭ ބުނެލިއެވެ. އަހަރެން އާނއެކޭ ބުނަން ބޯ ޖަހާލީމެވެ. އަހަރެން މިރަށުން ދާން ޖެހިލުންވާ ހަމަ އެކަނި ސަބަބަކީ އެއީ އެވެ. އަހަރެން ނެތިއްޔާ މައިދައިތަ ވަރަށް އެކަނި ވާނެއެވެ. ހުސޭނު އަހަންނާއި ދޭތެރޭ ކޮންމެގޮތަކަށް ކަންތައްކުރިއަސް އޭނާ އަހަރެން ދެކެ ވާ ލޯތްބަކަށް ބަދަލެއް ނާދެއެވެ.

އެދުވަހު މެންދުރު އަހަރެން ބަދިގޭގައި އުޅެނިކޮށް ހުސޭނު މަންމަ އަނެއްކާވެސް ގޭތެރެއަށް ވެއްޓުނެވެ. ހޮސްޕިޓަލަށް ގެންދިއުމުން އެނގުނީ މަންމައަށް ސްޓްރޯކެއް ޖެހުނީ ކަމަށެވެ. ހުސޭނުއާއި ރިޔާޒްދޮންބެ ރަށަށް އައުމުން، އެ ތިންބެއިން ވެގެން މަންމައަށް ފަރުވާކުރުމުގެ ކަންތަކުގައި މަޝްވަރާކުރިއެވެ. ރިޔާޒް ދޮންބެ ބޭނުންވީ މަންމަ މާލެ ގެންދާށެވެ. ހުސޭނު ބޭނުންވީ ޤުރުއާނާއި ސުންނަތުގެ އެހީގައި ފަރުވާ ކުރާށެވެ. ސާމިޔާއްތަ ބުނަނީ ޑޮކްޓަރ ބޭހުގެ އިތުރަށް ދިވެހި ބޭސްކޮށް ތެޔޮދަމާ ހެދީމާ ރަނގަޅު ވާނެކަމަށެވެ. "ކޮންމެ ގޮތެއް ހަދައިގެންވެސް މަންމައަށް އަވަސް ޝިފާއެއް ލިބުން އަހަރެން އެދެނީ" އަހަރެން ބުނީމެވެ.

މަންމަ އެހާލުގައި އޮއްވާ މާލެގެންދިޔުން އެއީ މާފަސޭހަކަމަކަށް ނުވާނެކަން އެންމެންނަށްވެސް ގަބޫލު ކުރެވުނެވެ. މަންމަގެ ވާތްފަޅި އެއްގޮތަކަށްވެސް ގުޑުވާވެސް ނުލެވެއެވެ. ވާހަކަ ދައްކާއިރުވެސް ބުނާއެއްޗެއް އަހަރުމެންނަށް ދޭހަ ވަނީ ވަރަށް ވަރުންނެވެ. ގެއަށް ގެނެސް ޑޮކްޓަރ ބޭހުގެ އިތުރުން ދިވެހި ބޭހާއި އަދި ހުސޭނު ދޭ ފަރުވާއާއިއެކު މަންމަ ރަނގަޅު ވޭތޯ މަސައްކަތް ފެށުނެވެ.

މަންމަ ބޭނުންވަނީ އަބަދުވެސް އޭނާ ފެންނަހިސާބުގައި އަހަރެން ހުންނާށެވެ. އެންމެ ކުޑަމިނުން ފެންފޮދެއް ބޯލަންވެސް ގޮވަނީ އަހަންނަށެވެ. އޭނާ އެންމެ ކަންބޮޑުވަނީ އަހަރެން މާލެ ގޮސްދާނެތީއެވެ. މަންމަ ކިޔާއެއްޗެއް މާ ސާފުނުވިއަސް މަންމަ އެބުނަނީ އެހެންކަން އަހަންނަށް ދޭހަވިއެވެ. އެވާހަކަ ދައްކާ ކޮންމެފަހަރަކުވެސް އަހަރެން ނުދާނަމޭ ބުނެ މަންމައަށް އެ ޔަގީންކަންދެމެވެ.

ކޮންމެއަކަސް އަހަރެންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައެވެ. ސައްވީސް ގަޑިއިރު މަންމަގެ ޚިދުމަތަށް ހުސްކުރީމެވެ. މަންމަ ކައިރީގައި ނިދަން އޮންނަނީވެސް އަހަންނެވެ. އިޒާން ނިދަން ގެންގުޅުނު ގޮދަޑި ގެނެސް ބިންމަތީގައި ބާއްވައިގެން އެކޮޓަރިތެރޭގައި އޮންނައިރު އަހަންނަށް ހޫނުވާވަރުން ރަނގަޅަކަށް ނުނިދެއެވެ. މަންމައަށް ފިނިވާތީ ފަންކާ ބާރުކުރާކަށްވެސް ނުކެރެއެވެ.

އަހަރެން ފަހާފޮށި ނަގައިގެން ފަހަން އިށީނުމުންވެސް މަންމައަކަށް ކަމަކު ނުދިޔައެވެ. ފަހާ ފޮށި ހިފައިގެން ކޮޓަރިއަށް އަންނާށޭ ބުންޏެވެ. އެކަމަކު އެއީ ވަރަށް ކުޑަ ތަންކޮޅެކެވެ. އެތާނގައި ފަހަން އިންނާނެ ޖާގައެއް ނެތެވެ. އެހެންކަމުން އެމަސައްކަތް ހުއްޓާލާފައި އަހަރެން ގެންގުޅޭ ކުރަހާ ފޮތް ހިފައިގެން އައިސް މަންމަ ކައިރީ އިނދެގެން އަނެއްކާވެސް އެމަސައްކަތް ކުރަން ފެށީމެވެ. އަހަރެން ކުރަހާ ހެދުންތައް މަންމައަށް ދެއްކުމުން ވަރަށް އުފާވެއެވެ.

ސާމިޔާއްތަވެސް އޭނާގެ ވަޒީފާ ގަޑި ނިންމާފައި އައިސް އުޅެނީ ގޭގައެވެ. އަހަންނަށް މަންމަ ކައިރިން ސަލާމަތްވެގެން ކަމެއް ކުރަން ނުދެވޭތީ ކެއްކުމުގެ ކަންތައް ކުރަނީ އޭނާއެވެ. އާސިމާމެންވެސް ވަރަށް ގިނައިން ގެއަށް އާދެއެވެ. ބައެއް ދުވަސްދުވަހު ހަވީރު އޭނާއާއި އެކީގައި އަހަރެން ބޭރަށްވެސް ނުކުމެލަމެވެ. އެހެން ރައްޓެހިންނާއި ދިމާވެލާ ކޮފީ ބޯލާ ހަދަން ދަމެވެ. އެއީ އަހަންނަށް ހުސްކޮށް ލިބޭ ހަމައެކަނި ވަގުތުކޮޅެއެވެ.

މަންމަ ބަލިވިފަހުން ހުސޭނުވެސް ތަންކޮޅެއް ގިނައިން ރަށަށް އާދެއެވެ. ކުރިއެކޭވެސް އެއްގޮތަށް އަހަންނާއި ވާހަކަ ދައްކާ ހަދަން މަސައްކަތް ކުރެއެވެ. މަންމަ އެހެން އޮންނަން ޖެހުނީމާ މަންމަ ފޫހިވާނެތީއޭ ކިޔާފަ ރިޔާޒުދޮންބެ ރޭޑިޔޯއެއް ގެނެސް ދިނެވެ. އެއްދުވަހަކު ރޭޑިޔޯއިން އިޝާންގެ ލަވައެއް އަންނަން ފެށިއެވެ. 'އެއްފަހަރު ލޯބިވާން ހާސް ފަހަރު މަރުވަން ވީހޭ' އެއަޑު އިވުނު ހިނދު އަހަންނަށް ސިއްރުސިއްރުން ހިނިތުންވެލެވުނެވެ. ހުސޭނު ގެއަށް އައިސް ވަނީ އެލަވަ ނިމެނިކޮންނެވެ. އޭނާ ވަގުތުން ރޭޑިޔޯ ނިއްވާލިއެވެ. އޭރު ރިޔާޒް ދޮންބެއާއި ސާމިޔާއްތަ ވެސް ގޭގައި ތިއްބެވެ. ހުސޭނު އެހެންހެދުމުން ރިޔާޒް ދޮންބެ ހިތްހަމަ ނުޖެހުނެވެ. އިސާހިތަކު ދެބަސްވުމަކަށް ދިޔައެވެ. ރިޔާޒް ދޮންބެ ހުސޭނާއި ދިމާލަށް މިއީ އޭނާގެ އެކަނި ގެޔެއްނޫނޭ ބުނެލިއެވެ. ސާމިޔާއްތަވެސް ރިޔާޒް ދޮންބެއާއި އެއްކޮޅަށް ހިފާލިއެވެ.

"ކަލޭ މެންނަކަށް ނޭނގޭނެ ތިކުރެވެނީ ކިހާ ނުބައިކަމެއް ކަމެއް!" ހުސޭނު ރުޅިއައިސްގެން ބުންޏެވެ.

"ހުސޭނަށް ތިއުޅެވެނީ އެންމެ ރަނގަޅަށް ތޯ އެންމެފުރަތަމަ ވިސްނާލަބަލަ!" ސާމިޔާއްތަ ރައްދު ދިނެވެ. އެހިސާބުން އަހަރެން އެތާނގައި ނުހުންނަންވެގެން ނަމާދަށް އަރާށޭ ބުނެފައި ކޮޓަރިއަށް އައީއެވެ. އަހަރެން ނިމުނުތަނާ ހުސޭނު އައިސް ކޮޓަރިއަށް ވަނެވެ. ދެން އަހަރެން އުޅެންވީ ލަވަ އަޑުނާހަން ކަންފަތަށް ކަފަ ޖަހައިގެންހޭ އަހާލީމެވެ. އެއާއިއެކު އޭނާ އިހަށްވުރެވެސް ރުޅި ގަދަވިއެވެ. ފާތުންނަށް ފެންނަގޮތަކަށް ފާތުންވެސް އުޅޭށޭ ބުނަމުން ފާޚާނާއަށް ވަދެ ބަންލާފައި ދޮރުލެއްޕިއެވެ.

އަހަރެން ނުކުތުމުން ސާމިޔާއްތަމެން އެ އިވުނީ ކޮންއަޑެއްތޯ ސުވާލުކުރިއެވެ. ވީގޮތް ކިޔައިދީފައި އަހަންނަށް ހެވުނެވެ. އެޔާއިއެކު ރިޔާޒް ދޮންބެއާއި ސާމިޔާއްތަވެސް ހުނުމުގައި ބައިވެރިވިއެވެ. ހުސޭނުގެ ދެ އަނބިންނަށް ހަމަހަމަކޮށްތޯ ކަންތައްކުރަނީ އޭނާ ކައިރީ އެހީމާ ދޭނެ ޖަވާބެއް ނޭނގުނު ކަމުގައި ސާމިޔާއްތަ ބުންޏެވެ. "އޭނާ ތިޔަމީހަކާ އިންފަހުން ސައިކޯ ވެއްޖެ ކަންނޭނގެ!" ރިޔާޒް ދޮންބެ ބުނެލިއެވެ.

އޭގެ އަނެއްދުވަހު އޭނާ ފުރައިގެން ދިޔައީ އަހަރުމެން އެކަކާވެސް އަނގައިން ނުބުނެއެވެ. ދިޔަގޮތަށް ޚަބަރެއްވެސް ނުވެއެވެ. އެތައް ދުވަހެއްކޮށްފައި އައިގޮތަށް އައިސް އޭނާއަށް އަނެއްކާވެސް ލިބުނީ އަންހެން ދަރިއެއް ކަމުގައި ބުންޏެވެ. އެފަހަރުވެސް އޭނާގެ ނުތަނަވަސްކަން ފެނުމުން އަހަރެންވީ އުފަލެވެ.

އޭގެ ފަހުން އަނެއްކާވެސް ތަންކޮޅެއް އަވަސް އަވަހަށް ރަށަށް އަންނަން ފެށިއެވެ. އެހެން އަންނަ ފަހަރު ފަހަރުވެސް ރިޔާޒް ދޮންބެމެން ސާމިޔާއްތަމެންނާއި ދިމާވާއިރަށް އޭނާ ދައްކަން ފަށަނީ އޭނާގެ ކުދިންގެ ވާހަކައެވެ. އަހަންނާއި ހުސޭނު އެކަނި ވިޔަސް އޭނާ ދައްކާނީ އެކުދިންގެ ވާހަކައެވެ. އަހަރެންގެ އިހުސާސް ތަކަކީ ކޮބައިތޯ އަހާލާ އަހަރެން ހިތްހަމަ ޖެހޭތޯ އަހާލާކަށް އޭނާ ހަނދާނެއްނުހުރެއެވެ. އަހަރެންމިއީ އޭނާގެ ދޮށީ އަނބިމީހާކަން ހަނދާން ހުރޭބާވައޭވެސް ބައެއްފަހަރަށް ހިތަށް އަރައެވެ. ނޫނިއްޔާ އޭނާ ބޭނުންވަނީ އަހަރެން ލައްވާ ކޯޓަށް ގޮސްގެން މި ކައިވެނި ނިމުމަކަށް ގެންނަން ބާވައޭ ހިތަށް އަރަން ފެށިއެވެ.

އަހަރެން ވަރަށް ބޮޑަށް މާޔުސްވާން ފެށިއެވެ. ދުވަހެއް ނިމޭއިރު އަހަރެން ހުންނަނީ ވަރުބަލިވެގެން ގޮސް ހަލާކުވެފައެވެ. އެކޮޓަރިތެރޭގައި ބިންމަތީގައި ގޮދަޑި އަޅައިގެން ނިދަންޖެހޭތީ ވަރަށް ބޮޑަށް ގައިގަވެސް ރިއްސަން ފެށިއެވެ. އެކަމަކު އަހަރެން އެވާހަކަ ދައްކާނީ ކާކު ކައިރީގައި ހެއްޔެވެ؟ އަހަރެންގެ ހާލަކީ ކޮބައިތޯ އަހަރެންގެ ފިރިމީހާއެއް ނާހައެވެ. އަހަރެންނަށް ހިތްވަރު ދެނީ އަހަރެންގެ މަންމަމެންނާއި ރައްޓެހިންނެވެ. މޫމިނާމެން ސުރައްޔާމެންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަންނަށް ގުޅައިގެން ހާލު ބަލައެވެ. އަހަރެންގެ ބޮޑުދައިތަމެންނާއި ދެބެންގެ ދެދަރި ކުދިންވެސް ދޭތެރެއަކުން ގުޅާލާ ހަދައެވެ. އެހެންނަސް އަހަރެން މިތަހައްމަލު ކުރަމުންދާ ދިރިއުޅުމުގެ ވާހަކަ އެއިން އެކަކާވެސް ހިއްސާ ކުރާހިތެއް ނުވެއެވެ. އެމީހުންކައިރީގައި މިވާހަކަ ދެއްކިއޭ ކިޔާފައި އަހަރެންގެ މިހާލަތު ބަދަލު ވާނެ ހެއްޔެވެ؟

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular