23 May 2023

އެހެންނަމަވެސް އަހަރެން މި ތަހައްމަލު ކުރަމުންދާ ދިރިއުޅުމުގެ ވާހަކަ އެއިން އެކަކާވެސް ހިއްސާ ކުރާހިތެއް ނުވެއެވެ. އެމީހުންކައިރީ ދެއްކިއަސް އަހަރެންގެ މިހާލަށް ވަކި ބަދެލެއް އަންނާނެހެއްޔެވެ؟

ހުސޭނު މަންމަގެ އެބަލި ދިގުލާންފެށުމުން އަހަރެން މާޔޫސްވާން ފެށިއެވެ. އަހަރެންގެ މަންމަ ކޮންމެފަހަރަކުވެސް ކެތްތެރިވާން ނަސޭހަތް ދޭނެއެވެ. އެއީވެސް މިހާރު އަހަރެންގެ މައެއްގެ މަގާމުގައި ހުރި މީހެއްކަމާއި ހިތްބުރަނުކޮށް ލޯތްބާއި އޯގާތެރިކަމާއިއެކު ކަންތައް ކޮށްދޭށޭ ބުނާނެއެވެ. އަހަރެންގެ މަންމަމެން ނުފެންނާތީ ދެރަވާ ވާހަކަ ބުނެވެންފެށިއެވެ. އެޔާއިއެކު މަންމަމެން މިރަށަށް އަންނަން ބޭނުންވިއެވެ. އެކަމަކު އަހަރެން އެކަމަށް އިންކާރު ކުރީމެވެ. މަންމަމެން އަޔަސް އަހަނަށް އެމީހުންނަކަށް ވަގުތެއް ނުދެވޭނެއެވެ. އެހެންނޫނަސް އަހަރެން މިއުޅޭ ހާލު އެމީހުންނަށް އެނގޭކަށް ބޭނުމެއްނޫނެވެ.

ސާމިޔާއްތަ ހަވީރު އައުމުން ބައެއްދުވަސް ދުވަހު އަހަރެން ބޭރަށް ނުކުމެލަމެވެ. އާސިމާއާއި އެކީ ސައިކަލު ދުއްވާލާ ހިތްހަމަ ޖައްސާލާށެވެ. އަހަރުމެން ނުކުމެފައި އެންމެ ފުރަތަމަ ދަނީ މާންދޫއަށެވެ. އެތަނުން ޝަރީފު ސައިކަލު އަތުލައިގެން ދެން އަހަރުމެން ދެމީހުން ދަނީ ދެ ސައިކަލުގައެވެ. ދުއްވާ ނިންމާފައި މާންދޫއަށް އައިސް ސައިކަލު ބަހައްޓާފައި އާސިމާގެ ފަހަތަށް އަރައިގެން ގެއަށް އަންނަނީއެވެ. އޭރު ހުންނާނީ އިރުއޮއްސިފައެވެ.

އެއްދުވަހު އެގޮތަށް ގޮސް ސައިކަލު ބުރުޖަހާފައި ގޭދޮށަށް ފައިބާފައި ބަލާލިއިރު ހުސޭނުގެ ހަތަރު މިސްކޯލު އޮތެވެ. އަހަރެން ހާސްވެގެން ދުވެފައި ކަހަލަ ގޮތަކަށް ގެއަށްވަނީމެވެ.

"ކޮންތާކުން ތިއައީ؟" އޭނާ ވަރަށް ހަރުކަށިކޮށް ސުވާލުކުރިއެވެ.

އޭރު ސާމިޔާއްތަގެ ފިރިމީހާ ހަމީދުވެސް އެތާގައިހުއްޓެވެ. އަހަރެން ލަދުގަތެވެ. ސައިކަލު ދުއްވާލަން ދިޔައީކަމަށް ބުނަމުން ކޮޓަރިއަށްވަނީއެވެ. އެޔާއެކު އަހަރެންގެ ފަހަތުން ހުސޭނުވެސް އައިސް ވަނެވެ. އޭނާ މައްސަލަ ޖެއްސީ އަހަރެން ފޯނު ނުނަގައިގެންނެވެ. ސައިކަލުގައި އިންއިރު އަޑު ނީވުނީއޭ ބުނުމުން އޭނާ އެކަން ގަބޫލު ކުރިހެނެއް ހިޔެއްނުވެއެވެ.

އާސިމާ ގާތު އެވާހަކަ ބުނުމުން އޭނާ ވަރަށް ރުޅިއައެވެ. ހުސޭނު ޝުކުރުވެރި ނުވާތާނގައި އެއްޗެހި ކިޔަނީއޭ ކިޔައިގެން ހިތްހަމަނުޖެހިގެން ވާހަކަ ދެއްކަން ފެށުމުން އަހަންނަށް ރޮވުނެވެ.

"އަސްލު ފާތުންނަކަށް ނުޖެހޭނެދޯ ސައުވީސް ގަޑިއިރު ތިތާނަގއި ހުންނާކަށް.. ފާތުންގެ މަންމަމެން ދެކެން މާލެވެސް ދެވެން ޖެހޭނެ!"

އެހިސާބުން ހުސޭނުގެ މަންމަ އަހަރެން ހައްޖަށް ފޮނުވަމުން އެދުނު އެދުމުގެ ވާހަކަ އޭނާއަށް ކިޔައިދިނީމެވެ. އަދި އެމަންމަ އެހެން އޮތް ހާ ދުވަހަކު އަހަންނަށް އެހެންގޮތެއް ނެތްކަން އަހަރެންގެ އެކުވެރިޔާއަށް ވިސްނައިދިނީމެވެ.

އެފަހަރު ހުސޭނު ފުރައިގެން ދިޔުމުގެކުރިން މަޢާފަށް އެދުނެވެ. "އަހަންނަށް އެނގޭ ފަތުންނެއް ގޯސް ކޮށެއްނޫޅޭނެކަން ވެސް.. އެކަމަކު އަހަރެން ރަށަށް އަންނަ ކޮންމެފަހަރަކު މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާތީ ރުޅިއާދެވުނީ!" ހުސޭނު ބުނެލިއެވެ. އެބުނާ ފާޑުފާޑުގެ އެއްޗިއްސަކަށްވީ އަހަރެން އަމިއްލައަށް ސައިކަލު ދުއްވާ ވާހަކައެވެ. ހަވީރު ދަޅައިގައި ފޮނަދޫއާ ހަމައިންވެސް ފެންނަ ވާހަކައެވެ.

"އަހަރެން ޝުކުރުވެރިވަން ފާތުން އަހަންނަށްޓަކާ އަހަރެންގެ މަންމަ އާއި ދޭތެރޭ ތިހާ ރަނގަޅަށް ކަންތައް ކޮށްދޭތީ" ހުސޭނު އެގޮތަށް ވާހަކަ ފެށުމުން އަހަރެން ގާތަށް ރުޅިއައެވެ.

"މިއީ އަހަރެން ހުސޭނުއަށްޓަކައި ކޮށްދޭކަމެއްނަމަ ހުރިހާ އެއްޗެއް ހިފައިގެން މާލެ ބަދަލު ވާނެތާ ކިތަންމެ ދުވަހެއް!" އަހަރެން ބުނުމުން ހުސޭނު އެކައްޗެއްވެސް ނުބުނެ ނުކުމެގެން ދިޔައީއެވެ.

އަހަންނަކީ ފަހައިގެން ލިބޭ އެއްޗަކުން އަމިއްލަ ބޭނުންތައް ފުއްދައިގެން އުޅޭ މީހެކެވެ. ފެހުން ހުއްޓާލި ހިސާބުން އަހަރެންގެ އަތުގައި ފޮރުވާފައި ހުރި ފައިސާ ބޭނުންކުރަމުން ގޮސް އަހަރު ދުވަސް ވެގެން ދިޔައިރު ހުސްވާންކައިރި ވެއްޖެއެވެ. އަހަރެން ކަންބޮޑުވާން ފެށިއެވެ. ޒަރޫރީ ބޭނުމަށް ހޯދަން ޖެހޭ އެއްޗެތި ހޯދާނީ ކިހިނެތް ބާވައޭ ހިތަށް އަރަން ފެށިއެވެ. ހުސޭނު މަންމައަށް ކުއްލިއަކަށް އެއްޗެއް ބޭނުންވެދާނެތީއޭ ކިޔާފައި ރިޔާޒް ދޮންބެ އަހަރެންގެ އަތަށްވެސް ކޮންމެވެސް ވަރަކަށް ލާރި ދީފައި ހުރެއެވެ. އެހެންނަމަވެސް އަހަރެންގެ އަމިއްލަ ބޭނުމަށް އެއްޗެތި ގަންނާކަށް އޭގައި ޖެހޭކަށް ބޭނުމެއްނޫނެވެ.

އަހަރެންގެ މަންމަމެން ކައިރީ ބުނާއިރަށް ބުނާއެއްޗެއް ފޮނުވައި ދޭނެ ކަންވެސް އެނގެއެވެ. އާސިމާ ކައިރީ ބުންޏަސް އެވަރު ކޮށްދޭނެއެވެ. އެކަމަކު މީހުން އަތުން ލާރި އަތުލަން ކެރޭ ހެއްޔެވެ؟ ކޮންމެ މަހަކު އެއްޗެތި ފޮނުވަން މަންމަ ކައިރި ބުނަން ފެށީމާ ގޯހެއް އުޅޭކަން އެމިހުންނަށް ނޭނގި ހުންނާނެ ހެއްޔެވެ؟

އަހަރެން އަނެއްކާވެސް ފަހަން ނިންމީމެވެ. އުމްރާއަށް ދާ މީހެއްގެ އަބާޔާ ހެދުން ތަކެއް ފަހަން ހަވާލުވީމެވެ. ހުސޭނު ރަށަށް އައިސް އަހަރެން ފަހަން އިންދާ ފެނުމުން ހިތްހަމަ ނުޖެހުނެވެ. އޭރު މަންމަ ކައިރީގައި ރޭޑިޔޯ އަޑުއަހަން އަމާނާ އިނެވެ. އެކަމަކު ހުސޭނަށް ވީ 'މަންމަ އެކަނި ބާއްވާފައި' އަހަރެން ފަހަން ފެށިކަމަށެވެ.

"ދެން އަހަރެން އުޅެންވީ ބޮލުގައި އޯމޯ ލައިގެން ވެލިން ދަތް އުގުޅައިގެންތަ؟" ލިބުނު ހިތްހަމަ ނުޖެހުމުގައި އަހަންނަށް ދަތްޕިއްލަ ބާރުކޮށްލެވުނެވެ. ހުސޭނަށް ލިބުނީ ސިހުމެކެވެ. އޭނާ އެކަމާއި ދޭތެރޭ އެއްގޮތަކަށްވެސް ވިސްނާލާފައި ނެތްކަން އެއިން ދޭހަވިއެވެ.

"ފާތުން ލާރިއެއް ބޭނުންވީމާ އަހަރެންނަށް ގުޅާލާފައި ބުނާނަމަ....." އެންމެފަހުން އޭނާ ބުނެލިއެވެ. އެއާއި އެކު އަހަރެން ގާތަށް އައީ ހިންޏެވެ. އަހަންނަށް ޚަރަދުކުރާވަރަށް އޭނާއަށް ލާރި ލިބޭތޯ އަހާލެވުނެވެ. އެފަހަރު ހުސޭނު ދަމުންދިޔައީ ކޮޓަރި މޭޒުމަތީގައި ދުއިސައްތަ ރުފިޔާ ބާއްވާފައެވެ.

***

ދުވަސްތައް ފާއިތު ވަމުންގޮސް ދެހާސް ސާދަ ވަނަ އަހަރުވެސް ނިމެންކައިރި ވިއެވެ. މައިދައިތަ ބަލި އެނދުގައި އޮންނަތާ ދެއަހަރުވެގެން ދިޔައީއެވެ. ޗުއްޓީ ލިބުމާއިއެކު އިޒާން ރަށަށް އައެވެ. އޭނާވެސް ގުރޭޑް ނުވައެއް ނިމުނީއެވެ. އެނާގެ ބައްޕަވީ ކިނބިދޫގައި ކަމުގައި ބުނުމުން ބައްޕަ އަބަދު ކިނބިދޫގައި ކީއްތޯ ކުރަނީ އޭނާ ސުވާލު ކުރިއެވެ.

ހުސޭނު އައީމާ އިޒާން އަށް އެވާހަކަ ކިޔާއިދޭކަށް ނުވޭތޯ އަހަރެން އެހީމެވެ. "މާރީއްޗެއް ނުވާނެ ރަށުތެރެއިން އަޑު އިވުނީމަ!"

އެދުވަހު ހަވީރު ހުސޭނު އޭނާ ގޮވައިގެން ބޭރަށް ދިޔައެވެ. އެނބުރި އައި އިރު އިޒާންގެ މޫނުމަތި ހުރިގޮތުން ހުސޭނު އެވާހަކަ ކިޔައިދިނީކަން އަހަންނަށް ޔަގީންވިއެވެ. އިޒާން އެދިޔަގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އަހަރެން ދިޔައިރު އޭނާ އެނދުމަތީގައި އޮށޯވެލައިގެން އޮތެވެ.

"މަންމަ ކީއްވެ ކުރިން އިޒް ކައިރި އެވާހަކަ ނުބުނީ؟" އޭނާ ސުވާލުކުރިއެވެ. އަދި މިއޮއް ހާ ދުވަހު އޭނާ ކުލަސް ކުދިން ކައިރީގައި "އައި އޭމް އެން އޮންލީ ޗައިލްޑް" އޭ ކިޔާފައި ފޮނި ކަނޑާ ވާހަކަ ބުންޏެވެ.

"އަދިވެސް ތިއީ ހަމަ އޮންލީ ޗައިލްޑް އެކޭ.... މަންމަގެ" އެހެންބުނުމުން އޭނާ އަހަރެންގެ ގައިގަ ބައްދާލިއެވެ. އޭނާ އެންމެ ކަންބޮޑުވީ ހުސޭނު އޭނާ ދެކެ ދެން ލޯތްބެއް ނުވާނެއޭ ހީވެފައިކަން އޭނާގެ ވާހަކައިން ދޭހަވިއެވެ. އިޒާން އެރަށަށް ގެންދަން އޭނާގެ ބައްޕަ ބޭނުންވުމުން އޭނާ ދާން އެއްބަސް ނުވިކަމުގައިވެސް ކިޔައިދިނެވެ.

"ތިހެން ހެދީމާ ބައްޕަ ދެރަވާނެ" އަހަރެން ވިސްނައިދިނީމެވެ. އަދި ބައްޕައާއި އެކު އެރަށަށް ގޮސްލާފައި އަންނަން ދާށޭ އަހަރެން ކިޔަން ފެށުމުން އެންމެފަހުން އޭނާ ދާން އެއްބަސްވިއެވެ.

"ވަރަށް ފަލަ ދޮންމަންމައެއް އެއީ" އެއްދުވަސް ކޮށްފައި އެރަށުން އެނބުރި އައިސް އިޒާން ކިޔައިދިނެވެ.

"ދަރިފުޅާ!" އަހަރެން ހިތްހަމަ ނުޖެހުނެވެ.

"ކީއްތަވީ؟" އިޒާން ގާތަށް ހިނިއައެވެ. "އިޒް ހީކުރީ މަންމައަށްވުރެ މާރީތި މީހެއް ފެނުނީކަމަށް ބައްޕައަށް"

އަހަރެން ދަރިފުޅާއި ދިމާލަށް ބަލައިލީމެވެ. އޭނާވެސް އެކަހަލަ ލާނެއް އެއްޗެތި ބުނެލާވަރަށް ބޮޑުވީތާއޭ ހިތަށް އެރިއެވެ. "ބައްޕަ ކިޔައިދިނެއްނު އެކަން ކުރަން ޖެހުނު ސަބަބު!" އަހަރެން ހަނދާން ކޮށްދިނީމެވެ.

"އެކުދިންނެއް ރައްޓެއްސެއްނޫން އިޒް އަކާ..އުރާލަން އުޅުނީމަވެސް ރޯންފެށީ..އެހެންނޫނަސް އެއީ އަސްލު އިޒް އާއި ރިލޭޓަޑް ކުދިންނެއް ނޫނެއްނު!'

އަހަރެން ހިތްހަމަ ނުޖެހުނެވެ. "އެއީ ދަރިފުޅުގެ ބައްޕަ އަކީ..އެނޫންގޮތަކަށް ދުވަހަކުވެސް ހިތަށް އަރުވައިގެން ނުވާނެ!" ދެން ދުވަހަކުވެސް އެހެން ނުބުނައްޗޭ ބުނީމެވެ. އަހަރެންނާއި ހުސޭނުއާއި އޮތްގުޅުން ކިތަންމެ ގޯސްވިއެކޭ ކިޔާފައި އޭނާއާއި އިޒާންއާއި އޮތް ގުޅުން ގޯސް ކޮށް ބައްޕައެއްގެ ލޯބިން މަހުރޫމްވާކަށް އަހަރެން ބޭނުމެއްނޫނެވެ.

"އާނ މަންމާ އިޒް ނޫޅެމޭ އެހެންމީހުންކައިރީ އެވާހަކަ ދައްކާކަށް!" އަހަރެންގެ ތަންކޮޅެއް އަޑުގަދަވުމުން އޭނާ ކަންބޮޑުވިއެވެ.

ސޮރީއޭ ބުނެލިއެވެ.

އެންމެ ކަންބޮޑުވީ އޭނާ މާލެ ދާގޮތަށް ގޮސް އަހަރެންގެ މަންމަމެން ކައިރީ އެވާހަކަ ދައްކަފާނެތީއެވެ. އޭނާގެ އަސްލު ބައްޕަގެ ވާހަކަ ސިއްރުކޮށްފައި ބޭއްވި ފަދައިން މިވާހަކަވެސް އެންމެންނަށްވެސް ސިއްރުކޮށްފައި ބާއްވާށޭ ބުނުމުން އޭނާ ބޯޖަހާލިއެވެ.އަދި އެވާހަކަ ދައްކަން އޭނާ ލަދުގަންނާނެ ކަމުގައި ބުނެލިއެވެ. އެހިސާބުން އަހަރެން ހިތްހަމަ ޖެހުނެވެ.

އިޒާން ފުރައިގެން ދިޔަތާ މާގިނަ ދުވަހެއްނުވަނީސް، މައިދައިތައަށް ބަދަލުތަކެއް އަންނަން ފެށިކަން ފާހަގަ ކުރެވުނެވެ. ހަރަކާތް މަދުވާން ފެށިއެވެ. އަދި ވާހަކަ ދެއްކުންވެސް މަދުވިއެވެ. ގިނައިރު ދެލޯ މަރާލައިގެން އޮންނަނީއެވެ. އެއަހަރު އެއްކޮށް ދިޔައީ އެކަހަލަ ގޮތަކަށެވެ. ޖީސީ ނިންމާލާފައި އިޒާން ރަށަށް އައި އިރު އޭނާގެ މާމަ ވާހަކަ ދެއްކުން މުޅިން ހުއްޓާލައިފިއެވެ. އިޒާން ގޮވާލީމާ ކުޑަކުޑަކޮށް ހީލާފައި އޮންނަނީއެވެ.

އިޒާން ދެން ބޭނުންވަނީ ވަޒީފާއަކަށް ދާން ކަމުގައި އަހަރުމެން ކައިރީ ބުންޏެވެ. ރިޔާޒް ދޮންބެގެ ރައްޓެއްސެއްގެ ޑައިވް ސެންޓަރަކުން ވަޒީފާ ލިބެން އޮތްވާހަކަ ބުނެދިނެވެ. އެތަނުން އޭނާއަށް ހިލޭ ޑައިވްމާސްޓަރ ކޯސް ހެދޭނެ ކަމަށާއި އޭގެ ބަދަލުގައި އޭނާ ޖެހޭނީ އެތާނގައި ދެއަހަރު ވަންދެން މަސައްކަތް ކުރަންކަމަށްވެއެވެ. އެއީ މާފުށީގައި ހުންނަ ތަނެއްކަމަށްވެސް އޭނާ ކިޔައިދިނެވެ.

"ބައްޕަގެ އޮތީ ހަމަ އެންމެ ނަސޭހަތެއް ދަރިފުޅާ!... ކޮންމެ ތަނެއްގައި ކޮންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ދީނީ ކަންތައްތަކަށް ފަރުވާ ކުޑަ ނުކުރާތި!" ހުސޭނު ބުނެލިއެވެ. "ތިއީ ވަރަށް އެހެންކަހަލަ ދާއިރާއެއް... އެކަމަކު ބައްޕަ ގަބޫލުކުރަން ދަރިފުޅު ގޯސް މަގަކުން ނުހިނގާނެކަން!" އިޒާންގެ ބުރަކަށީގައި ފިރުމަމުން ހުސޭނު ވާހަކަ ދެއްކިއެވެ.

އަހަންނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ކަނޑުގެ އަޑިއަކަށް ދާކަށް އަހަރެން އަދިވެސް އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް ހުސޭނު ބުނާހެން އެމީހަކަށް ދިމާވާން ހުރިކަމެއް ދިމާވާނެއޭ ހިތަށް އަރުވާލާފައި ﷲއާއި ވަކީލުކޮށްލީއެވެ. އަހަރެން ދެރަވިއެވެ. މައިދައިތަ ކައިރީ އަހަރެން ތާށިވެފައި ހުންނަތާ ހަތަރު އަހަރު ވީއެވެ. އަހަރެން މިގަނަ ތެޅިތެޅި ހުއްޓާ އަހަރެންގެ ދަރިފުޅުވެސް ބޮޑުވެގެން ވަޒީފާއަކަށް ދާން ތައްޔާރުވީއެވެ.

ކޮންމެއަކަސް، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ބަލި އެނދުގައި އޮތުމަށް ފަހު އަހަރެން މައިދައިތަ މިދުނިޔެ ދޫކުރީ ދެހާސް ސޯޅަ ވަނަ އަހަރުގެ މެއި މަހުއެވެ. ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްކުރިތާ ތިންވަނައަށް ވީދުވަހުއެވެ. އޭރު މައިދައިތަގެ ގާތް ތިމާގެ އެންމެން ރަށަށް އައިސް ތިއްބެވެ. އިޒާން ފިޔަވައެވެ. އޭރު އޭނާ ހުރީ ޑައިވް ސަފާރީއެއްގައި ގެސްޓުން ނާއި އެކީ ބ. އަތޮޅަށް ގޮހެވެ.

ޖަނާޒާގެ ކަންތައް ނިންމާފައި ރިޔާޒް ދޮންބެވެސް ބޭނުންވީ ވީހަވެސް އަވަހަކަށް މާލެ ދާށެވެ. އަހަރެންވެސް އެމީހުންނާއި އެކީގައި މާލެ ދާ ވާހަކަ ބުނުމުން ދެންއަހަރެން ހަދާނީ ކިހިނެއްތޯ ހުސޭނު ސުވާލު ކުރިއެވެ. އަހަންނަކަށް އެއަށް ޖަވާބު ދޭކަށް ނުކެރުނެވެ. އަހަރެންގެ ނިންމުން އެގިއްޖިއްޔާ އަނެއްކާވެސް މާލެ ނުދެވޭ ގޮތަށް ހިފަހައްޓަ ފާނެތީ ބިރުގަތީއެވެ. އެހެންކަމުން ދެން އިހަށް އަހަރެން ބޭނުމީ މަންމަކައިރިއަށް މާލެ ގޮސްލާށޭ އެންމެން ކައިރީގައިވެސް ބުނީއެވެ. އަހަރެން ދެން އެނބުރި ނާންނާނެކަން އެނގޭނީ ހަމަ އެކަނި އާސިމާއަށެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ދޭނުހޭ ގެންގޮސް ވަޔާއޭ

Popular