އެރޭ އަހަރެން ގެއަށް ލާން އައިސްފައި އިޝާން މައްޗަށް އެރިއެވެ. މަންމައާއި ދޮންބެދައްތަމެންނާއި ބައްދަލުކޮށް ވާހަކަ ދައްކާ ހެދިއެވެ. ދޮންބޭބެ ސަލާމް ކޮށްލާފައި މިދިމާވީ ހާދަ ޒަމާނެއް ކޮށްފައިދޯއޭ ބުނެލިއެވެ. އިވާންކޮއްކޮ ގެއަށް އައީ އަހަރުމެން އެންމެން ސިޓިންރޫމްގައި ވާހަކަ ދައްކަން ތިއްބައެވެ. އޭނަ ވަންގޮތަށް ވަދެ "އިޝާންބޭ" އޭ ކިޔާފައި ގޮވާލީއެވެ. އަހަރެން އެވާހަކަ ބުނީމެވެ. ދޮންތަގެ ވަލީ ވެރިއަކީ ތިއީ ނޫންހޭ ބުނަމުން އެވާހަކަ ބުނެދިނީމެވެ. ކޮންމެއަކަސް އަހަރެންގެ އެންމެ މުހިއްމު މީހުން އިޝާން އާއި ގަބޫލުކަން އެނގުނީމާ އަހަރެން ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.
އަނެއްދުވަހު ހެނދުނު ސައިގެ ކަންތައް ނިންމާފައި ގޭތެރެ ސާފުކުރަން ފެށިއިރުވެސް އަހަންނަށް ހުރެވެނީ އާދަޔާއި ޚިލާފަށް އުފާވެވިފައެވެ. އެފް އެމް ރޭޑިޔޯ އަޅުވައިގެން މުޅި ގޭތެރޭގައި ފެންފޮތި ލަމުން ގެންދިޔައީ ރޭޑިޔޯ އިން އަންނަ ލަވަ އެޔާއި އެއްވަރަށް ކިޔަމުންނެވެ.
"ގަޒަބް ކާ ހެދިން ސޯޗޯ ޒަރާ...."
"ކީއްތަވީ މަންމާ! އަހަރެން ހާދަ އުފާވެފައޭ މިހިރީ" މަންމަ އަހަންނާއި ދިމާލަށް ބަލާލާފައި ހީލުމުން އަހަރެން ބުނެލީމެވެ.
"ގަސަމް ސޭ!" އެލަވައިގަ ޖޫހީ ހިނިތުން ވެލާފައި ހުންނަގޮތް އަހަރެންގެ ހިތަށް ފެނުނެވެ. އަހަރެން މޮޕް ހިފައިގެން އެނބުރިލި ވަގުތު އަހަރެންގެ ދަރިފުޅު ދޮރުން އެތެރޭގައި އަހަންނާއި ދިމާލަށް ބަލަން ހުއްޓާ ފެނުމުން ކުޑަކޮށް ލަދުގަތެވެ.
"ދަރިފުޅާ! ހާދަ ނުގަޑިއެއްގައި ތިއައީ؟" އަހަންނަށް ބުނެލެވުނެވެ.
އެވަގުތު މަންމަ އޭނާ ކައިރީ ސައި ހަދައިދެންތޯ ސުވާލު ކުރިއެވެ. އިޒާން ނޫނެކޭ ބުނަމުން ސޯފާ ގައި އިށީނެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ކަހަލަ ނުތަނަވަސް ކަމެއް ފައުޅުވާކަން އަހަންނަށް ޔަގީންވިއެވެ. އަހަރެން ކުރަން ހުރި މަސައްކަތް ބަހައްޓާފައި އޭނާގެ ކައިރިއަށް ގޮސް އިށީނދެ ސުވާލު ކުރަން ފެށީމެވެ. މާ ހެނދުނަކާ މާލެ ތިއައީ އޯފް ޑޭ އަށް ތޯ އަހާލީމެވެ.
"މަންމަ ތީތަ ބައްޕަ ކައިރިން ވަރިވި ސަބަބަކީ؟" އިޒާން ސުވާލުކުރިއެވެ.
"އޭނ؟!" އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ކާމޭޒު ދޮށުގައި އިން މަންމަގެ މޫނަށް އަހަންނަށް ބަލާލެވުނެވެ.
"އެވަރުގެ ބޮޑު ކަމެއް ނިންމުމުގެ ކުރިން ... ކީއްވެ އިޒްކައިރީ ނުބުނީ؟"
އަހަރެން ވަރަށް ނުތަނަވަސްވިއެވެ. އެއީ ތެދެކެވެ. އަހަރެން އިޒާންއާއި ވަކިން އެވާހަކަ ދައްކަން ޖެހޭނެއެވެ. އޭނާ އަކީވެސް ބޮޑުވެ ތަސައްރަފު ފުދިފައިވާ ކުއްޖެކެވެ.
އެކަން އެގޮތަށް ނިމުނީ ޝޯ އަށް ފަހުގައި ކަމުގައި އަހަރެން ބުނީމެވެ. މިކަމަކާއި އޭނާގެ ބައްޕައާއި އެއްވެސް ގުޅުމެއް ނެތްކަން ހާމަ ކޮށްދިނުމުގެ ގޮތުންނެވެ. އެހިނދު އޭނާ ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ހުއްޓާލިއެވެ.
" ދަރިފުޅު އޭހާ ހިތްހަމައެއްނުޖެހޭ ދޯ؟" އަހަރެން އެސުވާލު ކުރިއިރު މޭތުރުތުރު ލައެވެ. އެޔާއިއެކު އޭނާ އިސްޖަހާލިއެވެ.
އަހަންނަށް ހިންދިރުވާލެވުނެވެ. އޭނާ އެސުވާލަށް ޖަވާބު ނުދިނުމުން އެވެސް ޖަވާބަކަށް ފުދުނެވެ.
"އިޒް ހިތަށް އަރަނީ މަންމައަށް އިޝާންބެ ކަހަލަ މީހަކާއެކީ އުޅެވިދާނެ ބާވައޭ؟ އިޝާންބެމެންގެ ލައިފްސަޓްއިލް ވަރަށް ތަފާތު ވާނެ ބައްޕަ މެންނާ...މަންމަ ހިތްހަމަޖެހޭނެ ބާއޭ ހިތަށް އެރީ" އޭނާ ގެ ސަބަބު އޮޅުންފިލުވައިދޭން މަސައްކަތް ކުރިއެވެ.
އަހަރެން ވިސްނާލީމެވެ. އަހަރުމެން ދެމީހުން ނިންމައިގެން ތިބީ މާޒީގެ ވާހަކަ ނުދައްކާ ދެމީހުންނަކީވެސް ހުހަށް ތިބި ދެމީހުން ވީމާ އެކީގައި އުޅެވޭތޯ ބަލަން ނިންމި ނިންމުމެއް ކަމަށް ބުނެދޭށެވެ.
"އިޝާންބެ ގޯހެކޭ ނޫން މިބުނީ އަނެއްކާ... އިޒްއަށްވެސް ހަމަ ވަރަށް ރަނގަޅު.. އެކަމަކު "
"އެކަމަކު ކިހިނެއްވީ؟" އިޒާން ވާހަކަ މެދުކަޑާލުމުން އަހަރެން އަހާލިމެވެ.
"އިޒް ބޭނުމެއްނޫން މަންމަ އަނެއްކާ ދެރަވާތަން ބަލާކަށް!" އަހަރެންގެ ދަރިފުޅުގެ މޫނުމަތިން އޭނާގެ ކަންބޮޑުވުން ކިތަންމެ ރީއްޗަކަށް ވެސް ފެންނަން ހުއްޓެވެ.
"ކީއްވެ ތިހެން ތިބުނީ؟" އަހަރެން އަހާލިމެވެ.
އިޒާން މާބޮޑުއެއްޗެއް ނުބުންޏެވެ. އޭނާ ބުނެދޭން އެއުޅެނީ ކީކޭ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. އެނގުނުހާވެސް އެއްޗަކީ އިޒާން އެކަމާ ހިތްހަމަ ނުޖެހޭކަމެވެ.
"ބުނެބަލަ ދަރިފުޅާ، ދަރިފުޅު ހިތްހަމަ ނުޖެހެންޏާ މަންމަ ނުކުރާނަމޭ!" އަހަރެން އެހެން ބުނިއިރު އަހަރެންގެ މޭގެ ކޮންމެވެސް ހިސާބަކުން އެއްކަލަ ރިހުމުގެ އަސަރު ފާޅުވިހެން ހީވިއެވެ.
"މައްސަލައެއް ޖެހޭ ދުވަހަކު ކިހިނެތްވާނީ؟ މަންމަ ނިކަން ވިސްނަބަލަ!.. އިޒް އަކަށްވެސް މިހާރު ނޯންނާނެ ދޯ މާފުށި ދޫކޮށްލާފައި ދެވޭކަށް!" އޭނާ އޮޅުން ފިލުވައިދިނެވެ.
އިޒާން އެވެއްޓުނީ ވަރަށް އެހެންކަހަލަ ފައްތަރަކަށްކަން އަހަންނަށް ވިސްނުނެވެ. އެއްކޮޅުން އަހަންނެވެ. އަނެއްކޮޅުން އޭނާ ކޮއްކޮއެއްގޮތަށް ބަލަމުންގެންދާ އިފާއެވެ. އަދި އޭނާގެ އަންހެނުން ރިފްގާއެވެ. އޭނާއަށް މާފުށި ދޫކޮށްލަން ޖެހޭނެކަހަކަ ދުވަހެއް އަތުވެދާނެތީ ކަންބޮޑުވުން ހައްގު ކަމުގައި އަހަންނަށް ގަބޫލުކުރެވުނެވެ.
އެހާ އަވަހަށް ކައިވެންޏާއި ހަމައަށް ނުގޮސް ދުވަސްކޮޅަކު މަޑު ކޮށްލަން އަހަރެންގެ ދަރިފުޅު ޚިޔާލު ދިނެވެ. ދެމީހުން އެކަކު އަނެކަކަށް ދަސްވެ އެކީގައި އުޅެވޭނެތޯ ނުވަތަ ނޫޅެވޭނެތޯ އެނގޭނީއޭރުން ނޫންހޭ އިޒާން ބުނެލިއެވެ.
އަހަރުމެން ދެމީހުން ވާހަކަ ދައްކަން ތިއްބާ މަންމަ އެތަނަށް އައެވެ." ދަރިފުޅާ! މާމަ ބުނަން ވާހަކައެއް؟... މަންމަ ބޭނުން ގޮތަކަށް އެކަން ކުރަން ދޫކޮށްލާ!" މަންމަ އިޒާން ކައިރީ އިށީންނަމުން ވާހަކަ ދެއްކިއެވެ.
"ތި އިޝާން އަކީ ދަރިފުޅުގެ މަންމައަށް ކިހާވަރެއްގެ މީހެއްކަން އެނގޭނަމަ ތިހެނެއް ނުބުނާނެ!" މަންމަ ވާހަކަ ފެށިއެވެ. އެވަގުތު އަހަރެން ލޮލުން އިޝާރާތް ކޮށްފައި ނޫނެކޭ ބުނުމުންވެސް އެތަން ފެންނަކަމަކަށް މަންމަ ނެހެދިއެވެ. މަންމަ ފެށީ އަހަރެން ސްކޫލުގައި އުޅުނުއިރު ކޮޓަރި ފާރުގައި ހިއްޕާފައި އިން އިޝާންގެ ފޮޓޮއާއި ހިސާބުންނެވެ. އެއާއެކު އަހަރެން އެތާނގައި ނީންނާންވެގެން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނީއެވެ.
މާގިނަ އިރުތަކެއް ނުވަނީސް އިޒާން އަހަރެންގެ ކޮޓަރިއަށް އައެވެ. އޭރު އޭނާ ގެއަށް ވަދެގެން އައި އިރު މޫނުމަތިން ފެނުނު ކަންބޮޑުވުމުގެ އަސަރު ފިލާގޮސްފައިވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. އަހަރެންގެ މަންމަ އޭނާ ގާތުގައި ކީ ކީކޭ ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ.
"އަދި ކިރިޔާ މި ވިސްނުނީ އަހަރެން އިފާއާއި ރައްޓެހި ވެދާނެތީ މަންމަ ކަންބޮޑުވީ ކީއްވެގެންކަން" އިޒާން އައިސް އަހަރެންގެ ކައިރީގައި އޮށޯތެވެ. އޭނާ ހިނިތުންވެލި މަންޒަރު ފެނުމުން އަހަންނަށް ލިބުނު ހިތްހަމަ ޖެހުމެއް ބުނެދޭންވެސް ނޭނގުނެވެ. އޭނާގެ ބޮލުގައި ފިރުމާލީމެވެ. އޭނާއަކީވެސް މިހާރު މީހަކާ އިނދެގެން އުޅޭ ޒުވާނެކެވެ. ދެމީހެއްގެ ދެމެދުގައި އެ އުފެދޭ ލޯބީގެ ޝުޢޫރަކީ ކޮބައިކަން އޭނާވެސް ވާނީ މިހާރު ތަޖުރިބާ ކޮށްފައެވެ.
"އިޒްއަށް މަންމަގެ ލައިފު އެނގިފައި އޮންނަނީ ރަށު ސްކޫލް ޓީޗަރަކަށް އުޅުނު ހިސާބުން ފެށިގެން" އޭނާ ބުނެލިއެވެ.
އެހިސާބުން އަހަންނަށް ޖެހުނީ ދިރިއުޅުމުގައި މިހާތަނަށް ކަންހިނގާ ދިޔަގޮތް މަތިމަތިން އޭނާއަށް ކިޔައިދޭށެވެ. އިފާގެ މަންމަ އަކީ އަހަރެންގެ ކާކުކަމާއި އޭނާއަށް ޓަކައި ހުރިހާ އެއްޗެއް ދޫކޮށްލާފާއި ދިޔަ ވާހަކައެވެ.
"އިފާ އަކީ ކާކުކަން އެނގުނީމާ ވަރަށް އުނދަގޫވި... މަންމަ އަސްލު ބޭނުމެއްނޫން އެދެމީހުންނާއި އަލުން ގުޅުން ބަދަހި ކުރާކަށް!" އަހަރެން ކިޔައިދިނީމެވެ. އެކަމަކު އެދަތުރަށް ފަހު އިފާގެ ބައްޕަ ދޭތެރެއަކުން ގުޅާ ވާހަކަ ދައްކާ ވާހަކަ އަހަރެން ކިޔައިދިނީމެވެ.
"އެކަމަކު އެކަހަލަ ގޯސް ނިޔަތަކު ނޫން އިނގޭ! އިޝާންބެ އަބަދުވެސް ދައްކާނީ އިފާގެ ވާހަކަ!" އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.
"އިފާ އަބަދުވެސް ބުނާނެ އިޒް މަންމަ ކަހަލަ މަންމައެއް ލިބޭނެ ނަމައޭ!" އިޒާން ބުނެލިއެވެ. އަދި މިކަމާ އެންމެ އުފާވާނީ އޭނާކަމުގައި އިޒާން ބުނެލިއެވެ.
"އެހެންވީމާ މިހާރު ދެން ދަރިފުޅު ގަބޫލުތަ؟" އަހަރެން އަހާލީމެވެ.
"އާނ!... އިޒްގެ އެންމެ ބޮޑު އެއްވޮރީ އެއީ މަންމަ އެކަނި އުޅޭތީ... އަބަދުވެސް ހިތަށް އަރާ މަންމަ ހެޕީ ބާވައޭ" އޭނާ ބުނެލިއެވެ.
"ދަރިފުޅާ! ދެން ނުޖެހޭނެ މަންމައާއި މެދު ފިކުރު ކުރާކަށް! އިރާދަ ކުރެއްވިއްޔާ މަންމަގެ ހަޔާތުގައި ދެން އޮތީ އުފާވެރިކަން!" އަހަރެން ބުނެލީމެވެ.
***
ކޮންމެއަކަސް، އަހަރެން، ފާތުމަތު ރާނިޔާ ހަސަން، އާއި އަހުމަދު އިޝާން، އަށެއް އޯގަސްޓު ދެހާސް ނަވާރަ ވީ ބުރާސްފަތި ދުވަހުގެ ރޭ ކައިވެނި ކުރެވި، އަހަރެން މީގެ ފަންސަވީސް އަހަރު ކުރިން ކުރަން ފެށި އިންތިޒާރު ނިމުމަކަށް އައެވެ.
ކައިވެނީގެ ހަފްލާ އޮތީ އިޝާންމެންގޭ ޓެރަސް މަތީގައެވެ. ދެމީހުންގެ ހަޔާތައް އައި އެންމެ އުފާވެރި ވަގުތުކޮޅު ގައި ބައިވެރިވެ ހިއްސާކުރަން ތިބީ އަހަރުމެންދެކެ އެންމެ ލޯބިވާ އާއިލާ މީހުން އެކަންޏެވެ. އެއީ އަހަރުމެން ބޭނުންވީ ގޮތެވެ.
"ދުވަހަކުވެސް ހިތަކަށް ނާރާ އަހަންނަށް ދޮންތައަށް ވަލީ ދޭން ޖެހިދާނެކަމަކަށް!" ކައިވެނިކޮށް ނިމުމުން އިވާންކޮއްކޮ އައިސް ބައްދާލާފައި ބުނެލިއެވެ. އަހަރެން އުފަލުންގޮސް ލޮލުން ފެންއައެވެ. ދެން އައީ ސަލާމް ކުރުމާއި ފޮޓޯ ނެގުމުގެ ވަގުތުކޮޅެވެ. އެކަން ނިމުމުން އަހަރެން އެއްކައިރިއަށް ޖެހިލީމެވެ. އެ އުފާވެރި ހަފްލާ ދުރުން ބަލަން ހުރީމެވެ. އަހަންނަށް ހަމަ އަސްލުގައިވެސް އިޝާން ލިބުނީ ހެއްޔެވެ؟
އަހަރެން އާސިމާއަށް ގުޅާލީމެވެ. ކައިވެނި ކޮށް ނިމުނު ވާހަކަ ބުނުމުން އޭނާގެ ރާގުގައި "ފާތުން ކަލޭ ގަދަ އިނގޭ" އޭ ބުނެލިއެވެ. އަހަރެން ހަދަނީ ތެދުކަން އޭނާއަށް ގަބޫލު ކުރެވުނީ ދާދި އިހަކަށް ރެއަކުއެވެ. އިޝާން ކައިރީގައި އިންދާ ފޯނު ކޮށްފައި ވީޑިއޯ ޖެއްސީމައެވެ. އޭނާ އަހަންނަށްޓަކައި ވަރަށް އުފާވާ ވަހަކަ ބުންޏެވެ.
އެ ފޯނު ނިންމާލިތަނާ އިޝާން އަހަރެންގެ ކައިރިއަށް އައެވެ. އެކަނި މާއެކަނި ތިހިރީ ކިހިނެތްވެފައި ތޯ ސުވާލުކުރިއެވެ. އަހަރެން އާސިމާއާއި ގުޅާލީ ކަމުގައި ބުނީމެވެ.
"އަދިވެސް ގަބޫލު ނުކުރެވޭ މިއީ ހަމަ ހަގީގަތެއްކަމެއް!" އަހަރެން ބުނެލީމެވެ. އަދި އެތާނގައި އެކަނި ހުރެ ލޯ މަރާފައި ލޯ ހުޅުވާ، އެއީ ހުވަފެނެއް ނޫންތޯ ބަލާ ޔަގީން ކުރި ވާހަކަ ކިޔައިދިނީމެވެ. އެވަގުތު އިޝާން މި ޕާރޓީ ނިންމާފައި އެންމެން ދާނީ ކޮންއިރަކުން ހެއްޔޭ ސިއްރު ސިއްރުން އަހާލަމުން އަހަންނާއި ކައިރިވާން ފެށިއެވެ.
"އޭ ނޫން.. ތިތިބީ ދަރިން ކައިރީގައި!" އަހަރެން އިޝާރާތް ކޮށްލީމެވެ.
އޭރު އަހަރުމެންނާއި ދާދި ކައިރީގައި އިފާއާއި އިޒާން އަދި އިފާގެ ދެބެންގެ ދެދަރި ދައްތަ ސުހާ ތިއްބެވެ. އެކުދިން ކޮންމެވެސް ވާހަކައެއް ދައްކާފައި ހޭންފެށިއެވެ. ކައިވެންޏަށްޓަކައި އިފާ މާލެ އައިއިރު ޝެރީންވެސް އޮތީ އޭނާއަށް ވަރަށް ގިނަ އެއްޗެތި ކިޔާދީފައެވެ. އޭނާގެ ބައްޕަގެ 'ރީނާ' އަކީ މިއީ ކަންވެސް އެނގިފައެވެ. އޭނާއާއި އިޒާން އާއި ދެކުދިންވެގެން އަހަރުމެން ދެމީހުންގެ މާޒީގެ ވާހަކަ އޮޅުންފިލުވާ ހިތުން ވަރަށް ސުވާލު ކުރަން މަސައްކަތް ކުރެއެވެ.
"ލަތީވެސް މަޖާވެފައި ވާހަކަ ދައްކާއިރު ވަރަށް ގިނައިން ހަދާނެ އެހެން.." އެކުދިންގެ ހަރަކާތަށް ބަލަން ހުރެފައި އިޝާން ބުނެލިއެވެ.
"އިފާ ރަށުން ފުރިދުވަހު އޭނާގެ ގައިގާ ބައްދާލީމާ އަހަންނަށް އިހުސާސް ވީ މަގޭ އަމިއްލަ އަންހެން ދަރިއެކޭ އެއީ.. އޭނާ އަށްޓަކައި ހަމަ އެ ލޯބި އުފެދުނީ ހިތުތެރޭގައި!" އަހަރެން ބުނެދިނީމެވެ.
"ރީނާ އެހާ ލޯބި ތިވީ އެއިރުވެސް މަގޭ ކުއްޖެއްކަން އެނގޭތީ!"
އުނހޫ... އެއީ މަގޭ ކުޑައިރުގެ ބެސްޓު ފުރެންޑުގެ ދަރިއެއް ވިމާ" އަހަރެން ސަމާސާ ކޮށްލީމެވެ.
އެވަގުތު ސަމީރުމެން ވަދެގެން އަންނާތީ ފެނުނެވެ. އަހަރުމެން ދެމީހުން އެމީހުންނަށް އިސްތިގުބާލުކުރަން ދާން ހިނގައިގަތީމެވެ.
"ނަވާރަ ސަތޭކަ ނުވަދިހަ ހަތަރެއް ދޯ ތިކީ" ސަމީރު އަހަރުމެންނާއި ސަލާމް ކޮށްލާފައި ބުނެލިއެވެ. އެއީ އަހަންނާއި އިޝާން އާއި ފުރަތަމަ ރައްޓެހިވި އަހަރުކަން އޭނާއަށް އެނގުނެވެ.
"ވަރަށް މޮޅު އެހާ ފަސޭހައިން ވިސްނުނީތީ" އަހަރެން ދިމާކޮށްލީމެވެ.
"ތި ހެދުން ވަރަށް ރީތި ފޮޓޯއަށް.. އިޝާންގެ ގަމީހު ކުލަޔާއި އެކުވީމާ ވަރަށް ރީތި ލުކް އެއް ހުންނަނީ" ސޫޒަން ފޮޓޯ ނަގަމުން ބުނެލިއެވެ.
"އެހެންވެގެންނޭ މިހެދުން ލާން ނިންމީ.. ދޯ އިޝާން!" އަހަރެން އޭނާގެ އުނަގަނޑުގައި ހިފާލީމެވެ.
އަހަރުމެން ދެމީހުންވެސް ކައިވެންޏަށް އާހެދުމެއް ނުފަހަމެވެ. އަހަރުމެން ނިންމީ ޝޯގައި އަހަރުމެން ލީ ހެދުން ލާށެވެ. އަހަރެންގެ ކަޅު ރަތްކުލައިގެ ދިގު ހެދުމާއި އިޝާންގެ ހުދު ގަމީހެވެ. އެއީ އަހަރުމެން ދެމީހުން އަލުން ބައްދަލުވިއިރު ލެވިފައި ތިބި ހެދުން ކަމަށް ވާތީއެވެ.
ޕާޓީ ނިމި، އެންމެންވެސް އަހަރުމެންނަށްޓަކައި ހެޔޮ ދުޢާ ކުރަމުން ނުކުމެގެން ދިޔައެވެ. އިފާވެސް ނިދާނި ސުހާ ކައިރީގައޭ ބުނަމުން އެމީހުންނާއި އެކީ ތިރިއަށް ދިޔައެވެ. އަހަރެން ފާރުބުރި ކައިރިއަށް ހުއްޓި އުޑު މައްޗަށް ނަޒަރު ހިންގާލީމެވެ. ރެއަކީ ކަޅު ފޮއެ ރެއެކެވެ. އުޑުމަތީގައިވާ ތަރިތައްވެސް އާދަޔާ ޚިލާފަށް ގަދައަށް ވިދާ ބަބުޅަމުންދާކަން އަހަންނަށް ފާހަގަކުރެވުނެވެ. އަހަރުމެންގެ ކައިވެނީގެ އުފަލުގައި މުޅި ކާއިނާތުގައިވެސް ބޮކިފަތި ދިއްލައިލާފައިވާ ކަހަލައެވެ.
ފުރަގަހުން ހިލަމެއްވީހެން ހީވެގެން ބަލައިލިއިރު އަހަރެންގެ ފިރިމީހާ އައިސް ހުއްޓެނީއެވެ ."ސިންގަޕޯރ އެއަރލައިންސް" ޖައްސަންއައި ބޯޓެއް އޭނާ ދައްކާލިއެވެ.
"އެންޑު ފައިނަލީ އައި އޭމް ޔޯޒް..." އޭރު އަޑުއިވެމުންދާ ލަވަ 'ލޭޑީ'ގެ ރާގާއި އެއްވަރަށް އޭނާ ކިޔާލިއެވެ. އަދި އަހަރެން އޭނާ އާއި ދިމާލަށް އަނބުރާލަމުން އެއީ ކޮންއިރަކު އަހަރުމެން ދެމީހުން އަޑުއެހި ލަވައެއްކަން ހަނދާން އެބަހުރިތޯ އަހާލިއެވެ.
އަހަރެން ބޯޖަހާލީމެވެ. އޭނާ އަހަންނާއި ދިމާލަށް ބަލަން ހުރިގޮތުން އެހިތުތެރޭގައިވެސް ހިނގަމުން ދަނީ ހަމަ އެހަނދާންތަކާއި އެއާއިއެކުގައިވާ އަސަރުތައްކަން އަހަންނަށް ވިސްނުނެވެ.
"ދޭއް ސެޕްޓެމްބަރ ނަވާރަސަތޭކަ ނުވަދިހަ ހަތަރެއް!" އަހަރެން ޖަވާބު ދިނީމެވެ.
"ރީނާ ޑޭޓްވެސް ހަނދާން އެބަހުރިތަ؟"
އޭނާގެބީހިލުމަށް އަހަންނަށް ލޯމަރާލެވުނުއިރު އަހަންނަށް މާޒީގެތެރެއަށް، މީގެ ފަންސަވީހަކަށް އަހަރު ކުރިއަށް ދެވިއްޖެއެވެ. އެންމެފަހުން އަހަންނަށް އެލޯބި ހާސިލުވީއެވެ. އެވަގުތު އަހަރެންގެ ހިތަށް ވަނީ އަހަރެން ހަދަން ފެށި ލަވަ ނިންމާނެ ގޮތެވެ.
"އިޝާން!"
"ހޫމް.."
"ނާޒުކު ގެ ބަދަލުގައި ފިރިހެނަކަށް ބޭނުންކުރާނީ ކޮންބަހެއް؟" އަހަރެން އަހާލީމެވެ.
އަހަރެންގެ ފިރިމީހާ ސުވާލުން ފުރިފައިވާ ގޮތަކަށް އަހަރެންގެ މޫނަށް ބަލަންފެށިއެވެ. އަހަރެން ގާތަށް ހިނިއައެވެ.
"ވަރަށް ކުރިން އަހަރެންގެ ބެސްޓުފުރެންޑު ކައިރީގައި ބުނިން އަހަރެން ހަދަންފެށި ލަވަ 'ދޭނުހޭ ގެންގޮސް ވަޔާއޭ' ނިންމޭނީ އެލަވައިގައި އެ މުޚާތަބުކުރާ މީހާ ލިބުނު ދުވަހަކުންނޭ!"
"އޯ އެހެންތަ؟"
އަހަރެން އާނއެކޭ ބުނަމުން އޭނާގެ ކަނދުރާގައި ދެއަތް އަޅުވާލީމެވެ. "ރީތި ނާޒުކު ލޯބިވާ ޔާރާ އެކޭ ނުކިޔޭނެއެންނު ފިރިހެނަކަށް؟"
"ފަހުން... މިވަގުތު އަހަރެންގެ ސިކުނޑިއަކު ނެތް އެހެންކަމަކާ ވިސްނާނެހާ ހިތްވަރެއް!" އެހެންބުނަމުން އޭނާ އަހަރެން އުފުއްލާލިއެވެ. އަދި އޭނާގެ އެޕާރޓުމެންޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. -- ނުނިމޭ --