15 Jun 2024

ޝިއުނާ އޮތީ ބިންމަތީގައެވެ. ދެއަތާއި ދެފައި ބަނދެފައެވެ. މޫނު ނިވާކޮށްގެން ތިބި މީހުންތަކެއް އޭނާ ވަށައިގެން ތިއްބެވެ. ކޮންމެ މީހެއްގެ އަތުގައި އަލިފާން ރޯކޮށްފައިވާ ދަނޑިތަކެއް ހުއްޓެވެ. އެމީހުން، އެދަނޑިތައް އެއް ހަމަ އަކަށް ބިންމަތީ ޖަހަމުން ، ފާޑެއްގެ އަންބާއެއް ކިޔަމުން ވަށާ ހިނގަމުން ގެންދިޔައެވެ.

ޝިއުނާ އެތަނުން ސަލާމަތް ވެވޭތޯ ގަދަ އަޅާ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެނަސް އަތެއް ފަޔެއް ގުޑުވާ ނުލެވުނު ތާނގައި، ހަޅޭއްލަވަން އުޅެ އުޅެ އަޑެއްވެސް ނުނިކުތެވެ.

އިރުކޮޅަކުން، އެމީހުންގެ ހިނގުން އަވަސްކޮށްލިއެވެ. އެޔާއިއެކު ކިޔަމުން ދިޔަ އަންބާވެސް އަވަސްވެ، އަޑު ބާރުވެގެން ދިޔައެވެ. އޭގެ އިތުރުން ވަރަށް ތޫލި އަޑަކުން "އޮޅޮ.. އޮޅޮ.. އޮޅޮ ..އޮޅޮ" އޭ ކިޔާއަޑުވެސް އިވެންފެށިއެވެ.

މަންޒަރު ބަލަން ނިކަގަހުގެ އޮފިގަނޑެއްގައި އިށީދެލައިންގެ ވަރަށް ހިނިއައިސްފައި އިން މީހަކު ޝިއުނާގެ ލޮލުގައި އަޅައިގަތެވެ. ކުއްލިއަކަށް އެމީހާ ގަސްމަތިން ފުންމާލިއެވެ. އެއި ގޮތަސް އައިސް ޝިއުނާގެ ބޮލާއި ދިމާލަށް ހުއްޓުނެވެ. އޭނާގެ ދެލޯ ހީވަނީ ރަތް އަނގުރު ކޮޅެއް ހެންނެވެ. އޭނާގެ އަތުގައި އޮތް ކޮޅު ފޭއްސާފައިވާ ދަނޑި ބުރި ޝިއުނާގެ މެޔާ ދިމާކޮށްލިއެވެ.

"މަންމާ!" އެވަގުތު ޝިއުނާގެ އަޑު ނުކުތެވެ. ނުހަނު ބާރަށެވެ.

ޝިއުނާއަށް ލޯ ހުޅުވާލެވުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. ކޮޓަރީގައިވާ ފެންލައިޓުން ދުވާލުގެ އަލި ކޮޓަރިތެރެއަށް އެޅިފައި ހުއްޓެވެ. އޭނާގެ ވަށައިގެން ތިބި ބިރުވެރި މީހުން ތަކުގެ އެއްވެސް ނިޝާނެއް ކޮޓަރި ތެރެއަކުން ފެންނާކަށް ނެތެވެ. އެއީ އޭނާއަށް ފެނުނު ހުވަފެނެއްކަން ވިސްނުނު ހިނދު ކޮންމެވެސް ވަރެއްގެ ހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. އޭރުވެސް އެ ހުވަފެނުގައި އޭނާ ގަތް ބިރުން މޭތެޅުން ހަމައަކަށް ނޭޅެއެވެ. މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ.

ޝިއުނާއަށް މީގެ ކުރިންވެސް ހަމަ އެކަހަލަ ބިރުވެރި ހުވަފެން ފެނެއެވެ. އަބަދުވެސް ފެންނާނި ބިރުވެރި ސިފައެއްގައި ތިބޭ ބަޔަކު އޭނާ ފަހާ ދުވާ ތަނެވެ. އޭނާ މަރާލަން އުޅޭ ތަނެވެ. ރޯވެ، ހުޅުފަޅާފައިވާ ގަސްތަކެއްގެ ތެރެއަށް ވަދެވިގެން އުޅެނިކޮށެވެ.

އެކަމަކު މިހާރު ، އޭނާއަށް އެކަހަލަ ހުވަފެނެއް ނުފެންނަތާ އެތަކެއް އަހަރެއް ވެދާނެއެވެ. އެހާ ދުވަސް ކޮށްފައި އަނެއްކާ އެހުވަފެން އެ ފެނުނީ ކީއްވެގެންބާވައޭ އޭނާ ހިތަށް އަރަން ފެށިއެވެ. އޭނާގެ އުނަގަނޑުގައި އޮތް ފައްޓަރުގައި އަތްޖައްސާލެވުނެވެ. އޭގައި ވާ ބަޑި އޮތްތޯއެވެ. އެއީ އޭނާއަށް އެކަހަލަ ހުވަފެން ފެންނާތީ އަޅުވާފައި އޮންނަ އެއްޗެއްކެވެ. އޮޅިގެންވެސް އެ ބަޑި އޭނާގެ އުނަގަނޑުން ނުނަގައްޗޭ އޭނާގެ ކައިރީގައި މަންމަ އާއި ބައްޕަގެ އިތުރުން ބޮޑުދައިތަ ވެސް އަބަދުވެސް ބުނާނެއެވެ.

އޭރު ހަގަޑި ބައިވަނީއެވެ. ޝިއުނާ، ތެދުވެ ރީތިވެލާ ހަދައިގެން ބޭރަށް ނުކުތްއިރު އޭނާގެ މަންމަ ބަދިގެތޭރޭގައި އުޅެއެވެ.

"މަންމާ! އަނެއްކާވެސް އެއްކަލަ ބިރުވެރި ހުވަފެން ފެނިއްޖެ!" ޝިއުނާ ގޮސް އޭނާގެ މަންމަ، ހުސްނާގެ ފުރަގަހުން ބައްދާލަމުން ބުނެލިއެވެ. އެޔާއިއެކު ހުސްނާއަށް ވެސް އޭނާގެ އުނަގަނޑުގައި އަޅުވާފައި އޮންނަ ތަވީދު ކޮބައިތޯ އަހާލެވުނެވެ.

ހުސްނާއަށް އެނގިފައިވާ ގޮތުގައި އެއީ ޝިއުނާ ވަރަށް ކުޑަކުޑަ އިރު ދިމާވެފައިވާ ޖިންނި ފަރާތު ކަމެކެވެ. ޝިއުނާގެ ދޮންމަންމަ އެއްގެ ގޮތުގައި ހުސްނާ އެގެއަށް އައި އިރު ޝިއުނާގެ އުމުރުން ތިން އަހަރުވެސް ނުފުރެއެވެ. އޭރުވެސް އޭނާގެ އުނަގނޑުގައި އެ ބަޑި އަޅުވާފައި އޮވެއެވެ. އޭރު އޭނާ ވަރަށް ގިނައިން ދަންވަރު ހޭލާފައި ބިރުން އުޅޭނެއެވެ. އެހެންނަމަވެސް އޭނާ ބޮޑުވަމުން އައި ވަރަކަށް އެ ހުވަފެން ފެނުން ދުރުވަމުން ގޮސް މިހާރު އެކަހަލަ ހުވަފެނެއް ފެނުނު ވާހަކަ ނުދައްކާތާ ދިހަވަރަކަށް އަހަރު ވެދާނެ ކަންނޭނގެއެވެ.

"ހަމަ ކުޑައިރުވެސް ފެންނަހެން މޫނު ނިވާކޮށްގެން ތިބި ކަޅު ކަޅު މީހުންތަކެއް.... އެތަނުން މީހަކު އުޅުނީ ޝިއު ގަޔަށް ދަނޑިބުރިއެއް ކަހަލަ އެއްޗެއް ހަރާލަން... ހަރާލަން އުޅެނިކޮށް ހޭލެވުނީ" ޝިއުނާ ކޮފީ ތައްޓެއް ހަދަމުން އެހުވަފެން ކިޔައިދެމުން ގެންދިޔައެވެ. އަނެއްކާ އެގޮތަށް ހުވަފެން ފެންނަން އެފެށީ ކީއްވެގެން ހެއްޔޭ އޭނާ ސުވާލު ކުރިއެވެ.

"ދަރިފުޅު މާގިނައިން އެކަހަލަ ކަންތަކާ ޚިޔާލު ކުރަނީ ކަންނޭނގެ، ވާނީވެސް އެހެންނެއްނު ޓީވީ ހުޅުވާލިއަސް އަބަދުވެސް ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ކޮންމެވެސް ކަހަލަ ލޭ އޮހޮރުވުމެއް ހިނގާ ބައެއްގެ ފުރާނަ ގޮސްގެން އުޅޭ ޚަބަރު ފެންނާނީ" ހުސްނާ ޖަވާބު ދިނެވެ.

"ވެދާނެ ތިހެންކަމަށް ވެސް!.. އެކަމަކު ރޭގައި އެކަހަލަ އެއްވެސް ކަމަކާ ވިސްނަމަކުންނެއް ނޫން ނިދީ" ޝިއުނާ ބުނެލިއެވެ.

"ދެން ކޮންކަމާކަ ތަ ވިސްނީ... އަނެއްކާ ހައިޝަމް އާއި ދެކުދިން މައްސަލަ ޖެހުނީތަ؟" ހުސްނާ ކުޑަކޮށް ލާނެއްގޮތަކަށް ސުވާލުކޮށްލިއެވެ.

އެއާއި އެކު ޝިއުނާ މަޑުމަޑުން ބޯ ޖަހާލީއެވެ. އޭނާ އާއި ހައިޝަމް އާއި ރައްޓެހިވެގެން އުޅޭކަން މަންމައަށާއި ބައްޕައަށް ވެސް އެނގެއެވެ. ހައިޝަމް އާއި ދެކުދިން ދޭތެރެއަކުން ކޮންމެވެސް ކުންޏެއް ޖެހިގެން އެކަމާ ޝިއުނާ މާޔޫސްވެގެން އުޅޭ ތަން އޭނާގެ މަންމައަށް މީގެ ކުރިންވެސް ވަނީ ފެނިފައެވެ.

"އަނެއްކާ ކިހިނެއްވީ މިހާރު؟"

"އޭނާ ދެން އެއްގޮތަކަށްވެސް ކެއަރ ކުރާހެނެއް ހިޔެއްނުވޭ މަންމާ!" ޝަކުވާގެ ރާގެއްގައި ޝިއުނާ ފެށިއެވެ. "އަންނާނަމޭ ބުނެފައި ނާދެވުނީމާ ގުޅާލާފައި ބުނެލާނަމަ......އެވަރުވެސް ކުރެވޭ ކަމަކަށް ނުވޭ... ރޭގަވެސް ކިހާއިރެއް ވަންދެން ޝިއު ހުރިން... އާދޭތޯ"

"ދެން ދަރިފުޅު އަމިއްލެއަށް ގުލާފައި ރުޅި ގަދަވީ... އެހިސާބުން ހައިޝަމް ހިތްހަމަ ނުޖެހިގެން ފޯނު ކަނޑާލީ؟"

ޝިއުނާ ހައިރާންވިއެވެ. ކަން ހިނގާދިޔަގޮތް އޭނާގެ މަންމައަށް އެހާ ރީތިކޮށް އެނގުނީ ކިހިނެތް ހެއްޔޭ ހިތަށް އެރިއެވެ.

"އެވަރުން ހިތްހަމަ ނުޖެހިގެން ދެވަނަ ފަހަރަށްވެސް ދަރިފުޅު ގުޅީމެއްނު!"

"އާނ! ... ކިހިނެތް މަންމައަށް އިނގުނީ؟ އަނެއްކާ ހައިޝަމް ގުޅީތަ ؟" ހައިރާންކަން މަތީ އިނދެ އޭނާ ސުވާލު ކުރިއެވެ.

އެވަގުތު ހުސްނާ ކުރު ހިނިގަނޑެއް ޖަހާލިއެވެ. ހައިޝަމް ގުޅީ ކީ ނޫންކަމަށާއި މަންމަވެސް ދުނިޔޭގައި އުޅެ މިވަރުވެފައި މިހިރީ ތިޔަކަހަލަ ތަޖުރިބާ ކޮށްގެން ކަމުގައި ބުނެލިއެވެ.

"ދަރިފުޅު ދެވަނަ ފަހަރަށް ގުޅިމާ އޭނާ ހިތްހަމަ ނުޖެހިގެން ފޯނު ކަނޑާލީއެއްނު ދޯ... ދެންވެސް ދަރިފުޅު ދުލެއް ނުކުރަމެއްނު އަނެއްކާވެސް ގުޅީ!" އޭނާގެ މަންމަ މަޖާވެފައި ވާހަކަ ދައްކަމުން ދިޔައެވެ. "މަންމައަށް އިނގޭ ދަރިފުޅުގެ މިޒާޖު ވެސް!"

"އުހޫ ދެވަނަ ފަހަރަށް ގުޅީމާ ނުނަނގާފަ ދެން ފޯނު އޯފް ކޮށްލީ!" ވީގޮތް ޝިއުނާ ކިޔައިދިނެވެ.

"ދެން އެހިސާބުން ދަރިފުޅު ލޮލުން ކަރުނަބާލާ ބާލީސް ފޯކުރަން އޮތީ ދޯ ނުނިދާ!" އޭނާގެ މަންމަ ބުނެލިއެވެ.

"އުހޫ ، ނޫން މަންމާ! ނުއެއްރޮން... އެކަމަކު ވަރަށް މާޔޫސްވޭ ބައެއްފަހަރަށް ހައިޝަމް ކަންތައް ކުރާ ގޮތުން... އެގޮތަށް ފޯނު ނިއްވާލައިގެން ނުވާނެ ދޯ.. އެހެންވެ ޝިއުއަށް ހީވަނީ އޭނާ އެހާ ކެއަރއެއް ނުކުރެޔޭ!"

"މަންމައަށް ހީވާ އެއްޗެއް ބުނަންތަ؟ ދަރިފުޅަށް އޭނާއައި ހެދި މާ ވަރަކުން އުޅެވެނީ... ނިކަން އަޅާވެސް ނުލާ ހުރެބަލަ... ފިރިހެނުންނަކީ އެމީހުންނާއި ހެދި މީހަކު އުޅެންޏާ ވަރަށް ފޮނިވާ ބައެއް!"

"ބައްޕަ ވެސްތަ؟" ޝިއުނާއަށް މަޖާވެގެން އަހާލިއެވެ.

ހުސްނާ ހިނިތުންވެލިއެވެ. އެވަގުތު ޝިއުނާގެ ކޮއްކޮ ޝަހުދު ސްކޫލަށް ދާން ތައްޔާރުވެގެން އެތަނަށް އައެވެ. ވަރަށް ލަސްވެއްޖެ ކަމަގައި ބުނަމުން މޭޒުމަތިން ދޮންކެޔޮ ވަކެއް ނަގައިގެން ކަމުންކަމުން ނުކުންނަން ހިނގައިގަތެވެ.

"ކޮއްކޮ ކޮންކަމެއްގަތަ ތިއުޅެނީ!" ޝިއުނާ އަހާލިއެވެ.

"އެސެމްބުލީ ޕުރެކްޓިސް!"

ޝަހުދު ނުކުމެގެން ދިޔުމުން އެދެމައިން ދައްކަމުން ގެންދިޔަ ވާހަކަ އަނެއްކާވެސް ކުރިއަށް ގެންދިޔައެވެ. އޭނާ ގެ މަންމައާއި އެގޮތަށް ވާހަކަތައް ޝެއާރ ކޮށްލެވޭތީ ވަރަށް އުފާވާ ކަމުގައި ޝިއުނާ ބުނެލިއެވެ.

"މަންމަވެސް ވަރަށް އުފާވޭ ދަރިފުޅު ހުރިހާ ވާހަކައެއް ތިގޮތަށް ކިޔައިދޭތީ!" ހުސްނާ ބުނެލިއެވެ.

ޝިއުނާ އުފަލުން ހިނިތުންވެލިއެވެ. އޭނާ އަކީ މިހާރު އުމުރުން ނަވާރަ އަހަރުވެފައިވާ ޒުވާނެކެވެ. އޭނާ އެންމެ ތުއްތު އިރު އޭނާގެ އުފަން މަންމަ މިދުނިޔެ ދޫކޮށްފައި ވިއެއް ކަމަކު، ޝިއުނާ ބޮޑުވެގެން އައީ މައެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ އަށް ލިބިގެންނެވެ. އެހެންކަމުން ހުސްނާއަކީ އުފަން މަންމަ ނޫންކަމެއް ގިނަފަހަރަށް ޝިއުނާ ހަނދާނެއްވެސް ނުހުރެއެވެ.

ޝިއުނާ ކޮފީ ތަށި ހިފައިގެން އޭނާގެ މަންމައާއި ވާހަކަ ދައްކަން ބަދިގޭގައި އިންދާ ގޭގެ ލޭންޑުލައިނު ފޯނު ވާން ފެށިއަޑު އިވުނެވެ. އޭރު ހުސްނާ ހުރީ ފުށް މޮޑޭށެވެ.

"ޔަގީން އެވާނީ ބައްޕައަށް... މާރުކޭޓުން ކޮންމެވެސް މޮޅު އެއްޗެއް ފެނުނީ!" އެއަޑު އިވެން ފެށުމުން ހުސްނާ ބުނެލިއެވެ.

ޝިއުނާގެ ބައްޕައަކީ ކޮންމެ ދުވަހަކު ހެނދުނު ހެނދުނާ މަގުމައްޗަށް ހިނގަން ނުކުންނަމީހެކެވެ. އެހެން ގޮސް މާރުކޭޓުން އެއްޗެތި ގަނެގެން އައުމަކީ އޭނާގެ އާދައެކެވެ. އޭނާ ގުޅާ ވަގުތު ހުސްނާއަށް ފޯނު ނުނެގިއްޖިއްޔާ ދެން އޭނާ ގުޅާނީ ގޭގައި އިންނަ ލޭންޑު ލައިނު ފޯނަށެވެ.

ޝިއުނާގޮސް ފޯނު ނަގާފައި 'އައްސަލާމް އަލައިކުމް' އޭ ބުނެލި ވަގުތު އެކޮޅުން އިވުނީ ނުދަންނަ އަޑެކެވެ. ސަލާމް ވެސް ބަލައިނުގަނެ ޝިއުނާއާޢި ބައްދަލު ކުރެވިދާނެތޯ އެއްސެވެ.

"ވާހަކަ ދައްކަނީ ޝިއުނާ... ތީ ކާކުތޯ؟"

އެއަޑު އެމީހަކަށް އިވުނު ހެނެއް ހިޔެއްނުވެއެވެ. ދެވަނަ ފަހަރަށްވެސް ޝިއުނާ ކޮބައިތޯ ސުވާލު ކުރިއެވެ.

"މިއީ ޝިއުނާއޭ... ތިއީ ކޮންބޭފުޅެއްތޯ؟" ޝިއުނާ ތަންކޮޅެއް ބާރަށް ޖަވާބު ދިނެވެ.

އެމީހަކު ފޯނު ތެރެއަށް ކެއްސައިގަތް އަޑު އިވުނެވެ. އެޔާއިއެކު ޝިއުނާ ރީސީވަރު ކަންފަތާއި ތަންކޮޅެއް ދުރުކޮށްލިއެވެ.

"ހަލޯ" އެމީހަގެ ކެއްސުންގަނޑު ނިމުމުން ޝިއުނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" މިއީ ކާފަ... ޝިއުނާގެ ކާފަ!" އެކޮޅުން ވާހަކަ ދެއްކިއެވެ.

ޝިއުނާއަށް ނިއްކުރިއަށް ރޫއަރުވާލެވުނެވެ. "ކާފައޭ؟' އޭނާއަށް ބުނެލެވުނެވެ.

"އާނ މިއީ އިބްރާހިމް... ފަރީޝާގެ ބައްޕަ!" އޭނާ ބުނެދިނެވެ.

ޝިއުނާގެ ވާހަކައަށް ސަމާލު ވެވުމުން ހުސްނާވެސް ރޮށި ދެމުން ހުއްޓާލާފައި އޭނާގެ ކައިރިއަށް އައެވެ. އެޔާއިއެކު ޝިއުނާ ސިއްރުސިއްރު އޭއީ ކާފައޭ ބުނެ، އޮޅުންފިލުވައިދިނެވެ.

ޝިއުނާގެ އުފަންމަންމަ ފަރާތު އާއިލާގެ އެއްވެސް މީހަކާ އޭނާއައި ދުވަހަކުވެސް ބައްދަލުވެފައި އެއް ނެތެވެ. އޭނާއަށް އެނގިފައިވާ ގޮތުގައި އެއިން އެކަކުވެސް މިދުނިޔެއަކު ނެތެވެ. އެހެންކަމުން އޭނާ އަށް ގުޅައިގެން އެއުޅެނީ ހަމަ އަސްލުގައިވެސް ކާފަ ބާވައޭ އޭރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

"ވަރަށް ދުވަސް ވެއްޖެ ހޯދަން އުޅޭތާ......ކޮބާ ހަނީފު؟" ވަރަށް ހާލަކުން އެމީހަކު ސުވާލު ކުރިއެވެ. "ބައްޕަ ނެތް ގެއަކު"

"ހޫ.. ބައްޕަ ގާތު ނުބުނާތި އަހަރެން ގުޅި ވާހަކަ... އެގިއްޖިއްޔާ ރުޅި އަންނާނެ!" އެހިސާބުން އަނެއްވެސް ވަރަށް ގަދަޔަށް އޭނާ ކެއްސައިގަތެވެ. ޝިއުނާއަށް އަނެއްކާވެސް ރިސީވަރު ކަންފަތާ ދުރުކޮށްލިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular