22 Jun 2024

"ހުސް ދޮގު އެއީ!" ޝިއުނާގެ ވާހަކަ ނުނިމެނީސް އޭނާގެ ބައްޕަ ފެށިއެވެ. ދެން އޭނާ ގުޅިއަސް ވާހަކަ ދައްކައިގެން ނުވާނެ ކަމުގައި ބުނީ ފުދޭ ވަރަކަށް ހަރުކަށިކޮށެވެ.

"އެކަމަކު... އެއީ އަޅުގަނޑު މަންމަގެ ބައްޕައެއް ނޫންތޯ" އިރުކޮޅަކަށް ފަހު ޝިއުނާ ބުނެލިއެވެ.

"ހެޔޮ އެކަމަކުވެސް! ބައްޕަ މިބުނީނު އެމީހާއާއި އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެޔޭ!"

ޝިއުނާ އޭނާގެ ބައްޕައާއި އެއްބަސް ވުމަށްޓަކައި ބޯޖަހާލިއެވެ. މަޑުމަޑުން ލައްބަ އޭ ބުނެލާފައި އެތަނުން ތެދުވެގެން ހިނގައިގަތެވެ.

"އެކަމަކު ސާބަސް ހަނީފުއަށް!...... ކޮންކަމަކާތަ އެމަންޖެ ދެކެ ރުޅި ތިއައީ؟" ޝިއުނާ ގޮސް ކޮޓަރިއަށް ވަނުމުން ހުސްނާ ފެށިއެވެ. ހަނީފު އެމޭރުމުން ޝިއުނާ އާއި މުޚާތަބު ކުރީތީ ހުސްނާ ވަރަށް ހިތްހަމަ ނުޖެހުނެވެ. އެމީހަކު ގުޅީމާ އެމަންޖެ ދެކެ ރުޅި އަންނަން ޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމުގައި ބުނެލިއެވެ.

"އަހަރެން ހާދަ ބިރެއް ގަނެފައޭ މި އިނީ....... ހުސްނާ އަކަށް ނޭނގޭނެ!" އިރުކޮޅަކަށް ފަހު ހަނީފު ވާހަކަ ދެއްކިއެވެ. އަދި އޭނާގެ ދަރިފުޅު އެ އިބްރާހިމްބެއާއި ބައްދަލު ކުރަން އެއްގޮތަކަށްވެސް ބޭނުމެއް ނޫން ކަމުގައި ބުނެލިއެވެ. އެއީ މިހާރު ސިކުނޑި ހަމަ ޖެހޭ މީހެއްނޫންކަމަށާއި ޝިއުނާ ކައިރީގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެތީ އޭނާ ޖެހިލުންވަނީ ކަމުގައި ހަނީފު ބުނެދިނެވެ.

"ދެން އެހެންވިއްޔާ ތިކަންވެސް ރީތިކޮށް އެމަންޖެއަށް ކިޔައިދީބަލަ... ތިގޮތަށް ރުންކުރުކޮށް ވާހަކަ ދައްކައިގެން ހައްލެއް ނުވާނެ ދޯ؟" ހުސްނާ ވިސްނައި ދެވޭތޯ މަސައްކަތް ކުރިއެވެ. އަދި ތިގޮތަށް ވާހަކަ ދެއްކި ވަރަކަށް އޭނާގެ ޝައުގުވެރިކަން ވާނީ އިތުރޭ ވެސް އޭނާ ބުނެލިއެވެ.

ޝިއުނާ ކޮޓަރިއަށް ވައިންގޮތަށް އެނދުމަތީގައި އޮށޯވެލައިގެން ފޯނާއި ކުޅެން އޮތެވެ. އޭރު އޭނާއަށް ވިސްނެމުން ދިޔައީ ދާދި ދެންމެ ބައްޕަ ދެއްކި ވާހަކައާއި މެދުގައެވެ. އޭނާގެ ބައްޕަގެ ގަބޫލަކު ކާފަ ކައިރިއަކަށް ނުފޮނުވާނެޔޭ އޭނާގެ ކާފަވެސް ވަނީ ބުނެފައެވެ. ކާފައާއި ބައްޕައާއި ދެމެދު އެވަރުގެ ރުޅިވެރިކަމެއް އެ އުފެދުނީ އަޅެ ކީއްވެގެން ބާވައެވެ؟ އެޔެއް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. އެކަމަކު ދެން އޭނާއަކަށް ބައްޕަ ކައިރީ އެ ވާހަކަ ދައްކަކަށް ނުކެރޭނެއެވެ.

ޝިއުނާ ޚިޔާލުތަކަށް ގެއްލިފައި އޮއްވާ ކޮޓަރި ދޮރުގައި ޓަކި ޖަހާލިހެން ހީވެގެން އޭނާ ގޮސް ދޮރު ހުޅުވާލިއެވެ.

"ދަރިފުޅާ.. ބައްޕައަށް މާފުކުރޭ އެގޮތަށް ރުޅި އިސްކުރެވުނީތީ" ހަނީފު އެތެރެއަށް ވަދެ ޝިއުނާގެ އެނދުމަތީގައި އިށީނެވެ. ޝިއުނާއަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްޖަހާލައިގެން އިނީއެވެ.

"ބައްޕަ އަށް ރުޅި އާދެވުނީ ސަބަބެއް ނެތިއެއްނޫން!" ހަނީފު އޮޅުންފިލުވައިދޭން ފެށިއެވެ. އެޔާއިއެކު ކާފާ އޭނާ ގާތުގައި ބައްޕަ އަށް އެނގިއްޖިއްޔާ ކާފަ ކައިރިއަކަށް ނުފޮނުވާނެއޭ ބުނިވާހަކަ ޝިއުނާ ކިޔައިދިނެވެ.

"އެއީ ތެދެއް"

"އެއީ ކީއްވެގެންކަން ބައްޕަ އަޅުގަނޑަށް ކިޔައިދެއްވަފާނަންތޯ؟"

"ކާފަ އަކީ މިހާރު ބުއްދި ހަމަ ޖެހޭ މީހެއްނޫން.. މިހާރު އެކަންޏެއް ނޫން.. އެއް އިރަކުވެސް!" ހަނީފު އިތުރުކޮށްލިއެވެ. އަދި އެހެންވީމާ އޭނާ ޝިއުނާ ކައިރީގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެތީ އޭނާގެ ބައްޕައަށް ޖެހިލުންވެވެނީ ކަމުގައި ބުނެލިއެވެ.

"ދަރިފުޅަށް ކޮންމެ ފަދަ ގޮތެއްވެސް ހަދަން ފަހަށް ނުދާނެ!"

"އެއީ؟" ޝިއުނާއަށް ލިބުނު ހައިރާން ކަމުގައި އަހާލެވުނެވެ.

"އެއީ... އެއީ ދެން މިހާރު ކާފަ އެވަރަކުން އެއުޅެނީ ކޮންމެހެން ދަރިފުޅު ދެކެ ވާ ލޯތްބަކުން ދެކޭ ހިތަކުންނެއް ނޫނޭ!' ހަނީފު ވަރަށް ވިސްނާލާފައި ވާހަކަ ދެއްކިއެވެ. އޭނާ ބަލިވެ އަޅާލާނެ މީހެއް ނެތުނީމާ ދަރިފުޅު މަތިން ހަނދާން ވީ ކަމުގައި ވެސް އޭނާ ކިޔައި ދިނެވެ. ބައްޕަގެ ޖަވާބާއި އޭނާ ކުރި ސުވާލާ ނުގުޅޭ ކަން ޝިއުނާއަށް ވިސްނުނެވެ. ބައްޕަމެން އޭނާއަށް ސިއްރުކުރަން ބޭނުންވާ ކޮންމެވެސް ކަމެއް އޮތީ ހެއްޔޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ.

"އަޅުގަނޑަކަށް ނޭނގެ މަންމަ ހުންނަގޮތް ހިތަށް ގެންނާކަށްވެސް!" ޝިއުނާ ބުނެލިއެވެ.

"ދަރިފުޅު މަންމައާއި ވަރަށް ވައްތަރު...ބޮޑުވި ބޮޑުވިހެން ވައްތަރު ވަމުން ދަނީ..... އޭރު ދަރިފުޅުމެން ތިބޭނުންކުރާ ކަހަލަ ބޯފަންކުރާ އެއްޗެއްސެއް ނުހުރޭ ވިއްޔާ!" ޝިއުނާގެ އިސްތަށިގަނޑަށް އިޝާރާތް ކޮށްލާފައި އޭނާގެ ބައްޕަ ބުނެލިއެވެ. އެހެންނޫންނަމަ ދަރިފުޅުގެ ވެސް އޮންނާނީ ހަމަ މަންމަގެ އޮންނަކަހަލަ ރާޅު ބާނީ އިސްތަށިގަނޑެއް ކަންނޭނގެ"

އެހެން ބުނުމުން ޝިއުނާއަށް ހިނިތުންވެލެވުނެވެ. އެކަމަކު އެވާހަކަ ދައްކަމުން ގެންދިޔައިރު އޭނާގެ ބައްޕަގެ މޫނު މައްޗަށް ވެރިވެފައި ވަނީ އުފާވރިކަމެއް ނޫންކަން އޭނާއަށް ފާހަގަ ކުރެވުނެވެ. މަންމައަށް ވީގޮތުން ބައްޕައަށް ވަރަށް ވަރުވިކަމަށާއި އެތައް ދުވަހަކު ހޮސްޕިޓަލުގައި ބޭއްވި ކަމަށް އޭނާގެ ބޮޑު ދައިތަ ބުނެފައިވާ ކަން އޭނާ ހަނދާން ހުއްޓެވެ. އެހަނދާން ވުމާއި އެކު ކުއްލިއަކަށް ޝިއުނާގެ ހިތަށް ވަރަށް އުނދަގޫ ކުރުވަނިވި އަސަރުތަކެއް ކުރަން ފެށިކަން އިހުސާސް ވިއެވެ. އޭނާގެ ބައްޕައަށް އަދިވެސް މަންމަ މިސްވަނީ ހެއްޔެވެ؟

"ސޮރީ!" ޝިއުނާ އޭނާގެ ބައްޕަގެ ކޮނޑުގައި ބޯ ޖައްސާލަމުން ބުނެލިއެވެ.

"ކޮންކަމަކާ؟" ހަނީފު އޭނާ ގާތްކޮށްލަމުން އަހާލިއެވެ.

ބައްޕަގެ ހިތުގައި މާޒީގެ ހިތި ހަނދާންތައް އާކުރެވުނީތީ އޭ ބުނަން ޝިއުނާ ބޭނުންވިއެވެ. އެކަމަކުވެސް ނުކެރުނެވެ.

"މީގަ ދަރިފުޅުގެ ކުށެއް ނެތޭ... ބައްޕަ މީ ދަރިފުޅު ނަމަވެސް ހަމަ ތިހެން ވާނީ.. ކާފަ ދެކެން ދާހިތް ވާނެ.... އެކަމަކު އެއީ ބައްދަލު ކުރަން ދާވަރުގެ މިހެއްނޫން.. ބައްޕަ މިހެން ބުނީމަ ގަބޫލު ކުރޭ!" ހަނީފު އޮޅުން ފިލުވައި ދިނެވެ.

ޝިއުނާ ބޯ ޖަހާލިއެވެ. އޭނާ ދެން ކާފަގެ ވާހަކަ ބައްޕަ ކައިރީ ނުދައްކާން ނިންމަމުންނެވެ.

ޝިއުނާގެ ބައްޕަ ދިޔުމުން އޭނާ ބޭރަށް ނުކުތެވެ. އޭރުވެސް އޭނާގެ މަންމަ ޓީވީ ބަލަން އިނެވެ. ޖޯޑަކަށް އައިސްކުރީމް އަޅައިގެން އައިސް އޭނަގެ މަންމަ ކައިރީ އިށީންތަނާ ޝަހުދު ކޮޓަރިން ނުކުމެފައި އެތަން ފެނިގެން އޭނާވެސް އައިސް ކުރީމް ހިފައިގެން އައިސް އެމީހުން ކައިރީގައި އިށީނެވެ.

އޭގެ މާ ގިނައިރެއް ނުވަނީސް ހަނީފު ކޮޓަރިން ނުކުމެގެން އައެވެ.

"ކޮބާ ބައްޕަޔަށް؟" ހަނީފު އޭނާގެ ދެކުދިންނާއި މުޙާތަބު ކުރިއެވެ.

އެޔާއިއެކު ޝިއުނާގޮސް އިތުރު ދެ ޖޯޑަށް އައިސްކުރީމް އަޅައިގެން ގެނައެވެ.

"އިނގޭ އަނެއްކާ ދާން ޖެހޭނެކަން އެހެންވެ އެޑްވާންސް އަށް ހިފައިގެން މިއައީ" ދެވަނަ ޖޯޑު އޭނާގެ މަންމައަށް ދިއްކޮށްލަމުން ޝިއުނާ ބުނެލިއެވެ.

"މަންމަގެ ހަކުރު...." އެޔާއިއެކު ހަނީފު ފެށިއެވެ.

"އެންމެ ފަހަރަކު ކާލިއަސް އަދި އޯކޭ ވާނެ ބައްޕާ!" އެޔާއިއެކު ޝަހުދު ބުނެލިއެވެ.

ކޮންމެއަކަސް މުޅި އާއިލާ އެއްކޮށް އެއްވެ އެ ވަގުތުކޮޅު އުފާވެރި ވަގުތު ކޮޅަކަށް އިސާހިތަކު ބަދަލުވެގެން ދިޔައެވެ. ހުސްނާވެސް ޓީވީ ނިއްވާލާފައި އެމީހުންނާއި ބައިވެރިވިއެވެ. އޭރު ދެކެވެމުން ދިޔައީ ފިހާރައިގެ ވާހަކައެވެ. ފިހާރައަށް ގެނައި ކޮންޕިއުޓަރަށް އަދިވެސް މުޅިން ހަނީފު އަހުލުވެރި ނުވާތީ އެވާހަކައެވެ. ޝަހުދު އަށް ހުސް ވަގުތެއް ވީމާ ފިހާރައަށް އައިސް ދީބަލާށޭ ހަނީފު ބުނެލިއެވެ.

" ބާޒާރުމަތި ވީމާ އެތަނަށް ދޮންތަ ގެންދާކަށް ބައްޕަ ބޭނުމެއްނޫން!" ހަނީފު ބުންޏެވެ.

އެއީ ހަނީފު ބޯޓު ދަތުރު ކޮށްގެން ހޯދި ފައިސާ އެއްކޮށްގެން ފެށީ ކުޑަކުޑަ ވިޔަފާރިއެކެވެ. އެ ފިހާރަ ހިންގާތާ މިހާރު ދުވަސް ތަކެއް ވެއްޖެއެވެ. އޭނާގެ އުއްމީދަކީ ޝަހުދު ކިޔަވައި ނިމިގެން އޭނާ އާއި އެކުގައި ވިޔަފާރީގެ ތެރެއަށް ވަނުމެވެ. ހަތަރު މީހުން ވާހަކައިގަ ތިއްބާ ހަނީފުގެ ފޯނަށް މެސެޖެއް އައީމާ ބަލާލާފައި ބައްޕަ އާއި އެކީގައި ދަތުރު ކުރަން އުޅުނު އަލީ ރަޝީދުގެ ނަމްބަރު ހޯދަން ބުނެގެނޭ މިއުޅެނީ ޝިއުނާއާއި ދިމާލަށް ބުނެލިއެވެ.

"އޭނާއަށް ގުޅީމާ ކާފަ އާއި ބޭހޭ ޚަބަރު އޮޅުން ފިލާނެ!" ހަނީފު ބުނެލިއެވެ.

ޝިއުނާ އުފަލުން ހިނިތުންވެލިއެވެ.

"ކާފަ؟" ޝަހުދު އަހާލިއެވެ. އޭނާއަކަށް އަދި އެކައްޗެއްވެސް ނޭނގެއެވެ.

"އާނ! ދޮންތަގެ ކާފަ" ހަނީފު އޮޅުން ފިލުވައިދިނެވެ. އަދި ޝިއުނާއަށް އައި ފޯނު ކޯލުގެ ވާހަކަ ޝަހުދަށް ކިޔައިދިނެވެ.

"އަސްލު ތެދަށް ބުނަންޏާ ބައްޕަވެސް ހީކޮށްގެން މިހިރީ ކާފަ ދުނިޔޭގައި ނެތް ކަމަށޭ.... މިހާރު ވަރަށް މުސްކުޅި ވެދާނެ .. ގައިމުވެސް އަށްޑިހަ އަށް ވުރެ މަތީގައި އުޅޭނީ"

އެރޭ ޝިއުނާއަށް ހުވަފެނުން ފެނުނީ ހުދު ހެދުމުގައި ހުރި އަންހެނެކެވެ. ޝިއުނާ އެނދުގައި އޮއްވާ ކޮޓަރި ތެރެއަށް ވަދެގެން އައިސް އޭނާގެ އެނދުގެ ފައިލާކޮޅުގައި އިށީނީއެވެ. އެވަގުތު ޝިއުނާ ތިއީ މަންމަހޭ ސުވާލު ކުރިއެވެ. އެއަންހެންމީހާ ބޯޖަހާލިއެވެ. އެޔާއިއެކު ކާފަ ގުޅި ވާހަކަ ޝިއުނާ ކިޔައިދިނީއެވެ. އަދި ކާފަ ބޭނުންވަނީ ކާފަ ކައިރިއަށް އޭނާ ދާށޭ ބުނުމުން އެނާ ބޯޖަހާލިއެވެ. ޝިއުނާއަށް ހޭލެވުނީ އެހިސާބުންނެވެ. އޭނާއަށް އެ ފެނުނު ހުވަފެނާއި މެދު ވިސްނަން އޮވެވުނެވެ. މަންމަ އެބޭނުންވަނީ ކާފަ ކައިރިއަށް ދާންހެއްޔޭ ހިތަށް އަރަމުން ދިޔައެވެ.

އެހުވަފެނުގެ ވާހަކަ އޭނާގެ އެކުވެރިޔާ އަޒީމާ އާއި ހިއްސާކުރިއެވެ. އޭރު ޝިއުނާ ހުރީ ހަދާނެގޮތް ނޭނގިފައެވެ.

"މީގަ ކޮންމެވެސް ކަހަލަ ސިއްރެއް އެބައުޅެޔޭ އަހަރެންގެ ހިތަށް އަރަނީ!' ޝިއުނާ ބުނެލިއެވެ. އަދި ކާފަ ދައްކަން އެއުޅޭ ވާހަކަ އަޑުއަހަން މިހާރު މާބޮޑަށް ބޭނުންވެއްޖެކަމުގައިވެސް ބުންޏެވެ.

"އެހުވަފެނުގައި މަންމަވެސް އެބުނީ ދާށޭ... އެހެންވީމަ؟" އޭނާ އަޒީމާ އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ.

"ދެން ކާފަ ހުރި ރަށެއް އެނގުނީމާ އެރަށުން ޙަބަރު އޮޅުން ފިލާވަރުގެ މީހަކު ވޭތޯ ބަލާނީ" އަޒީމާ ޚިޔާލު ދިނެވެ.

އޭރު ޝިއުނާ އާއި އަޒީމާއާއި ދެމިހުން އުޅުނީ ބާޒާރަށް ނުކުމެއެވެ. ހައިޝަމްގެ އުފަން ދުވަސް އަންނާތީ އޭނާއަށް ދޭނެ ހަދިޔާއެއް ގަންނަން ވެގެންނެވެ. އެއް ފިހާރައަށް ވަދެލާފައި އަނެއް ފިހާރައަށް ވަދެލާފައި ނުކުމެގެން އެމީހުން ހިނގަމުން ދިޔައީ ހަވީރުގެ މަގުމައްޗަށް އެންމެ ބާރު ބޮޑު ގަޑީގައެވެ. ގިފުޓް ޝޮޕަކަށް ވަދެ ޝިއުނާ އޭތާނގައި ހުރި ކާޑުތައް ކިޔަން ހުއްޓާ ފިޔާތޮށި ކުލައިގެ ބޮޑު ބެއަރ އެއް ނަގައިގެން އަޒީމާ އޭނާގެ ކައިރިއަށް އައިސް މީތި ރަނގަޅެއް ނޫންހޭ ބުނެލިއެވެ.

"ޝިއުގެ ބަދަލުގައި ބައްދައިގެން އޮންނަން ކަމުދާނެ އެއްނު!" އަޒީމާ ސަމާސާ ކޮށްލިއެވެ.

ޝިއުނާ ހޭން ފެށިއެވެ. "ތި ގެންގޮސް ދީ ނަޝީދުއަށް... އަހަރެން ނޫޅެން ހައިޝަމް ބޭބީ ކުރާކަށް!"

އަޒީމާ އޭނާގެ ރަހުމަތް ތެރިޔާ އާއި ދިމާލަށް ނުހަނު ފަރުވާތެރިކަމާއި އެކު ބަލާލިއެވެ. އޭނާއަށް ކުރިރޭ މަގުމަތިން ފެނުނު މަންޒަރުގެ ވާހަކަ ކިޔައި ދޭން ވީބާވައޭ އޭނާގެ ހިތަށް އެރިއެވެ. އެކަމަކުވެސް އޭނާ މިހާރު ތަހައްމަލު ކުރަމުން އެގެންދަނީ ކުޑަ ކަމެއް ނޫނެވެ. ހައިޝަމްގެ ސައިކަލު ފަހަތުން އެ ފެނުނު އަންހެން ކުއްޖާގެ ހަގީގަތް އޮޅުން ފިލުވާފައި މުޅިން ޔަގީން ވީމާ އެވާހަކަ ކިޔައިދޭން ބާއްވާނީ ކަމުގައި އަޒީމާ ނިންމިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular