އެމީހުން ބޭރަށް ނުކުތް އިރު ޒިލާލުއެއް ފެންނާކަށް ނެތެވެ. މާގިނައިން ކެވިއްޖެ ކަމުގައި ބުނަމުން ޝިއުނާ ޖޯލީގައި އިށީނެވެ. ޒުހުދާއަށް ފޯނެއް އައުމުން، ވާހަކަ ދައްކަމުން ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ޝިއުނާ އޭނާގެ މަންމައަށް ގުޅާލިއެވެ. އަދި ހުރިހާކަމެއް ރަނގަޅު ކަމުގައި ބުނެ ވާހަކަ ދައްކާލާފައި ބޭއްވީއެވެ. ޝިއުނާ ފޯނު ބަލަން އިންދާ ހައިޝަމްގެ މެސެޖެއްއައެވެ. 'ކޮބާ؟' ޖަހާލާފައެވެ. ޝިއުނާވެސް ހަމަ އެމޭރުމުން 'މިއޮއް އުޅެނީ ' ޖަހަފައި ޖަވާބު ފޮނުވާލިއެވެ. އެހިސާބުން އޭނާ ގުޅާނެކަމަށް ޝިއުނާއަށް އުއްމީދު ކުރެވުނެވެ. އެކަމަކު އޭނާގެ ޚަބަރެއް ނުވިއެވެ. ޝިއުނާ ބަލަން އިންދާ އޭނާ އޮފްލައިން ވިއެވެ.
"ބެރުޖަހާތަނަށް ދާނަންތަ؟" ފޯނު ނިންމާލާފައި ޒުހުދާ އަހާލިއެވެ. އޭރު ތަންކޮޅެއް ދުރުން ބެރެއްގެ އަޑު އެހިސާބަށް އިވި އިވި ހުއްޓެވެ.
ކޮންމެ އަންގާރަ ދުވަހުގެ ރެއަކީ އެރަށު މީހުން ސްޓޭޖްގައި ބޮޑުބެރު ޕްރެކްޓިސް ބާއްވާ ރެއެވެ. އެރޭ ރަށުގެ ގިނަމީހުން އެތަން ބަލަން އެއްވާނެއެވެ. ނަށާ މީހުން ނަށާ ، ފޯރިނަގާ ވަރށް މަޖާކޮށްހަދާނެ ކަމުގައި އެދިމާލަށް ދަމުން ޒުހުދާ ކިޔައިދިނެވެ. އެދެމީހުން ގޮސް އެތާ ކައިރިއަށް ހުއްޓުނުތަނާ ޒުހޫ އޭ ކިޔާފައި ގޮވާލާފައި ކޮން އިރަކުތޯ އައީ އަންހެންކުއްޖަކު އަހާލިއެވެ. ޒުހުދާ މިއަދުއޭ ބުނެ ޖަވާބު ދީފައި ތަންކޮޅެއް ސިއްރު ސިއްރުން ޝިއުނާ ކައިރީގައި އެއީ ބޭބެގެ ބިޓު ގުރޭޝާ ކަމުގައި ބުނެދިނެވެ. އަދި އެބަ އަންނަމޭ ބުނަމުން އޭނާގެ ކައިރިއަށް ދިޔައެވެ.
ޝިއުނާ އެއަންހެން ކުއްޖާއާއި ދިމާލަށް ވަރަށް ރަނގަޅަށް ބާލައިލިއެވެ. އެއީ ތަންކޮޅެއް ހަށިގަނޑު ރަނގަޅުކޮށްހުރި، ދޮން އަންހެން ކުއްޖެކެވެ. ހުދުކުލައިގެ ހެދުމަކާ ހަރުވާޅެއް ލައިގެން ފިޔާތޮށި ބުރުގާއެއް އަޅާފައި ހުރިއިރު އެކުއްޖާ ހެދުން އަޅާފައި ހުރިގޮތް ވަރަށް ރީއްޗޭ ޝިއުނާގެ ހިތަށް އެރިއެވެ. އޭނާ ހުރީ ވަރަށް ގަދައަށް މޭކްއަޕްކޮށް ތުންފަތުގައި ރަތްކުލަ ޖައްސާފައެވެ.
އޭރު ވަރަށް ފޯރީގައި ސްޓޭޖް މަތީ ބޮޑުބެރު ޖަހަމުން ގެންދެއެވެ. އެތެރޭގައި އަތުރާފައިވާ ގޮނޑި ތަކުގައި ގެސްޓުން ތަކެއްވެސް އިށީދެގެން ތިއްބާ ފެނުނެވެ. ލަވަ ނިމުމާއިއެކު ޒިލާލު ބޭރަށް ނުކުތެވެ. ޝިއުނާ ފެނުމުން ކައިރިއަށް އައެވެ.
"ބޭބެ ހިނގާ ދަޅުދޭން" ޒިލާލު އައިސް ޝިއުނާ ކައިރިއަށް ހުއްޓެންވި އިރު ޒުހުދާވެސް އެތަނަށް އަތުވެއްޖެއެވެ. ޝިއުނާ އެއުޅެނީ އަދިވެސް އަނގައިން ސެންޓުރަހަ ނުފިލައިގެންނޭ ބުނެ، ދަޅު ދޭންޖެހޭ ސަބަބު ޒުހުދާ ކިޔައިދިނެވެ.
"އެއީ ދޮގެއް!" އެވަގުތު ޝިއުނާ ބުނެލިއެވެ.
"އުހޫ ... އަސްލުވެސް ދަޅު ދީފާނަން... އެކަމު ޝިއުނާ ވާނެ އަހަންނާއިއެކި ފިހާރައަށް ދާން... އޭރުންނެންނު ބޭނުން އެއްޗެއް އެނގޭނީ" ޒިލާލު ލާނެއް ފާޑަކަށް ހިނިއައިސްފައި ބުންޏެވެ.
"އާނ އޯކޭ ... ހިނގާ!" ޒުހުދާ ހިނގައިގަތެވެ.
ޒިލާލުއަކަށް އެގޮތެއް ކަމަކު ނުދިޔައެވެ. އޭނާގެ ކޮއްކޮ ކައިރީ މިތާނގައި މަޑުކުރާށޭ ދާނީ އަހަންނާއި ޝިއުނާއާއި ދެމީހުން އެކަންޏޭ ލާނެއް ހިންޏެއް އައިސްފައި ބުނެލިއެވެ.
"އާނ އޯކޭ... މަށަށް ކޯކެއް!" ޒުހުދާ މަޑުކޮށްލަމުން ބުނެލިއެވެ.
ޒިލާލު ހިނގައިގަތީމާ ޝިއުނާވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. އޭރު ޒިލާލު ބިޓޭ ކިޔާފައި ޒުހުދާ ދުރުން ދެއްކި އަންހެން ކުއްޖާ އެމީހުންނާއި ދިމާލަށް ވަރަށް ފަރުވާތެރިކަމާއިއެކު ބަލަން ހުރިކަން ޝިއުނާއަށް ފާހަގަ ކުރެވުނެވެ.
ހައެއްކަ ފިޔަވަޅު އަޅާފައި ޒިލާލު މަޑުކޮށްލިއެވެ. ޝިއުނާ އަރާހަމަ ވުމުން މިހެން ދާން ހިނގާށޭ ބުނަމުން ޝިއުނާގެ އަތުގައި ހިފިއެވެ. ޝިއުނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޒިލާލު މިސްރާބު ބަދަލުކޮށްލީ އެދިމާލުގައިވާ ރުއްތަކުގެ ތެރެއަށެވެ. މިހެން ދިޔައީމާ މާކައިރި ވާނެއޭ އޭނާ ބުނެލިއެވެ.
"ސޮރީ.... އެކަމު އެއްޗެކޭ ހީނުކުރާތި އެގޮތަށް އަތުގައި ހިފީ ކުއްޖަކު ޖޭ ކޮށްލަންވެގެން!" ޝިއުނާގެ އަތުން ދޫކޮށްލަމުން އޭނާ ބުނެލިއެވެ.
ޝިއުނާއަށް އެބުނީ ކާކުގެ ވާހަކައެއްކަން ވިސްނުނެވެ. އޭނާ ހިނިތުންވެލަމުން ބޯޖަހާލިއެވެ. ޒިލާލު އެ އަންހެންކުއްޖާ ޖޭ ކުރަން އެއުޅެނީ އަނެއްކާ ކޮންކަހަލަ މައްސަލައެއް އެދެމީހުންގެ ދެމެދުގައި ޖެހުނީ ބާވައޭ ހިތަށް އެރިއެވެ.
" ހީކުރީ އަނެއްކާވެސް އަހަންނަށް ކޮންމެވެސް ލަނޑެއް ދޭން އުޅެނީކަމަށް!" ކުރު ހިނިގަނޑެއް ޖަހާލާފައި ޝިއުނާ ބުނެލިއެވެ.
"އަޅެ ނޫން، އަހަރެން ގަސްތުގައި ޝިއުއަށް ލަނޑެއް ނުދޭނެ ދޯ" އޭނާ ބުނެލިއެވެ. އެހިނދު ޝިއުނާއަށް އޭނާ އާއި ދިމާލަށް ބަލާލެވުނީ އެއްވެސް އިޙުތިޔާރަކާ ނުލައެވެ. ޝިއު އެއީ އޭނާގެ އެންމެ ގާތް މީހުން އޭނާއާއި މުޚަތަބު ކުރާ ގޮތެވެ. ޒިލާލު އެހެން އެބުނީ ކީއްވެގެން ބާވައެވެ؟
ދަޅު ގަނނެގެން އެނބުރި އައި އިރު ޒުހުދާ ހުރީ ކޮންމެވެސް ބަޔަކާ ވާހަކަ ދައްކާށެވެ. އޭރުވެސް ޒިލާލުގެ ބިޓު ގުރޭޝާ އެހުރިތާނގައި ހުއްޓިގެން ހުއްޓެވެ. ޒިލާލު އޭނާއާއި ދިމާލަށް ބަލާވެސް ނުލާ ކުރި ކަނޑާފައި ދިޔަކަން ޝިއުނާއަށް ފާހަގަ ކުރެވުނެވެ.ޒުހުދާ އާއި ދިމާލަށް އަންނާށޭ ބުނަމުން ޝިއުނާ ގޮވައިގެން ޒިލާލު ހިނގައިގަތީ ފާލަން މައްޗަށެވެ.
އޭރު ޒުހުދާ ކައިރީ ތިބި އަންހެނުންތައް ބޭބެ މިއުޅެނީ ކޮންކުއްޖެއް ގޮވައިގެންހޭ ޒުހުދާ ކައިރީގައި އަހަންފަށައިފިއެވެ.
"ސާބަސް! އެއީ މަގޭ ރައްޓެއްސެއް، ބޭބެ އާއި އެދިމާވީ އަދިއަލަށް" ޒުހުދާ އޮޅުންފިލުވައި ދިނެވެ.
ފާލަމާއި ދިމާލުގައި ބޮޑެތި މަޑިތައް އުޅެއެވެ. އަދި ބޮޑެތި މިޔަރު އަޑީގައި ތިއްބާ ފެނުމުން ޝިއުނާ ޖެހިލުންވިއެވެ.
"އެއީ ނިދަން މިޔަރު... ނުކުރާނެ އެއްކަމެއްވެސް!" އެވަގުތު ޒިލާލު ބުނެދިނެވެ. އަދި ޝިއުނާކުރެން އެތަނަށް އެރެން ކެރިދާނެތޯ އަހާލިއެވެ.
ޝިއުނާ ނުކެރޭނެއޭ ބުނީމާ ސަފާރީއިން ފައިބައިގެން، ބެރުޖަހާތަނަށް އަންނަ ގެސްޓުންތައް އެތަނަށް އެރި ކާންދޭން އުޅޭ ވާހަކަ އޭނާ ކިޔައިދިނެވެ. އެޔާއިއެކު ދެ ކޮނޑު ހަލުވާލަމުން މަށަށް ހަމަ ލާހިކެއް ނޫނޭ ޝިއުނާ ބުނެލިއެވެ.
އެދެމީހުން ވާހަކަ ދައްކަމުން ފާލަމުގެ ކޮޅާއި ހަމައަށް ދިޔައެވެ. ފާލަމުގެ ކޮޅު ބޮޑު ޓީއެއްހެން ދެފަރާތަށް ނެރެފައިވެއެވެ. ޒުހުދާ އެމީހުންގެ ފަހަތުން އައީ ފޯނުން ވާހަކަ ދައްކަމުންނެވެ. އެހިސާބަށް އާދެވުމުން އެމީހުންނާއި ދުރަށް އޭނާ ޖެހިލިއެވެ.
"އެވާނީ ހަމީދު ކަމަށް" ޒިލާލު ބުނެލިއެވެ. އަދި މިއީ އެދެމީހުން ގުޅައިގެން މާފޮޅުވާ ގަޑި ކަމުގައި ވަރަށް ލާނެއްގޮތަކަށް ބުނެލަމުން އަނެއްކޮޅުގައިވާ ސިޑިއާއި ދިމާލުގައި ނަނު އެއްލައިގެން ހުރި މީހަކާއި ދިމާލަށް ޒިލާލު ހިނގައިގަތެވެ. ޝިއުނާވެސް ޒުހުދާއަށް އުނދަގޫ ނުކުރާންވެގެން ޒިލާލު ފަހަތުން ދިޔައީއެވެ.
"ކުޑޭ މުށިމަހެއް ނެތްދޯ" އޭނާ ބަހައްޓާފައި ހުރި ބާލިދީއަށް ބަލައިލަމުން އޭނާ އަހާލިއެވެ.
އެއީ މެދު އުމުރުގެ މީހެކެވެ. އޭނާ ޖަވާބު ދިނުމުގެ ކުރިން ވަރަށް ފަރުވާތެރިކަމާއި އެކު ޝިއުނާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ.
"ކަލޯ ތީ ކޮން މަންޖެއެއް؟" އޭނާ ސުވާލު ކުރިއެވެ.
އެމީހާ ބެލިވަރުން ޝިއުނާ ހުރީ ކުޑަކޮށް ކަންތައް ބޮޑުވެފައެވެ. އޭނާ ބުރުގާ ނާޅާތީ ކޮންމެވެސް އެއްޗެއް ބުނާނެއޭ ޝިއުނާގެ ހިތަށް އެރިއެވެ. ޝިއުނާއަކީ އެމީހުންގެ ގާތް ރައްޓެހި މާލެ ކުއްޖެކޭ ބުނެ ޒިލާލު އެމީހާއަށް ޖަވާބު ދިނެވެ.
ޒުހުދާ ފޯނު ނިންމާލިތަން ފެނުމުން ޝިއުނާ އެދިމާލަށް ހިނގައިގަތެވެ. އޭރުވެސް ޒުހުދާއަށް ގެނައި ދަޅު ޝިއުނާ އަތުގައި ވާ ކޮތަޅު ތެރޭގައި އޮތެވެ.
"އޭ މައިދައިތައަށް ބޭސް ނަނގައި ނުދީ މި އާދެވުނީ... އެބައަންނަން " ޒުހުދާ ބުނެލިއެވެ. ޝިއުނާ ދަޅު ދިއްކޮށްލުމުން ޒިލާލުއަށް ގޮވާފައި އެންމެ ދަޅެއްތޯ ގެނައީ އޭނާ އަހާލިއެވެ.
"ރަށު ރަތްޔިތުންނަށް ދަޅު ބަހާކަށް ނުޖެހޭދޯ" ޒިލާލު ބޮޑު ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.
ޒުހުދާ އެ ދަޅު ހިފައިގެން އެއްގަމާއި ދިމާލަށް މިސްރާބު ޖެހުމުން ޝިއުނާ ފާލަމުގެ އަރިމަތީގައި ވާ ސިޑި ކައިރިއަށް ޖެހިލިއެވެ. ބައްތީގެ އައްޔަށް އެނބުރޭ އެކި ކަހަލަ މަސްތަކާއި ދިމާލަށް އޭނާ ނަޒަރު ހިންގާލިއެވެ.
" މިތަނަށް މަސްބާނަން އަންނަންތަ؟" ޒިލާލު އައިސް އޭނާގެ ކައިރިއަށް ހުއްޓުމުން ޝިއުނާ އަހާލިއެވެ.
" ނުވޭ މަސްބާނާ ހިތެއް... ދަގަނޑު ޖަހައިގެން މަސްހިފާ ހިތްވަނީ" އޭނާ ޖަވާބު ދިނެވެ. ތަންކޮޅެއް ދުރުގައި ވަކިން ތިބި މަސްތަކެއް ދައްކާފައި އެއީ މެކުނު ކަމަށާއި އެއީ ވަރަށް މީރު މަހެއްކަމުގައި ބުނެދިނެވެ.
"އެއީތަ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމެވޭނެ މެކުނަކީ!" ޝިއުނާ އަހާލިއެވެ.
ޝިއުނާ އަހާލި ގޮތުން ޒިލާލުއަށް ވަރަށް މަޖާވިއެވެ. އޭނާ ހީލާފައި އާނއޭކޭ ބުނެލީމާ މެކުނު މިފެނުނީ އަލަށް ކަމުގައި ޝިއުނާ ބުނެލިއެވެ.
ޝިއުނާ ގެނައި ކުރީމް ސޮޑާ ދަޅު ހުސްކޮސްލާފައި އޭނާގެ އަތުގައިވާ ހުސްކޮތަޅަށް ދަޅު ލިއެވެ. އޭރު އޭނާ ހުރީވަރަށް ވަރުބަލިވެ ނިދިއައިސްފައެވެ. ޒުހުދާ އާދޭ ތޯ ފާލަންކޮޅަށް ބަލައިލިއެވެ. އޭނާ އާނ ފުރިލަމުން ވަރަށް ނިދިއައިސްފި ކަމުގައި ބުނުމުން ދަމާ ހިނގާށޭ ކިޔާފައި ޒިލާލު ހިނގައިގަތެވެ. އެމީހުންނަށް ގޮސް ފާލަމުން ފޭބުނު އިރު ގުރޭޝާ އެކަނި މާއެކަނި އެދިމާލަށް އަންނަނީއެވެ. ފާލަމުން ފައިބާފައި މިހެން ދާން ހިނގާށޭ ބުނަމުން ޒިލާލު އަނެއްކާވެސް ޝިއުނާގެ އަތުގައި ހިފިއެވެ.އޭނާ ފެންނަކަމަށްވެސް ނަހަދާ ގޮނޑުދޮށުން ލާފައި ކުރިއަށް ހިނގައިގަނެފައި ޝިއުނާގެ އަތުން ދޫކޮށްލިއެވެ.
އޭރު ޝިއުނާއަށް ހުރެވުނީ ހިނިތުންވެވިފައެވެ. ރާއްޖެތޭރޭ ރަށެއްގެ ގޮނޑުދޮށުގައި، ފިރިހެން ކުއްޖެއްގެ އަތުގައި ހިފާލައިގެން ހިނގުން، މިއީ އޭނާ ދުވަހަކުވެސް ވާނެ ކަމަކަށް ހިތަށްވެސް ނާރާކަމެކެވެ. އަޒީމާއަށް މިވާހަކަ ކިޔައިދީފިއްޔ ބުނާނީ ކީކޭ ބާވައޭ އެވަގުތު ހިތަށް އެރިއެވެ.
" އަސްލު ކޮން މައްސަލައެއްތަ ޖެހިގެން ތިއުޅެނީ؟" އެދެމެދުގައިވާ ، ނުތަނަވަސް ހަމަހިމޭންކަން ނައްތާލުމުގެ ނިޔަތުގައި ޝިއުނާ އަހާލިއެވެ. އެއާއިއެކު ޒިލާލު ދޫކޮށްލީ ފުންނޭވާއެކެވެ.
" ތިވާހަކަ ދައްކަން ފަށައިފިއްޔާ މިރޭ ހަތަރުދަމުގެ ނިދި ނަގާލާފައި ޝިއު އިންނަން ޖެހޭނީ އަޑުއަހަން... އެހާވެސް ދިގު ވާހަކައެއް އެއީ"
"އޯ އެހެންތަ؟" ޝިއުނާއަށް އެހެން އަހާލެވުނީތީ ކުޑަކޮށް ނުތަނަވަސްވިއެވެ. ޒިލާލުއަށް އޭނާ ވާނީ މިއަދު ދިމާވި ބީރައްޓެއްސަކަށެވެ. އެފަދަ މީހަކާ ހަޔާތުގެ ވާހަކަ ހިއްސާކުރާނީ ކާކު ހެއްޔެވެ؟
މާދުރަށް ނުގޮސް ޒިލާލު އެއްގަމަށް އެރިއެވެ. އެދިމާލުން ގޯޅި ކަންމަތީގައި ތިބި ކުދިންތަކެއް ޒިލާ އޭ ކިޔާފައި ގޮވިއެވެ. އޭނާ ބަލައިލުމުން އެތަނުން އެއްކުއްޖަކު ވަރަށް ބާރަށް ތީ ކޮންކަމެއް ހެއްޔޭ އަހާލިއެވެ. ޒިލާލު ޖަވާބެއް ނުދެއެވެ.
"މާދަން ރަށުގައި އޮންނާނެ ވަރަށް ވާހަކަ" ޒިލާލު ބުނެލިއެވެ.
އެވަގުތު އޭނާއާއި އިހަށްވުރެވެސް ކައިރިއަށް ޝިއުނާ ޖެހިލިއެވެ. އޭނާގެ އަތު މުލައްދަނޑީގައި ހިފައިފިއްޔާ ބުނާނީ ކީކޭ ބާވައޭ ހިތަށްއެރި ވަގުތު ޝިއުނާ ކުޑަކޮށް ޖެހިލުންވެގެން ދިޔައެވެ. ކޮންމެއަކަސް އެހިސާބުން ފެށިގެން ގެއާއި ހަމައަށް އޮތް ރާސްތާ އެދެމީހުންވެސް ހިނގީ އެކަކު އަނެކަކާއި އަނގައިން ނުބުނެ އަމިއްލަ ޚިޔާލަށް ގެއްލިފައި ތިބެގެންނެވެ.
-- ނުނިމޭ --