10 Jul 2024

ކޮންމެއަކަސް އެހިސާބުން ފެށިގެން ގެއާއި ހަމައަށް އޮތް ރާސްތާ އެދެމީހުން ވެސް ހިނގީ އެކަކު އަނެކަކާއި އަނގައިން ނުބުނެ އަމިއްލަ ޚިޔާލަށް ގެއްލިފައި ތިބެގެންނެވެ. ގެއާއި ހަމައަށް ދިޔައިރު ދޮރުމަތީގައި ޒުހުދާ އާއި އޭނާގެ މަންމައާއި ދެމީހުން ތިއްބެވެ. ގޭދޮށަށް މަޑުވެސް ނުކޮށް ޒިލާލު އެހިސާބުން ނައްޓާލީއެވެ.

ޝިއުނާ ނިދަން ތައްޔާރުވެގެން އައިސް ޒުހުދާގެ އެނދުގެ އެއްފަޅީގައި އޮށޯވެ ފޯނު ބަލާލީއެވެ. އޭރު ހައިޝަމްގެ ވަޓްސްއަޕް މެސެޖެއް އައިސްފަ އޮތެވެ. "ހަލޯ.... ކޮބާ" އޭނާ ލިޔެފައި އޮތެވެ. ޝިއުނާ އެވަގުތު އެއަކަށް ޖަވާބު ދޭހިތެއް ނުވިއެވެ. އޭރު އޭނާގެ ސިކުނޑީގައި ވަނީ ޒިލާލުއެވެ. އޭނާއަށް ވިލިނގިލި ފެރީއިން ފެނުނީ ހަމަ އޭނާ ބާވައެވެ؟ ޒުހުދާ ކޮޓަރިއަށް އައީމާ އޭނާ ޒިލާލު އާއި ބެހޭގޮތުން ސުވާލު ކުރިއެވެ.

"އަނެއްކާ ބޭބޭ ކީކޭ ކީ؟" ޒުހުދާ ކުއްލިއަކަށް ސީރިއަސް ވިހެން ޝިއުނާއަށް ހީވިއެވެ.

"މާބޮޑު އެއްޗެއް ނުބުނޭ... ބުނީ ކުއްޖަކު ޖޭ ކުރަންވެގެންނޭ....."

ޒުހުދާ ބޯޖަހާލިއެވެ. އޭނާގެ ބޭބެ އެއުޅެނީ ރަށު މީހުން ދައްކާ ވާހަކަ ގަބޫލުކޮށްގެންނޭ ބުނެލިއެވެ. އަދި ގުރޭޝާ އަކީ އޭނާ ސްކޫލު އިރުއްސުރެ އެއްކޮށް އުޅުނު އެކުވެރިއެއް ކަމަށާއި އެކަމަކާ ހެދި އެދެމީހުންގެ ގުޅުމަށްވެސް ބުރޫ އަރައިފި ކަމުގައި ކިޔައިދިނެވެ.

"މަންމަމެންވެސް ބޭނުމެއްނުވޭ މިހާރު އަހަރެން ގުރޭޝާ އާއި އެކީ އުޅޭކަށް!" ޒުހުދާ ދެރަވެލާފައި ވާހަކަ ދެއްކިއެވެ.

އޭނާ ވާހަކަ ދައްކާ ނިމުނު އިރުވެސް އޭނާގެ ބޭބެއާއި އެއަންހެން ކުއްޖާއާއި ޖެހުނީ ކޮންމައްސަލައެއް ކަމެއް ޝިއުނާއަކަށް އޮޅުމެއް ނުފިލިއެވެ. އެނގުނު ހާވެސް އެއްޗަކީ އެއީ އޭނާގެ ބޭބެ ވަރަށް ލޯބިވާ އަންހެން ކުއްޖެއްކަމަށެވެ. ބަޔަކު ދެއްކި ވާހަކައެއް ގަބޫލުކޮށްގެން އޭނާއާއި ރުޅިވެގެން އުޅޭ ކަމެވެ. އަދި ގޮތް ދޫނުކުރާންވެގެން އެގޮތުގައި ހިފަހައްޓައިގެން ހުރީ ކަމަށެވެ.

ދެން ޒުހުދާ ފެށީ އޭނާގެ ބޭބެ އުޅޭ އަރި އަތޮޅު ރިސޯޓުގެ ގޯސް ވާހަކައެވެ.

"ސާވިސް ޗާޖު ނުދޭތާ ވެސް ހަތަރު މަސް ވެއްޖެ، އެހެންވެ ބޭބެ އެހެންތާކަށް ބަދަލުވާން ވެގެން އެއުޅެނީ" ޒުހުދާ ކިޔައިދިނެވެ. އަދި އޭނާގެ ފިރިމީހާ ހަމީދު އުޅެނީ ވަރަށް ރަނގަޅު ރިސޯޓެއްގައި ކަމަށްވެސް ކިޔައިދިނެވެ.

ޝިއުނާވެސް އެހެން އޮވެ ލޯމަރާލިއެވެ. އޭނާ ހިތަށްއެރީ ހައިޝަމްއެވެ. ޒިލާލު އެ އަންހެން ކުއްޖާދެކެ ލޯބި ވާވަރަށް ހައިޝަމް ވެސް އޭނާ ދެކެ ލޯބިވޭ ބާވައެވެ؟. މިގަޑީގައި އެނާ ވާނީ ކޮންތާކުބާވައެވެ؟ އެހެން ހިތަށް އެރުމާއިއެކު އޭނާ ނުތަނަވަސްވާން ފެށިއެވެ. އެންމެފަހުން އޭނާ ފޯނު ނަނގާފައި ހައިޝަމްއަށް ހައި ޖަހާލިއެވެ. އެކަމަކު އޭރު އޭނާ އޮންލައިން އަކު ނެތެވެ. މިހާރު މާހުނާޒު ގޮވައިގެން ބޭރަށްގޮސް މަޖާކުރާނީ ކަން ޔަގީނޭ ހިތަށް އެރީމާ އިތުރަށް ދެރަވިއެވެ. އޭނާ އެހެން އޮވެގެން ރިޒްވީ އާއި އައްފާލު އާއި ދެމީހުންގެ އެފް ބީ އަދި އިންސްޓަރގްރާމް ބެލިއެވެ. ރިޒްވީއާއި އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާއި ދެމީހުން މެކްޑޮނަޑްސް އިން ބާރގަ ކާން އިން ފޮޓޮއެއް އޭނާގެ ސްޓޯރީގައި އޮތެވެ. އެހެން އިތުރު އެއްޗެއް އޭނާއަކަށް ނުފެނުނެވެ.

އޭނާގެ ކަނާތް ފަރާތުގައި އޮށޯވެގެން އޮތް ޒުހުދާގެ މަޑު ގުގުރީގެ އަޑު އިވެންފެށުމުން އޭނާވެސް ފޯނު ބާއްވާފައި ލޯމަރާލިއެވެ.

އަނެއްދުވަހު ހެނދުނު ހޭލައިގެން ޝިއުނާ ނުކުތްއިރު ހަތެއް ޖަހަން ކައިރިވެއްޖެއެވެ. އޭރު ޒުހުދާ އާއި އޭނާގެ މަންމައާއި ދެމީހުން ބަދިގޭގައި އުޅެއެވެ. ޝިއުނާ އާއި އެކީގައި ކޮފީ ތައްޓެއް ހަދައިގެން ޒުހުދާވެސް އައިސް އުނދޯލިގައި އިށީނެވެ. ޒުހުދާގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރި ކައިރީގައި ޒިލާލުގެ ފައިވާން ހުރިތަން ފެނުމުން ރޭގައި ފަހުން އޭނާ ދިޔައީ ކޮންތާކަށް ބާވައޭ ޝިއުނާގެ ހިތަށް އެރިއެވެ.

ކޮފީ ބޮއެ ނިންމާލާފައި ޒުހުދާގެ މަންމަ ކައިރިއަށް ގޮސް ކީއްތޯ ކޮށްދޭންވީ ޝިއުނާ އަހާލިއެވެ. ޒުހުދާވެސް އަދި އޭނާގެ މަންމަވެސް ޝިއުނާ ލައްވާ އެއްވެސްކަމެއް ކުރުވާކަށް ބޭނުމެއްނުވިއެވެ. އޭނާ އަކީ ގެއަށް އައިސް ހުރި މެހެމާނެކޭ ބުނަމުންނެވެ.

"މިހާރު އޮންނާނެ ވަރަށް ބޮޑަށް ދިޔަވަރު ހިކިފަ... މިދިމާލުން އަތިރި މައްޗަށް ދާންވީނު ބަލައިލަން" ޒުހުދާ ބުނެލިއެވެ. އޭނާ އެގަނޑީގައި އޭނާގެ މައިދައިތަ ކައިރިއަށް ދާން ނުޖެހޭނަމަ ދިޔައީމުހޭ ދެރަވެލާފައި ޒުހުދާ ބުނެލިއެވެ.

"އެ އޯކޭ އޭ... އަހަރެން އެކަނި ހިނގާލަން ދާން ހިތަށް އަރާފަ މިހިރީވެސް" އޭނާއާއި ހެދި އެމީހުންނަށް އުނދަގޫވާކަށް ޝިއުނާ ބޭނުމެއް ނޫނެވެ.

ގޮނޑުދޮށަށް ނުކުމެފައި ޝިއުނާ ހައިރާންވިއެވެ. ދިޔަވަރު ހިކިގެން ގޮސް މޫދުގައި ހުރި ވިނަތައްވެސް އޮތީ އެއްކޮށް ފެންނާށެވެ. އެހެން އޮތް ތަނެއް މީގެ ކުރިން ޝިއުނާއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އޭނާ ފޮޓޮއެއް ނެނގިއެވެ. އަދި ވެލި ގަނޑު މައްޗަށް އަރާ ހިނގަން ފެށިއެވެ. އެތާނގެ ވެލިތައް ހުރީ އަޑި ގުޑަން ކޮށެވެ.

ދެތިން ފިޔަވަޅު އަޅާފައި އޭނާގެ ފައިވާން އަތަށް ނެގިއެވެ. އަދި ވެލިގަނޑު މަތީ ކުރިއަށް ހިނގައިގަތެވެ. ފެން ހަރުލާފައި ހުރި މޫދު ވިނަތަކެއްގެ ތެރެއިން ކުޑަކުޑަ މަޑިއެއް ޝިއުނާ އަށް ފެނުނެވެ. އެހިސާބުން އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. ތަންކޮޅެއް ބޮޑަށް ގޮނޑުދޮށާއޮ ކައިރިއަށް ޖެހިލިއެވެ.

މުޅި އެހިސާބަށް އިވެނީ ފަރުމައްޗަށް ރާޅު ބިންދާ އަޑު އެކަންޏެވެ. ހެދުނުގެ އެ ހިތްގައިމު ވަގުތު، އިރުގެ މަޑުމަޑު ހޫނު މުޅި ރަށަށް ފޯރަން ފެށި ވަގުތު، އެކަނި މާއެކަނި އެކަހަލަ މާހައުލެއްގައި ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތަށް އުފާވެރިކަން އިހުސާސްވިއެވެ. މުޅިން އާ ދުވަހެއްގެ ތާޒާ ވައިން އޭނާގެ ސިކުނޑީގައިވާ އުދާސްތައް މަޑުމަޑުން ފަނޑުވަމުން ދިޔަކަހަލައެވެ. އޭނާ ހިނގަމުން ހިނގަމުން ގޮސް ރަށުގެ އަނެއް ފަރާތް ފެންނަ ހިސާބަށް ދެވުނެވެ. އެފަރާތުން ރަށެއް ފެންނަން އޮތެވެ. އެއީ އޭނާގެ ކާފަ އުޅޭ ރަށޭ ކިޔާފައި ޒުހުދާ ދެއްކި ރަށް ބާވައޭ އޭނާ ހިތަށް އެރިއެވެ. އެހިސާބުން އޭނާގެ ޙިޔާލުތައް ކާފައާއި ދިމާލަށް ދިޔައެވެ. ދެން މާގިނަ ދުވަހެއް ނުވެ އޭނާގެ ކާފަ ފެންނާނެކަން ހިތަށް އެރުމުން އުފާވެރިއެވެ. އެހެންނަމަވެސް ހަމަ އެއާއި ވިދިގެން އޭނާ ކުޑަކޮށް ޖެހިލުންވެސް ވިއެވެ. އޭނާގެ ބައްޕަމެންނަށް ވަގަށް އެކަން ކުރަން އުޅުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އޭނާއަށްވެސް އިނގެއެވެ. އެފަދަ ކަމެއް މީގެކުރިން އޭނާ ދުވަހަކުވެސް ނުކުރެއެވެ. ބައްޕަ ބުނެފައިވާ ގޮތަށް ކާފަ އަކީ ބޯ ހަމަ ނުޖެހޭ މީހަކަށް ވެއްޖިއްޔާ ވާނީ ކިހިނެތްބާވައެވެ؟ އެހެންނަމަވެސް ޒުހުދާގެ ބައްޕަ ދެއްކި ވާހަކަ އަށް ބަލާފައި ކާފަ އަކީ ގޯސް މީހެއްނޫންކަމަށް ޝިއުނާ ނިންމިއެވެ.

ފޮޓޮއެއް ނަގަންވެގެން އޭނާގެ ޖީބުން ފޯނު ނަގާ ބެލިއިރު ހައިޝަމްގެ މެސެޖެއް އޮތެވެ. ވައި ފައި ސުލޯ ކަމުން ނުނގުޅޭ ވާހަކައާއި އެމީހުން 'ކިތުލްގަލަ' ކިޔާ ސަރަހައްދަކަށް ދާން ނައްޓާލަނީ ކަމުގައި ބުނެ އޭގެ ވިއްސަކަށް މިނެޓް ކުރިން ކޮށްފައިވާ މެސެޖެކެވެ.

މެސެޖު ކިޔާފައި އެއްފަހަރުން ޝިއުނާގެ ތަބީއައްތު މުޅިން ބަދަލުވިއެވެ. ޝިއުނާ އެންމެ މާޔޫސްވީ އޭނާގެ ހާލު އަހުވާލު އަހާލަން ހައިޝަމް ހަނދާން ނުހުންނާތީއެވެ. އެހިސާބުން، އެހިތްގައިމު މާހައުލުން ލިބެމުން ދިޔަ އުފަލާއި ހިތްހަމަޖެހުން މަޑުމަޑުން ފިލައިގެން ގޮސް އޭނާގެ މުޅި ނަފްސަށް ފޫހިކަން ވެރިވާން ފެށިއެވެ. ޝިއުނާ މަޑުމަޑުން ޒުހުދާމެންގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭރު އޭނާއަށް ހުރެވުނީ ފުދޭވަރަކަށް ދުރަށް ހިނގިފައިކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ.

ތަންކޮޅަކަށް ދެވުނުތަނާ، ކުނިކަހަން ނުކުމެ އުޅުނު ތިން އަންހެނުންނާއި ދިމާވިއެވެ. އޭނާ އެހިސާބަށް އަރާ ހަމަވާން ވީއިރަށް އެތަނުން އެކަކު ގޮވާލިއެވެ. ޝިއުނާ މަޑުކޮށްލުމުން އޭނާ ކޮން ރަށެއްތޯއާއި މިރަށަށް އައިސް ތިއުޅެނީ ކޮން ދަތުރެއްގައި ތޯ އަހާލިއެވެ.

ޝިއުނާ މާލެ އޭ ބުނަމުން އޭނާ އައީ ޒުހުދާގެ ރައްޓެހިކަމުގައި ހަމަ މިރަށް ބަލާލަން ކަމުގައި ބުނެ ޖަވާބު ދިނެވެ. އެވަގުތު އެތަނުގައި ދެން ހުރި އަންހެންމީހާ އޭނާ އަޅައިގެން ހުރި ބުރުގާގައި މޫނު ފޮހެލަމުން ކޮބާ މަބުނީމެއްނޫންހޭ އޭނާ އާއި ދިމާލަށް ބުނެލިއެވެ.

"ރަށު ތެރޭގައި އެބަ ކިޔާ ތަތީ އެނގޭ ޒިލާލު އިންނަން އުޅޭ މިހާއޭ!" ކުރިން ވާހަކަ ދެއްކި މީހާ ބުނެލިއެވެ. އެއާއިއެކު ޝިއުނާއަށް ހިނިތުންވެލެވުނެވެ. ރަށު ތެރޭގައި ވަރަށް ވާހަކަ އޮންނާނެއޭ ޒިލާލު ވަނީ ބުނެފައެވެ. އޭނާ އިތުރަށް އެއްޗެއް ނުބުނެ ހިނގައިގަތީއެވެ.

ގޭ ދޮރުމަތިން ޒުހުދާ އާއި ދިމާވެގެން ޝިއުނާ އެވާހަކަ ބުނެދިނެވެ. އޭރު އަޑުއިވޭ ހިސާބުގައި އޭނާގެ މަންމަވެސް ހުއްޓެވެ. އެހިސާބު ކުނިކަހަން އުޅޭ ގުރޫޕުގައި ގުރޭޝާގެ މަންމަވެސް ހިމެނޭނެ އޭ އޭނާ ބުނެލިއެވެ.

އެވާހަކަ ދައްކަމުން ޝިއުނާމެން ސައިބޯން އިށީނެވެ. އޭރުވެސް، ޒިލާލު ކޮޓަރި ދޮށުގައި ފައިވާން ހުއްޓެވެ. އެކަމަކު ފައިވާން ހުރީ ކުރިން ހުރިގޮތަކަށް ނޫނެވެ. އެހެންކަމުން އެނާ ހޭލައިގެން ބޭރަށް ނުކުމެފައި އައިސް ކޮޓަރިއަށް ވަނީކަން ޝިއުނާއަށް ވިސްނުނެވެ.

"ތި ސުވާލު ކުރާނީ ހައްވަމެން ކަމަށް ވާނީ... ޒުނޭރާއަކަށް ހަމަގައިމުވެސް ނުކެރޭނެ... އޭނާއަކަށް ނުކެރޭ އަހަރެން ފެންނަ ހިސާބަށް އަންނާކަށްވެސް މިހާރު!" ޒުހުދާގެ މަންމަ އެވާހަކަ ކުރިއަށް ގެންދިޔައެވެ. މާލޭ މީހެއް ފެނިގެން މާމޮޅުތަކެއް ވާނެ ކަމަށް ހީކޮށް އެމީހާއައި ތަތް ކުރުވަން ބާރު އެޅީވެސް ގުރޭޝާގެ މަންމަ ކަން މުޅި ރަށު އެންމެންވެސް ދަންނާނެ ކަމުގައި އޭނާ ބުންޏެވެ.

"ލަދެއްވެސް ނުގަނޭ... ތިމާގެ އަމިއްލަ ދަރި...."

"މަންމާ!" ޒުހުދާއަށް އޭނާގެ މަންމަގެ ވާހަކަ މާގިނަވާން އުޅޭހެން ހީވުމުން ހުއްޓުވިއެވެ. ބޭބެ އަދިވެސް ގޮތެއް ނުނިންމާ ނޫންހޭ އެހެންވީމާ ގުރޭޝާމެންނާއި ދިމާލަށް އެއްޗެތި ނުކިޔާށޭ ބުނެލިއެވެ.

"އެއީ ބޭބެގެ ދިރިއުޅުން ދޯ... މަންމަމެން ގޮތް ނުކިޔަބަލަ!.." ޒުހުދާ ހިތްހަމަ ނުޖެހުނެވެ.

"ގޮތް ކިޔޭނެދޯ... އެއޮއް ބުރަކޮށް މަސައްކަތް ކޮށްގެން އެއްކުރިހާ ލާރި ވިއްޔަ!... އެއަށް ވުރެ ރަނގަޅުވީސް އެލާރިތައް އަލިފާންގަނޑަކަށް އުކާލި ނަމަވެސް!" ޒުހުދާގެ މަންމަ ޝިއުނާއަށް އޮޅުންފިލުވައިދިނެވެ. "ބައްޕަވެސް ބުނިދޯ ބޭބެ ކައިރީގައި އަމިއްލަގޭގެ ކޮޓަރި ހަދާބަލާށޭ... އެކަމަކުވެސް ތިޔަ ގުރޭޝާއެއްގެ ހިތް ރުއްސަންވެގެން އެކަން ކުރީ... ރަނގަޅަށް ވިއްޔާ ޒުނޭރާ ޒިލާލުގެ ބޮލަށް އެރިގެން އެކަން ކުރުވާފަ އެއޮތީ!"

އެވާހަކަ ދައްކަނިކޮށް ޒިލާލު ކޮޓަރި ދޮރު ހުޅުވިއަޑު އިވުނެވެ.

"ބޭބެ މާލޭ ކުއްޖަކާ އިންނަނީޔޯ!.... މިއަދުގެ އެންމެ ހިޓު ވާހަކަ!" ޒިލާލު ނުކުތްތަން ފެނިގެން ޒުހުދާ ބުނެލިއެވެ.

އޭރު ޝިއުނާ އިނީ އެދިމާލަށް ފުރަގަސް ދީގެންނެވެ. އެހެންކަމުން އޭނާ އެނބުރި ބާލައިލިއެވެ. ޒިލާލު ހުރީ ކަޅުޓީޝާޓެއް ލައިގެންނެވެ. މޭމަތީގައި ލީވައިސް ޖަހާފައި އިންތަން ފެނުމުން ޝިއުނާއަށް އަމިއްލެއަށް ހެވުނެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular