10 Dec 2019

"އަހަންނަށް އެނގޭ ތި ހެދީ ދޮގުކަން." ޒިވިއަން ބަލައިލީ ލެއްޕުނު ދޮރާއި ދިމާލަށެވެ.

ޒިވިއަން އައިސް އިށީނީ މާވީގެ ކުރިމަތީގައި އިން ގޮނޑީގައެވެ. އޭރު ސަފޫރާ ދައްކަމުން ދިޔަ މަޖާ ވާހަކައެއް އަޑުއަހަން މާވީ ގަޔާވެފައި އިނެވެ. ސަފޫރާއަކީ އެންމެ ދޮށީ ދައްތައެވެ. އޭނާއަށް އީތަން ކުޑައިރު ކޮށްފައި ހުރި މަޖާ ކަންތައް އެނގެއެވެ. ބައެއް ކަންތައް ނާހިދާވެސް ކިޔައިދިނެވެ. އީތަން ބައެއް ފަހަރު އޭނާ މަންމަ ހުއްޓުވަންވެސް އުޅެއެވެ. ނިހާ ކޮށްފައި ހުރި ވާހަކަތައް ކިޔައިދެން ފެށުމާއި އެކު ނިހާ ލަދުން ޒިވިއަންގެ ކޮނޑުގައި މޫނު ޖައްސާލާ ފޮރުވާލިއެވެ.

ދެގަޑިއިރު ފާއިތުވެގެން ދިޔަކަން އެނގުނީ އީތަން އެކަން ހަނދާންކޮށްދިނުމުންނެވެ. އޭރު އެންމެން ކައިނިމިގެން އައިސް ސިޓިންރޫމްގައި ވާހަކަ ދައްކާލަން މަޑުކޮށްގެން ތިއްބައެވެ. މާވީ ގެއަށް ދާން ވެއްޖެކަމަށް އީތަން ބުނުމުން ނާހިދާ ބޯޖަހާލިއެވެ. އީތަން އަށް ހަނދާންކޮށްދިނީ މާވީ އެކަނި ދޫކޮށްނުލުމަށެވެ.

ކާރާއި ހަމަޔަށް އައިސް އީތަން މަޑުކޮށްލިއެވެ. އޭނާ ބަލައިލީ ބުރު ފުރިހަމަވެފައި އިން ހަނދަށެވެ. އޭގެ ވަށައިގެން ފިޔަޖަހަމުން ދިޔަ އަދަދު ނުކުރެވޭހާ ގިނަ ތަރިތަކަށެވެ.

"ހިނގާލާފަ ދާންވީނު" އީތަން ފަދައިން މާވީވެސް ބަލައިލީ ރޭގެ ހިތްގައިމު ކަމަށެވެ. އޭނާ ބޯޖަހާލާފައި ދާން ހިނގައިގަތެވެ. އީތަން އައިސް އަރާހަމަކޮށްފައި މަޑުކޮށްލާށޭ ބުނެލިއެވެ. ދެން ދެޖީބުގައި އަތްޖައްސާލާފައި ލައިގެންހުރި ސޫޓްގެ މަތިންވެސް އަތް ހިންގާލިއެވެ. ހީވަނީ އެއްޗެއް ހޯދާހެންނެވެ.

"އައި ފޮގޮޓް ސަމްތިން" އީތަން ބުނެލިއެވެ. ދެން އޭނާ މާވީގެ ކުރިމައްޗަށް ހުއްޓިފައި އަތް ޖައްސައިލީ މާވީގެ ތުންފަތުގައެވެ.

"ޔުއަރ ސްމައިލް" އީތަން ކުރަނީ ސަމާސާއެވެ. މާވީ ހުރީ ހައިރާންވެފައެވެ. އެދެމީހުންގެ މެދުގައި އެއްބަސްވި ވަގުތު ހަމަވެއްޖެއެވެ. ވީއިރު އޭނަ އާއި މެދު އީތަން ފަރުވާ ބަހައްޓަންވީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ.

"މާވީ ގެ ސްމައިލް ވަރަށް ލޯބި. އެނގޭތަ އެކަން؟ އަހަރެން ކުރާ ކަޑަ ކަންތައް ކިޔައިދިނއިރު މާވީ އިނީ ހީ ހީ، އައި ލައިކް ދެޓް" އީތަން އޭނާއަށް ސަމާލުކަން ދިން ވަރު ހާމަކުރުމުން މާވީގެ ތުންފަތް ފުޅާވެގެން ދިޔައީ ހިނިތުންވުމަކުންނެވެ. މިފަހަރު އޭނާގެ އިޚްތިޔާރަކާއި ނުލައެވެ.

އީތަން ގެ މުލައްދަނޑީގައި މާވީ ހިފަހައްޓާލިއެވެ. އޭނާ އެބުނީ ތެދެއްކަން މާވީގެ ހިތް އެއްބަސްވިއެވެ. އުފާވެރިކަން މޫނުން ފެންނަން ހުންނައިރު މާވީގެ މައުސޫމްކަން އިތުރުވެގެން ދެއެވެ. ލޮލުގެ ވިދުން ގަދަވެގެން ދެއެވެ. އަމިއްލަ ޟަމީރަށް އެކަން ވިސްނައިދެމުން މާވީ އިސްޖަހާލައިގެން ހުރެ ފިޔަވަޅުތައް ނަގަމުން ދިޔައެވެ. އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. އެމޫނަށް އީތަން ބަލަހައްޓައިގެން ހުރިކަން އޭނާ ނުދެނަހުއްޓެވެ.

އީތަންގެ ހިތަށް ކުރީ އޭނާގެ ދުލުން ބަޔާންނުކުރެވޭފަދަ އަސަރެކެވެ. ހިތަށް ހަމަޖެހުން ލިބިގެން ދިޔަކަން ކަށަވަރެވެ. އޭނާއަށްވުރެ މާވީ އިސްކޮޅުން ކުރެވެ. ކިރިޔާ ކޮނޑާއި ހަމަޔަށް އަރާކަމެވެ. އެވެސް މާވީ އަރައިގެން ހުރި އުސްފައިވާނުގެ ސަބަބުންނެވެ. އެހެންވިއަސް އެއީ މާވީގެ އައިބެއް ކަމުގައި އޭނާ ނުދެކެއެވެ. ހުރިހާ ގޮތަކުންވެސް މާވީ ފުރިހަމަކަން އޭނާ ޤަބޫލުކުރެއެވެ. މާވީގެ މޫނުމަތިން ފެންނަ އުފާވެރިކަން ފެނިފައި އޭނާއަށްވެސް ހިނިތުންވެވުނެވެ.

"ކިހިނެއްވީ؟" އީތަން ހީލި އަޑު އަހާފައި މާވީ އަހާލިއެވެ. އޭނާ އިސްއުފުލާލިއިރު ފެނުނީ އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން ހުރި އީތަންއެވެ. އޭނާގެ ސުވާލު އީތަންގެ ކަންފަތަށް ނީވޭ ފަދައެވެ. ޖަވާބެއް ނުދިން ތަނުގައި އެ ހިނިތުންވުމަށް ބަދަލެއްވެސް ނުގެނެއެވެ. މާވީ އަތް އުފުލާފައި އީތަންގެ މޫނާއި ކައިރިން ދެފަރާތަށް ހަނާއަޅާލިއެވެ. އީތަންއަށް ރެއަކާލީ ދެނެވެ. ދެވަނަ ފަހަރަށް މާވީ އެ ސުވާލު ތަކުރާރުކޮށްލީ އެވަގުތެވެ.

"ޔުއަރ ސްމައިލް." އީތަން ފުރިހަމަ ނުކޮށް ހުއްޓާލިއެވެ. މާވީގެ ހިނިތުންވުން ފެނި އޭނާގެ ހިތް ފިދާވެއްޖެފަދައެވެ. އެހިތަށް އަސަރުތަކެއް ކުރިކަން އަންގަން ބޭނުންވީ ކަމަށްވެދާނެއެވެ.

"ވަޓް؟" މާވީ ބޭނުންވީ އީތަން ލައްވާ ބުނުއްވާށެވެ.

"ނަތިން." ފިރިހެނަކަށްވެ ހުރެ އީތަންއަށް އެހިތްވަރެއް ނުލިބުނެވެ. ކަމެއް ނުވާކަމަށް ބުންޏަސް އެކަން ޤަބޫލުކުރަން މާވީ ބޭނުމެއް ނޫނެވެ.

"އަހަރެން ބުނި ފަދައިން ދެގަޑިއިރު ތެރޭ މި އާދެވުނީ، ދެން އަހަރެން މާވީގެ ކުރިމައްޗަކަށް ނާންނާނަން.." އީތަން ހުއްޓުނީ މާވީގެ ގޭ ކުރިމަތީގައެވެ. އީތަންގެ އަތުން މާވީ ދޫކޮށްލިއެވެ. އޭނާއަށް ހީވީ ބައެއް އުނިވެގެން ދިޔަހެންނެވެ. މި ދެގަޑިއިރު ނިމުނުލެއް އަވަސްކަމުން އޭނާ ހިތް ނުތަނަވަސްވިއެވެ. އަދި އީތަން ނުފެންނާނެތީ އެކަމާއި ކަންބޮޑުވިއެވެ.

"ސޭ ގުޑްބާއީ." މާވީގެ އަޑު ހިނދިގެން ދިޔައެވެ. އުމުރަށްވެސް ދެމީހުން ވަކިވާނަމަ ވަދާއީ ސަލާމަކުން ސަލާމްކުރުމަށް މާވީ އެދުނެވެ. އެ އަޑު އަހާފައި އީތަންގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެއީ މާވީ ބޭނުންވާ ގޮތެވެ. އެންމެ ކުޑަމިނުން އެކުވެރިކަން ބާއްވަންވެސް މާވީ ބޭނުން ނުވަނީ ކަންނޭނގެއެވެ. އީތަންއަށް ޝަކުވާ ކުރެވުނެވެ. އޭނަ އަކީ އެހާ ގޯސްމީހެއްގެ ގޮތުގައި މާވީ ދެކެންވީ ސަބަބެއް ނޭނގެއެވެ.

"ގުޑް.. އޯހް،" މޫނަށް ޖެހި ފެންތިކިތަކުން އީތަންއަށް ޖުމްލަ ނުވެސް ބުނެވުނެވެ. އުޑާއި ދިމާލަށް އިސްއުފުލާލުމުން ފެނުނީ އެދިމާލަށް އޮހެމުން ދިޔަ ވާރޭގެ ތިކިތަކެވެ. ދެންމެ ފެންނަން ހުރި ހަނދުގެ ނިޝާންވެސް ނެތެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭ ކަންތައް ބަދަލުވެގެންދެއެވެ.

އީތަންގެ އަތުގައި ހިފައިގެން މާވީ ދުއްވައިގަތީ ގޭގެ ޕޯޓިކޯގެ ނިވަލަށެވެ. ވާރެއާއި ތެމުމަކީ މާވީ ކުރާހިތްވާކަމެއް ނޫނެވެ. އީތަންވެސް އޭނާގެ ގައިން ފެންތައް ފޮޅާލިއެވެ.

"އައި ހޭޓް އިޓް" އީތަންގެ ހަރަކާތުންވެސް ތެމެން ބޭނުން ނުވާކަން އެނގެއެވެ.

"ޔޫ ހޭޓް ރެއިން؟" މާވީ އަހާލިއެވެ. އީތަންގެ މޫނަށް އައި ބަދަލު މާވީއަށް ފެނުނެވެ. ގައިން ފެންތައް ފޮޅަން ހުރެފައި އީތަންގެ ހަރަކާތައް ހުއްޓުމެއް އައެވެ.

"އައި ހޭޓް އެވްރިތިން ދެޓް ރިމައިންޑް މީ، ........ޝީ އިޒް އަ ބިޗް" އީތަން ދަތްޕިލަ ޖައްސާ ބާރުކޮށްލިކަން ކޯކަށިގަނޑުވެސް އެނގުނެވެ. އެސްފިޔަޖަހާލާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އީތަންގެ ދެލޯ ފުރެމުން ދިޔަތަން މާވީއަށް ފެނުނެވެ. އީތަން އެހެން ބުނުމުން މާވީއަށް ހުރެވުނީ ހައިރާންވެފައެވެ. އީތަން ހިތުގެ ޒަޚަމްތައް އޭނާގެ ލޯމައްޗަށް ތިލަވަގެން ދިޔަ ފަދައެވެ.

އެހާބޮޑު ތަކުލީފެއް އީތަން އަށް އެ ލިބެނީ އެ އަންހެންކުއްޖާއަށްޓަކައި އީތަންގެ ހިތުގައި އޮތް ލޯބީގެ ވަރުގަދަކަމުންކަން މާވީ އަށް ޤަބޫލުކުރެވުނެވެ. ލޯބިވާންވީ ހިތަށް ކުޅަދާނަ މިންވަރަށެވެ. އެއީ ނަފްރަތަށް ބަދަލުވުމަށް ފަހު އެހިތް އުފުލާނެ ބުރަ އެއްވެސް މީހަކަށް ލުއިކޮށެއް ނުދެވޭނެއެވެ،

"އީތަން، ތި ހިތަށް ލުއިވާނީ އަހަރެން ކީކޭ ބުނެގެންކަމެއް ނޭނގެ، އެނގޭހާ އެއްޗަކީ އެއްވެސް އިންސާނަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެކަން، އަދި އީތަންއަށްވެސް ފަސޭހަ ދުވަހެއް އަންނާނެ" މާވީ އާއި ދިމާލަށް އީތަން ބަލާލިއެވެ.

"އަހަރެން ނޭވާލާ ހިނދު އެއީ ވާނެކަމެއް ނޫން، އޭނަ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ، އަހަރެން ކުރާ ކަމެއް ގުޅިފައިވަނީ އޭނަ އާއި، އަހަންނަކަށް ނޭނގެ އަހަންނާއި ނުލައި އޭނަ އުޅެން ދަސްކުރިގޮތެއް، އަހަރެން އޭނައަށް ނަފްރަތުކުރަން ބޭނުން، އެ ނަފްރަތުގެ ސަބަބުންވެސް ފަހަރެއްގައި އޭނަ މަތިން ހަނދާންނެތިދާނެ، " އީތަން ބަލަން ފެށީ ތުނިކޮށް ވެހެން ފެށި ވާރޭއަށެވެ. އެފަދަ ފިނި ކިތަންމެ ވަގުތެއްގައި އޭނާ ހޭދަކުރީ ފުރާނަ ފަދައިން ލޯބިވާ އަންހެންކުއްޖަކާއި އެކުގައެވެ. އެދެމީހުންގެ ގުޅުން އެތައް އިމެއް ހުރަސްކުރިއެވެ. ބައެއް ފަހަރު އިޚްތިޔާރުން ބޭރުންނެވެ. އަނެއްބައި ފަހަރު ދެމީހުންގެ ރުހުމާއި އެކުގައެވެ. އެއީ ހަނދާނުން ފޮހެވޭނެ ކަންކަމެއް ނޫނެވެ.

އަނެއްކާވެސް މާވީއަށް ހާމަވީ އީތަންގެ ހިތުގައި ހުރި ޒަޚަމްތަކުން ބައެކެވެ. ދެލޮލުން ފެނުނީ އެ ހަނދާންތަކުގެ ސަބަބުން ހިތުގައި ރިހޭ މިންވަރެވެ. ކަރުނައިގެ ސިފައިގައެވެ. ވެހެމުން ދިޔަ ވާރޭއަށް އީތަން ބަލަން ހުއްޓެވެ.

"މާވީއަށް އެކަހަލަ ކަމެއް ދިމާވީމައި އެނގޭނި" އީތަން ގެ މޫނަށް މާވީ ބަލައިލީ ސިހިފައެވެ. ހީވީ އޭނާގެ މޫނުމަތީ ޖެހިހެންނެވެ. އީތަންގެ ޖުމްލައިން ހީވަނީ މާވީ އަކީ މި އުޑުދަށުގައި ލެއްވި ހުރިހާ ނަޞީބެއް ލިބިގެން ބޮޑުވި އަންހެންކުއްޖެއްހެނެވެ. ލޯބީގ ހިތްދަތިކަން އޭނާއަށްވެސް ތަހައްމަލުކުރަންޖެހުނެވެ. އެކަމަކު އެއީ އީތަންއަށް ހާމަކުރަންޖެހޭ ކަންތައްތަކެއް ނޫނެވެ. ކޮންމެ ރެއަކު ނިދެންދެން ކަރުނަ އޮހޮރުމަށްފަހު ހެނދުނު އޭނާ ނިކުންނަނީ ހިނިތުންވެލައިގެން ހުރެއެވެ،

މާވީ މަޑުމަޑުން ފަހަތަށް ޖެހިލިއެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔައީ އީތަން ކައިރީ ބުނެވެސްނުލައެވެ. އެތެރެއަށް ވަންއިރު ފުރަތަމަ ވެސް ފެނުނީ މާމައެވެ. މާވީ އަންނަންދެން އިންތިޒާރުގައި އިންތަނެވެ. ވަރުބަލިވެގެން ސޯފާގެ އަތްގަނޑުމަތީ ބޯ އަޅާލައިގެން ނިދިފައި އޮތެވެ. މާވީ ގޮސް ގުދުވެފައި މާމައަށް ގޮވާލިއެވެ. ލޯ ހުޅުވާލިގޮތަށް ފައުޒިއްޔާ އަހައިލީ ގަޑިންވީ ވަރެކެވެ. ދިހަގަޑިބައިވަނީކަމަށް ބުނުމުން ފައުޒިއްޔާ ބޭނުންވީ ނިދަން ވަންނާށެވެ.

** **

ހެނދުނުގެ ސަޔަށް މާވީ ނިކުތީ ބައްޕައަށްޓަކައި އެވެ. މިއަދު ޑިއުޓީ އޮތީ މެންދުރު ފަހުގައެވެ. އާމިރު އަންނަންދެން މާވީ މަޑުކޮށްގެން އިނެވެ. ފައުޒިއްޔާ އެތެރެއަށް ވަންނަމުން ތަހްމީނާގެ ގާތުގައި އެއްޗެހިތަކެއް ކީތަން ފެނުނެވެ. މާވީ އަޅައިނުލީ އެއީ ފައުޒިއްޔާ އަދާކުރާ ޒިންމާތަކުގެ ތެރެއިން އެއްބައިކަމުގައިވާތީއެވެ. ގެއަށް އެއްޗެއް މަދުވެފައި ހުއްޓަސް ނޫނީ ކާން އެއްޗެއް ތައްޔާރުކުރަންވިއަސް އެކަމުގެ އިރުޝާދުދޭނެ މީހަކީ ފައުޒިއްޔާއެވެ.

އާމިރު އައިސް ވަނީ ފައުޒިއްޔާގެ ފަހަތުންނެވެ. މާވީ ކައިރީ ޑިއުޓީ ނެތީތޯ އަހާލަމުން ކާންހުރި އެއްޗިއްސަށް އާމިރު ބަލައިލިއެވެ. އެވަގުތު ތަހްމީނާ އައިސް އިތުރު އެއް ތަށި ބަހައްޓައިފިއެވެ.

"އޭނައަށް ކޮޓަރިއަށް ކާންގެންދަން އަހަރެން ބުނިން" ފައުޒިއްޔާގެ އަޑުގައިވީ ނުރުހުމެވެ. އިތުރު މީހަކު އެގޭގައި ހުރީކަން މާވީއަށް ވިސްނުނެވެ. ތަހްމީނާގެ ގާތުގައި ސިއްރުން ދެއްކި ވާހަކައަކީ އެއީކަން އޭނާއަށް އެނގުނެވެ. މިގޭގައި ބަހައްޓާނީ ވަރަށް ގާތް މީހެއްނަމައެވެ. އެހެން ވެއްޖެނަމަ އެމީހަކު ކެއުމުގައި ބައިވެރި ނުކުރާންވީ ސަބަބެއް އޮވެދާނެބާއޭ އޭނާގެ ހިތަށް އެރިއެވެ.

"އަހަރެން ބުނީ އަންނާށޭ" އާމިރުގެ ޖުމްލައިން ފައުޒިއްޔާގެ މޫނު ދިޔައީ މިލައިގެންނެވެ. ދެބުމަ ކައިރިވެގެން ދިޔަތަން މާވީއަށް ފެނުނެވެ. އާމިރު ކޮންމެ ކަމެއްގައި ފައުޒިއްޔާގެ ލަފާ އަހާތަން މާވީއަށް ފެނެއެވެ. އަދި ފައުޒިއްޔާގެ އިރުޝާދާއި ދެކޮޅު ހަދާތަނެއް ނުފެނެއެވެ.

މީހަކު ދޮރުމައްޗަށް ހުއްޓުނީ އެވަގުތެވެ. އެދިމާލަށް މޫނު އަނބުރާލުމާއި އެކުފެނުނީ އިސްކޮޅުން ދިގު އަންހެނެކެވެ. އެއީ ކުރީ ދުވަހު މާވީއަށް ފެނުނު މީހާއެވެ. މިއަދުވެސް ލައިގެން ހުރީ ހަރުވާޅަކާއި ހެދުމެކެވެ. ބޮލުގައިވަނީ ހުޅި ޖަހައި ތަރުތީބުކޮށްލާފައެވެ. ދާދި ދެންމެ އަކު ފެންވަރާލައިގެން ނިކުން ފަދައެވެ. އެމީހާ އެތެރެއަށް ވަދެގެން އައި ވަގުތު ލުއި މީރުވަހެއް ނޭފަތުގައި ޖެހުނެވެ.

"މިއީ ކޮންކުއްޖެއް؟" އިށީންނަން ހަދާފައި މިންހާ އަހައިލިއެވެ. އެއި މާވީ ލޮލުން ދައްކާފައި އާމިރު ކުރެ އެހި ސުވާލެކެވެ. މާވީ ހައިރާންވީ އޭނާގެ ގޮތް އެމީހާއަށް ނޭނގުނީތީއެވެ. ކުރިއަށްވުރެ ބޮޑަށް ފައުޒިއްޔާ ނުރުހުންވެ އާމިރުއަށް ބަލައިލިއެވެ.

"މިއީ އަހަރެންގެ ދަރިފުޅު، މާވީ" އާމިރު އޭގެ ޖަވާބު ދިނުމުން މިންހާ ބަލައިލީ ޝައުޤުވެރިކަމާއި އެކުގައެވެ. އޭނާގެ މޫނަށް ގެނައީ ފުޅާ ހިނިތުންވުމެކެވެ. އެ ބެލުމުގައި ބީރައްޓެހިކަމެއް ނެތެވެ. މާވީއަށްވެސް ހިނިތުންވެވުނެވެ. ބޭރު ފުށުން ފެންނަން ހުރި ރީތިކަމަށްވުރެ މިންހާގެ ދުލުވެ ވިހަކަން ގަދަކަން އެނގުނީ ހިމޭންވެފައި އޮތް ކާގެ ތެރެއަށް ގުގުމައިގެން ދިޔަ ޖުމްލައިންނެވެ.

"އަހަންނަށް އެނގިފައެއް ނެތް ހިމްނާ އަށް ދަރިއަކުލިބުނު ކަމެއް. އޭނަ އާމިރު އާއި އިނީ ދަރިމައިނުވާ އަންހެނަކަށްވާތީ." މާވީގެ މެއަށް ހީވީ ތޫނއެއްޗެއް ހަރާލިހެންނެވެ. އޭނާގެ މަންމަ އާއި މެދު އަދަބުކުޑަކޮށްފައި ދުވަހަކުވެސް މީހަކު ބަހެއް ބުނި އަޑު މި ނޫނީ އޭނާ ނާހައެވެ.

"ހުއްޓާލާ، ތިއައީ ކާކުތަ އަހަރެންގެ މަންމައަށް އެފަދަ ގޮތަކަށް މުޚާތަބުކުރަން؟" މާވީ އަށް ކޮޅަށް ތެދުވެވުނެވެ. އަދި މިންހާ އާއި ދިމާލަށް އެހެން ބުނެވުނުއިރު އޭނާއަށް ހުރެވުނީ ދެއަތުން މޭޒުގައި އަތް އަޅައި ގުދުވެގެންނެވެ.

"މަޢާފްކުރޭ، އަހަރެން މާވީ ހިތުގައިޖައްސަން ބުނި އެއްޗެއް ނޫނޭ އެއީ،، އަހަރެން މިއީ ކާކުކަން މާވީއަށް އެނގިފައިނެތީމައި އެކަމާއި އަހަރެންވެސް ވަރަށް ދެރަވެއްޖެ، " މިންހާގެ އަޑުގައިވި މަލާމާތުގެ އަސަރުން މިފަހަރު އާމިރުގެ މޫޑްވެސް ބަދަލުވެގެން ދިޔައެވެ.

"މިންހާ، ކަލޭ އަނގަ މަޑުންލައިގެން އިދެވޭތޯ ބަލަންވީނު.." ފައުޒިއްޔާއަށް ހިމޭނަކުން ނީދެވުނެވެ. އޭނާ އެއްއަތުން މާވީގެ އަތުގައި ހިފާލިއެވެ. ގޮނޑީގައި އިށީނުމަށް ފައުޒިއްޔާ އިޝާރަތްކުރިއެވެ. މިންހާ ފާޑަކަށް ބަލައިލާފައި އެއްމިޔަނުން ހީލިއެވެ.

"ތަހްމީނާ، އަހަރެންގެ ނާސްތާ ކޮޓަރިއަށް ގެންގޮސްދީ، އަހަރެންގެ މޫޑް ބަދަލުވެއްޖެ، އަހަރެން މިއީ އާމިރުގެ އަންހެނުންގެ ގޮތުގައި މިގެއަށް އެންމެ ފުރަތަމަ އައި އަންހެނަކީ، އެކަމަކު އަހަންނަށް ޤަދަރުކުޑަކޮށްފައި ވަރަށް ގިނަ ކަންތައް މިގޭގައި ހިނގައިފިހެން ހީވަނީ، " ދަމުންވެސް މިންހާގެ ދުލުން އެތަނަށް ވައްޓައިލީ ބޮމެކެވެ. ފައުޒިއްޔާ އަނގަމަތީ އަތް އަޅާލިތަން ފެނިފައި މިންހާ އެބުނި އެއްޗަކީ ދޮގަކަށްނުވާނެކަން މާވީއަށް ނަގައިގަނެވުނެވެ. އޭނާ ބައްޕަގެ މޫނަށް ބަލައިލީ އެކަން ކަށަވަރު ކުރުމަށެވެ.

އާމިރުވެސް އެތަން ދޫކޮށްފައި ދާން ތެދުވުމުން މޭޒުދޮށުގައި ބާކީ ތިބީ މާމަ އާއި މާވީއެވެ. ގޮނޑީގައި މާވީ އިށީނެވެ. އޭނާގެ ހަށިގަނޑުން ހަކަތަ ހުސްވެފައިވާ ފަދައެވެ. ދެލޯ ފުރެމުން އައިކަން އެނގެއެވެ. އަރުބެދި ނޭވާ ހާސްވިއެވެ. ފައުޒިއްޔާގެ މޫނުމަތިން ފެނުނީ މާވީ އާއި ހަތަރުކަޅީ ހަމަކޮށްލަން އުދަނގޫވެފައި އިންކަމެވެ.

"އޭނަ އެބުނީ ތެދުތަ މާމާ؟" މާވީއަށް ބުނެވުނީ ހީކުރިވަރަށް ވުރެ އުދަނގުލުންނެވެ. ފައުޒިއްޔާއަށްވެސް ޖަވާބުދޭން އުދަނގޫވެފައި އިނެވެ. އެތައް އިރެއްފަހުން މަޑުމަޑުން ބޯޖަހާލިއެވެ. (ނުނިމޭ)

ދިގު ވާހަކަ

Popular