10 Feb 2020

By: Mariyam Yasma

އެއްރެއަކު ރައިޝާއަށް ހޭލެވުނުއިރު އަކީލް އެނދުގައި ނެތުމުން ކޮޓަރިން ނިކުމެގެން ހޯދަމުން ދަނިކޮށް ފެނުނު މަންޒަރަކުން މޭގަނޑު އަނގައަށް އައި ކަހަލަ އެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ސިޑިން ފައިބައިގެން ތިރިއަށް ދެވުނެވެ. އަކީލް އެއިރު ތިރީގައި ވެއްޓިފައި އޮތް ޚާލިދާ ނަގައިގަނެގެން ގެންގޮސް ސޯފާގައި ދިގު ދިގަށް ބާއްވައިފި އެވެ. ރައިޝާ ގޮސް ކައިރިވިތަނާ އަކީލް ފެންތައްޓެއް ބަލައޭ ބުނެފައި ގޮސް ކާކޮޓަރިއަށް ވަނެވެ. އަކީލް އައިސް ކައިރިވިހާއިރުން ރައިޝާ ފެންތަށި އަތުލާފައި އަތްގޮށްޓަށް ފެންފޮދެއް އަޅަމުން ޚާލިދާއަށް ވީ ކިހިނެތްތޯ އެހި އެވެ.

"ނޭނގެ ހަމަ އެއްގޮތަކަށް ވެސް. އަހަންނަށް ނުނިދިގެން ނިކުމެގެން ތިރިއަށް އައިއިރު ބަދިގެ ދޮރު ކައިރީ ވެއްޓިފަ އޮތްވާ ފެނުނީ ހަމަ ދެންމެ. އެތާގެ ލައިޓް ދިއްލާފަ ހުރީމަ އެހާ ފަސޭހައިން ފެނުނީވެސް..." ރައިޝާ ޚާލިދާގެ މޫނުގައި ފެން އުނގުޅަމުން ދިޔައިރު އަކީލް ވާހަކަދެއްކި އެވެ.

"ވެއިޓް... ބަލާބަ ނޭވާ ލާތޯ!" ރައިޝާގެ އަތަށް ކުއްލިއަކަށް މަޑުޖެހުމެއް އައެވެ.

ޚާލިދާގެ ހިމޭންވެފައިވާ ހަށިގަނޑު ފެނުމުން އޭނަގެ ހިތް ބިރުގަންނަ ގޮތް ވި އެވެ. އަކީލް ހައިރާންކަމާއެކު ރައިޝާއަށް ނަޒަރެއް ދީފައި ގުދުވެ ކަންފަތް ކައިރިކޮށްލީ ޚާލިދާގެ އަނގައާއި ނޭފަތާ އެވެ. ހިންދެމިލާފައި އޭނަ އަލުން ބަލައިލިގޮތުން ރައިޝާގެ ހިތުގައިވި ބިރުވެރިކަން އިތުރުވެގެން އައެވެ. އަތުގައި ހުރި ފެންތަށި ފަހަތުގައި ހުރި މޭޒުމަތީ ބަހައްޓާފައި ވިންދު ހުރިތޯ ޗެކްކުރި އެވެ. އަކީލް އެއިރު ޑްރައިވަރު ހޯދަން ދާން ފުރަގަސްދީފައި ހިނގައިގެންފި އެވެ.

ޚާލިދާ ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ. ޑޮކްޓަރުން ބަލާފައި މަރުގެ ސަބަބަކަށް ބަޔާންކުރީ ހާޓް އެޓޭކް އެކެވެ. ފެށުނީއްސުރެ ގޭގައި އުޅުނު މީހަކަށް ވުމުން އަކީލްގެ ހިތުގައި ޚާލިދާއަށް ކުލުނު ޖެހިފައިވި އެވެ. އެހެންވެ ޚާލިދާ ވަޅުލާފައި ނޫނީ އޭނަ ގެއަކަށް އެނބުރިއެއް ނާދެ އެވެ. އެރޭ އެނބުރި އައިސް އަކީލް އިންނަނީ ހިމޭނުންނެވެ. ރައިޝާ ރިއާނާއާއި ދެބަފައިންނަށް ކާންހަދާފައި ކައިރީގައި އިންއިރު އަކީލް ތަށްޓަށް ސަމުސާ ލީގޮތަށް ހާވަ ހާވައި އިނީ އެވެ..

"ކޮންމެ ފަހަރަކު މަންމަގެ ޗުއްޓީ ކައިރި ވާއިރަށް އަހަންނަށް ރޭގަނޑު ނިދިވެސް ނާދޭ. ކޮންމެ ރެއަކު ނިދަނީ ދުވަސް ގުނަން އޮވެގެން. ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ފުރަތަމަ ވެސް ކަލަންޑަރުން ދުވަހެއް ކަނޑައިލަން." އަކީލް ވާހަކަދައްކަން ފެށީ ކޮޓަރިތެރޭގައި ދެމީހުން އެކަނިވީމަ އެވެ. އޭނަ އިނީ އެނދުގެ ފަޑީގައި ލައްކޮށްފައިވާ ބާލީސްތަކުގައި ލެނގިލައިގެން ދުރުބަލާށެވެ.

ރައިޝާ ފެންތައްޓެއް ބޯން ހުރެފައި އަކީލް ވާހަކަދައްކަން ފެށުމުން ތަށި ތިރިކޮށްލެވުނު ގޮތަށް ގުޑިލަން ވެސް ބޭނުން ނުވެފައި ހުރެވުނީ އޭނަގެ އެވަރުގެ އަމަލަކުން ވެސް އަކީލްގެ ވާހަކަ ހުއްޓުމުގެ ސަބަބަކަށް ވެދާނެތީ އެވެ.

"އައިސް ކުޑަ ދުވަސްކޮޅެއް ވާއިރު އަހަންނަށް މަންމަ ފެންނާނީވެސް މަދު ދުވަހަކު. މަންމަގެ އެކުވެރިންނާއެކު ދާންޖެހޭ ތަންތަން މާ ގިނަ ވާނެ. އަހަރެން ކިތަންމެ ފަހަރަކު މަންމަ ނިދާ ހޭލައިގެން ނިކުންނަން ދެން ކުޅޭ އެއްޗެހހި ނަގައި ތައްޔާރުވެގެން ހުންނަން. މަންމަ ނިކުތުމުން އެކީގައި ކުޅެން ބުނަން ވެގެން. އެކަމަކު ހޭލާ ގޮތަށް މަންމަ ފެންވަރާ ނަލަވެގެން ނިކުމެގެން އަންނާނީ މާ ހަރުހަރުކޮށް. އަހަރެން ގޮވާ އަޑުވެސް ނީވޭނެ ނިކުމެގެން ދާއިރު. އެހެން އުޅެނިކޮށް އެރޭ އަހަރެން އިންތިޒާރު ކޮށްކޮށް ވަރުބަލިވެގެން ނިދިފަ އޮތްވާ އައިސް ގޮވީ ބައްޕަ.." އަކީލް ރައިޝާއާ ދިމާއަށް މޫނު އަނބުރާލައިފައި އަތް ދިއްކޮށްލީ ކައިރިއަށް އަންނަން ބުނާފަދަ ގޮތަކަށެވެ.

ރައިޝާގެ އަތުގައި ހުރި ތަށި ބަހައްޓާފައި އަވަހަށް އައިސް އަކީލް އަތުގައި ހިފާލުމަށްފަހު ކައިރީގގައި އިށީނދެލި އެވެ. އަކީލް ވާހަކަދައްކަން ފުރުސަތު ދެމުން އޭނަ ބޯ އަޅައިލީ އަކީލްގެ ކޮނޑުގަ އެވެ.

"އެރޭ ބައްޕަ އައިސް ދިނީ މަންމަ އަހަރެމެން ދޫކޮށްލާފައި ދިޔަ ޚަބަރު. އެރޭ އަހަރެން ނިދީ ރޮމުން. ބައްޕަ މަސައްކަތް ކުރަމުން ދިޔައީ މަންމަގެ އުނިކޮށް އަހަންނަށް އިހްސާސްވިޔަ ނުދޭން. އެރެއިން ފެށިގެން އަހަރެން ބޭނުންވި އެއްވެސް ކަމަކަށް ބައްޕަ ދެކޮޅެއް ނުހަދާ. އެތަކެއް ފަހަރު ސުކޫލްގައި ވިޔާނުދާކޮށް އުޅެގެން ބައްޕަ އޮފީހަށް ގެންދާނެ. އެކަމަކު ގެއަށް އައިސް ބައްޕަ ދެރަވެފަ އެމޭގައި އަހަރެން ޖައްސާލާނީ ފެންކަޅިވެފައި ހުރެ. ބުނާނެ ބައްޕަގެ ކުށުންނޭ އެހެން އެވީ. ބައްޕަ އެހެން ބުނުމުން ކޮންމެ ފަހަރަކު އަހަރެން ގިލްޓީ ވޭ. ކުރިއަށްވުރެ ރަނގަޅު ވާން ބޭނުންވޭ. އަދި ދުވަސްކޮޅެއް ވަންދެން އެހެން އުޅެން. ދެން އަނެއްކާ ވެސް ހަމަ އެކަން ތަކުރާރުވޭ. އެހެން އުޅެނިކޮށް ވަރަށް ބޮޑުވިފަހުން ބައްޕަ ބުނަނީ އަހަރެން މޮޅަށް ކިޔަވައިގެން އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދައިފިއްޔާ ބޭރަށް ކިޔަވަން ފޮނުވާނެ ވާހަކަ. އެހިސާބުން އަހަރެންގެ އަމާޒަކަށް ވީ މަންމަގެ ސިޓީއަށް ދިއުން. އެކަމަކު އަހަރެންގެ އެހުރިހާ މަސައްކަތެއްގެ ނަތީޖާ ނިކުތީ އަހަރެން ކުޑަކކޮށް ވެސް އުންމީދު ނުކުރާ ގޮތަކަށް..." އަކީލް ވާހަކަ މެދުކަނޑައިލުމުން ރައިޝާއަށް އެމޫނަށް ބަލައިލެވުނެވެ.

މުށްކެވިފައި އޮތް އަކީލްގެ އަތް ފެނިގެން ރައިޝާގެ އެއިނގިލިތައް ހުޅުވާލަދިނެވެ. އަކީލް އޭނަގެ ނިތުގައި ބޮސްދީފައި ހިނިތުންވެލި އެވެ.

"މަންމަ އަހަރެންގެ މަޤާމަށް ސާހިލް ގެނެސްފައި ވަނިކޮށް ފެނުނު ދުވަހު އަހަރެންގެ އެންމެ ބޮޑު ދުޝްމިނަކީ އެއީ ކަމުގައި ޤަބޫލު ކުރެވުނު. އެދުވަހު އެނބުރި އައިފަހުން އަހަރެންގެ އިހްސާސްތައް ވެސް މަޑުމަޑުން ބަދަލުވަމުން އައި. މަންމަ އެނބުރި އައުމުން އެސޫރަ ދެކޭކަށް ވެސް ބޭނުމެއް ނުވި. އެކަމަކު މިއަދު އަހަންނަށް އިހްސާސްވެއްޖެ ސާހިލްދެކެ އަހަރެން އައި ރުޅިއަކީވެސް މަންމަދެކެ އަހަރެން ވީ ލޯބިކަން. މަންމައާމެދު އަހަރެންގެ ހިތުގައި ވީ ޝަކުވާތައް އެއީ ނަފްރަތުގެ ގޮތުގައި ޤަބޫލުކޮށްގެން މިހާ ދުވަހު އުޅެވުނީ. އެކަމަކު ދެން ބޭނުމެއް ނޫން ވަގުތު ބޭކާރު ކުރާކަށް. ކޮންމެ ގޮތެއްވިއަސް އެއީ އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާ. ނުވަމަސްދުވަހު މަންމަ އުފުލި ވޭނުގެ އަގު ދުވަހަކުވެސް ނުދެވޭނެ. މަންމަ މަގު ގެއްލުނު ދުވަހު ކުރެވުނު ކުށްތަކަށް އަހަރެންނަށް މާފުނުކުރެވެންޏާ އަހަރެން ވެސް ވަކި މަންމައަށްވުރެ ރަނގަޅެއް ނުވާނެ.. އަހަރެން ބޭނުން މަންމަގެ ކިބައިން މާފަށް އެދެން. މަންމަ އަހަންނަށް މާފުނުކޮށް ހުއްޓާ ދުނިޔެއިން ނިމިގެން ހިނގައްޖެއްޔާ ސުވަރުގެވެސް ނުލިބޭނެ.." އަކީލްގެ ފަހު ޖުމްލަ އަހާފައި ރައިޝާއަށް އެއަތުގައި ބާރަށް ހިފަހައްޓައިލެވުނެވެ.

"ﷲ އަކީލްއަށް ހެޔޮ ވިސްނުން ދެއްވީތީ ޝުކުރު ކުރަން. ހިނގާ އަވަހަށް މަންމަ ކައިރިއަށް ދާން!" ރައިޝާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފައި ވާހަކަދެއްކި އެވެ.

ޖެހިގެން އައި ދުވަހު އަކީލްގެ އާއިލާ މަންމަ ކައިރިއަށް ފުރި އެވެ. އަކީލް ނޭހިއަސް ރައިޝާ ކިޔައިދީފައި ހުރި ވާހަކަތަކުން މަންމަގެ ކެންސަރުގެ ފަހު ސްޓޭޖްކަން އޭނައަށް ވެސް އޮތީ އެނގިފަ އެވެ. އަކީލްއަށް ދެވުނުއިރު މަންމައަށް އޮތީ ނިދިފަ އެވެ. މަންމަ ހޭލީ އޭނަ އެމޫނަށް ބަލަން ހުއްޓަ އެވެ. ލޯ ހުޅުވާލައިފައި ލުއި ހިނިތުންވުމެއް ވެރިކޮށްލުމާއެކު އަކީލްގެ ކެތްތެރިކަން ކޮޅުންލި އެވެ. އެހިނިތުންވުމަކީ އިރެއްގައި އޭނަގެ މުޅި ދުނިޔެ އެވެ.

"މަންމާ އަހަންނަށް މާފުކުރޭ!" އަކީލްއަށް ބުނެވުނެވެ.

މަންމަ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފައި ދެއަތް ހުޅުވައިލި އެވެ. އަކީލްއަށް ހީވީ އަލުން ކުޑަކުއްޖަކަށް އޭނަ ބަދަލުވީ ހެންނެވެ. އަވަހަށް ގޮސް އެއަތުގެ ހިމާޔަތުގެ ތެރެއަށް ވަދެވުނެވެ. އޭނަ ތަކުރާރުކޮށް މަންމަ ކައިރިން މާފަށް އެދުނެވެ. ބަދަލުގައި މަންމަވެސް އަކީލް ކައިރިން އެދެމުން ދިޔައީ ހަމަ އެކަމަށެވެ. ދެމައިންގެ މިހަރަކާތްތައް ފެންނަ ހިސާބުގައި ސާހިލް ހުއްޓާ ފެނުނީ ފުރަތަމަ މަންމަ އަށެވެ. މަންމަ ސާހިލްގެ ނަމުން ގޮވައިލުމުން އަކީލް ދުރަށް ޖެހިލާފައި ބަލައިލި އެވެ. ސާހިލް ހަށަން ބަނދެލައިގެން ހުރީ އެއްވެސް އަސަރެއް އެމޫނުން ނުދައްކަ އެވެ.

"ކަމް ހިއާ މައި ބްރަދާ! މިއަދު އަހަރެން މާފަށް އެދެންޖެހޭ އަނެއް މީހަކީ ތީ." އަކީލްގެ ޖުމްލަ ނުނިމެނީސް ސާހިލް ދެފަރާތަށް ބޯ ހޫރުވައިލި އެވެ.

ދެބެން އެކަކު އަނެކަކާއި ކަރާކަރު ޖައްސައި ސަލާމްކޮށް ހިތުގެ އުދާސްތައް ނެރުނުއިރު މަންމަ އިނީ ރޮވިފަ އެވެ. އެދުވަހަށްފަހު ހަފްތާއެއް ވެސް ނުވެ އުޅެނިކޮށް މަންމަ ނިޔާވެއްޖެ އެވެ. ޔަލްވީގެ ހާލަތަށް ބަލާފައި ވިހެއުމުގައި ދިމާވެދާނެ އެންމެހާ ނުރައްކަލަކުން ރައްކާތެރިވެ ތިބުމަށްޓަކައި ސާހިލް ނިންމީ ވިހާ ގަދަވަންދެން ރާއްޖެ ނުގޮސް މަޑުކުރުމަށެވެ. އެކަމަކު ދެދުވަހަކު މަޑުކޮށްފައި އަކީލްގެ އާއިލާ އަނެއްކާވެސް މާލެ ދާން ފުރި އެވެ.

***

ޔަލްވީ އާއި ސާހިލް ތުއްތު ޔަޒަންއާއެކު މާލެ އައި ދުވަހަކީ އެންމެނަށް ވެސް ހާއްސަ ދުވަހެކެވެ. ރިއާނާ އުފަލުން ތުންފަތް ކައިރިނުވެ އެވެ. އަކީލް ވެސް މޫނުމަތިން މާބޮޑަށް ނުދެއްކިއެއް ކަމަކު ހުރީ އުފަލުން ފޮޅިފަ އެވެ. ތުއްތު ޔަޒަން ފުރަތަމަ ފަހަރު އުރާލައިގެން އެމޫނަށް ބަލަން ހުރެވުނީ އަޖައިބެއް ފެނިގެން އެސްފިޔަ ޖަހައިލަން ނޭނގިފައި ހުރި މީހަކު ފަދައިންނެވެ.

ރައިޝާގެ ފޯނަށް މެސެޖެއް އައިސްގެން އިޢުލާން ކުރި އަޑު އެތާތިބި އެންމެނަށް އިވުނެވެ. އެކަމަކު މެސެޖް ހުޅުވާލުމާއެކު އެމޫނުގެ ކުލަ ބަދަލުވީގޮތް ފާހަގަވީ ހަމައެކަނި އަކީލް އަށެވެ. އެހެން އެކެއްގެ ވެސް ސަމާލުކަން ނުލިބޭނެހެން މަޑުމަޑުން ގޮސް ގެއިން ނިކުތްތަން އޭނައަށް ފެނުނެވެ. ރައިޝާގެ މޫނުމަތީގައިވާ މޮޅިވެރިކަން ވެސް ފުރަތަމަ ފަހަރަށް ފާހަގަވީ ދެނެވެ. ރައިޝާ އެހާ ހިތްދަތިވެގެން އެއުޅެނީ ޔަޒަން ފެނިގެން އަމިއްލަ އުނިކަން އިހްސާސް ވާތީ ބާވައޭ ހިތަށް އެރި އެވެ.

ކުއްލިއަކަށް ރައިޝާ ފަހަތުން ދާން ހިތަށް އަރައިގެން އޭނަ ޔަޒަން ޔަލްވީ އަތަށް ދީފައި ގޮސް ނިކުމެވުނުއިރު ކާރު ނައްޓާލައިފި އެވެ. އޭނަ ނިކުމެ ސައިކަލު ހޯދައިގެން ޔަލްވީގެ ކާރުގެ ފަސް ފަހަތުން ނައްޓައިލި އެވެ.

ކާރު މަޑުކުރީ އަކީލްއަށް ފާހަގަ ކުރެވޭފަދަ އެއްވެސް ހާއްސަ ތަނަކަށް ނޫނެވެ. ރައިޝާ ނިކުމެގެން ގޮސް ކޮފީ ޝޮޕަކަށް ވަނުމުން ފަހަތުން ގޮސް ވަންއިރު ފެނުނު މަންޒަރަކުން ހިތަށް ލޮޅުން އެރި އެވެ. ރައިޝާ ގޮސް އިނީ ޒާމިންއާ ކުރިމަތިލައިގެންނެވެ.

އަކީލް ތަންކޮޅެއް ދުރުން ލައިފައި ގޮސް އެމީހުން ފެންނަ ހިސާބުގައި މަޑުކޮށްގެން އިން ނަމަވެސް ދައްކާ ވާހަކަ ކަންފަތަށް ފޯރާ ގޮތެއް ނުވި އެވެ. އޭނައަށް ފެނުނީ މީން ދުވަހަކު ނުފެންނަ ވަރަށް ރައިޝާ ކަންބޮޑުވެފައި ވަނިކޮށެވެ. ހިތްހަމަނުޖެހިފައި ވަނިކޮށެވެ. ރައިޝާގެ ވާހަކަ އިވިގެން ޒާމިން އިސްޖަހައިގެން އިނދެފައި ފަހުން ރައިޝާގެ ވާހަކަ ހުއްޓުވަންވެގެން އޭނަ ވެސް ވާހަކަތަކެއް ދެއްކި އެވެ. ވަކި ހިސާބަކުން ރައިޝާ ކޮޅަށް ތެދުވުމުން ޒާމިން އެއަތުގައި ހިފާލިތަން ފެނިގެން އޭނަގެ ލޭ ކެކެން ފެށި އެވެ. ނަސީބަކުން އޭނައަށް ތެދުވެގެން ގޮސް ޒާމިންގެ އަތުގައި ހިފާ ދުރުނުކުރެވެނީސް ރައިޝާ އަމިއްލައަށް އެއަތް ފޮޅުވާލައިފި އެވެ.

އަކީލްއަށް ބުމަ ކައިރިކޮށްލެވުނީ ރައިޝާ އަނެއްކާ ވެސް ކުރިން އިންތަނުގައި އިށީނދެލީމަ އެވެ. ދެން ދެއްކި ވާހަކައެއް ވިއްޔާ ދެއްކީ ޒާމިން އެވެ. އެއަށްފަހު ޒާމިން ތެދުވެގެން ދިޔައިރު އަކީލްއަށް ރައިޝާގެ މޫނު ފެނުމުން ކޮޅޅަށް ތެދުވެވިއްޖެ އެވެ.

ރައިޝާ ރޮނީ އެވެ. އޭނަ އެތައް ސުވާލެއް ކުރަން ބޭނުންވިއަސް އެއީ އެންމެ ރަނގަޅު މާހައުލު ކަމަކަށް ޤަބޫލެއް ނުކުރެވުނެވެ. ރައިޝާ ކަރުނަ ފުހެގެން ދާންތެދުވުމުން އޭނަ އިރުކޮޅެއް ވަންދެން މަޑުކޮށްގެން އިނީ އެވެ.

ގެއަށް ދިއުމުން ރައިޝާ ފެނުނީ އެހެން ދުވަސް ދުވަހާއި ވެސް އެއްގޮތަށެވެ. ފެނުނު ކަންތަކާއިމެދު ސުވާލުކުރަން ކިތަންމެ ފަހަރަކުވެސް އަކީލް ހިތަށް އެރި އެވެ. އެކަމަކު ރައިޝާއަށް ކަންބޮޑުވުމެއް ލިބިދާނެތީ ފަސްޖެހުނެވެ. އެހެން އުޅެނިކޮށް އޭނަ ކައިރީ ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުނީ ރައިޝާ އަމިއްލަ އަށެވެ. އަކީލް ބޯޖަހައިލުމުން ތެދުވެގެން ދިޔައީ އަތްދަބަސް ހޯދާށެވެ. އޭގެ ތެރެއިން ނަގައިގެން ގެނަ ކަރުދާސްގަނޑެއް ދިއްކޮށްލުމުން އަކީލް އޭގައި ހިފާފައި ބަލައިލެވުނީ ރައިޝާ އަށެވެ.

"ބަލާބަލަ." ރައިޝާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.

"ކި...ކިހިނެތް؟" އަކީލްއަށް އަމިއްލަ ލޮލަށް އިތުބާރެއް ނުކުރެވުނެވެ. ޓެސްޓްގެ ނަތީޖާއިން ދައްކަނީ ރައިޝާ ބަނޑުބޮޑު ކަމަށެވެ.

ޖަވާބު ހޯދަންވެގެން އަކީލް ދެވަނަ ފަހަރަށް ބަލާލިއިރު ރައިޝާ ރޮނީ އެވެ. އަކީލްއަށް އިތުރަށް ދުރަކު ނުހުރެވުނެވެ. ރައިޝާ ގެނެސް މޭގައި ޖައްސާލައިފި އެވެ. ރޮއި ރޮއިފައި ހަމައަކަށް އެޅުމުން އަކީލް އެމޫނަށް ބަލަން ހުރެގެން ދެއއްވި ނިޢުމަތަށް ހަމްދު ކުރި އެވެ.

"މިއަދު އަހަރެން ޒާމިންއާ ބައްދަލުކުރިން..." ރައިޝާ އެހެން ބުނުމުން އަކީލް ހައިރާނެއް ނުވި އެވެ. އެކަމަކު އެކަން އޭނަ ނުދައްކަ އެވެ.

"އިނގޭތަ މައްސަލަ ހުންނަނީ އަހަރެންގެއެއް ނޫން. ޒާމިންގެ. އޭނަ އަހަންނަށް އެކަން ސިއްރުކުރީ. ކިހިނެތް އަހަންނަށް އެނގޭނީ އޭނަ ހުރިހާ ލިއުންތަކެއް ގެންގުޅުނީވެސް ޕްލަސް ހީ އިޒް ދަ ޑޮކްޓަރ. އަނެއްކާ އަހަރެންގެ ޕީސީއޯއެސް ހުރޭ. ކިހާ ފަސޭހަ ވާނެ އަހަރެންނަށް ދަރިން ނުލިބޭކަމަށް ޤަބޫލުކުރަން. އެހެންވެ އަހަރެން އޭނަ ބުނި އެއްޗެއް ޤަބޫލުކޮށްލައިގެން ހުރީ. އޭނަ ބޭނުން ނުވީ އަހަރެން އޭނަ ދޫކޮށްލަން. އެކަމަކު އޭނަގެ އެދޮގުގެ ސަބަބުން އަހަރެން އޭނައާ ދުރުވީ. އޭނަ އަމިއްލައަށް ފޭހުނު އިލޮށިގަނޑު އޭނަގެ ލޮލަށް އެހެރުނީ.." ރައިޝާ ކިޔައިދިނެވެ.

"އަދި އޭނަ ފަހުން ވެސް ކިހާ މަސައްކަތެއްކުރި އޭނަގެ ދިރިއުޅުމަށް ރައިޝާ ގެންދަން. އައި ސްވިއާ އއަހަރެން އަތުޖެހުނު ދުވަހަކުން..." އަކީލްގެ ޖުމްލަ ފުރިހަމަ ނުވަނީސް ރައިޝާ އެއަތުގައި ހިފާލައިފައި މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ.

"އުހު. އަހަރެން އޭނައަށް މާފުކޮށްފިން. އަހަންނަށް އިނގޭ ލޯއްބަކީ ސެލްފިޝް އެއްޗެއްކަން. އެހެންނޫނަސް ނައު އައި ހޭވް ޔޫ.. ސޯ އެކަން ދެން ހަނދާން ނައްތައިލާ.." ރައިޝާ އަކީލްގެ ދަތްދޮޅީގައި ހިފާލައިފައި ނުހަނު ލޯބިން އެދުނެވެ.

"ޔޫ އާ ޕްރެގްނެންޓް.." އަކީލް ރައިޝާއަށް ހަނދާންކޮށްލަދިނެވެ.

ރައިޝާ އަނެއްކާވެސް ރޯން ފެށީ އެހެން ބުނީމަ އެވެ. އެކަމަކު އެއީ އުފާވެރިކަމުގެ ކަރުނަކަން އަކީލްއަށް އެނގުނެވެ. އޭނަ އަނެއްކާވެސް ރައިޝާ ގެނެސް މޭގައި ޖައްސާލައިފައި ތަކުރާރުކޮށް އެއިސްތަށިގަނޑުގައި ބޮސްދިނެވެ. އަދި ތަކުރާރުކޮށް ހެއްދެވިފަރާތަށް ހަމްދުކުރި އެވެ. ރިއާނާ އާއި ރައިޝާ އަކީ އޭނަގެ މުޅި ދިރިއުޅުމެވެ. އެކަމަކު މިއަދު އަދި ކުރިއަށްވުރެ އޭނަގެ ދިރިއުޅުން އުފާވެރިވެއްޖެ އެވެ. ފުރިހަމަ ވެއްޖެ އެވެ. ކުރި ދިގު އިންތިޒާރަކަށްފަހު ރައިޝާގެ ހިތް ރުއްސި އެލޯބި ލިބުމަކީ އޭނަގެ އެންމެ ބޮޑު ކާމިޔާބީ އެވެ. -- ނިމުނީ --

ދިގު ވާހަކަ

Popular