15 Feb 2020

** **

ދެފައި މަޑުމަޑުން ކުރުކޮށްލަމުން މާވީ އަނގަމަތީ އަތް އަޅާލިއެވެ. އޭނާގެ މުޅި ހަށިގަނޑުގައި ނުރިހޭ އެންމެ މަސްކޮޅެއް ނެތެވެ. ތުންފަތުގެ ދެފަރާތް ހީވަނީ އިރައިގެން ގޮސްފައިވާހެންނެވެ. ބޮލުގެ ރިހުން ގަދައެވެ. އަރުތެރޭގައިވެސް ވަނީ ރިހުމެއް އުފެދިފައެވެ. ރޮއިރޮއި ވަރުބަލިވާއިރު ކަރުނަތައް ނިމުމަކަށް ނާންނަނީ ކީއްވެކަމެއް ނޭނގެއެވެ.

މާވީއަށް ފުރަގަސްދީގެން ނިދަން އޮތް އީތަން އާއި ސަނީހްގެ ގުގުރީގެ އަޑު އިވެމުން ދެއެވެ. އެދެމީހުން ނިދިފަހުން ގަޑިއިރެއްވެއްޖެއެވެ. އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ތެދުވެގެން ދުވެ ފިލަން ހިތަށް އަރައެވެ. އެކަމަކު ތެދުވާނެ ހިތްވަރެއް ނެތެވެ. ލޯމަރާލައިގެން އޮވެ ދުޢާކުރެވުނީ އަނިޔާވެރިކަމުން މިންޖުކޮށްދިނުމަށެވެ.

ރޭގަނޑުގެ އަނދިރިކަން ފިލައި ހިތްތަކަށް އަމާންކަން ގެނެސްދެމުން އެދުވަހުގެ އިރު ފެނުން ތޮޅިލިއެވެ. ފަޒާގެ ފިނިކަން ފިލައި އިރުގެ ހޫނުކަން ލިބެމުންދިޔަ ވަގުތެވެ. ގަދަނިދީގައި ތިބި އީތަން އާއި ސަނީހްއަށް ސިއްރުން ބަލާލާފައި މާވީ ތެދުވަން މަސައްކަތްކުރިއެވެ. މިހާރު އޭނާގެ ހަށިގަނޑުގެ ރިހުން ހިސާބަކަށް ލުއިވެއްޖެއެވެ.

ދޮރާއި ދިމާލަށް ދިއުމުގެކުރިން މާވީ ޗެކުކޮށްލީ އީތަން އެންމެ ފަހުން ގައިން ބޭލި އެއްޗިއްސެވެ. އެއްޖީބުގައި އޮތީ ތަޅުދަނޑި ފައްޗެކެވެ. އެތަނުން ނިކުމެވޭނެ އުއްމީދު މާވީގެ ހިތުގައި އާވެގެން ދިޔައެވެ. އީތަންގެ ވޮލެޓާއި ކުޑަ ވަޅިއެއް އޮތީ އެހެން ޖީބެއްގައެވެ. އެހުރިހާ އެއްޗެއް ނަގައި އެނބުރުނު ވަގުތު މޭގަނޑު ހީވީ އަނގައަށް އައިހެންނެވެ. ސިހިފައި ފުރަތަމަ ބަލައިލެވުނީ އީތަން ދެންމެ ނިދަން އޮތް ތަނަށެވެ. އެތަނުގެ ހުސްކަން ފެނި ކުރިމަތީގައި ހުރި އީތަންއަށް ބަލައިލެވުނީ ގަދަކަމުން ހިންދިރުވާލަމުންނެވެ.

"އަހަރެންގެ ކައިރިއަށް ނާންނާތި.." މާވީ ދިއްކޮށްލީ ވަޅިއެވެ. އީތަންގެ މޫނުމަތީގައި ހުރި ހިނިތުންވުން ފިލައި ނުދިޔައެވެ. މާވީ ހަޅެއްލަވައިގެން އީތަން ނުސިހޭކަން އެނގެއެވެ.

"ކިލް މީ." އީތަން އެއްމިޔަނުން ހީލާއިރު ނުބައި ވިލަންއެކޭ ތަފާތެއް ނެތެވެ. އޭނާގެ ދެލޮލުގައިވަނީ ނުރައްކާތެރިކަމެވެ. ހެއްދެވި ފަރާތްދެކެ ބިރުނުގަންނަ މީހެއްގެ ހިތުގައި އިތުރު ބިރުވެރިކަމެއް ދެން ނުވާނެއެވެ. ވަޅީގެ މުށްގަނޑު މުށުތެރޭ ހިފަހައްޓާލަމުން އީތަން އާއި ދިމާލަށް ދިއްކޮށްގެން ހުރި ވަޅީގެ މިޔަ މާވީ އަނބުރައިލީ އަމިއްލަ ބަނޑާއި ދިމާލަށެވެ.

މާވީ ހަޅެއްލަވައިގެން އަޑާއި އެކު ނިދިފައި އޮތް ސަނީހް ތެދުވެ ހުރީ ކޮޅަށެވެ. އޭނާ އީތަންގެ މޫނަށް ބަލާލިއިރު އީތަން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ބިންމައްޗަށް ތިރިވަމުން ދިޔަ މާވީގެ އަތާއި އެކު ލޭތިކިތައް ފޭދެމުން ދިޔައެވެ. އަމިއްލައަށް ޒަޚަމްވެ އެ ރިހުމަށް ކެތްނުވެގެން މާވީ ހަޅެއްލަވަމުން ގޮސް އެއަޑު ހިނދެމުން ދިޔައެވެ.

"މާވީ" އީތަން ހަޅެއްލަވައިގެންފައި މާވީގެ ކައިރިއަށް ޖެހެން އުޅުމުން އެދެމެދަށް އައިސް ވަނީ ސަނީހްއެވެ. އީތަންގެ މޭގައި އަޅާ ކޮއްޕާލަމުން ސަނީހް ހަޅެއްލަވައިގަނީ ކައިރިނުވާށޭ ބުނެފައެވެ.

"ހޮސްޕިޓަލަށް ގެންދަން ހިނގާ." އީތަންއަށް ބިރުވެރި ހުވަފެނެއް ފެނުނު ފަދައެވެ. ސަނީހް އެއްފަރާތްކޮށްފައި މާވީގެ ކައިރިއަށް ދާން އީތަން ތެޅީގަތުމުން އީތަން ކޮންޓްރޯލް ކުރުމަށް ސަނީހް އަށް ޖެހުނީ އަތް އިސްކުރާށެވެ.

"ކަލޭ މޮޔަވީތަ؟ އޭނަ އެ ހެދީ ބޮލުގެ އެއްޗެއް، މިތަނުން އޭނަ ނެރޭނެ ވަރުގެ ކަމެއް އެކުރީ، ބާއްވާ އަމިއްލައަށް މަރުވަން، ހޮސްޕިޓަލަށް ދާން މިތަނުން ނިކުންނައިރަށް އައިސް އަހަރެމެން ހައްޔަރުކުރާނެ، އޭރުން އޭނައަށް ކަލޭގެ ކިބައިން ސަލާމަތްވެވޭނެ." ސަނީހް އަށް ބަލާލާފައި އީތަން ދުރަށް ޖެހިލިއެވެ. ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން އޭނާ ދެކަކޫމައްޗަށް ތިރިވިއެވެ.

މާވީގެ ނަމުން ދޭތެރެއަކުން ގޮވާލާ އަޑު އޭނާގެ ކަންފަތަށް އިވެއެވެ. އީތަން އައިސް އޭނާއަށް އެހީވާނެނަމައޭ ހިތަށް އަރައެވެ. އެކަނިއޮވެ މަރުވާން މާވީ ބޭނުމެއް ނޫނެވެ. އެކަމަކު އެ ވަޅިން އތަން ކަތިލާފައި ނިކުންނާނެ ހިތްވަރު ނެތުމުން އޭނާގެ ސިކުނޑިއަށް އައި ހަމައެކަނި ގޮތަކީ އެއީއެވެ. މާވީ ހީކުރީ އޭނާ ހޮސްޕިޓަލަށް ގެންދަން އީތަން މަސައްކަތްކުރާނެކަމަށެވެ. އެކަމަކު އެދެމެދަށް ހުރަސްއަޅަން ސަނީހް އެބަހުއްޓެވެ. ސަނީހް އެދެނީ މާވީގެ ގައިގައި އީތަން އަތްޖައްސާނުލުމަށެވެ. އެދެމީހުން ދުވެ ފިލަން ހިނގާށޭ ބުނާއަޑު އިވެއެވެ. ފަހުން ބަޔަކަށް މާވީގެ ހަށިގަނޑު ފެނުނުކަމުގައިވިއަސް އެ މަރުގެ ޒިންމާ އެދެމީހުންނަށް އުފުލަން ނުޖެހޭނީ ދުރުގައި ހުރެގެންކަމުގައި ބުނަމުން ދިޔައެވެ.

އީތަންގެ އަތުގައި ހިފައގެން އެތަނުން ސަނީހް ނިކުތެވެ. ނިކުންނަމުން އީތަން މާވީގެ މޫނަށް ބަލާލިތަން މާވީއަށް ފެނުނެވެ. އޭނާ އީތަންއަށް ގޮވަން ބޭނުންވިއެވެ. އެކަމަކު އޭނާގެ ހަށިގަނޑުގައި ދޫ ހަރަކާތްކުރާނެ ހަކަތައެއް ނެތެވެ. ދެލޮލުން ކަރުނަ ހުސްވެއްޖެއެވެ. އަރުތެރެ ހިކި ވަރުދޫވާން ފަށައިފިއެވެ. މަރުގެ ރަހަ އަރުގައި ލައެވެ. މާވީ ހިތާއި ހިތުން އެނގޭހާ ހެޔޮ އެއްޗެއް ކިޔަމުން ދިޔައެވެ.

މޫނަށް ތެތް އެއްޗެއް އޮއްސާލުމުން މާވީއަށް އެސްފިޔަ ތަޅުވާލެވުނެވެ. އޭނާގެ ކުރިމަތީ ދެމީހަކު ހުރިކަން އެނގެއެވެ. އެއީ ކޮންބައެއްކަން ސާފުވާވަރަށްވުރެ އޭނާގެ ދެލޯވަނީ ފުސްވެފައެވެ. މުޅި ހށގަނޑު ތެމެމުން ދިޔައެވެ. އެއީ ފެނަށްވުރެ އޮލަ އެއްޗެކެވެ. އޭނާގެ ނޯށުގައި ޖެހުނީ ޕެޓްރޯލް ވަހެވެ.

"އޭނަ އަންދާލާ، އަހަރެމެންގެ ނިޝާން އޭނާގެ ހަށިގަނޑުގައި ހުންނާކަށް އަހަރެން ބޭނުމެއް ނޫން، އީތަން، ކަލޭ ފިނޑިވެގެން މިތަނަކުން ނުދެވޭނެ، އަހަރެމެންގެ އިންތިޒާރުގައި އެކުވެރިން އެބަތިބި، އެމީހުން އަހަރެމެންނަށް މިތަނުން ދެވޭނެ ގޮތް ހަދައިދޭނެ، އަވަސްކުރޭ." ސަނީހް ލައިޓަރު އީތަންގެ މުށަށް ލައިދިނެވެ. ސަނީހް ދައްކާ ކޮންމެ މަގަކުން އީތަން ހިނގީ ފަސްޖެހުމެއް ނެތިއެވެ. އަމިއްލަ މައިންބަފައިންގެ ބަސް ނާހާ ސަނީހްއަށް ތަބާވަމުން އައިސް މިއަދު ފުރަތަމަ ފަހަރަށް އީތަންއަށް އެ އަމުރަށް ކިޔަމަންވާ އުދަނގޫވެފައިވިއެވެ. އީތަން ލައިޓަރަށް ބަލާލިއެވެ. އެކަމަކު އޭނާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ސަނީހް ރުޅި އައިސް ލަސްވަނީކަމުގައި ބުނަމުން ދިޔައެވެ.

"ގެނޭ އަހަރެންގެ އަތަށް." ސަނީހް ލައިޓަރު ޖަހައިގަތެވެ. އޭނާ މާވީއަށް ބަލައިލިއެވެ. އަވަހަށް އެތަނުން ނިކުންނަން ސަނީހް ހުރީ ބޭނުންވެފައެވެ. އޭގެކުރިން އެތަން އަންދާ ހުލިކޮށްލަން ބޭނުމެވެ.

ކުއްލިއަކަށް ދޮރުހުޅުވާފައި ބަޔަކު ވަދެގެން އައި އަޑު އަހާފައި އީތަން އާއި ސަނީހް ބަލައިލިއެވެ. އެމީހުންނާއި ދިމާލަށް ހަތިޔާރާއި އެކު ދެފުލުހަކު ވަންނަމުން އަމާންދޭށޭ ގޮވާލިއެވެ. އެމީހުންގެ ފަހަތުން ދުވެފައި ވަން މިންހާ އާއ ޒިވިއަން ފެނިފައި އީތަންއަށް އޭނާގެ ވަގުތު ހަމަވެއްޖެކަން އެނގުނެވެ. ދުވެފައި ދާނެ މަގު ވަނީ ބަންދުވެފައެވެ. އެދޮރު ނޫނީ އެތަނުން ވަދެ ނިކުމެވޭނެ އެއްވެސް ގޮތެއް ނޯންނާނެކަން އެނގެއެވެ. އިތުރު ފުލުހުންތަކެއް ވަދެ އެދެމީހުން ކަކޫމައްޗަށް ތިރިވާން އަމުރުކުރިއެވެ. ދެއަތް ފުރަގަހުން ބަނދެ އެތަނުގައި ބައިތިއްބާފައި ފުރަތަމަ ބެލީ މާވީ ނަގައިގެން ގެންދެވޭތޯއެވެ.

މިންހާ ފެނިފައި އީތަން ހުރީ ހައިރާންވެފައެވެ. އެގޭގައި މިންހާ ބަންދުކޮށް އޭނާގެ ފޯނު އަތުލުމަށްފަހު އީތަން ހީކުރީ ދެން ފެންނާނީ މިންހާ މަރުވެފައިވާތަންކަމުގައެވެ. މިންހާ ސަލާމަތްވީ އެގެއަށް ބަޔަކު ވަދެގެންކަން އެނގެއެވެ.

ފުލުހުންގެ އޮފިސަރާއި އެކު ވަން ކާރުގެ ޑްރައިވަރު ފެނިފައި މިންހާ ގެންދިޔަ ތަން ބުނެދިން މީހަކީ އެއީކަން އެނގެއެވެ. އަދި މިތަންވެސް އެނގޭނެ މީހަކީ އެއީއެވެ. ހުރިހާ ކަމެއް ސިއްރު ކުރުމަށް އެމީހާ ބުނި އަގު އީތަން އަދާކުރިއެވެ.

** **

މާވީ އަށް ލޯ ހުޅުވާލެވުނުއިރު އެންމެ ކައިރީ މިންހާ އާއި އާމިރު ތިއްބެވެ. އެނދުގެ ދެ ކައިރީގައެވެ. މާވީ އަށް ހިނިތުންވަމުން އޭނާގެ އަތްތިލައިގައި މިންހާ ފިރުމައިދިނެވެ. ރަނގަޅުތޯ އަހާލިއެވެ.

މަންމަ އާއި ބައްޕަގެ މޫނު ފެނުމުން އޭނާގެ ހިތަށް އުފާވެރިކަން ލިބިއްޖެއެވެ. ޒަޚަމްތައް ފަސޭހަވެއްޖެއެވެ. ދެލޮލަށް ފިނިކަން ލިބިއްޖެއެވެ. މަރުގެ ތުންފަތްމަތީގައި އޮވެފައި ދިރިހުރުމުގެ އުއްމީދު އާކޮށްދިނީ މަންމައެވެ. ހިމާޔަތްލިބުނީ މަންމަގެ ހިތްވަރުންނެވެ.

ހަފްތާއަކަށްފަހު މާވީ ހޮސްޕިޓަލުން ދޫކޮށްލަން އޮތް ދުވަހަކީ ހީނުކުރާ ކަހަލަ ތޫފާނެއް ކުރިމަތިވި ދުވަހެކެވެ. އޭނާއަށް ހުރެވުނީ ދެކަފިވެފައިވާ މަގެއްގައިކަން އެނގުނެވެ. ބަހުސް ކުރެވުނީ މާވީ ދާންވި ގެއަކާއި ބެހޭގޮތުންނެވެ. މާވީ ކައިރީ އާމިރު އެހީ މާމަ ދޫކޮށްލަން ކެރިދާނެތޯއެވެ.

"އާމިރު، މާވީއަށް އެކަނި ގޮތް ނިންމަން ދޫކޮށްލާ، މިހާރު މާވީއަށް އެނގޭނެ އޭނަ ބޭނުންވަނީ ކާކުކަން، އެންމެ ރައްކާތެރިވާނީ ކާކުގެ ކައިރީ ހރެގެންކަން، މާވީ ކުރިމަތިލާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އަދިވެސް އެބަހުރި، އޭނާއަށް ހިތްވަރު ބޭނުންވޭ، ސައްވީސްގަޑިއިރުން އެންމެ ގަޑިއިރެއްވެސް އާމިރުއަށް ހުސްކޮށްލެވޭނެތަ؟" މިންހާ އަށް ރައްދު ދޭން އާމިރުއަށް ޖެހުނީ ވިސްނާށެވެ. އޭނާއަށް އެންމެ ދަތީ ވަގުތެވެ. އެކަމަކު މާވީއަށް އެކަންވެސް ޤުރުބާންކުރެވިދާނެއެވެ.

"މިންހާ ނެތި އަހަރެން މާވީ ބެލިން، އަހަރެންގެ މަންމަ މިއަދުވެސް ދުނިޔޭގައި އެބަހުރި. " އާމިރު ހަނދާންކޮށްދިނެވެ. އެދެމީހުންގެ މެދުގައި މާވީ އިނީ ބޯހާސްވެފައެވެ. ވަކި ދެގެއެއްގައި އުޅުމުގެ ބަދަލުގައި އެދެމީހުން އެއްގެއަކަށް ބަދަލުވެއްޖެނަމަ އެހުރިހާ ޒުވާބަކުން ސަލާމަތްވާނެއެވެ. އެކަމަކު މިހާރު ދެމަފިރިންގެ ގޮތުގައި އުޅެން އެއްވެސް މީހަކު ބޭނުމެއް ނޫނެވެ.

"ކަލޭމެން މިތާ ޒުވާބު ކުރަނީތަ؟" ފައުޒއްޔާގެ އަޑަށް އެންމެން އެކުގައި ބަލާލިއެވެ. ފައުޒިއްޔާ އައީ މިއަދެވެ. އޭނާއަށް މާވީ ގެ ހާލަތު އެނގުމުން ނައިސް ނުހުރެވުނީއެވެ. އާމިރު ދމުން ގެންދާނަމޭ ބުނެފައި އޮއްވާ އޭނާ އަންނަން ބޭނުންވިއެވެ. ފައުޒިއްޔާ ފެނުމުން މާވީ އުފާވިއެވެ.

އާމިރު ބޭރަށް ނިކުތުމުން މިންހާވެސް ނިކުތެވެ. މާވީގެ ކައިރީ އިނީ ފައުޒިއްޔާއެވެ.

"އަހަރެންގެ ދަރިފުޅު ރަނގަޅުކަން އެނގުނީމައި ވަރަށް އުފާވެއްޖެ. އަލްހަމްދުﷲ" ފައުޒިއްޔާ މާވީގެ ބޮލުގައި ފިރުމާލިއެވެ.

"ދަރިފުޅުގެ މަންމަ އަކީ ވަރަށް ރަނގަޅު މީހެއް." ފައުޒިއްޔާ ބަލައިލީ މިންހާ ނިކުން ދޮރަށެވެ. އަބަދުވެސް ފައުޒިއްޔާ ދައްކަނީ ހިމްނާގެ ރަނގޅުވާހަކައެވެ. އަދި މިންހާގެ ނުބައި ވާހަކައެވެ. "މާމަ ގަސްތުކުރަނީ މާވީއަށް އެއްވެސް ކަމެއް ދެން ވަންހަނާ ނުކުރަން." ފައުޒިއްޔާގެ މޫނުން ފެނުނީ ބޮޑު ސިއްރެއް ހާމަކުރަން ޖެހިލުންވެގެން އުޅޭކަމެވެ.

** **

އާމިރު އާއި މިންހާ އަށް ކުރިމަތިލާން ފަސޭހަވީ އެކަނިވީމައެވެ.

"ކަލޭ ހިތް ނުފުރެނީތަ އަދިވެސް؟ އަހަންނަށް އަހަރެންގެ ދަރިފުޅު ދީ، އަހަރެން އެކުއްޖާ އާއި ނުލައި ސަތާރަ އަހަރު އުޅުނިން." މިންހާ އައިސް ހިފީ އާމިރުގެ ގަމީހުގައެވެ. އެއަތް ފޮޅާލާފައި އާމިރު ޝަހާދަތް އިނގިލި އުފުލައިލިއެވެ.

"ކަލޭ ދުރަށްލީ ކީއްވެކަންވެސް އެނގޭނެ." އާމިރު ރުޅި އައިސް ތުރުތުރުލައެވެ.

"އެއީ އާމިރު ހިމްނާ ދެކެ މާ ލޯބިވާތީ ކެތްނުވެގެން ކުރިކަމެއް، އަހަރެން މާވީ ނުބަލަން ގެނެސްދީފައި ފަހުން ދެރަވެގެން ދިޔައިން، އެކަމަކު ހިމްނާ ދޭން ބޭނުންނުވީ، އަދި އާމިރު ހުރީ އޭނާގެ ލޯބީގައި އަނދިރިވެފައި، ބަދަލުގައި ކަލެއަށް ލިބުނީ ކޮންއެއްޗެއް؟ އޭނަ އުޅުނީ މާވީ ގޮވައިގެން ދާން، ރުޝްދީ އާއި އެކު." މިންހާ އަށް ހުރިހާ ކަމެއް ވަނީ އެނގިފައެވެ. އާމިރު ދުރަށްޖެހިލިއެވެ. މިންހާ އާއި މޫނު ހަމަކުރަން އޭނާ ޖެހިލުންވިއެވެ.

"އޭނައަށް ފެނުނީ އަހަރެން އެހެން އަންހެނުން ގެންގުޅޭތަން، އެހެންވެ" އާމިރު އާއި ދިމާލަށް މިންހާ ބަލައިލިއެވެ. އާމިރު ވިޔާނުދާކޮށް އުޅޭކަން އޭނާއަށް ދުވަހަކުވެސް ނޭނގެއެވެ. ދުވަހަކުވެސް އަމިއްލަ ފިރިމީހާއަށް ޝައްކު ކުރުމަކީ މިންހާ ކުރިކަމެއް ނޫނެވެ. އާމިރު އަމިއްލައަށް އެއްބަސްވުމުން މިންހާއަށް ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ. ކުރިންވެސް އޭނާގެ ހިތުގައި ވަނީ އާމިރު އާއި މެދު ފޫހިކަމެއް އުފެދިފައެވެ. މިއަދު އަނެއްކާވެސް އެކަން އިތުރުވެއްޖެއެވެ.

"އެރޭ އަހަންނަށްވުރެ ކުރިން އެކޮޓަރިއަށް ވަން މީހަކީ ތިއީ " މިންހާ އައިސް އާމިރުގެ ކުރިމަތީ ހުއްޓުނެވެ. މިންހާއަށް ނުބަލަން އުޅުމުން އާމިރުގެ ގަމީހުގެ ގިރުވާނުގައި ހިފާ އޭނާއަށް ބަލަން މަޖުބޫރުކުރިއެވެ.

އާމިރުގެ މޫނު ހުދުވެގެން ދިޔައެވެ. އޭނާ ހީކުރީ އެކަން ދުވަހަކުވެސް މިންހާއަށް ނޭނގޭނެކަމަށެވެ. ޚާލިޤުވަންތަ އިލާހުގެ ރޭވުންތައް ހުރިގޮތް އެއްވެސް މީހަކަށް ނޭނގޭނެއެވެ. ބައެއް ކަންތައް ވަންހަނާވެގެން ދަނީ އޭގައި ހިކުމަތެއް ވެގެންނެވެ. ފާއިތުވި ކޮންމެ ދުވަހަކީ އާމިރުއަށް ތައުބާވުމަށް ލިބުނު ފުރުސަތެކެވެ.

"ދުނިޔެ މަތީ ބީވުމަށް ނޭދޭނެ ހަމައެކަނި ފަރާތަކީ އަހަރެންގެ ދަރިފުޅު، އޭނަ އުޅުނީ އެކުއްޖާ ގޮވައިގެން ދާން." އާމިރުގެ ދުލުން ކުށަށް އިއުތިރާފްވެވުނީ ފުރަތަމަ ފަހަރަށެވެ. ހިމްނާ ހުއްޓުވަން ކުރާނެ ކަމެއް އޭނާއަކަށް ނޭނގުނެވެ. އޭނާއަށް ހެދުނު އެންމެ ބޮޑު ގޯހަކީ މާވީގެ ބެލެނިވެރިކަން ވަކީލަކު ލައްވާ ހިމްނާއަށް ލިޔުމުން ހަވާލުކުރުމެވެ.

"އާމިރު ހިތުގައި ޒައްރެއްގެ މިންވަރަށްވެސް ރަހުމެއް ނެތް، އެހެންނަމަ ދެއަހަރު ނުވާ ކުޑަކުއްޖަކާއި އޭނާގެ މަންމަ ވަކިކުރާކަށް ނުކެރޭނެ، މިއަދު މާވީ ދެކެ ލޯބިވާކަމަށް ދައުވާކުރިއަސް އެދުވަހު މާވީއަށް އެކަނިވެރިކަން ލިބުނީ އާމިރުގެ ނުބައިކަމުން." މިންހާ ދުރަށް ޖެހިލާފައި އާމިރުގެ މޫނުމަތީ ޖެހިއެވެ. ކޯތާފަތްމަތީ އަތް އަޅާލިގޮތަށް އާމިރު ހުއްޓެވެ.

"އެކަން އެނގިހުރެ ސިއްރު ކުރުމަކީ އަހަންނަށް ކުރެވުނު އެންމެ ބޮޑު ކުށް، މަޔަކަށްވެފައި އަމިއްލަ ދަރިފުޅު ޖަލުގައު ހޭދަކުރަން އަހަރެން ބޭނުން ނުވީ، މަޢާފްކުރޭ މިންހާ، އަހަރެންގެ ހިތް މިންހާއަށް ދުވަހަކުވެސް ހެވެއް ނުވި، އާމިރު އާއި އެކު އައި ދުވަހުން ފެށިގެން އަހަރެން ގަޔާވާ މީހަކު ކަމުގައި މިންހާ ނުވި، މިންހާގެ އާއިލާ ނަސަބާއި ހާލަތުފެނި އަހަރެންގެ ބޮޑާ ހިތް މިންހާ ބަލައިގަންނަން އެއްބަސްނުވި، އެއްވެސް މީހަކީ ދެރަ މީހެއް ނޫންކަން އެދުވަހު ނުވިސްނުން.، މިންހާގެ ފަރާތުން އެއްވެސް މަންފާއެއް ނުލިބޭނެކަމުގައި އަހަންނަށް ހީވި، މިއަދު ޝުކުރުވެރިވަން ، މާވީ ސަލާމަތްވީ މިންހާގެ ސަބަބުން،" ފައުޒިއްޔާ އަޑަށް ބަލާލާފައި މިންހާ ހުރީ ފައުޒިއްޔާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑު އަހާށެވެ. ދުވަހަކުވެސް މިންހާގެ ހިތުގައި ފައުޒިއްޔާއަށް މިއަދު ނޫނީ ބުރަކަމެއް ނުވިއެވެ. ފައުޒިއްޔާއަށް އެނގިހުރެ ސިއްރު ކުރުމަކީ އޭނާއަށް ލިބުނު ދެރައެކެވެ. "މާވީ ހުންނަންޖެހޭނީ މިންހާގެ ކައިރީ، އާމިރު، ފަހަރެއްގައި އެކަނިވެރިކަމުން ކަލޭގެ ހިތަށް ތައުބާ ވުމުގެ ރޫހް ވަދެދާނެ، ދުނިޔޭގެ އެދުމަށް ހުސްވުމަށްވުރެ އަދި ކުރަންޖެހޭ މުހިއްމު ކަންތައް ހުރިކަން އެނގިދާނެ، އެދުވަހު އާމިރުއަށް ހުސްނުކުރެވުނު ވަގުތު މިއަދު މާވީއަކަށް ބޭނުމެއް ނުވޭ، އޭރު ބައްޕަ އާއި އެކު ޕާކަށް ދާން ރުޔަސް މިއަދު މާވީ ބޭނުންވަނީ މަންމަ، އޭނަ ހުއްޓުވަން ނޫޅޭ." ފައުޒިއްޔާ ބުނެލިއެވެ. މަންމަ އާއި ދެކޮޅަށް ދުވަހަކުވެސް ބަސްބުނުމުގެ ބާރެއް އާމިރުއަށް ލިބިފައި ނުވެއެވެ. ފަހަރަކު މީހަކު އެތަނުން ދަންދެން އޭނާ ހުއްޓެވެ. އެންމެ ފަހު ވަގުތުވެސް މިންހާގެ ކައިރިން މަޢާފަށް އެދެން އޭނާގެ ދޫ ހަރަކާތެއް ނުކުރިއެވެ.

*** އެއް އަހަރު ފަސް ***

އިރުގެ އަލިކަން ވަކިވަމުން އައި ވަގުތު އުދަރެސް ފުރިފައިވަނީ އެކި ކުލައިގެ ވިލާތަކުންނެވެ. ކުރިމަތީ އޮތް ރޭގަނޑުގެ ނާމާންކަން ހިތުން ފޮހެލެވޭވަރުގެ ރީތިކަމެއް އުދަރެހުގައިވިއެވެ. ހަޔާތަކީ އެފަދަ އެއްޗެކެވެ. އުފާވެރިކަން އޮއްސި ހިތާމައިގެ ސާލު ލެވިގެންދާއިރު އެ ހިތާމަތައް ދުރުކޮށްދޭ އެއްޗަކަށް އުފާވެރި ހަނދާންތައް ވިއެވެ.

މިންހާ އާއި އެކު މާވީގެ ދުވަސްތައް ވަނީ ގުޅިލާމެހިފައެވެ. ހުރިހާ ކަމެއް ތަރުތީބުވެފައިވަނީ މަންމަގެ އިރުޝާދާއި އެކުގައެވެ. އެންމެ ގާތްއެކުވެރިއަކީ މަންމައެވެ. އޭނާގެ ހިތަށް އެކަނިވެރިކަން އިހްސާސްވިޔަކަ ނުދެއެވެ. މަންމަ އާއި އެކު ބަދަލުވުމަށްފަހު ބައްޕަ ދެކިލަން މާވީ ނުދެއެވެ. އަދި އާމިރުވެސް ނާދެއެވެ. ބައްޕަ އަށް މަޢާފްކުރުމަކީ އުދަނގޫކަމެކެވެ. އެކަމަކު ބައްޕަ މަޢާފަށް އެދުމުން ފަހަރުގައި ލުއިކަމަކަށްވެދާނެއެވެ.

"މާވީ" މިންހާ އެކޮޓަރިއަށް ވަނީ ޓަކިޖަހާލާފައެވެ. އެކޮޓަރިއަކީ ތަޅުލާފައިވާ ތަނަކަށް ނުވިއަސް މަންމަ އެތެރެއަށް ވަންނަނީ މާވީގެ ހުއްދަ އާއި އެކުގައެވެ.

"އާދެބަލަ ސިޓިންރޫމަށް، މީހަކު އެބަހުރި ބައްދަލުކުރަން އައިސް." މާވީ ފަސްއެނބުރި ބަލައިލިއެވެ. އެގޭގެ އޮޅި ގިރާކޮށްލާފައި މާވީ އާއި ބައްދަލުކުރަން އައީ ކާކުބާއޭ ހިތަށް އަރާފައި އޭނާ އެ ސުވާލު މަންމަ އާއި ކުރިއެވެ. މިންހާ ހިނިތުންވެލާފައި އެދުނީ ނިކުމެ ބެލުމަށެވެ.

ސިޑިން ފައިބަމުން މާވީ ތިރިއަށް ބަލާލިއެވެ. ސޯފާގައި އިން ފިރިހެނަކު އިނީ މާވީއަށް ފުރަގަސްދީގެންނެވެ. އެމީހަކު އިނީ ކުރިމަތީގައި އެއްޗެއް ބާއްވާފައި އޮވެގެން ބަލަން އިން ހެންނެވެ. ދެތިން ފިޔަވަޅު އެޅިތަނާއި ތުއްތު ކުއްޖަކު ކުކުރާލިއަޑު އިވުނެވެ. މިންހާ އައިސް މާވީގެ އަތުގައި ހިފާ އަންނާށޭ ބުނެލިއެވެ.

އެމީހެއްގެ މޫނު ފެންނަހެން މާވީ ހުއްޓުނެވެ. އޭނާއަށް ހީވީ ދެފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. މާވީގެ މޫނަށް ބަލާލާފައި ގަދަކަމުން ހިނިތުންވެލަން ޒިވިއަން މަސައްކަތްކުރިއެވެ. އޭނާ ތެދުވެ މާވީގެ ނަން ކިޔާލިގޮތުން މާވީއަށް ހުރެވުނީ މެޔަށް ފިނިވެފައެވެ. މިންހާ ހިނގައިގަތީ އެދެމީހުންނަށް ފުރުޞަތު ދެމުންނެވެ.

"އަހަރެން މިއައީ މާވީގެ ކައިރީ ކަމަކު ކިޔަން.؟" ޒިވިއަންގެ މޫނަށް ބަލާލިއިރު އެއް އަހަރު ތެރޭ އޭނާއަށް އައިސްފައިވާ ބަދަލު ފާހަގަވިއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ތުނިކޮށް ކޮށާފައެވެ. މޫނުގައި ވަނީ މަސްޖަހައި ކުރިއަށްވުރެ ފަލަވެފައެވެ. ކުރިން ޒިވިއަން އައިނު އަޅާތަން ދުވަހަކުވެސް ފެނިފައި ނުވެއެވެ.

"ކޮން ކަމެއް؟" މާވީ އަހާލިއެވެ. އޭނާގެ މޭ ވަނީ ފިތި ބާރުވެފައި ކަހަލައެވެ. ޒިވިއަން އަށް ބަލާލާފައި އޭނާ ނަޒަރު ހުއްޓައިލީ ޓްރޮލީގައި އޮތް ތުއްތު ކުއްޖާއަށެވެ. އެއީ ދެވަނަ ޒިވިއަން އެވެ.

"އަހަރެން ދެކެ މާވީ ލޯބިވޭތަ؟" ޒިވިއަން އަހާލިއެވެ. އެސުވާލުގެ ޖަވާބު ދޭނެ ގޮތެއް ނޭނގިފައި މާވީއަށް ހުރެވުނެވެ. އޭނާގެ ޟަމީރު ވިސްނައިދޭންފެށީ އެންމެ ކަމެކެވެ. ދުވަހަކުވެސް އެކަނިވެރިކަން ވެރިވެ ހިތް ނުތަނަވަސްވި އެއްވެސް ފަހަރަކު ޒިވިއަން މަތިން ނޫން އިތުރު މީހެއްގެ މަތިން މާވީ ހަނދާން ނުކުރާކަމެވެ. ޒިވިއަން އަށް އިތުބާރު ނުކުރެވި އަތުން ދޫކޮށްލެވުނީ ކިހާ ބޮޑު ނިއުމަތެއް ކަމެވެ.

"ޒިވިއަން ތިޔަ ސުވާލު ކުރުމުގެ ބޭނުމަކީ ކޮބާ؟ " މާވީ ހިތުގައި ޖެހުނެވެ. އެހަނދާންތަކާއި އެކު ދިރިއުޅެން އޭނާއަށް ވަނީ ފަސޭހަވެފައެވެ. ޒިވިއަން ކޮބައިތޯ އޭނާ ނުބަލައެވެ. އެހެން މީހެއްގެ މިލްކަކަށްވެފައިވާތަން ދެކެން ހިތަށް ކެތްނުވާތީއެވެ. ޒިވިއަން އެނބުރި އައީ އެކަން ހަނދާންކޮށްދެން ނޫންކަމެއް ނޭނގެއެވެ.

"އަހަރެން މާވީ ބޭނުންވެގެން މިއައީ، ހިތަށް ހަމަޖެހުން ލިބެނީ ފާއިތުވެގެންދާ ކަންތައްތަކަށް މަޢާފްކުރި ވަރަކުން، އަހަރެން މާވީއަށް މަޢާފްކޮށްފިން، " ޒިވިއަން އަންނަން ފެށުމުން މާވީއަށް ދެއަތް މުށްކަވާލެވުނެވެ. އެތަނުން ދުވެފައި ފިލަން ހިތަށް އެރިއެވެ. ޒިވިއަންގެ ކުރިމަތީ ހުންނަން ލަދުގަންނަ ގޮތްވިއެވެ.

"އޭރުން ނިހާ؟" ޒިވިއަންގެ ނޭވާ އެޅޭހާ ކައިރިވެފައި ހުއްޓާ މާވީ އިސްއުފުލާލިއެވެ. އޭނާގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އަރުތެރެ ބެދެން އުޅޭހެން ހީވެ ފުންނޭވާއެއް ލެވުނެވެ.

"ޝީ ލެފްޓް އަސް." ޒިވިއަން ބަލައިލީ އޭނާގެ ދަރިފުޅަށެވެ. ނިހާގެ ނަން އިވިފައި ޒިވިއަން ހިތަށް އަސަރުކުރިއެވެ. ޒިވިއަން ދޫކޮށްލާފައި ނިހާ ހިނގައިދާނެބާއޭ މާވީ ހިތަށް އެރިއެވެ. "ދުވަހަކުވެސް އެނބުރި ނާދެވޭ ދުނިޔެއަކަށް. ޒީވާގެ އުފަންކޮށްފައި، " ޒިވިއަން އެދަރިފުޅުގެ މޫނަށް ބަލައިލީ ހިތްދަތިކަމާއި އެކުގައެވެ،

ދެލޯ ފޮހެލަމުން މާވީ އާއި ޒިވިއަން ކުރިމަތިލިއެވެ. މާވީގެ އަތުގައި އޭނާ ހިފާލިއެވެ.

"ވިލް ޔޫ؟" ޒިވިއަން އަށް ޖުމްލަ ފުރިހަމަ ކުރާނެ ފުރުޞަތު މާވީ ނުދިނެވެ. އޭނާގެ އަތް ގެންގޮސް ޒިވިއަންގެ އަނގަމަތީ އަޅާލިއެވެ. ޒިވިއަންގެ ދެލޮލަށް ބަލާލަމުން މާވީ ޖަވާބު ދިނީ ބޯޖަހާލަމުންނެވެ. ކުއްލިއަކަށް މާވީގެ ދެކޮނޑުގައި ހިފާ ޒިވިއަން ދަމައިގަތީ އޭނާގެ މެއާއި ކައިރިއަށެވެ. މާވީގެ ބުރަކަށީގައި ޒިވިއަންގެ އަތުން ފިރުމާލިއެވެ. ޒިވިއަންގެ މޭގައި މޫނު ޖައްސާލަމުން މާވީ ހަމްދުކުރީ ހެއްދެވި ފަރާތަށެވެ. އެމީހެއްގެ ހައްޤެއް ލިބުމަށް ހުރަހެއް ނެތެވެ.

(ނިމުނީ)

ދިގު ވާހަކަ

Popular