21 May 2020

By: Mariyam Yasma

ކުއްލިއަކަށް ނިދިން ހޭލައްވައިލީ ކޮންމެވެސް އަޑެއް އިވިގެންނެވެ. ލޯ ހުޅުވާލިއިރު ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ރަމްޝާ ފޯނު ނަގަން އުޅެނިކޮށް މިފަހަރު އަޑު އައީ ފާޚާނާތެރެއިންނެވެ. އޭނަ ތެދުވެ އިށީނދެފައި ކައިރީ ހުރި މޭޒުމަތީ ބަހައްޓާފައި ހުންނަ ލޭމްޕް ދިއްލައިލި އެވެ. ދެން އެ އަލީގެ އެހީގައި ގޮސް ފާޚާނާގެ ދޮރު ހުޅުވާލައިފި އެވެ. ހުދު މުށިތައް މައްޗަށް ޖަހާފައިވާ ލޭ ތިއްކެއް ފެނުމުން އެ ހިތް ބާރު ބާރަށް ތެޅިގަތެވެ. އޭގެ ތަންކޮޅެއް ދުރުގައި ވެސް ހަމަ އެފަދަ އެހެން ލޭތިއްކެއް ހުއްޓެވެ. އޭނަ ދުރު ބަލާލިއިރު ކުރިމަތީގައި ވަނީ ފެންވަރާ ބިލިގާ އެވެ. އެނިވާވެފައި ހުރީ ދަމާލެވިފައިވާ ރަބަރު ފަރުދާއިންނެވެ. ފިނިވެފައި ހުރެގެން ރަމްޝާ ގޮސް އެފަރުދާ ކަހައިލިއިރު ބިލިގާތެރޭގައި ވެސް ހުސް ލެ އެވެ. އަދި އޭނާ ބަލަން ހުއްޓާ ފެންގަނޑުތެރެއިން ހިއްކައިލި ބޮލެއް ފެނިފައި ހަޅޭއްލަވައިގަނެވުނެވެ.

ތެދުވެ އިށީނދެވުނުއިރު ކަރުތެރެ ހުރީ ހިކިފަ އެވެ. ރަމްޝާ އަވަހަށް އަތްފޯރާ ހިސާބުގައި ހުރި ފެންޖަގުން ތައްޓަށް ފެންއަޅާ ފުރައިލުމަށް ފަހު ނަގައި އެއްނޭވައިން ދަމައިލި އެވެ.

"ތިހެން އެލާމް އަޅާނެކަން ކުރިން އެނގުނުނަމަ މަ ފޯނު އެލާމެއް ނުކުރީމުސް...." ދާދި ގާތުން އަންހެން އަޑެއް އައެވެ.

މެދުން ހިނގެން ތަންކޮޅެއް އޮވެފައި ފާރުގެ އަނެއްފަރާތުގައި ޖައްސައިގެން ބަހައްޓާފައި ހުރި އަނެއް އެނދުގައި އޮތް އެންމެ ގާތް އެކުވެރިޔާ ޖޫޒަން ފެނުމާއެކު، އޭނައަށް އޮވެވުނީ އަމިއްލަ ކޮޓަރީގައި ނޫންކަން ހަނދާންވި އެވެ. ހަފްތތާ ބަންދާއި ދިމާކޮށްފައި އެކުވެރިޔާގެ ގެއަށް ނިދަން އައުމަކީ އޭނަ އާންމުކޮށް ކުރާ ކަމެކެވެ. އޭނަ އޮންނަ އެނދަކީ ޖޫޒަންގެ އެއްބަނޑު އެއްބަފާ ދައްތަ ޖީޒާ އެގެއިން ނިކުތުމުގެ ކުރިން ނިދާ އުޅުނު އެނދެވެ.

އެކުވެރިޔާގެ ސަމާސައިން ހިނި އަންނަ ގޮތް ވެފައި ރަމްޝާ އޭނާގެ އެނދުގައި އޮތް ބާލީސް ޖޫޒަންގެ މޫނަށް އެއްލި އެވެ.

"ހޭއި..." ނުވިސްނާ ހުއްޓާ މިލިބުނު ހަމަލާއިން ޖޫޒަންގެ އަނގައިން ނިކުތެވެ.

ރަމްޝާ ކަކޫމަތީ ދެ އުޅަބޮށި ވިއްދާލައިފައި އަތްތިލަތެރޭ މޫނު ފޮރުވައިލަމުން ހުވަފެނާ މެދު ވިސްނައިލަން އިނެވެ.

"އަނެއްކާވެސް އެ ހުވަފެން ފެނުނީތަ؟" ޖޫޒަންގެ އަޑުގައި އޯގާތެރިކަން ވި އެވެ.

ރަމްޝާ ބަލައިލިއިރު އެކުވެރިޔާ ތެދުވެ އިށީނދެއްޖެ އެވެ. އެ ވަގުތު ދުރުގައި އޮތް ތަންމަތިން ފައިބައިގެން އައި ހުދާއި މުށިކުލައިގެ ބުޅާ އެނދަށް އަރައިގެން ގޮސް ޖޫޒަންގެ އުނގަށް އަރައި އޮށޯވެލައިފި އެވެ. ޖޫޒަންއަށް އާދަވެފައިވާ ގޮތުގެ މަތިން އިޚުތިޔާރަކާއިނުލައި ބުޅަލުގެ ބުރަކަށިމަތީގައި އިނގިލިތަކުން ފިރުމަން ފެށި އެވެ. "ބީފާނު" ގެ ނަމުން ނަން ދީފައިވާ ބުޅަލަކީ ޖޫޒަން އަމިއްލަ ދަރިއަކު ގެންގުޅޭހެން ގެންގުޅޭ އެއްޗެކެވެ.

ރަމްޝާ ބޯޖަހާލައިފައި އިތުރު ތަފްސީލަކަށް ދިއުމެއް ނެތި ފާޚާނާއަށް ދާންވެގެން ތެދުވި އެވެ. އެކުވެރިޔާ ގޮސް ގެއްލުމާއެކު ޖޫޒަން ކައިރީ ހުރި ސައިޑު ޓޭބަލްގެ ވަތްގަނޑު ދަމާލައިފައި ގުލްކޯމީޓަރު ފޮށި ނެގުމަށްފަހު ހަކުރު ޓެސްޓްކޮށްލި އެވެ. ހިތްހަމަޖެހޭފަދަ ނަތީޖާއެއް ފެނުމުން އިނގިލިކުރި ފުހެލި ކަފަކޮޅު ޑަސްބިނަށް ވައްޓާލައިފައި އަނެއްކާވެސް ބުޅަލުގެ ބުރަކަށިމަތީ ފިރުމަން ފެށި އެވެ.

އުމުރުން ބާރަ އަހަރުގައި "ޑައިބިޓީސް ޓައިޕް ވަން" އަށް "ޑައިގްނޯޒް" ވީފަހުން އެ މެޝިނަކީ އޭނަގެ ދިރިއުޅުމުގެ އެއްބަ އެވެ.

ކުޑައިރުކޮޅެއް ފަހުން ދެއެކުވެރިން ނިކުމެ ތިބީ އެގޭގެ ކުޑަކުޑަ ބަދިގޭގަ އެވެ. މޭޒުގެ ދެފަރާތުގައި ދެއަންހެންކުދިން ތިބިއިރު ޖޫޒަންގެ ފައިކައިރީގައި ބޯތަށްޓަކުން ކިރުބޯން ބުޅާ އޮތެވެ.

ރަމްޝާ އާއި ޖޫޒަންގެ އެކުވެރިކަމަކީ ފުރާވަރުން ފެށިގެން އުފެދި ބަދަހިވެފައިވާ ގުޅުމެކެވެ. ނުކުޅެދޭ މަންމައެއް ހުންނާތީ އެކުގައި ކިޔަވާކުދިންގެ ހަނގާކުރުމުގެ ސަބަބަކަށް ކޮންމެދުވަހަކު ވެފައި ވަނިކޮށް އެކަމުން ސަލާމަތްކޮށްދިނީ ޖޫޒަން އެވެ. އެދުވަހުން ފެށިގެން އެދެމީހުންނަކީ ވަކިކުރެވުމެއް ނެތް ދެ އެކުވެރިންނެވެ. ރަމްޝާ މަންމަ ނިޔާވުމުން އޭނައަށް ހިތްވަރުދިނީ ޖޫޒަން އާއި އޭނަގެ މަންމަ އެވެ. އެދުވަހުން ފެށިގެން ޖޫޒަންގެ މަންމަ އެއީ އަމިއްލަ މަންމަ ކަމުގައި ދެކެން އެދުނެވެ. ޚުދު ޒީނިޔާވެސް ރަމްޝާއާ ދޭތެރޭ ކަންތައްކުރަނީ އަމިއްލަދަރިއަކާއި މެދު ކަންތައްކުރާނެ ހެންނެވެ. ދޮންމަންމައެއް އައުމުން އެއާއިލާއަށް ބަރޯސާވުން އިތުރުވި އެވެ. ދޮންމަންމަގެ ނުރުހުމާއި ދޭ އަނިޔާތަކުގައި ބޭސްއަޅައިދިނީ ޖޫޒަންމެން ދެމައިންގެ ލޯއްބާއި އަޅައިލުމެވެ.

މިޒާޖު އެހާ ތަފާތު ދެ އަންހެންކުދިން އެންމެ ގާތް އެކުވެރިންނަށް ވީ ކިހިނެއްތޯ ބައެއް މީހުން ސުވާލު އުފައްދަފާނެ އެވެ. އެކަމަށް ޖޫޒަން ދޭ ޖަވާބެއް އޮވެ އެވެ. އެއީ ލޯބީގައި ދެމިޒާޖުގެ ދެމީހުން ގަޔާވާހެން އެކުވެރިކަން ވެސް ހިނގަނީ އެމަގުން ކަމުގައި ބުނެ އެވެ. ޖޫޒަންއަކީ އަނގަ ގަދަ ކުއްޖެކެވެ. ރަމްޝާ އަކީ އޭގެ އިދިކޮޅެވެ. އެކުވެރިޔާ ވާހަކަދައްކާއިރު ރަމްޝާ އިންނާނީ އަޑު އަހާށެވެ. އެކަކު އަނެކެއްގެ އަޑިގަނޑު ތަކާއި އުސްގަނޑުތަކާއި ކުރިމަތިލީ އެކުގަ އެވެ. އެކަކު އުފާވިއްޔާ އަނެކަކު އުފާވެ އެވެ. އެކަކު ރޮންޏާ އަނެކާގެ ހިތަށް އޭގެ އަސަރު ފޯރަ އެވެ. އަދި އެދެމެދުގައި އެއްވެސް ސިއްރެއް ނޯވެ އެވެ. އެންމެ ސިއްރެއް ފިޔަވަ އެވެ.

ގޭގެ ބެލް ޖެހި އަޑާއެކު ދެ އެކުވެރިންނަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ ހައިރާންވެފަ އެވެ. އެހާ ހެނދުނާ ނިދަން ނޯވެވިގެން އެ ގެއަށް އައީ ކާކު ހެއްޔެވެ؟ ޖޫޒަން އަޅައިވެސް ނުލައި އިން ގޮތަށް އިނުމުން ރަމްޝާ އެންމެފަހުން ދޮރުހުޅުވަން ދާން ތެދުވި އެވެ. ނަސީބަކުން ޖޫޒަންއާ ޚިލާފަށް އޭނައަށް ހުރެވުނީ ނިދާހެދުން ބަދަލުކޮށްގެންނެވެ. ދޮރު ހުޅުވުމުގެ ކުރިން އޭނަ ހުއްޓިފައި ދޫކޮށްލާފައި އޮތް ފަން އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލި އެވެ.

ދޮރު ހުޅުވައިލުމާއެކު ނޭފަތުގައި އައިސް ޖެހުނު ހިތްގައިމު ސެންޓްގެ ވަހާއިއެކު އެހިތް މަޑުޖެހިލި އެވެ. އެސޫރަ ފެނުމުގެ ކުރިން އެއީ ކާކުކަން ދެނެގަނެވިއްޖެ އެވެ.

"ގުޑްމޯނިން..." ކުރިމައްޗަށް އައިސް ހުއްޓުނު ޒުވާނާ ހިނިތުންވެލުމާއެކު ފުރަތަމަވެސް ނަޒަރު ގޮސް ހުއްޓުނީ އެކޯތާފަތަށް އެޅުނު އަޑިކޮޅަށެވެ.

އިސާހިތަކު ރަމްޝާގެ ދެތުންފަތް ހުޅުވިގެން އައީ ފަރި ހިނިތުންވުމަކުންނެވެ.

ކުރިމަތީ ހުރި ޒުވާނާއަކީ ދިގު އިސްކޮޅަކާއި ފަތިހަށިގަނޑެއްގެ ވެރި އެކެވެ. ބްރައުން ލޮލަކާއި ފަނން އިސްތަށިކޮޅެކެވެ. ތުނބުޅި މަތިމަސް މެދުމިނެއްގައި ބަހައްޓާފައި ހުރިއިރު ބޮލުގެ އިސްތަށިގަނޑު ވަށައިގެން ތުނިކޮށްލާފައި މަތީބައި އޮތީ ބޯކޮށް ބާއްވާފަ އެވެ.

"ޔޫޝައު!" ރަމްޝާއަށް މަޑުމަޑުން ބުނެލެވުނެވެ.

"ޖޫ ތެދުވެއްޖެތަ؟" ޔޫޝައުގެ ނަޒަރު އޭނަގެ މޫނަށް ހުއްޓުނީ ފަޅި ސިކުންތެއްހާ އިރަށެވެ. ދެން އެނަޒަރު ހޯދައިލީ ރަމްޝާގެ ފުރަގަހުން ފެންނަން އޮތް ގޭތެރެއެވެ.

"އެބައިން ކޮފީ ބޯން..." ރަމްޝާގެ ޖަވާބު އަހާފައި ތޭންކްސް އޭ ބުނެލުމަށްފަހު ޔޫޝައު ވަދެގެން ދިޔަ އެވެ.

އޭނައަށް ދެވުނުއިރު ޖޫޒަން ޖޯޑު ބަހައްޓާފައި ފޯނުގެ ސްކްރީނާއި ކުޅެން އިނީ ހިނި އައިސްފަ އެވެ. ފިޔަވަޅުގެ އަޑު އިވުމުން އިސްއުފުލައިލުމާއެކު ފުރަތަމަ އެމޫނަށް ވެރިވީ ހައިރާންކަމެވެ. އެކަމަކު މަދު ސިކުންތުކޮޅެއްގެ ތެރޭގައި ކުރިއަށްވުރެ ފުޅާ ހިނިތުންވުމެއް ވެރިވި އެވެ.

ހޭލިގޮތަށް، ނިދަން ލީ ޓީޝާޓްކޮޅާއި ދޫ ހަރުވާޅާއެކު ނިކުމެ ހޭވިފައިވާ އިސްތަށިގަނޑާއެކު އިންއިރުވެސް ރީތިކަމުން ޔޫޝަޢުގެ ހިތް ތައުރީފުން ފުރުނެވެ. އެދޮން މޫނުގައި ކޫރުމެއް ހާ ހިސާބުވެސް ނެތެވެ. ލިޕްސްޓިކަކަށް ބޭނުން ނުވާ ފިޔާތޮށި ތުންފަތާއި ފަށުވި ކޮޅެއްފަދަ ދިގު އިސްތަށިގަނޑެކެވެ. ފިރިހެނުންގެ ހިތްތަކާއި ކުޅެލާފަދަ ވަނާތަކެވެ. އެހުރިހާ ސިފައަކަށްވުރެވެސް ޔޫޝައުއަށް ހާއްސަވަނީ ޖޫޒަންގެ ދެލޮލެވެ. ކަޅުކަޅު ބޮޑު ދެލޮލަށް ބަލަބަލާ އިންނަން އޭނަގެ ހިތް އެދެ އެވެ.

"ގުޑް މޯނިން..." ފޯނު މޭޒުމަތީގައި ބަންޑުން ބާއްވަމުން ޖޫޒަން ވާހަކަދެއްކި އެވެ.

"މޯނިން..." ޔޫޝައު އިށީނދެލީ ޖެހިގެން ހުރި ގޮނޑީގަ އެވެ.

ރަމްޝާއަށް އެނބުރި އައިސް ވަދެވުނުއިރު ދެމީހުން ތިބީ އަމިއްލަ ވާހަކައިގަ އެވެ. ދެ މީހުންނާ ކުރިމަތިލައިގެން މޭޒުގެ އަނެއްފަރާތުގައި އިނދެ ކޮފީ ތަށި ބޮމުން ދިޔައިރު އޭނަގެ ނަޒަރު ދެފަހަރު ދެމީހުންގެ މޫނަށް ހުއްޓެ އެވެ.. އެކަމަކު އެއިން މީހަކަށް އޭނަ އެތާ އިންކަން ވެސް ނޭނގޭ ކަހަލަ އެވެ. ޖޫޒަން އާއި ޔޫޝަޢު ދިމާވެއްޖެނަމަ އެއީ އާދަ އެވެ. ދެމީހުންނަށް އެކަކު އަނެކަކު ނޫނީ ނުފެންނާނެ އެވެ. އެފަދަ ލޯތްބެއް އޭނަގެ ހަޔާތަށްވެސް އައުމަކީ ރަމްޝާގެ ހުވަފެނެކެވެ. ނޫނެކެވެ. އެފަދަ ލޯއްބެއް ނޫނެވެ. އެލޯއްބެވެ. ޔޫޝަޢުގެ ލޯއްބެވެ. އެކަމަކު ބައެއް ހުވަފެންތަކަކީ ހަމައެކަނި ހިތުގެ ފުނުގައި ފޮރުވައިލަން ޖެހޭ އެއްޗެކެވެ.

"ޖޫ އަހަރެން ދެން ދަނީ އިނގޭ..." ކޮފީ ތަށި ހުސްވުމުން އެ ދޮވެލާފައި ގެނެސް ހަރުގައި ބަހައްޓަމުން ރަމްޝާ ވާހަކަދެއްކި އެވެ.

"ކޯލް މީ!" އެކުވެރިޔާގެ މޫނަށް ބަލައިލަމުން ޖޫޒަން ބުނެލި އެވެ.

ބޭރަށް ނިކުތްއިރު ވާރޭ ވެހެން އުޅޭކަމުގެ އަލާމާތްތައް ފެންނަން ފެށި އެވެ. ދަބަސްތެރެއަށް ފޯނުލައި ރައްކާކުރުމަށްފަހު ދެކޮޅު ބަލާލައިފައި އޭނަ ހިނގައިގަތެވެ. ތަންކޮޅެއް ހަރުކޮށް ހިނގައިފިނަމަ ވާރޭ އޮއްސައިނުލަނީސް ގެއަށް ދެވިދާނެކަމުގެ އުންމީދު އޮތެވެ. އެކަމަކު އެއީ ހަމައެކަނި ކުށްހީ އެކެވެ. ގަދަވަޔާއެކު އައި ބޮޑެތި ވާރޭތިކިތައް ހަމަލާ ދޭން ފެށީ ރާސްތާގެ މެދާކަށް ހިސާބުގައި ހުއްޓަ އެވެ. ރަމްޝާ ދުވެލާފައި ގޮސް އެންމެ ކައިރީ ހުރި ފިހާރައިގެ އަސްކަނިދޮށަށް ހުއްޓިފައި ހެދުމުގެ އަތުކުރިން މޫނު ފުހެލި އެވެ. ހުރެވުނީ ކޮންތަނެއްގައި އޭނައަށް އިހްސާސްވީ އެހިސާބުންނެވެ. އިސާހިތަކު ހިޔާލުތައް ދަތުރުކޮށްލާފައި ދިޔައީ މީގެ ހަ މަސް ކުރިއަށެވެ. އޭނައަށް އެންމެ ފުރަތަމަ ޔޫޝައު ފެނުނީ އެއްރެއަކު ވާރެއިން ނިވާވާން އެތާ މަޑުކޮށްގެން ހުއްޓަ އެވެ.

އެ ފިހާރައިން ޔޫޝައު ނިކުތީ މާބޮނޑިއެއް ހިފައިގެންނެވެ. އަނެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ވާހަކަދައްކަމުން ހުއްޓުނީ އޭނައާ ކުޑަތަންކޮޅެއް ދުރުގަ އެވެ. ފުރަތަމަ ނަޒަރުން ރަމްޝާގެ ހިތް އަވަސްވެގެން އައެވެ. ޒުވާނނާ ދުރުބަލައިގެން ހުރިހާ ހިނދު އެފުރުސަތުގެ ބޭނުން އޭނަ ހިފި އެވެ. އެޒުވާނާގެ ރީތިކަމުން އުފާ ލިބިގަތެވެ. އެރޭ އެޒުވާނާ ދިޔައީ ހިތް ވަގަށް ނަގައިގެންނެވެ. އޭގެ ދެތިން ދުވަސްފަހުން އެންމެ ގާތް އެކުވެރިޔާ އެޒުވާނާގެ ފޮޓޯ ގެނެސް ދެއްކީ މަގުމަތިން ފެނިގެން އައިސް ވާހަކަދެއްކި އޭނަ މާ ހިތްކީ މީހެއްގެ ގޮތުގަ އެވެ. ދެން އިވުނީ އެޒުވާނާ ރަތްޓެހިވާން އެދުނު ވާހަކަ އެވެ.

ޖޫޒަން ލަފާ އަހަން ވެސް އައީ އޭނަގެ ކައިރިއަށެވެ. ރަތްޓެހިވާނީ ތޯ ނޫނީ ނުވާނީތޯ އެވެ. ސަބަބެއް ނެތޭ ބުނެ މޫނުމަތީ ނޫނެކޭ ބުނާކަށް ރަމްޝާއަކަށް ނުކެރުނެވެ. އޭނަ ލަފާދިނީ ޖޫޒަން އެހާ ގަޔާވާނަމަ ޒުވާނާގެ މައުލޫމާތު ކުޑަކޮށް އެއްކޮށްލުމަށެވެ. އެއަށްފަހު ރަނގަޅު މީހެއްނަމަ ކުރިއަށް ގެންދަން ވިސްނުމަށެވެ. ގެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ދޮންމަންމަ އަޑުގައި ޖައްސާލައިފައި ރޮށި ފިހަނީ އެވެ. ރޮށިދަމާއެތި ހަލާކުނުވެ ހުންނާނެ ކަމާއިމެދު ޝައްކުވި އެވެ. މިހާރު ހުންނާނީ ރުޅި އައިސް ފުފިފަކަން އެނގޭތީ ބިރުން ބަދިގެއަށް ނުވަދެ ސިއްރުން އޭނަ ގޮސް ވަނީ ކޮޓަރިއަށެވެ.

ބަންކުބެޑު ބަހައްޓާފައި ކުޑަ އަލަމާރިއެއްގެ އިތުރުން ތިރި މޭޒަކާއި ލޯގަނޑެއް ބަހައްޓާފައި އެކޮޓަރިގަނޑުގައި ކިރިޔާ ހިނގޭނެ ތަންކޮޅެއް އޮތްކަމެވެ. ލެޕްޓޮޕާއި ކިޔެވުމަށް ބޭނުންކުރާ ފޮތްތައް ވެސް ހުރީ ފާރުކައިރީ ބަރިއަކަށް ޖަހާފައި ބަހައްޓާފަ އެވެ. ހޯމްވޯކް ހެދުމާއި ކިޔެވުމާއި ގުޅޭ މަސައްކަތްތައް ކުރަން ޖެހުނީ އެނދުމަތީގަ އެވެ. ޖޫޒަންގެ އެދުމުގެ މަތިން އޭނަ ގިނަފަހަރު އިމްތިހާނު ކައިރިވުމުން ކިޔަވަން ދިޔައީ އެކުވެރިޔާގެ ގެއަށެވެ. އޭނަ މިހާރު ކުރިމަތިލައިގެން އުޅޭ ކޯހަށް ހޮވިފައިވާތީ ކުރިއަށް އޮތް ތާގައި ކިޔެވުމުގެ ދުވަސްތައް އަދި ކުރިއަށް އޮތީ އެވެ.

މަތީ އެނދުގައި އޮތް ހުޝާމްއަށް ނަޒަރެއް ދީފައި ގޮސް ލެޕްޓޮޕް ހުޅުވާލައިގެން އެއަށް ބަލަން އިނދެވުނީ ދިހަ ވަރަކަށް މިނިޓް ވަންދެނެވެ. ދޮރުފަތުގައި ޓަކި ޖެހި އަޑު އިވިއްޖެ އެވެ. ރަމްޝާ ލެޕްޓޮޕް އެނދުމަތީ ބަހައްޓާފައި ގޮސް ދޮރު ހުޅުވާލިއިރު ބައްޕަ އެވެ. ބައްޕަގެ މޫނު ފެނުމުން އަވަހަށް އިސްޖަހައިލެވުނީ ކަންބޮޑުވެގެންނެވެ. ޔަޤީނުންވެސް ބައްޕަ އެއައީ ދޮންމަންމަގެ ޝަކުވާގެ އަޑު އިވިގެން ކަމުގައި ހިތް ބުނެލި އެވެ.

"ރަމްޝާ ބަލީތަ؟" އަމީންގެ އަޑުގައި މާ ގާތްކަމެއް ނެތެވެ.

ރަމްޝާއަށް ޖަވާބު ދެވުނީ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވާލައިފަ އެވެ.

"ދެން ކީއްވެ ހެނދުނު ސައިހަދަން ނުތެދުވީ؟ ކިޔަވާ ނިމިގެން ޗުއްޓީ ހުންނައިރު ތިހެންތަ އުޅެންވީ؟ މަންމަ މިހާރުވެސް އެއުޅެނީ އަތެއްގަ ރިއްސާތީ. ދެން އަނެއްކާ ދުވަސްކޮޅަކުން ދާންވީ ކިޔަވަން..." ބައްޕަގެ ވާހަކަތައް އިވިފައި ރަމްޝާއަށް އިސްޖެހިގޮތަށް އެހެން ހުރެވުނީ އެވެ. ބައްޕަގެ އުމުރު ދުވަހުވެސް އެއްފަހަރާ އެހާ ގިނަ ވާހަކަދެއްކި ކަމެއް ނޭނގެ އެވެ.

ދޮންމަންމަ އެހުރީ ރަނގަޅަށް ބައްޕަގެ އަނގައަށް އަޅައިދީފައޭ ހިތަށް އެރި އެވެ.

އެނބުރި އައިސް އެނދުގައި އިށީނދެފައި އޭނަ ނެގީ ވައިބްރޭޓް ވި ފޯނެވެ. ޖޫޒަން މެސެޖް ކޮށްފައި އޮތީ މިރޭ އޭނައާއެކު ޝޮޕިންކުރަންދާން ތައްޔާރުވެގެން ހުރުމަށެވެ.

ފޯނު އުނގުމަތީ ބޭއްވިތަނާ އަނެއްކާ ވައިބްރޭޓް ވާން ފެށި އެވެ. އޭނަގެ ހިތް ތެޅިގަތީ އޭގެ ސްކްރީނނަށް ޔޫޝައުގެ ނަން އަރާފައި އޮތްވާ ފެނުނީމަ އެވެ. ނަންބަރު އެނގިފައި އޮތަސް ޔޫޝައު މިނޫނީ ދުވަހަކުވެސް އޭނަގެ ފޯނަކަށް ނުގުޅަ އެވެ.

"ހަލޯ.. ރަމްޝާ؟" ފޯނު ނަގައި ކަންފަތުގައި ޖެހުމާއެކު އެކޮޅުން ޔޫޝައު ވާހަކަދެއްކި އެވެ.

ވަގުތުން ރަމްޝާގެ ދެއަތުން ހީބިހި ނަގައިގަތެވެ. އެރީތި އަޑުން އޭނަގެ ނަން ތަކުރާރު ކޮށްލަކޮށްލާ ހުރުމަށް އެދެވުނެވެ. މިނޫނީ އޭނައަށް މީހެއްގެ ދުލުން އޭނަގެ ނަން ވެސް ރީތި ވީ ދުވަހެއް ނާދެ އެވެ.

"ރަމްޝާ؟" ޖަވާބު ނުދީ ހުރުމުން ރަމްޝާގެ ހިތުގެ މުރާދު ހާސިލްވި އެވެ. ޔޫޝައު ދެވަނަ ފަހަރަށްވެސް އެނަމުން ގޮވާލައިފި އެވެ. އެވަގުތު އޭނައަށް އަތް އުފުލާލައިފައި އިނގިލިތައް ކާއްތައިލެވުނީ ހިތާއި ދިމާއިން މޭގަ އެވެ.

"ރަމްޝާ ވާހަކަދައްކަނީ..." ރަމްޝާ އޭނައަށް ޔޫޝައު އެނގުނު ކަމަކަށް ނުހެދި އެވެ.

"ޔޫޝައު މީ. އެނގިއްޖެތަ؟" އެންމެފަހުން ޔޫޝައު އެހި އެވެ.

"މިހާރު އެނގިއްޖެ.." ހިނިތުންވެލުމާއެކު ރަމްޝާ އެނދުން ތެދުވެގެން ގޮސް ދޮރުފޮތިގަނޑު ކައިރިއަށް ހުއްޓުނެވެ. ފޮތިގަނޑު ކަހާލިއިރު އަދިވެސް ތުނިތުނިކޮށް ބޭރަށް ވާރޭ ވެހޭތީ ފެނެ އެވެ. ކުރިއްސުރެ ބާރުވެފައިވާ އޭނަގެ ހިތް އިތުރަށް ތެޅިގަތީ ޔޫޝައު ދެންބުނި ވާހަކައެއް އަހައިފަ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular