25 Jun 2020

By: Mariyam Yasma

ދުރުން ދިމާކުރިމަތިން ފެންނަންހުރި އައިފިލް ޓަވާ ފެނިފައި ހައިރާންވެފައި އިރުކޮޅަކު ބަލަން ހުރެވުނެވެ. ދެން އަނެއްކާވެސް ހަނދާންވީ ޔޫޝައު މަތިންނެވެ. ކަންބޮޑުވެފައި ހުރެގެން އޭނާ ހެދުން ޝޯލް އަޅާލައިގެން ކޮޓަރިން ނިކުތެވެ.

ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ހިނގަން ބޭނުންވި ނަމަވެސް ކާރޫބާރޫ ބޮޑު މަގުތަކުގައި އެކަންވީ ހީކުރިވަރަށްވުރެ އުދަނގޫ ކަމަކަށެވެ. ޕޭވްމެންޓްމަތީ ދެކޮޅަށް ހިނގާ މީހުން އެހާ ގިނަ އެވެ. ފަހަރަކު މީހެއްގެ ގައިން ރެކެމުން ފެންނަ ކޮންމެ މީހެއްގެ މޫނުން އޭނަ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. އަވަސްވަމުން ދިޔަ ނޭވާ ފަދައިން އެ ހިތުގެ ތެޅުން ވެސް އައީ ފަހަރަކަށްވުރެ ފަހަރެއް އަވަސްވެގެންނެވެ.

ކުލާސް ނިންމާފައި މިއަދު އޭނައަށް ގޮސް ވަދެވުނީ ހުސް ގެއަކަށެވެ. އަބަދުވެސް އޭނަ އަންނައިރު ދޮރުފެންނަ ހިސާބުގައި އިންނަ މަންމައެއް ނެތެވެ. ފަހަރަކު ދޮރެއް ހުޅުވަމުން މަންމަގެ ނަން ގޮވަމުން އޭނަ މުޅި ގެ ހޯދި އެވެ. ކަމެއްވެއްޖެކަމުގައި ހިތް ބުނީ އެއްވެސްތާކުން މަންމަ ނުފެނުނީމަ އެވެ. ބައްޕައަކީ އެގަޑީގައި ގެއަށް އަންނަ މީހަކަށް ނުވާތީ ބައްޕައާއެކު ނުދާނެކަން އެނގެ އެވެ. އެކަން އެއްކިބައިގައި އޮއްވައި މަންމަ ގޮވައިގެން ބޭރުތެރެއަށް ނިކުތުމަކީ ބައްޕަ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

މަންމަ ދާނެހެން ހީވާ ގޭގެއަށް ވެސް ވަދެވިއްޖެ އެވެ. އެނބުރި ގެއަށް ދާން މިސްރާބު ޖެހީ މަންމަ މިހާރު ގޮސް ގޭގައި އިނދެފާނެ ކަމުގައި ހީވެގެންނެވެ. ގެ ހުންނަ ގޯޅިއަކަށް އެޅިތަނާ އޭނަގެ ސަމާލުކަން އަތުލީ ކަނާތް ފަރާތުން ވަދެވެން ހުންނަ އަނދިރި ގޯޅިގަނޑަށް ވަންނަ ހިސާބުގައި ވެއްޓިފައި އޮތް ކޮތަޅެކެވެ. ދުވެފައި ގޮސް އެ ނެގުމާއެކު އެއީ ކޮން ކޮތަޅެއްކަން ފާހަގަ ވެއްޖެ އެވެ. އެއީ މަންމަ ބައެއްފަހަރު ބާޒާރުކުރަން ދާއިރު ގެންދާ ފޮތިކޮތަޅެކެވެ.

ކޮތަޅު ވެއްޓިފައި އޮތްއިރު އޭގެއެތެރެއިން ނިކުމެފައިވާ ފަތްބޮނޑިއަކާއި ބައެއް ތަރުކާރީތައް ހީވަނީ މީހަކު ފައިން އަރާފައިވާ ހެންނެވެ. ޚުދު ރަމްޝާގެ ހިތުގައިވެސް މީހަކު ހިފައި ފިއްތައިލިކަހަލަ އެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި އެއަނދިރި ގޯޅިގަނޑުން ވަދެގެން ދުއްވައިގަތެވެ. އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއްގެ ވަކިތަކުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ މަންމަ ފެނިފައި ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވި އެވެ.

ސިކުނޑި މަސައްކަތް ކުރަމުން ދެކޮޅު ހޯދާލައިފައި ދާދި ކައިރިން ފެނުނު ގާބުރިއެއް ނަގައި އަތަށް ހެއުވަރުކޮށްލާފައި އެއްލި އެވެ. ގާގަނޑު ގޮސް ޖެހުނީ އެޖަނަވާރުގެ މޫނުމަތީގަ އެވެ.

"ރަމް؟!" ޔޫޝައުގެ އަޑުން ރަމްޝާގެ ހިޔާލީ ދުނިޔެއިން ނިކުމެވުނެވެ.

ލޮބީގައި އޭނަ އިށީނދެ އިން ސޯފާގެ ކުރިމަތީ އުޑަފައިން އިށީނދެ އިން ޔޫޝައުގެ މޫނުމަތީގައި ނުތަނަވަސްކަންވި އެވެ. ޔޫޝައު އެވަގުތު އޭނަގެ ކޯތާފަތުގައި ހިފަހައްޓައިލަން އުޅުމުން އެއަތް ދުރަށް ޖައްސާލައިފައި އޭނަ ފުންމައިގެން ތެދުވި އެވެ. ދެން އެންމެ ސިކުންތެއް ވެސް މަޑުނުކޮށް ދާންފެށީ ކޮޓަރިއާ ދިމާއަށެވެ. ލިފްޓަށް ވަދެ ދޮރު ނުލެއްޕިގެން އުޅެނިކޮށް ޔޫޝައު އައިސް އެތެރެއަށް ދެމިގަތެވެ. ރަމްޝާ ހުރި ހިސާބަށްވުރެވެސް ދުރަށް ޖެހިލާފައި ހުއްޓުނީ ލިފްޓްގެ އެއްފަރާތުގައި ޔޫޝައުއާ އެންމެ ދުރުގަ އެވެ.

"ރަމް ނިދާފަ އޮތީމަ ނުގޮވާ ނިކުތީ. ހިއެއްނުކުރަން އަހަރެން އަންނަންވާއިރަށް ހޭލާނެ ކަމަކަށް. ސޮރީ އިފް އައި މޭޑް ޔޫ އަންކޮމްފޮޓެބްލް." ޔޫޝައު ވާހަކަދައްކަން ފެށި އެވެ.

ރަމްޝާ އަނގައިން ވެސް ނުބުނެ އެވެ. ކޮޓަރި ދޮރުމަތިން އެތެރެއަށް ވަދެވޭނެ ގޮތެއް ނެތިފައި ހުއްޓެން ޖެހުނެވެ. ޔޫޝައު އައިސް ކާޑުން ދޮރު ހުޅުވައިދިނުމުން ވަދެގެން އެދިޔަ ގޮތަށް ގޮސް އެނދުގައި އިށީނދެލި އެވެ. ފަހަތުން ވަދެފައި ޔޫޝައު އޭނައަށް ބަލަން ދުރުގައި ހުއްޓެވެ. ދެން ގޮސް ހުއްޓުނީ ކުޑަދޮރުތައް ކައިރިއަށެވެ. އެނބުރި ބަލާލައިފައި އައިފިލް ޓަވާ ފެނިއްޖެތޯ އެހީ ރަމްޝާގެ މޫޑު ކިރިޔާވެސް ރަނގަޅުވޭތޯ އެވެ. ރަމްޝާ އެވަރުންވެސް ޖަވާބެއް ނުދިނެވެ. ރުޅި އައުމުން މީހުންގެ ބޮލުން ދުން އަރާނެ ނަމަ އޭނައަށް އެއީ އެފަދަ ވަގުތުކޮޅެކެވެ. ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކޮށްފައި ސޮރީ އޭ ބުނާ މީހުންދެކެ އޭނަ އިންތިހާއަށް ރުޅި އާދެ އެވެ.

"ކީކޭ އަހަރެން ދެން ބުނަންވީ؟ ސޮރީއޭ ވެސް ބުނެވިއްޖެ މިހާރު..." ޔޫޝައު އެނބުރި އައިސް ކައިރީގައި އިށީނދެފައި ވާހަކަދެއްކި އެވެ.

"ވައި ޑޫ ޔޫ ސޭއިޓް ވެން ޔޫ ޑޯން އިވެން މީން އިޓް..." ރަމްޝާގެ ރައްދު އައެވެ.

ޔޫޝައުއަށް ރަމްޝާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ރަމްޝާވެސް މޫނު އަނބުރާލައިފައި ހަތަރުކަޅި ހަމަކޮށްލި އެވެ. އެލޮލުގައި ރިހުންވި އެވެ. ނުދައްކާ އެތައް ވާހަކައެއް ވި އެވެ.

"ކޮންމެ ކަމެއްކޮށްފަ މާނަ ނުކުރާ ސޮރީއެއް ބުނީމަ އެހިސާބުން ނިމުނީތަ؟ އެއްފަހަރުވެސް ހިތަށް އެރިތަ އެހެންމީހުންނަށް ވާނެ ގޮތާއިމެދު؟..." ރަމްޝާ ސުވާލަކަށްފަހު ސުވާލެއް ކުރި އެވެ. މިއަދު އޭނަ އެސުވާލުތަކުގެ ޖަވާބަށް އެދިގެން އުޅޭކަހަލަ އެވެ.

"ތިދައްކަނީ ޖޫޒަންގެ އިހްސާސްތަކުގެ ވާހަކަކަމަށްވިއްޔާ އަހަރެން ބުނަންތަ ވާހަކައެއް؟ އޭނަ އެކަންޏެއް ނޫން އިހްސާސްތަކެއް ވަނީ. އަހަރެންގެ ވެސް ހިތެއް ވޭ. އިހްސާސްތަކެއް ވޭ. އެން އައިމް ނޮޓް ސޮރީ އައި ޗޯސް ޔޫ. އައިމް ނޮޓް ސޮރީ ޝިޒް ހާޓް ބިކޯޒް އޮފް އިޓް..." ޔޫޝައު ވާހަކަދައްކަދައްކާ ހުއްޓާ ރަމްޝާ ތެދުވި އެވެ.

ތަންކޮޅަކަށް ގޮސް ދެއަތުން މޫނު ފޮރުވާލައިގެން ހުރެފައި އޭނަ އެނބުރި އައިސް ހުއްޓުނީ ޔޫޝައު ކުރިމައްޗަށެވެ. ޔޫޝައު އޭރުވެސް އެނދުން ނުތެދުވެ އެއިންގޮތަށް އިނެވެ.

" އަހަރެން ހިތާމަކުރަން އަހަންނަށް ވަގުތު ފާއިތުވުމުގެ ކުރިން ނުވިސްނުނީމަ. އަހަރެން ހިތާމަ ކުރަން އަހަންނަށް މިކައިވެނި ކުރަން އެއްބަސްވެވުނީމަ. އެކަމަކު ޔޫޝައުގެ ކީއްވެ ހިތާމަކުރަންވީ؟ ޔޫޝައުއަށް މީ ގޭމެއްނު. ޖޫގެ ކިބައިން ބަދަލުހިފަން މާމޮޅަށް ރޭވި ޕްލޭންއެކެއްނު." ރަމްޝާގެ ވާހަކަ ނިންމާލަމުން މަޑުމަޑުން ދެފަރާތަށް ބޯހޫރައިލީ އޭނަ ފޫހިވެފައިވާވަރު ދައްކައިދެމުންނެވެ.

އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި ޔޫޝައު ވާހަކަދެއްކީ ރަމްޝާ ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި ޝޯލް ބާލަން އުޅެންފެށީމަ އެވެ. ޕެރިސްގައި އުޅޭ އެކުވެރިއަކު ދައުވަތު ދީފައި އޮތް ވާހަކަ އާއި އޭނައާއެކު ދާން ތައްޔާރުވެގެން ހުރުމަށް އަންގައިލި އެވެ. ރަމްޝާ ރުޅި އައިސްގެން އެނބުރި ބަލާލީމަވެސް އެނގުނު ކަމަށް ނުހަދާ ތެދުވެގެން ގޮސް ދުރުގައި ހުރެ ފޯނަކުން ވާހަކަދައްކަން ފެށި އެވެ.

***

މެންދުރު އެންމެން އެއްކޮށް ކައިގެން ނިކުމެ ބަނޑުދަމާލަން ގޮނޑިތަކުގައި ޖައްސާލިއިރު ވައިރޯޅި ކުރިއަށްވުރެ ގަދަވެއްޖެ އެވެ. މޫދު އޮތްގޮތް ފެނިފައި އެގަޑީގައިވެސް ފިރިހެންވެރީންނަށް މޫދާއި ދުރަކު ނުތިބެވުނެވެ. އެފަހަރު އަޒީމް އާއި ކައި ވެސް ބައިވެރިވި އެވެ. ނަދާ ކިޔަން ފެށުމުން ޖޫޒަން ވެސް މޫދަށް އެރިލަން އެއްބަސްވި އެވެ. އޭނަ ކޮޓަރިއަށް ވަދެފައި އިންސިއުލިން ޕަމްޕް ނައްޓާލައިފައި ކެނިއުލާ ކެޕް ޖެހުމަށްފަހު ހެދުން ބަދަލުކޮށްލައިގެން ނިކުތެވެ. އަތްކުރު ހުދު ޓީޝާޓުގެ މޭމަތީގައި "ގާރލް ޕަވާ" ލިޔެލާފައި ހުއްޓެވެ. ތިރިން ކުރުކުރު ސޯޓެއް ލައިގެން އައުމުން ވެލިގަނޑުމަތީ ވެލި ތަތްކޮށްގެން ތިބި ދެޒުވާނުންގެ ނަޒަރު އޭނަގެ ހާމަވެފައިވާ ދެފަޔަށް ހުއްޓުނެވެ.

"ޝާޓްލެސް ހޮޓް ގާއިޒް. ހަޤީޤަތެއްކަމަށް ޤަބޫލުކުރަންވެސް އުދަނގޫ. ޖޫ ނިކަން މަގޭ އަތުގައި ވިކައިގެންބަލަ!" ރާޅު ޖަހާ ހިސާބުގައި ހުއްޓިފައި ނަދާ އެދުނެވެ.

އޭނަގެ ނަޒަރު ހުރީ މޫދުގައި ސަކަރާތްޖަހަމުންދިޔަ ޒުވާނުންނަށެވެ. އެވަގުތު ޖޫޒަން ހަމަ ހުރެލާފައި ނަދާގެ އަތުގައި ވިކައިގެންފި އެވެ. ނަދާ ސިއްސައިގެން ގޮސްފައި ބާރަކަށް ހަޅޭތްލަވައިގަތުމުން މޫދުގައި ތިބި މީހުންވެސް ބަލަންފެށި އެވެ.

"ވިކައިގަންނާށޭ ބުނީމަ ތިހާ ބާރަށް ވިކަން ޖެހޭތަ؟" ނަދާ އަތުގައި ފިރުމަމުން ތުން އޫކޮށްފައި ޝަކުވާކުރި އެވެ.

ޖޫޒަން ހަމަޖެހިލައިގެން ހުރެ ބޮލުގައި އިން ވޫލްކޮޅު ނައްޓާލައިފައި އަތަށް މަހައިލި އެވެ. ދެން ލޮނުގަނޑަށް އެރިގެން ދުރަށް ހިނގައިގެންފި އެވެ. މެއާ ހަމައަށް ލޮނުގަނޑު އައުމުން އޭނަ ހުއްޓުނެވެ. ފިރިހެނުންތައް ތިބީ އޭނައަށް ދެވޭ ވަރަށްވުރެ ދުރުގަ އެވެ. ފަތަން ނޭނގޭތީ އެހިސާބަށް ދާން މަސައްކަތް ކޮށްލާކަށް ވެސް ބޭނުމެއް ނުވި އެވެ. އަޒީމް ހަނާ އަޅައިލުމުން އޭނަ ދެކޮޅު ހެދުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލި އެވެ. އަޒީމްއަށް ވިސްނުނީ ކަހަލަ އެވެ. ފެނުނީ އިރުކޮޅަކުން އޭނަ ގާތަށް އަންނަން މިސްރާބު ޖެހިތަނެވެ.

"ފަތަން ނޭނގޭ ވާހަކަވެސް ކުރީބައިގަ ބުނީމައެއްނު ކޮނޑަށް ލައިގެންވެސް ގެންދެވޭނީ..." އަޒީމް ހިނިއައިސްފައި ދިމާކޮށްލި އެވެ.

"އަހަރެން ގެނބުނަދީގެން ނުވާނެ.." ޖޫޒަން އަމުރުވެރިކަމާއެކު އެންގި އެވެ.

އަޒީމް އެއްބަސްވުމުން އަޒީމްގެ ބުރަކަށްޓަށް އެހަށިގަނޑުގެ ހުރިހާ ބަރެއް ދޫކޮށްލައިގެން އޮވެ ދެއަތުން ކޮނޑުގައި ހިފެހެއްޓި އެވެ. އަޒީމް ފަސޭހަކަމާއެކު ގޮސް ދެންތިބި ޒުވާނުންނާއި ހަމަކޮށްފި އެވެ. އެމީހުން އޭރު ދައްކަމުންދިޔައީ ފެތުމުގެ ރޭހެއް ޖަހާ ވާހަކަ އެވެ. ޖޫޒަން ވަގުތުން ތާއީދު ކުރި އެވެ. ފަހުން މޯންޓީ ގޮސް ނަދާ ގެނައީ ކަނދަކަށް ލައިގެންނެވެ. އެންމެން ރޭހުގައި ބައިވެރިވާން ފުރުސަތު ދީފައި ޖޫޒަން ވެސް ނަދާއާއެކު ކަނދުގައި އެލިގަނެގެން ބަލަން އޮތެވެ.

ފޯރީގައި ރޭސް ބަލަން ތިއްބާ ފައިގައި ކޮންމެވެސް އެއްޗެއް ކޮށައިލިހެން ޖޫޒަންއަށް ހީވި އެވެ. އޭނަ އެވާހަކަ ނުބުނެ ހުއްޓާ ނަދާވެސް އިރުކޮޅަކުން އެހެން ބުނެފި އެވެ. އަޑި އެނގޭ ލޮނުގަނޑުތެރެއިން މަޑިއެއް ފެނިފައި ދެމީހުން ހަށްޓަކު ހެއެއް ނެތެވެ. ބިރުން ހަޅޭތްލަވައިގެންފައި ކަނދުން އަތް ދޫކޮށްލެވުނުއިރުވެސް ޖޫޒަންއަކަށް ނޭނގުނެވެ. ވަގުތުން އޭނަ މަތީ އޮންނަން ވެގެން ތެޅިގަތެވެ. ނަދާ ޖޫޒަންގެ އަތުގައި ހިފޭތޯ މަސައްކަތް ކުރި އެވެ. އެކަމަކު ޖޫޒަން އަޑިއަށް ގޮސްފައި މައްޗަށް އަރާ ކޮންމެފަހަރަކު އޭނަ ދަނީ ހައްތަހާ ދުރަށެވެ. އެންމެގާތުގައި އެވަގުތު ހުރި ކައި ހަމަޖެހިލައިގެން ހަރަކާތެއްވެސް ކޮށްނުލާ ބަލަން ހުރުމުން އަޒީމްއަށް މަޖުބޫރުވީ ޖޫޒަންއާ ގާތަށް ފަތައި ގަންނާށެވެ. އޭނަ ގޮސް ޖޫޒަން ނެގިއިރު ދެންތިބި މީހުންވެސް އޭނައާ ހަމަވެއްޖެ އެވެ.

"ޔޫ އޯކޭ؟" އަޒީމް ނުތަނަވަސްކަމާއެކު އެހި އެވެ.

"ލޮނު ބާލިދީއެއް ބޮވިއްޖެ..." ޖޫޒަން ޖަހައިލީ ހިނިގަނޑެކެވެ.

އަޒީމް ހިނިއައިސްފައި ޖޫޒަންގެ ނިތުގައި ޖަހާލި އެވެ. މަރުން ސަލާމަތްވީމަ ވެސް ޖޫޒަން މިއުޅެނީ ސަމާސަ ނުކުރެވިގެންނެވެ. އެހެން އަންހެންކުއްޖަކު ނަމަ ރޯންފަށާނެ އެވެ.

އެއްގަމަށް އަރާފައި އަޒީމް ގޮނޑިއެއްގައި ޖައްސާލައިގެން އޮތްވާ ކައި ގޮސް ޖެހިގެން ހުރި ގޮނޑީގައި ޖައްސައިލި އެވެ. ނަދާ އާއި ޖޫޒަން އޭރު ތިބީ ރާޅުޖަހާ ހިސާބުގައި ކޮންމެވެސް ސަކަރާތެއް ޖަހާށެވެ. އެކުވެރިންގެ ތެރެއިން ދެންތިބި މީހުންވެސް ފެންވަރަން ހިނގައްޖެ އެވެ.

"އާ ޔޫ ގޯއިން ޓު މެރީ ހާ؟" ކައި ސުވާލުކޮށްލި އެވެ.

އަޒީމްއަށް ލިބުނު ކުއްލި ސިހުމުގައި އަނގައަށް އަޅަ އަޅާހުރި ފެންފޮދު ބުރުއްސައިލެވުނީ ކައިގެ މޫނަށެވެ. ކައި އެކައްޗެއްވެސް ނުބުނެ އަތުން މޫނު ފުހެލި އެވެ. އަޒީމް ކައިއާ ކުރިމަތިލާފައި އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ބަލަން އިނެވެ. ދެން އޭނަ ވާހަކަދެއްކީ ދުރުގައި ތިބި ޖޫޒަންމެނަށް ބަލަމުންނެވެ.

"ތީ އަދި އަހަރެން ނުވިސްނާ ކަމެއް. އެހެންނޫނަސް ވާހަކަދައްކާ އެންމެންނާ އިންނަންވެއްޖެއްޔާ ސަލާމަތެއް ނެތެއްނު. ކައި ކީއްވެ ކުރި ސުވާލެއް؟" އަޒީމް ނިންމައިލީ ސުވާލަކުންނެވެ.

"އަހަރެން އޭނައާ އިންނާނީ..." ކައިގެ ޖަވާބުން އަނެއްކާވެސް އަޒީމް ސިއްސުވައިލި އެވެ.

އޭނަ ބަލާލިއިރު ކައި އިނީ ޖޫޒަންއަށް ބަލަހައްޓައިގެންނެވެ. އެމޫނުން ހީވަނީ ހަމަ ސީރިއަސްވެފައި އިންހެންނެވެ. އެކަމަކު އެއީ ކައިގެ މޫނު އަބަދުވެސް ހުންނަ ގޮތެވެ. އޭނަ ސީރިއަސް ވެފައި ކަމެއް ނޫންކަމެއް ބުނަން ޚުދު އަޒީމްއަށްވެސް އުދަނގޫ ފަހަރު އާދެ އެވެ. އޭނައަށް ވެސް ކައި ބައެއްފަހަރު ކަންކަން ސިއްރުކުރާ ކަމުގައި ޝައްކު ކުރެވޭ ދުވަސްތައް ހުރެއެވެ.

"ސީރިއަސްކޮށްތަ؟" ކައި ދޭ ޖަވާބެއް ބަލައިލަންވެގެން އަޒީމް އެހި އެވެ.

"އޭޒް ސީރިއަސް އޭޒް އެ ހާޓްއެޓޭކް .." ކައިގެ ޖަވާބު އަވަހެވެ.

"ސޭސް ދަ ގާއި ހޫ ލެފްޓް ހާ ޓު ޑްރައުން.." އަޒީމް ހަނދާންކޮށްދިނެވެ.

ކައި އެކަމަށް ރައްދެއް ނުދިނެވެ. އޭނަގެ ނަޒަރު އަދިވެސް ހުރީ ޖޫޒަން އަށެވެ. އެތޫނު ނަޒަރުން ޖޫޒަންގެ ބުރަކަށީގައި ބާގަނޑެއް ނުހެދޭނެ ކަމެއް ނޭނގެ އެވެ. ދެ އެކުވެރިން ހީހީފައި ކޮންމެވެސް ވާހަކައެއް ދެއްކުމަށްފަހު ވެލި ފިލުވަން ގޮސް މޫދަށް އެރި ތިއްބެވެ. ފެންނަފެނުމަށް ޖޫޒަންގެ މޫނުމަތީގައި ވަނީ ހަމަޖެހުމެވެ. ލޯބިވެރިޔާ އާއި އެންމެ ގާތް އެކުވެރިޔާ އެހާ ހިތިގޮތަކަށް ކެހިދީފައި ހުރި ޒުވާނެއްކަން ބަލާ މީހަކަށް ނޭނގޭނެ އެވެ.

"އެކަމަކު ހީވޭތަ އަހަންނާ ޑޭޓްކޮށްފަ އަހަރެންގެ އެކުވެރިއަކާ އޭނަ އިނދެފާނެހެން..؟" ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އަޒީމް އެހި އެވެ.

"އިފް ޝީ ކެން ޑޭޓް ޓޫ ބްރަދާސް ދެން ވައި ނޮޓް؟" ކައި އަޒީމްއާ ހަތަރުކަޅި ހަމަކޮށްލި އެވެ.

އޭނަގެ އެވާހަކައިގައި ވީ ކިހާ ވަރެއްގެ ހަޤީޤަތެއްކަން ދެނެގަންނަން އަޒީމްއަށްވެސް އުދަނގޫވި އެވެ.

"އަހަންނަށް ނޭނގޭ އެއްޗެއް ކައި އަށް އެނގެނީތަ؟" އަޒީމް އިތުރަށް އޮޅުންފިލުވަންވެގެން އެހި އެވެ.

"ވެދާނެ..." ކައި ކުރު ޖަވާބެއް ދީފައި ގޮނޑިން ތެދުވެގެން އެތަނުން ދާން ހިނގައިގަތެވެ.

ނުނިމޭ

ދިގު ވާހަކަ

Popular