27 Jun 2020

By: Mariyam Yasma

"ވެދާނެ." ކައި ކުރުޖަވާބެއް ދީފައި ތެދުވެގެން އެތަނުން ދާން ހިނގައިގަތެވެ.

ގޮނޑުދޮށުގައި އިންތިޒާމުކޮށްފައި އޮތް ޕާޓީ ފެށޭ ގަޑިއަށް އެތައް ބަޔަކު އިތުރުވި އެވެ. ގިނައީ ޒުވާން ފިރިހެނުންނެވެ. އެކަމަކު މަދުމަދުން އަންހެންކުދިންވެސް އައިސް އުޅެނިކޮށް ފެނުނެވެ. ބާބެކިއުކޮށްފައި ހުރި މަހާއި ކުކުޅާއި ސޮސެޖާއެކު އެނާޖީ ޑްރިންތައް އަތުރާފައި ހުރި މޭޒެއް ހުއްޓެވެ. އަދި އަލްކަހޯލް ނުހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ލުއި ބުއިންތަކެއްވެސް ވި އެވެ. ކެއުން ނިމުނުފަހުން ސަކަރާތްގަނޑު ބޮޑުވެގެން މޫދަށް ލުމާއި ވެލި ޖެހުމާއި މިކަހަލަ ހުރިހާ ކަމެއް ކުރިއަށް ދިޔަ އެވެ. ޕާޓީގެ ވަކި ހިސާބަކުން ކައި ވަންތަނެއް ނޭނގެ އެވެ. ނަދާއަށް ފާހަގަވީ އޭނަ ކައިއަށް ތަންކޮޅެއް ހާއްސަކަމެއް ދީގެން އުޅޭތީ އެވެ. ޖޫޒަން ކައިރީ އެވާހަކަ ބުނުމުން ކޮނޑު އަރުވާލައިފައި ބުނީ އަންހެންކުއްޖަކު ގޮވައިގެން އެކަހެރިތަނަކަށް ދިޔައީ ކަމަށްވެދާނެ ކަމުގަ އެވެ. ނަދާ ވަގުތުން ތުންއޫކޮށްލި އެވެ. ފަހުން މޯންޓީ އައިސް ވާހަކަދައްކަން ފެށުމުން ނަދާ ކައި މަތިން ހަނދާން ނެތިއްޖެ އެވެ.

އެކުވެރިޔާއަށް އުދަނގޫ ނުކުރަން ވެގެން ޖޫޒަން ވެލިގަނޑުމަތީ ހިނގާލަން ދިޔައީ އެކަންޏެވެ. އެއް އަތުގައި ފައިވާން އޮތްއިރު އަނެއް އަތުގައި ފޯނެވެ. ޖެހެމުންދިޔަ ލުއި ވައިރޯޅިތައް ހުރަހެއް ނެތި އައިސް ބީހެން ފެށުމުން އޭނަގެ ދެއަތުން ހީބިހި ނެގި އެވެ. ފައިވާން ތިރިއަށް ދޫކޮށްލާފައި ދެއަތުގެ މުލައްދަނޑީގައި ފިރުމަމުން އޭނަ ތިރީގައި އިށީނދެލި އެވެ.

ފޯނު ނަގާފައި އިންސްޓަގްރާމް އިން ކުރީގެ ފޮޓޯތައް ހާވަމުން ގޮސް އޭނަ މަޑުޖެހުނީ ރަމްޝާ އާއި އޭނަގެ ފޮޓޯއަކާއި ހަމައިންނެވެ. އޭނަ ރަމްޝާގެ ގައިގައި ފަހަތުން ބައްދާލައިގެން ހުރިއިރު ރަމްޝާ ހެމުން ހެމުން ގޮސް ހުރީ އިސްޖެހިފަ އެވެ. އެފޮޓޯ ނެގީ އޭނަގެ މަންމަ އެވެ.

ހިތުގައި ރިހުމެއް އުފެދެމުން އަންނަން ފެށިކަން އިހްސާސްވުމުން އޭނަ ފޯންގެ ސްކްރީން ނިވާލައިފައި ތެދުވެ ވެލިފޮޅާލައިފައި މިސްރާބު ޖެހީ އެއްގަމަށެވެ. ކޮޓަރި ކައިރިއަށް ދެވުމުން ބޭރުން ފައިދޮވެލައިގެން ފައިވާނަށް އަރަން އުޑަފައިން އިންދާ ދުރުން މީހެއްގެ ހިޔަނިވީހެން ހީވި އެވެ.

ތެދުވެ ހިންދެމިލިއިރު އޭނައަށް ފެނުނީ ޕާޓީތެރެއިން ފެނުނު ކުއްޖަކު ގޮސް ކައިގެ ހަށިގަނޑުގައި ބައްދައިގެން ހުއްޓަ އެވެ. ކައި އެއަންހެންކުއްޖާގެ މުލައްދަނޑީގައި ހިފީނުން އެންމެ ކުއްލިއަކުން ދުރަށްލީތަން ފެނުނެވެ. އެކަމަކު ދުރުވިހެނެއް ހިއެއްނުވެ އެއަންހެންކުއްޖާ ކޮންމެވެސް އެއްޗެކޭ ކިޔަމުން ކައިރިވި އެވެ. އެމޫނުގެ ދެފަރާތުން ހިފާލިގޮތަށް ދެން ކުރަން އުޅުނީ ކީއްކަން އޭނައަށް ލަފާކޮށްލެވުނެވެ. އެކަމަކު ކާމިޔާބުވުމުގެ ކުރިން ކައި ދެން ހިފިތަން ފެނުނީ އަންހެންކުއްހާގެ ބޮލުގެ މެދާއި ހިސާބުން އިސްތަށިގަނޑުގަ އެވެ. އަންހެންކުއްޖާ ރޮއިގަތްއަޑަށް ޖޫޒަންއަށްވެސް އަނގައަށް ގޮތެއް ހަދައިލެވުނެވެ. އޭނަގެ މެއަށް ފިނިވެގެން އައީ އެވަގުތު ކައިގެ ނަޒަރު ސީދާ އޭނަގެ މޫނަށް ހުއްޓުނުތަން ފެނިފަ އެވެ.

***

ޖެހިގެން އައި ދުވަހު ޔޫޝައުގެ އެކުވެރިޔާ އެމީހުން ބަލާ އައެވެ. އަދި ޔޫޝައުގެ އެކުވެރިޔާއަކީ އާއިލީ އެކުވެރިއެކެވެ. ޔޫޝައު މަންމަގެ އާއިލާ އާއި ޖީހާންގެ އާއިލާގެ ގުޅުން އެތައް އަހަރަކަށް ދެމިގެންގޮސްފައިވެ އެވެ. ޖީހާން ގުޅުމުން ދެމީހުން ތައްޔާރުވެގެން ނިކުތްއިރު ލޮބީގައި އެވަގުތުވެސް ހުރީ އެތާ އުޅޭ ކްލާކް އަކާއި މައްލަވަކުރާށެވެ. ޔޫޝައު ތަންކޮޅެއް ދުރުގައި ހުއްޓިފައި ޖީހާން ދައްކައިލުމުން ރަމްޝާގެ ނަޒަރު އެއަންހެންކުއްޖާގެ ފައިންފެށިގެން ބޮލާއި ހަމައަށް ދަތުރުކޮށްލި އެވެ. ދެފަޔަށް ހިފާލާފައިވާ ނޫ ޖިންސަކާއި ކޮނޑަށް ވާކޮޅެއް ލީ ޓޮޕެއްގައި ހުރިއިރު ބްރައުންކުލައިގެ އިސްތަށިގަނޑު އަންނަނީ ކޮނޑާއި ހަމައަށެވެ. އަރާލައިފައި ހުރި ފައިވާނުގެ ކަށި ފެނިފައިވެސް ރަމްޝާއަށް އުދަނގޫވި އެވެ.

ކްލާކްގެ އަތްތިލައިގައި ގަލަކަމުން އަމިއްލަ ނަންބަރު ލިޔެދިނުމަށްފަހު ޖީހާން އެނބުރި ބަލައިލުމާއެކު ޔޫޝައުމެން ފެނުނެވެ. އެވަގުތު ޅަކުއްޖެއްހެން އުފާވެރިކޮށް ހަޅޭތްލަވައިގެންފައި ދުވެފައި އައިސް ޔޫޝައުގެ ގައިގައި އޮޅުލައިގެންފި އެވެ. ދެން ހަމަ އެސިކުންތުގައި ޔޫޝައުއާ ދުރަށް ޖެހިލާފައި ރަމްޝާ ނުވިސްނާ ހުއްޓާ އޭނަގައިގައި ވެސް ހިފައިގެންފި އެވެ.

"ސޯ ނައިސް ޓު މީޓް ޔޫ.." ޖީހާން ރަމްޝާގެ މޫނަށް ބަލާލައިފައި އަނެއްކާވެސް ގޮސް ހުއްޓުނީ ޔޫޝައު ކުރިމައްޗަށެވެ.

ދެމީހުން ވާހަކަ އަޅުވައިލިގޮތަށް ކާރާއި ހަމައަށް ދަންދެން ރަމްޝާ އެއީ އެމަންޒަރުގެ ތެރެއަށް ގެއްލިފައިވާ ހިމޭން ފުރާނައެއްފަދަ އެވެ. ކާރުގައިވެސް އޭނަ އިނީ ފަހަތުގަ އެވެ. ޖީހާން ދުއްވަން އިންއިރު ޖެހިގެން އިން ސީޓުގައި ޔޫޝައު އެވެ. ދެމީހުން ހިންދީ ބަހުންނާއި އިގިރޭސި ބަސް މިކްސްކޮށްގެން ވާހަކަދައްކަމުން ދިޔައިރު ދޭތެރެއަކުން ފްރެންޗް ބަހެއްވެސް އާދެއެވެ. ކާރު ދުއްވައިލި ހިސާބުން ރަމްޝާގެ ސަމާލުކަން ހުރީ ބާރު ސްޕީޑްގައި ފެނިގެއްލެމުންދިޔަ ރީތި މަންޒަރުތަކަށެވެ. ދުވަހަކު ލޮލަށް ނުދެކޭހާ ރީތި އިމާރާތްތަކާއި ހުވަފެނެއްފަދަ ރީތި އާޓްވޯކްއަށެވެ.

ވަކި ހިސާބަކުން ޖީހާން މުޚާތަބު ކުރަންފެށީ ރަމްޝާ އާއެވެ. ޖީހާންގެ އެޕާޓްމެންޓް ހުންނަނީ "މޮންމާޓްރް" ގައެވެ. ޕެރިސްގެ ހިތުގެ ގޮތުގައި ބުނެވޭ މި އަވަށް އެންމެ މަޝްހޫރުވެފައިވަނީ އާޓަށެވެ. އެންމެން އެއްވެގެން މަގުމަތީގައި ކުރެހުންތައް ވިއްކުމާއި، ކުރެހުންތެރިން ތިބެގެން ކުރެހުމާއި މިފަދަ ހުރިހާކަމެއް ކޮންމެ ހިސާބަކުން ފެނެ އެވެ. ތާރީޚީ މަޝްހޫރު އެތައް އާޓިސްޓުންނެއް އެއަވަށުގައި ސްޓޫޑިއޯތައް ހަދައިގެން އުޅުނު ކަމަށްވެ އެވެ. ރަމްޝާ ބޭނުންނަމަ އެތަނުން އާޓިސްޓެއް ކައިރީ ހުއްޓި ސޫރަ ކުރަހައިދޭން އެދިގެން ވަގުތުން ވަގުތަށް ފޮޓޯއެއްހެން ކުރަހާލަދޭނެ ކަމުގައި ޖީހާން ކިޔައިދިނެވެ.

އެޕާޓްމެންޓަށް ވަނުމާއެކު އެތެރެއިން އެމީހުންނަށް މަރުހަބާ ކީ ޒުވާން ފިރިހެނެކެވެ. ބަލާބެލުމަށް ވައްތަރުވީ އެތަނުގެ މީހަކާ އެވެ. ޖީހާންގެ ލޯބިވެރިޔާގެ ގޮތުގައި ތައާރަފްކޮށްދިނުމުން ޔޫޝައު ފާޑަކަށް ބުމަ އަރުވައިލި އެވެ. ޖީހާން އެނގުނު ކަމަށް ނުހަދާ ވިކްޓަރއަށް ރަމްޝާގެ ތައާރަފްދިނެވެ. ޔޫޝައުއާ ކަރާކަރު ޖައްސާ ސަލާމް ކުރުމުން ރަމްޝާ ކަންބޮޑުވީ އޭނައާ ވެސް އެގޮތަށް ގާތްވެދާނެތީ އެވެ. އެހެންވެ ބިރުން ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ކުރީބައިގައި ސަލާމަށް އަތްދިއްކުރި އެވެ.

ކޮޓަރިއަށް ދަބަސްތައް ލައިފައި ޔޫޝައު ނިކުތުމުން އެނދުގައި އިށީނދެ ރަމްޝާ އިނީ ވިސްނުމަކަށް ގެއްލިފަ އެވެ. ދެމީހުން އެކަނިވާއިރު ކިތަންމެ ދުރުން އުޅުނަސް ޖީހާން ކުރިމަތީގައި އެދެމެދުގައި އޮތް ދުރުކަން ދައްކައިގެން ނުވާނެކަން އޭނައަށް ވިސްނުނު ހިސާބުން ހިތް ވަނީ ނުތަނަވަސްވެފަ އެވެ. އޭގެ ފައިދާ ނަގައިގެން ޔޫޝައު އޭނަ ހުންނަންވީ ހިސާބު ފަހަނައަޅާ ހިނގައިދާނެތީ ވިސްނުނެވެ. އޮޅުވާލުމަކުން ޔޫޝައު އޭނަ ހާސިލް ކުރުމަށްފަހު އެހާ ފަސޭހައިން ޔޫޝައު ކުރިމަތީ ބަލި ޤަބޫލުކުރާކަށް އަދި ތައްޔާރެއް ނޫނެވެ. ހިތާއި ހަމައަށް ފޯރަން ޔޫޝައު ޖެހޭނީ އޭނަގެ އިތުބާރު އަލުން ހޯދާށެވެ.

ނުނިކުމެ އޮންނަން ބޭނުންވި ނަމަވެސް ގިނައިރުވެގެން ހޯދަން އަތުވެދާނެތީ ރަމްޝާއަށް އޮންނާކަށް ނުކެރުނެވެ. އޭނަ ޔޫޝައުމެން ހޯދަމުން ނިކުތްއިރު ބަދިގޭގައި ޖީހާން އާއި ދެމީހުން ތިބީ މާ ފޯރިގަދަ މައުޟޫއެއްގަ އެވެ. އޭނަ ހަމަ ފެނުމާއެކު ހުއްޓާލައިފި އެވެ. ޖީހާން ގަދަކަމުން ހީލިގޮތުންވެސް ދެއްކީ އޭނަގެ ވާހަކަ ކަން ރަމްޝާއަށް އެނގުނެވެ. އެކަމަކު އޭނަ އަޅައެއްނުލަ އެވެ.

"ސޯ ހޭވް ޔޫ ޓޭކެން ހާ އެނީވެއާ؟" ޖީހާން ސުވާލުކުރީ ޔޫޝައު އާއެވެ.

ޔޫޝައު ޖަވާބުދިނީ އައިފަހުން އަދި ވީ އެއްދުވަސް ކަމުގަ އެވެ. އެހެންވެ އަދި އެއްވެސް ތާކަށް ނުދެވިގެން އުޅޭކަމުގައި ބުނުމުން ޖީހާން ނިތުގައި ޖަހާލި އެވެ.

"ކޮންތާކަށް ދާން ބޭނުމީ؟" ޔޫޝައު މިފަހަރު ސުވާލުކޮށްލީ ރަމްޝާ އާއެވެ.

ރަމްޝާއަށް ކުރެވުނު ކަމަކީ ބަލަހައްޓައިގެން ހުރުމެވެ. އޭނައަށް އައިފިލް ޓަވާ ނޫން އެހެން އެއްވެސް ތަނެއް ނޭނގެ އެވެ.

"ލެޓްސް ގޯ ޓު ކެޓަކޮމްބްސް..! އައި އޯލްވޭސް ވޯނެޑް ޓު ގޯ ދެއާ.." ރަމްޝާ އަނގައިން ނުބުނުމުން ޔޫޝައު ލަފާ އެހީ ޖީހާންކުރެންނެވެ.

އޭގެ ރައްދު އައީ ޔޫޝައުގެ ކޮނޑަށް ޖީހާން ދޫކޮށްލި ހޫނު އެތިފަހަރަކުންނެވެ. ތިއުޅެނީ އެފަކީރު ބިރުގަންނަވާ މަރާލަންހޭ ކިޔާފައި އެތިވަރުގޮވައިގަތެވެ. ޔޫޝައު އަތުގައި ފިރުމާލައިފައި އަމިއްލަ ނަފްސް ދިފާޢު ކުރީ ރަމްޝާ އެތަނަށް ދާ ހިތްވާނެއޭ ކިޔައިފަ އެވެ. ޖީހާން އަނެއްކާވެސް ތަޅައިގަންނަން އުޅުމުން ޔޫޝައު މިފަހަރު ހުޝިޔާރު ކަމާއެކު އެއަތުގައި ހިފެހެއްޓި އެވެ.

"އެއީ ކޮންތަނެއް؟" ދެމީހުންގެ މިސަކަރާތެއް ބަލަން ހުރެފައި ރަމްޝާ މަޑުމަޑުން އަހައިލި އެވެ.

ޖީހާން ވަގުތުން ފަހަތު ޖީބުން ފޯނު ނަގާފައި ކޮށްޓާލުމަށްފަހު އައިސް ރަމްޝާއަށް ސްކްރީން ދައްކައިގެން ހުރެ އިތުރު ތަފްޞީލުދިނެވެ. ކެޓަކޮމްބްސް އަކީ އަޑީބިންގަރާހުގައި ހަދާފައިވާ ގަބުރުސްތާނެކެވެ. އެ ތަނުގެ އަޑީގައި އެތައް މިލިއަން ބައެއްގެ ކަށިތައް މިއަދުވެސް ވެ އެވެ. އެތަނުގެ ދިގު މަގުތަކާއި ފެންނަން ހުރި ތާރީޚުގެ ސަބަބުން ޕެރިސްއަށް އަންނަ ފަތުރުވެރިންގެ ގިނަ ބަޔަކު ޝައުޤުވެރިވާ ތަނެކެވެ. ފޮޓޯތައް ބަލާފައި ރަމްޝާވެސް ޝައުޤުވެރިވި އެވެ. އެމަގުތަކުން ހިނގާލުން އެއީ ގައިމުވެސް ކޮށްލެވޭނެ އާތަޖުރިބާ އެކެވެ. ރަމްޝާ ޝައުޤުވެރިކަން ފައުޅުކުރުމުން ޖީހާންއަށް ކަމަކުނުދިޔަ އެވެ. އޭނަ ބުނީ ގަބުރުސްތާނަށް އެހާ ދާ ހިތްވަންޏާ "ޕެރްލެޝޭ ސެމެޓްރީ" އަށް ދިއުމަށެވެ. އެގަބުރުސްތާނުގައި ހަދާފައިވާ މަގުބަރާތައް ފެނިފައި ސިފަވީ ވެމްޕަޔާ ޑައިރީގައި އެލީނާ ޑައިރީ ލިޔަން ވަދެ އިންނަ ގަބުރުސްތާނެވެ.

ޖީހާންއާ ޒުވާބުކޮށްފައި ޔޫޝައު އެންމެފަހުން ރަމްޝާ ގެންދިޔައީ "އައި ލަވް ޔޫ ވޯލް" ކައިރިއަށެވެ. ގަދަނޫކުލައިގެ ހަސަތޭކަ ބާރަ މުށިގަނޑު ގުޅުވައިގެން ފަރުމާކުރެވިފައިވާ އެ ފާރުގައި ތަފާތު އެކި ބަސްބަހުން 311 ފަހަރު "އައި ލަވް ޔޫ" ލިޔެފައި ހުރެ އެވެ. އަދި އެއިން ފެންނަން ހުންނަ ރަތްކުލައިގެ އެތިކޮޅުތަކަކީ ހަލާކުވެފައިވާ ހިތެއްގެ ބައިބައިގެ ގޮތުގައި ރަމްޒުކޮށްދޭ އެތިކޮޅުތަކެކެވެ. ރަމްޝާ އެ ފާރަށް ނަޒަރު ހުއްޓައިލި ގޮތަށް ކަޅިޖަހާ ނުލާ ބަލަން ހުރިއިރު ކައިރީގައި ޔޫޝައު ހުރީ ރަމްޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ކުކުޅުބިސް ކުލައިގެ ޝޯލްއެއްގެ ތެރެއިން އެމޫނު ފައުޅުވަމުން ދިޔައިރު ޖީހާން ވަރަށް ކިޔައިގެން ތުންފަތުގައި ޖައްސާފައިވާ ރަތް ކުލައިން އަބަދުފެންނަ މައުސޫމުކަން ކޮންމެވެސް ވަރަކަށް ފޮރުވިފައިވާ ކަހަލަ އެވެ. އެހާ ޝައުޤުވެރިވެފައި ހުރެގެން އެ ލަފްޒްތަކަށް ބަލަމުން އޭނަ ވިސްނަނީ ކީކޭ ބާއޭ ޔޫޝައު ހިތަށްއެރި އެވެ. އަދި އޭނަ ފަހަތުން ބައްދާލައިފިނަމަ އެތާ ތިބި އެންމެން ތެރޭ ރުޅިއަންނަން ކެރިދާނެތޯ އެހިތާ ސުވާލުކުރެވުނެވެ. އަތް އުފުލާލައިފައިވެސް އޭނައަށް ތިރިކޮށްލެވުނީ އެވެ. އިރުކޮޅަކުން ރަމްޝާ އެނބުރިފައި ބުނީ އޭނަ ހިތަށްވެސް ނާރާ ވާހަކައެކެވެ. ފޮޓޯ ނަގާ ވާހަކަ އެވެ.

"ކީއްތަ ވީ؟ މަންމަވެސް ބުނާނެ ދާއިރަށް ފޮޓޯތައް ކޮބާހޭ..." ޔޫޝައު އެއްޗެއް ނުބުނެ ބަލަން ހުންނަން ފެށުމުން ރަމްޝާ އަމިއްލަ ދިފާއުގައި ވާހަކަދެއްކި އެވެ.

ޔޫޝައު ބޯޖަހާލައިފައި ރަމްޝާގެ ކައިރިއަށް ހުއްޓި ސެލްފީ ދަނޑިގަނޑު ހިއްލާފައި ހިފަހައްޓާލީ ރަމްޝާގެ ކޮނޑުގަ އެވެ. ގެނެސް އެދެމެދުގައި އޮތް ދުރުމިން ނެތިކޮށްލުމުން ރަމްޝާއަށް ހުރެވުނީ ނޭވާވެސް ނުލަ އެވެ. "އައި ލަވް ޔޫ ވޯލް" އިން ފެށުނު ދަތުރު ލަކްސަމްބާގް ޕެލެސް އެން ގާޑްން، އައިފިލް ޓަވާ ، އާކް ދަ ޓްރިއޮމްޕް، ޕެލެސް އޮފް ވެރްސަލައި އިން އަދި ނިމުނީއެއް ނޫނެވެ. ރަމްޝާ އެންމެ ގަޔާވީ މިއުޒިއަމްތަކެވެ. އަދި ގިނަ ތަންތަނަށް ދާއިރު ޓުއާ ގައިޑަކަށްވެގެން ޖީހާން އެކުގައި ދާތީ ރަމްޝާއަށް އެދަތުރުތައް އިތުރު ހިތްހަމަޖެހުމަކަށްވި އެވެ. ދެދުވަސްކޮށްފައި އެމީހުން ހޮޓަލަށް އެނބުރި އައެއް ކަމަކު ޖީހާންގެ އެޕާޓްމެންޓާއި ކައިރިކަމުން ބައްދަލުކުރަން އެއްވެސް ދައްޗެއް ނޯވެ އެވެ. ދާދި އަވަހަށް އެދެމެދުގައި ގާތް އެކުވެރިކަމެއްވެސް އުފެދިއްޖެ އެވެ.

މަޝްހޫރު ފިހާރަތަކަށް އޭނަ ގެންގޮސް ބާޒާރުކުރަން އުޅުނުއިރު ޖޫޒަން މަތިން ރަމްޝާ ހަނދާންވި އެތައް ވަގުތެއް އައެވެ. އެތަން ތަނުން އޭނައަށް ފެނުނީ ޖޫޒަން ގަޔާވާނެފަދަ ތަކެއްޗެވެ. އޭނައަށް ނަން ކިޔަންވެސް ނޭނގޭ އެކަމަކު ދުނިޔޭގައި ނަން މަޝްހޫރު ބްރޭންޑްތަކުގެ ދަބަހާއި ފައިވާނާއި ހެދުމާއި މިހެންގޮސް ހުރިހާ އެއްޗެކެވެ. އެންމެނަށް ހަދިޔާ ގަންއިރު އޭނަ ޖޫޒަންއަށްވެސް ހަދިޔާގަތެވެ. ދުވަހެއްގެ ކޮޅުންވެސް ދެމީހުންގެ ގުޅުން ރަނގަޅުވެއްޖެއްޔާ ދެވިދާނެ ނޫން ހެއްޔެވެ؟

މުޅި ދުވަހު ބޭރުތެރޭ އުޅޭއިރު ޔޫޝައު އާއި އޭނަ ވެސް ކުރިއެކޭ އެއްފަދައިން އެކުވެރިކޮށް ވާހަކަދައްކަން ފެށި އެވެ. އެކަމަކު އެއީ މޫނުގައި އަޅައިގެން އުޅެވޭ މާސްކެއްކަން އޭނައަށް އެނގެއެވެ. ހަޤީޤަތާއި ކުރިމަތިލާން ޖެހެނީ ކޮޓަރީގެ ހަތަރުފާރުތެރޭ ދެމީހުން އެކަނިވާ ގަޑީގަ އެވެ. ރަމްޝާ ބަލަނީ ވާހަކަ ގިނަނުކޮށް ނިދޭތޯ އެވެ. ނޫނީ ޔޫޝައު ނިދަންދެން ނިދާފަކަމަށް ހެދިގެން އޮންނަނީ އެވެ. ޔޫޝައުގެ އެންމެ ބީހުމަކުން ވެސް އޭނަގެ ހިތް އެކޮޅަށް ދީލާލާފާނެތީ ޖެހިލުންވެ އެވެ. ބޭރުތެރޭ އުޅޭއިރު ޔޫޝައު އޭނަގެ އަތުގައި ހިފާލައި ގާތްކޮށްލައި އަދި ބައެއްފަހަރު ނިތަށް ބޮސްދީ ހަދާއިރު އޭނަ ހުންނަނީ ކެތްކޮށްލައިގެންނެވެ.

އެއްރޭ ޔޫޝައުއަށް ހޭލެވުނުއިރު ރަމްޝާ އެނދަކު ނެތެވެ. ހޯދާލިއިރު ފޮތިގަނޑު ކަހާލައިގެން ކުޑަދޮރު ކައިރީ ހުރީ ބޭރު ބަލާށެވެ. ކަކުލާއި ހަމައަށް ހުރި ނިދާ ހެދުމުގެ ބޭރުން ހަމަ އެފޮތީގެ ތުނި ރޯބަކުން ކޮނޑާއި ދެއަތް ނިވާވވެފައި ވެ އެވެ. ލޯ އުނގުޅާލައިފައި ތެދުވެގެން ގޮސް ކައިރިއަށް ހުއްޓުނުއިރު ރަމްޝާގެ ނަޒަރު ހުރީ އެތައްހާސް ބޮކިތަކުން ދިއްލާފައިވާ އައިފިލް ޓަވާއަށެވެ. އަނދިރީގައި ހުރިއިރު ބޭރުގެ އަލިތައް އެމޫނަށް އެޅިފައިވާގޮތުން ނަޒަރު ވަކިކޮށްލަން އުދަނގޫ ގޮތެއް ހުއްޓެވެ. ޔޫޝައު ކުރިއަށްވުރެ ކައިރިވެލާފައި ރަމްޝާގެ އުނަގަނޑުގައި ދެއަތުން ހިފާލިހާއިރުން ރަމްޝާ ސިހިއްޖެ އެވެ.

"ޝްޝްޝް..." ޔޫޝައު ހިމޭންވާން ބުނެލާފައި ރަމްޝާގެ ބޮލުގައި ދަތްދޮޅި ވިއްދާލައިގެން އޭނަފަދައިން ބޭރުބަލަން ފެށި އެވެ.

ޔޫޝައުގެ މިގާތްކަމުން ރަމްޝާއަށް ހުރެވުނީ ނޭވާލާން ދަތިވެފަ އެވެ. އުނަގަނޑުގެ ދެފަރާތުގައިވާ ދެއަތުގެ ހޫނުކަން އޭނަގެ ހަށިގަނޑަށް ފާޑެއްގެ ގޮތެއް ހަދައިފި އެވެ. ކުޑައިރުކޮޅެއް ވުމުން އޭނަ ކުރިއަށްވުރެ ހަމަޖެހުނެވެ. ހަރުކަށިވެފައި ހުރުމުގެ ބަދަލުގައި ޔޫޝައުގެ މޭގައި ލައްވެލި އެވެ.

"ކިހިނެތްވީ ނިދަން އުދަނގޫވެގެން ތިއުޅެނީ؟" ހިމޭންކަން ނަގައިލަމުން ޔޫޝައު އެހި އެވެ.

"ހުވަފެނެއް ފެނިގެން ހޭލެވުނީ..." ރަމްޝާ ޖަވާބުދިނެވެ.

"ގިނައިރުނުކޮށް އާދޭ ނިދަން..." ޔޫޝައު އެހެން ބުނެލާފައި ދުރަށް ޖެހުމުން ކުއްލި ހުސްކަމެއް އިހްސސާސްވި އެވެ. އެހަށިގަނޑުގެ ހޫނަށް އޭނަގެ ހިތް އެދި ގޮވައިގަތެވެ. އެނބުރި ބަލައިލާފައި އޭނަ އަނެއްކާވެސް ކުރިމަތިލީ ކުރިމަތިން ފެންނަމުންދިޔަ ރީތި މަންޒަރާ އެވެ.

"ޕެރިސްއަކީ ޖޫގެ ޑްރީމް ހަނީމޫން ސިޓީ." ރަމްޝާ ވާހަކަދެއްކި އަޑަށް ޔޫޝައުގެ ދެފައި އެހުރިހިސާބުން މަޑުޖެހުނެވެ.

"ޖޫގެ ރިންގް. ޖޫގެ ޑްރީމް ހަނީމޫން. ޖޫގެ ބޯއިފްރެންޑް...އޭނަގެ ބެސްޓްފްރެންޑްގެ ގޮތުގައިހުރެގެން އެހުރިހާ އެއްޗެއް ޖޫއަތުން ޖަހައިގަތީ. އަހަންނަކީ ޖޫގެ ލަވްސްޓޯރީގެ ވިލަން." ރަމްޝާގެ ވާހަކަ ނިމުނުއިރު ޔޫޝައު އަނބުރާލައިފައި ގޮސް އޭނަ ކައިރިއަށް ހުއްޓިއްޖެ އެވެ.

"ޖޫޒަން ލެފްޓް މީ...!" އަކުރުތަކަށް ބާރުލައިފައި ޔޫޝައު ވާހަކަދެއްކި އެވެ. އަތް މުށްކަވާލައިފައި އޮތްއިރު އޭނަ ހިތްހަމަނުޖެހިފައިވާވަރު މޫނުމަތިން ފެންނަން ހުއްޓެވެ. އެއްވާހަކައެއް ތަކުރާރުކުރަން ރަމްޝާ ގަސްތުކޮށށްގެން މިއުޅެނީ ކިތައް ފަހަރުބާއޭ ހިތަށް އެރި އެވެ. އަދި އެއްކަމެއް ސާބިތުކޮށްދޭން އޭނަ މަސައްކަތް ކުރަންވީ ކިހާ ދުވަހަކު ހެއްޔެވެ؟

"އަހަންނަށް އިވޭނީ ހަމައެކަނި ޔޫޝައު ބުނާއެއްޗެއް. ހަޤީޤަތަކީ ކޮބައިކަމެއް ނޭނގެ." ރަމްޝާ މަގަތަށް އެނބުރި ހަތަރުކަޅި ހަމަކޮށްލި އެވެ.

ޔޫޝައުއަށް ހީވީ އޭނަގެ މޫނުގައި އެތިފަހަރެއް ވީއްލާލި ހެންނެވެ. ހިތް އެދުނީ ރަމްޝާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނާށެވެ. ތަކުރާރުކޮށް ހޭ އަރާށޭ ބުނުމަށެވެ. އެކަމަކު އެއިން އެއްވެސް ކަމެއް އޭނަ ނުކުރެ އެވެ. ދަތްކުނޑި ވިކާލައިފައި މޫނު އަނބުރައިލީ އަނެއްފަރާތަށެވެ. އޭނަގެ ސިކުނޑި ނުބައި ހިޔާލުތައް އަންނަންފެށީ ރަމްޝާ ހަށަން މޮހާލައިފައި އެނދާއި ދިމާއަށް ދާންފެށިފަހުންނެވެ. އޭނަ ކިތަންމެ ރަނގަޅަށް ކަންތައްކޮށްދިނަސް ރަމްޝާވެސް ކަންތައް ކުރަނީ ބޭނުން ގޮތަކަށޭ ހިތަށްއެރި އެވެ. އެހެންވީއިރު އޭނަވެސް ލިބިފައި އޮތް ބާރެއްގެ ބޭނުން ނުކޮށް އަމިއްލަ ނަފްސް ހުއްޓުވައިގެން ހުންނަން ވީ ކީއްކުރަން ހެއްޔެވެ؟

ރަމްޝާ ގޮސް ގުދުވެލާފައި ރަޖާގަނޑު އެއްފަރާތްކޮށްލަނިކޮށް ޔޫޝައު ފަހަތުންގޮސް އޭނަގެ އަތުގައި ހިފާ ކުއްލިއެއް ޖެހީނުން ގެނެސް އަނެއް އަތުން ކަނދުރާމަތީ ބާރަށް ހިފަހައްޓާފައި ބޮސްދިނީ ތުންފަތުގަ އެވެ. ލިބުނު ޝޮކްގައި ރަމްޝާއަށް ފުރަތަމަ އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ޔޫޝައު އޭރު ހީވަނީ އޭނައަށް އަދަބެއް ދޭން އުޅޭހެންނެވެ. އޭނަ އައިސްފައިވާ ރުޅި އާއި ހިތްހަމަނުޖެހުން އެހަރަކާތުގައިވި އެވެ. ރަމްޝާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ހުހަށް އޮތް އަތުން ޔޫޝައުގެ އިސްތަށިގަނޑަށް ދެމި އެވެ. ކޮނޑުގައި ތެޅި އެވެ. އަތުގެ މުލައްދަނޑިއަށް ނިޔަފަތިތަކުން ބާރުކުރީވެސް އެއއްވެސް ރަހުމެއް ނެތި އެވެ. އެކަމަކު ޔޫޝައުއެކޭ އެކަތައެކޭ ތަފާތެއް ނެތެވެ. ކުޑަމިނުން ގުޑާނުލި އެވެ. އޭނަގެ ބާރުގެ ކުރިމަތީ ރަމްޝާ އެކައްޗަކަށްވެސް ނުވި އެވެ. އޭނަ ދުރުވީ ނޭވާކޮޅަށް ދިޔައީމަ އެވެ.

ދުރަށް ޖެހުނުގޮތަށް ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބިއިރު އަވަސްވެފައިވާ ނޭވައާއެކު މޭ ނެގިނެގިފައި ޖެހެމުންދިޔަ އެވެ. ދެން އަނެއްކާވެސް ޔޫޝައު ކުރިއަށް ފިޔަވަޅެއް އަޅައިލުމާއެކު ރަމްޝާ ދުއްވައިގަތެވެ. އެކަމަކު އޭނައަށް މާ ދުރަކަށް ނުދެވުނެވެ. ޔޫޝައު އޭނަ އަތުލައިފި އެވެ. އެއް އަތުން ބަނޑާއި ހިސާބުން ވަށާލައިފައި އުފުއްލައިލިގޮތަށް ރަމްޝާ ތެޅިތެޅި އޮތްވާ ގެނެސް އެނދަށް ވައްޓައިލި އެވެ. ރަމްޝާ އަވަހަށް ތެދުވެ އިށީނދެފައި ފަހަތަށް ޖެހެމުން ގޮސް މަތަވީ ފަޑީގައި ލައްކޮށްފައިވާ ބާލީސްތަކާއި ހަމައިންނެވެ. ޔޫޝައު ކައިރިވުމުން އޭނަ އެމޫނުގައި ޖެހި އެވެ. ދެން މޫނު ފޮރުވާލިގޮތަށް ރޯން ފަށައިފި އެވެ.

ކުޑައިރުކޮޅަކުން ޔޫޝައު އެނދުން ތެދުވިކަން އިހްސާސްވި އެވެ. ރަމްޝާ ދެއަތް ތިރިކޮށްލިއިރު ފެންނަ ހިސާބަކު ނެތެވެ. އޭނަ ބާލީހުގައި ބޯއަޅައިލުމުން އަނެއްކާވެސް ކަރުނަތައް ފޭދިގަތެވެ. އެހެންވެ އޮވެ ނިދުނުއިރުވެސް ޔޫޝައއު ނާދެ އެވެ. އެކަމަކު ފަތިސްވީއިރު ކައިރީގައި އޮތެވެ. ރަމްޝާ ތެދުވެގެން ގޮސް ނަމާދުކޮށްލައިގެން ފޮށި ތައްޔާރުކުރި އެވެ. އިތުރަށް އެންމެ ދުވަހަކުވެސް ދެން އެތާގައި ހުންނާކަށް އޭނަ ބޭނުމެއް ނޫނެވެ.

ޔޫޝައު ނުހޭލަނީސް ރޫމްސާވިސްއަށް އޯޑަރކޮށްގެން ކޮފީއާއި ހެނދުނުގެ ނާސްތާ ގެނެސް ކާން އިންދާ ޔޫޝައު ތެދުވެ ހުސްގަޔާ ހުރެގެން އައިސް ފޯނުގެ އަތްގަނޑު ނަގާފައި އިތުރު ކޮފީއަކަށް އޯޑަރު ދިނެވެ. ދެން ގޮސް ވަނީ ފާޚާނާއަށެވެ. އޭނަ ނުނިކުންނަނީސް ކޮފީ ހިފައިގެން އައި މީހާ ޓަކިޖެހި އެވެ. ރަމްޝާ ދޮރު ހުޅުވާލައިފައި އެމީހާ ކޮފީތަށި ބަހައްޓާފައި ދިއުމުން އަނެއްކާވެސް ކާންފެށި އެވެ. އިންސްޓަގްރާމް ހުޅުވާލައިފައި ޗެކްކުރިއިރު ޖޫޒަންގެ އިތުރު ފޮޓޯތަކެއް ހުއްޓެ އެވެ. ނަދާއާ ދެމީހުން ގޮނޑުދޮށުގައި ރޯކޮށްފައިވާ އަލިފާންގަނޑެއްގެ ކައިރީ ކޮންމެވެސްކަމަކާއި ހީފައި ނަގާފައިވާ ސެލްފީތައް ފެނުމުން ހަސަދައިން އަނދައިގަތުމާއެކު ލޮލަށް ކަރުނަވެސް ޖަމާވި އެވެ. އޭނަގެ މަޤާމު އެ ނުލަފާ ނަދާއަށް ލިބުނީ ކިހިނެތް ހެއްޔެވެ؟

"އަހަރެން ބޭނުމީ އެނބުރި ދާން..." ޔޫޝައު އައިސް ކޮފީތަށި ނެގިހާއިރުން ރަމްޝާ އިއްވި އެވެ.

ޔޫޝައު ހޫމ އަޅުވައިލިގޮތުން ރަމްޝާއަށް އެމޫނަށް ބަލައިލެވުނެވެ. އެހާ ފަސޭހައިން އެއްބަސްވެދާނެ ކަމަކަށް އޭނަ އުންމީދެއް ނުކުރެ އެވެ.

އެނބުރި ގޮސް ގެއަށް ވަނުމާއެކު އެންމެނަށް ވީ ބޮޑު ސަޕްރައިޒްއަކަށެވެ. އެހާ އަވަހަށް އައީ ކިހިނެތްވީތޯ އެހުމުން ޔޫޝައު ބުނީ އެސުވާލުގެ ޖަވާބު ދޭނީ ރަމްޝާ ކަމަށެވެ. ދެން އެދިޔަ ގޮތަށް ސިޑިން އަރައިގެން ގޮސް ގެއްލިއްޖެ އެވެ. ރަމްޝާ އެދިމާއަށް ބަލަން ހުރެފައި އެނބުރުނުއިރު ގުލްނާރު ހުރީ ޖަވާބެއްގެ އިންތިޒާރުގަ އެވެ. ދައްކާނެ ބަހަނާއަކާއިމެދު ވިސްނަމުން އޭނައަށް ހިންދިރުވައިލެވުނެވެ.

ނުނިމޭ

ދިގު ވާހަކަ

Popular