27 Jul 2020

By: Mariyam Yasma

"އަހަރެންގެ މިނިންމުމަކީ ޔޫޝައުއަށް ކޮށްދިން ކަމެއް. ޖޫ އަށް ވެސް އަދި އަހަރެންގެ އަމިއްލަ ނަފްސަށް ވެސް. އެކަކުވެސް ދެން ޔޫޝައު ނުހުއްޓުވާނެ. ގޯ އެން ބީ ވިތު ހާ...!" ރަމްޝާގެ ބަސްތަކުން ޔޫޝައުގެ ހިތަށް ކުޑަވަރެއްގެ ޒަލްޒަލާއެއް ގެނަ ކަހަލަ އެވެ. އޭނައަށް އެނގުނުއިރު ތެދުވެ ހުރެވުނީ ކޮޅަށެވެ.

ވާހަކަދައްކަން އޭނައަށް އިރުކޮޅެއް ނެގި އެވެ. ރަމްޝާގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު އެތަކެއް ސުވާލު ސިކުނޑީގައި އެނބުރިގަތެވެ. ރަމްޝާ ކުއްލިއަކަށް އެގޮތަށް އެވާހަކަދައްކަނީ ކީއްވެގެން ކަމެވެ. ރަމްޝާއަށް ކަމެއް އެނގިގެން އުޅެނީކަމެވެ. ނުވަތަ ނޫންކަމެވެ. އޭނަ އާއި ޖޫޒަންގެ ވާހަކަ ރަމްޝާގެ ކަންފަތަށް ފޯރީކަން ނުވަތަ ނޫންކަމެވެ. އެހިޔާލުތަކާއެކު ހިތުގެ ތެޅުން އަވަސްވި އެވެ. މޭގަނޑު ފިނިވެއްޖެ އެވެ.

"ރަމްޝާ ކީއްވެ ތިގޮތަށް ތި ވާހަކަދައްކަނީ؟" ޔޫޝައު ވާހަކަދެއްކީ މަޑުންނެވެ. ގޭތެރޭގައި އުޅޭ އިތުރުމީހަކަށް އިވިދާނެތީ ޖެހިލުންވެފައި ހުރި ކަހަލަ އެވެ.

ރަމްޝާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރަން ފެށި އެވެ. ޔޫޝައުއަށް ބުމަ ކައިރިކޮށްލެވުނެވެ.

"ވަޓް؟" އޭނައަށް ސުވާލުނުކޮށެއް ނުހުރެވުނެވެ. ކައިރިއަށް ދާން ހިނގައިގަތުމާއެކު ރަމްޝާ ކުއްލިއަކަށް ތެދުވެ ދުރަށް ޖެހުނެވެ.

"ނޯ މޯ ލައިސް.." ރަމްޝާގެ ޖަވާބުން ޔޫޝައުގެ މޭގަނޑު އިތުރަށް ފިނިވެއްޖެ އެވެ.

"ޕްލީޒް ޓެލް މީ ވަޓް އިޒް ރޯންގް؟" ޔޫޝައު އާދޭސްކުރި އެވެ. އޭނަ އެނގެން ބޭނުންވި އެވެ. ކައިރިއަށް ފިޔަވަޅެއް އަޅައިލަން އުޅެފައިވެސް ހުއްޓެވުނީ ރަމްޝާ އަނެއްކާވެސް ދުރަށް ޖެހޭނެތީ އެވެ.

"އަހަންނަށް ރޭގަ ހުރިހާ ވާހަކައެއް އަޑު އިވުނު. ޔޫޝައުގެ ހިތް އޮތްގޮތާއި ޔޫޝައު މިކައިވެނި ކުރި ސަބަބުވެސް އެނގިއްޖެ. އިތުރަށް އަހަރެން ބޭނުމެއް ނޫން މިކައިވެނީގައި ބަނދެވިގެން ހުންނާކަށް. އަދި ޔޫޝައުވެސް އަހަންނާއެކު ބަނދެވިފައި ހުންނާކަށް. އެއީ އަހަރެންގެ ފަހު ނިންމުން.." ރަމްޝާ ވާހަކަ ނިންމާލައިފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހައިފި އެވެ.

ޔޫޝައުއަށް ހީވީ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލެވުނު ހެންނެވެ. ގަނޑުވެފައި ހުއްޓާ އޭނައަށް ހޭވެރިކަންވި ފީރޯޒާ ނިކުމެ އަނގައިން ބުނި އަޑަށެވެ. ޔޫޝައު ބަލާލިއިރު ފީރޯޒާގެ ކައިރީގައި ރަމްޝާގެ ބައްޕަ ވެސް ފާޑަކަށް ބުމަ ކައިރިކޮށްލައިގެން ހުއްޓެވެ. ހިންދިރުވާލައިފައި އެ ދެ މީހުން ވާހަކަދެއްކުމުގެ ކުރިން އޭނަ ވެސް ގޮސް އެ ގެއިން ނުކުމެއްޖެ އެވެ.

ރޭގެ އެތައް ދަމެއްކޮށްފައި ގެއަށް އައުމުން މަންމައާ ކުރިމަތިލާން ނުޖެހޭނެކަމުގައި ޔޫޝައުއަށް ކުރރެވުނީ ކުށްހީއެކެވެ. އޭނަ މެންދަންވިފަހުން ގޮސް ގެއަށް ވަންއިރު މަންމަ ސޯފާގައި އިންތިޒާރުގައި އިންދާ ފެނުމުން ދެފައި ބިމުގައި ތަތްލި އެވެ. އެމަންމަގެ މޫނުން ވަރުބަލިކަން ފެނިފައި އިތުރަށް ކުށްވެރިކަން އިހްސާސްވި އެވެ. މަންމަގެ ސުވާލުތަކަށް އޭނަ ދޭން އޮތީ ހިތްހަމަޖެހޭފަދަ ޖަވާބެއް ނޫނެވެ.

"ޔޫޝައު! ދަރިފުޅު ދިޔައީ ރަމްޝާބަލައެއްނު... ކޮބާ ރަމްޝާ؟" ގުލްނާރު ތެދުވެ ސުވާލުކޮށްލަމުން ނަޒަރު ހިންގައިލީ ޔޫޝައުގެ ފުރަގަހަށެވެ. ހަމަ އެވަގުތު ވެސް ޔޫޝައުގެ ފަހަތުން ރަމްޝާ ނިކުމެގެން އަތުވެދާނެ ކަމަށް އުންމީދުކޮށްގެން ބަލައިލި ފަދަ ނަޒަރެކެވެ.

"ރަމްޝާ ވީ ގޭގަ.." ޔޫޝައު އެތަނުން ދުރަށް ދާން ހިނގައިގަތެވެ. އޭނައަށް އެންމެ ފަސޭހަ ވާނީ އެވާހަކައާ ދުރަށް ދިއުމެވެ.

"ގޭގައޭ. ރަމްޝާގެ ގެއަކީ މިއެއްނޫންތަ ދަރިފުޅާ." ގުލްނާރު ފަހަތުގައި ހުރެފައި ބުނެލިއަޑު އިވުނެވެ. ޔޫޝައު ވަގުތުން ހުއްޓެވެ. އަތް މުށްކަވާލުމަށްފަހު ޖީބަށް ކޮށްޕާލައިފައި އެނބުރި މަންމައަށް ބަލައިލީ ހަމްދަރްދީވެފަ އެވެ. އެވަގުތަކީ މަންމައަށް އެޚަބަރުދޭން އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެޚަބަރު އިތުރު އެއްވެސް މީހަކަށް ދޭން އޭނަ ތައްޔާރެއް ނޫނެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނަ ކުރިއަށްވުރެ ހަމަޖެހިލި އެވެ.

"ރަމްޝާއަށް އިހަށް ވަގުތު ދީ މަންމާ. އޭނަ ހަމައަކަށް އެޅިގެން އަންނާނެ..." ޔޫޝައު އެނބުރި ވާހަކަދެއްކިއިރު ހިނިތުންވެލަން މަސައްކަތްކުރި އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ. ގުލްނާރުގެ ކުލަވަރު ތަންކޮޅެއް ރަނނގަޅުވެލީތަން ފެނުމުން އޭނަ ހިތްހަމަޖެހުމާއެކު ސިޑިން އަރަންފެށި އެވެ.

ރަމްޝާގެ މެސެޖު ލިބުނީއްސުރެ ރަމްޝާގެ ހިޔާލު ޖޫޒަންގެ ސިކުނޑި ދޫކޮށްފައެއް ނުދެ އެވެ. ހެނދުނު ހޭލައިގެން ނިކުމެ ނާސްތާ ކުރަން އިންއިރު ވިސްނުނީ ރަމްޝާ މެސެޖާއި ފަހުން އޭނަ ގުޅުމުން ދެއްކި ވާހަކައާ މެދުގަ އެވެ. މަންމަ އުނދުން ދަށުގައި ހުރެ އަމިއްލަ ނާސްތާ ތައްޔާރުކޮށްގެން އައިސް މޭޒުގެ އަނެއްފަރާތުގައި އިށީނދެ އިނެވެ. ރަންކިއުމުގެ ހަފްލާއަށްފަހު ގެއަށް އައި ފަހުން މަންމަވެސް ފެންނަނީ ކުރިއަށްވުރެ ހިމޭނުން އިންނަތަނެވެ. ސަބަބު ޖޫޒަންއަކަށް ނޯޅެ އެވެ. ބައްޕަގެ ދަރިއެއްވަރުގެ ހަނގު އަނބިމީހާއާއެކު އައިސް ހަފްލާތެރޭ އުޅުނު ގޮތް އެންމެގާތުން ފެނިފައި ވަނީ މަންމައަށެވެ. މަންމަ އެއީ ބައްޕަގެ އިރެއްގެ އަނބިމީހާ ކީއްކުރަން، ދަންނަ ކަމަށްވެސް ހަދާނުލަ އެވެ. އޭނަގެ ފުރާވަރުގައި ބައްޕަ މަންމަ ދޫކޮށްލާފައި ދިޔައީއްސުރެ މަންމަ ދެވަނަ ކައިވެންޏެއް ނުކުރެ އެވެ. އަދި އެގުޅުމުގައި ސިއްކަ ޖެހުނު ސަބަބެއް ކަމުގައި މަންމަ އަބަދުވެސް ދެކުނީ އަމިއްލަ ނަފްސެވެ. އަދި އެރޭ ބައްޕަ ފެނުމުން ކުރީގެ ޒަޚަމްތައް ތާޒާވެފައިވަނީ ކަންނޭނގެ އެވެ. އޭނަ އާއި ޔޫޝައުގެ ކައިވެނި ކުރެވުމުން ރަމްޝާއަށްވެސް ވާނީ އެހެން ކަންނޭނގެ އެވެ. އައިނައި ތަނެއް ނޭނގި ހިތަށްވެރިވި އެހިޔާލުން ޖޫޒަންގެ މޭގަނޑު ތުރުތުރުލައިގަތެވެ.

"މަންމަ ޖީޒާ ގުޅިތަ މީން ދުވަހަކު؟" ޖޫޒަން ކުއްލިއަކަށް ފެށި އެވެ. އޭނަގެ ސިކުނޑީގެ މިސްރާބު ބަދަލުކޮށްލަން އެހާ ބޭނުންވި ވަގުތެއް ނާދެއެވެ.

"ޖީޒާ ގުޅިއެއްނު ރަންކިއުމުގެ ހަފްލާއަށް ނާދެވޭ ވާހަކަ ބުނަން... އޭގެފަހުން ނުގުޅާ." ޒީނިޔާ ދަރިފުޅުގެ މޫނަށް ބަލައިލީ ކުޑަކޮށް ހައިރާންވެފަ އެވެ. ޖޫޒަންއަށް އެކަން ފާހަގަވި އެވެ.

އޭނަ އަވަސްއަވަހަށް ކޮފީތަށި ހުސްކޮށްލާފައި ޑިއުޓީއަށް ދާން ތައްޔާރުވާން ވެއްޖެއޭ ބުނެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ބީފާނު ކިރުތަށިބޯން އޮވެފައި ޖޫޒަން ފަހަތުން އަޅުވައިލި އެވެ.

އިއްތިފާޤުން ރަމްޝާވެސް އެދުވަހު ދިޔައީ ހެނދުނުގެ ޑިއުޓީއަށެވެ. މަސައްކަތުގައި އުޅުނުއިރު ޖޫޒަންއަށް ރަމްޝާއާ ބައްދަލުވި އެވެ. އެކަމަކު ވާހަކަދައްކައިލެވޭފަދަ ފުރުސަތެއް ނުލިބުނެވެ. ބައްދަލުވާ ކޮންމެ ފަހަރަކުވެސް އެކުވެރިޔާގެ ކިބައިން ބަދަލެއް ފެނޭތޯ ޖޫޒަން ހޯދި އެވެ. އޭނަ ހައިރާންވީ އެފަދަ އެއްވެސް ކަމެއް ފައުޅުވިޔަނުދީ ރަމްޝާ އެނަފްސް ހަމައަކަށް އަޅުވާފައިވާ ގޮތް ފުރަތަމަ ފަހަރަށް ފެނިފައެވެ. އެއްގޮތަކުން އެއީ ރަނގަޅު ސިގްނަލެއް ކަމުގައި ހިތް ބުންޏެވެ. ރަމްޝާއަށް ދެރަ ލިބެން އެދުނު އިރުވެސް އެހިތާމަތަކަށް ކެތްނުކުރެވިގެން ރަމްޝާ އުޅޭނެ ގޮތް ހިތަށް އަރާފައި ކަންބޮޑުވި ވަގުތުތައް އައެވެ. ޔޫޝައުގެ ހަޤީޤީ މަޤްސަދު އެނގުމުން ރަމްޝާ ވާނެ ދެރައާމެދު ހިޔާލު ކުރެވުނެވެ. އެކަމަކު އެކަން އެނގުމުން ރަމްޝާ މިފެންނަނީ މުޅިން އާ ހިތްވަރަކާއިއެކު ވަނިކޮށެވެ. އޭނަގެ ހިތުގެ ކަނަކުން ރަމްޝާއަށްޓަކައި ފަޚުރުވެރިކަން އިހްސާސްކުރެވުނެވެ. ބަލިކަށި ކަމަކީ އަބަދުވެސް އެހެން އިންސާނުންގެ ފުށުންނާއި އެނޫން ގޮތްގޮތުންވެސް ނިކަމެތިކަން ލިބޭނެ ސިފައެކެވެ.

އެރޭ ޖޫޒަން ތައްޔާރު ވީ ކައިދަންއާ ފަހު ފަހަރަށް ބައްދަލުކުރަން ދިއުމަށެވެ. އޭނައަށް ނޭނގުނީ އެއީ ހަމައެކަނި ކުށްހީއެއް ކަމެވެ. އިންސާނަކު ކިތަންމެ ވަރަށް ފައިވިއްދާފައި އަމިއްލަ ތަޤުދީރާ ދެކޮޅު ހެދިޔަސް އެތަޤްދީރު ހިނގަނީ އޭގެ ވަކި އުސޫލެއްގެ މަތިންނެވެ.

***

"އަނބި ގަބޫލުކޮށްފިން..." ކައިދަންގެ އަޑު ޖޫޒަންގެ ކަންފަތުގައި ހަރުލުމާއެކު ހުވަފެނަކުން ހޭލެވުނު މީހަކު ފަދައިން އެމޫނަށް ބަލައިލެވުނެވެ.

ކައިދަން ހަމަޖެހިލައިގެން އިނީ ކުރިމައްޗަށް ބަލާށެވެ. މޭޒުގެ ވަށައިގެން އަތުރާފައިވާ ގޮނޑިތައް ފުރިފައިވީ ކައިވެނިކޮށްދޭ މީހުންނާއި ދެއާއިލާއަށް ނިސްބަތްވާ ގާތްމީހުންނާއިގެންނެވެ. އެތަނުންވެސް އެންމެ ފުޅާ ހިނިތުންވުމެއްގައި ވީ އެކަކީ ޖޫޒަންގެ ބައްޕަ އެވެ. އެހިނިތުންވުން ދެކެފައި ޖޫޒަންގެ ދެލޯ ހޯދައިލީ މަންމަ އެވެ. ތަންކޮޅެއް ދުރުގައި މަންމަ ހުއްޓިހުރީ ރަމްޝާ ކައިރީގަ އެވެ.

ރަމްޝާ އެގެއަށް އައިސް ހުރީ ޖޫޒަން އާއި ކައިދަންގެ ކައިވެންޏަށެވެ. މަޑު ނޫކުލައިގެ މެކްސީއަކާއި ކުކުޅުބިސް ކުލައިގެ ޝޯލްއެއްގައި ރަމްޝާގެ ރީތިކަން އިތުރުވެފައިވެ އެވެ. ތަންކޮޅެއް ދުރުގައި ހުރި ޔޫޝައުގެ ނަޒަރު އެމޫނުން ވަކިވާވަގުތެއް ނާދެ އެވެ. އޭނަ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ ކައިވެނީގެ ކަންކަން ނިމިގެން ރަމްޝާ ގޮވައިގެން އެތަނުން ދުރަށް ދެވޭނެ ވަގުތަކަށެވެ. ބަލަބަލާ ހުރި ފުރުސަތު ލިބުނީ ކައިވެނިކޮށްދީ ނިމުމާއެކު އެންމެން އެ ޖޯޑަށް މަރުހަބާ ކިޔަން މޭޒުކައިރިއަށް ބޮނޑިވާން ފެށި ގަޑީގަ އެވެ. ރަމްޝާ ގުޑިވެސްނުލާ ހުއްޓި ހުރީ އެތަނަށް ނިސްބަތްނުވާ މީހަކު ފަދައިންނެވެ.

"ވީ ނީޑް ޓު ޓޯކް!" ޔޫޝައު ހިނގައިގެންފައި ގޮސް ރަމްޝާގެ ކައިރިއަށް ހުއްޓި އަތުގައި ހިފާލައިފި އެވެ.

ރަމްޝާއަށް ޖަވާބެއް ނުދެވެނީސް އޭނަ ސިޑިއާ ދިމާއަށް ހިނގައިގެންފި އެވެ. ޔޫޝައުގެ ދިގު ފިޔަވަޅުތތަކާއި އެއްވަރުކުރަން ރަމްޝާއަށް ޖެހުނީ ފާޑަކަށް ދުވާށެވެ. ޔޫޝައުއަށް އެކަން އިހްސާސްވެގެން ކަންނޭނގެ އެވެ. ސިޑިން އަރަން ފަށާފައި ޔޫޝައު ކުއްލިއަކަށް ހުއްޓިފައި އޭނަގެ އަތުތެރެއަށް ރަމްޝާ ނެގި އެވެ.

"ޔޫޝައު!!" ރަމްޝާ ސިހިފައި ބިރުން ޔޫޝައުގެ ކޮނޑުގައި ބާރަކަށް ހިފެހެއްޓި އެވެ. ސިޑިން އަރަންދެން އޭނައަށް އޮވެވުނީ ޔޫޝައުގެ މޭގައި މޫނު ފޮރުވައިގެން ލޯމަރާލައިގެންނެވެ. ޔޫޝައު އޭނަ ވެއްޓުނަނުދޭނެކަން އެނގުނަސް ބިންގަނޑަކަށް އޭނަ އިތުބާރެއް ނުކުރެ އެވެ. އެބިންގަނޑު ވަނީ މީގެ ކުރިންވެސް އޭނައަށް އިންޒާރުކުރުމަކާ ނުލާ ފައިދަށުން ދެމމިގެންފަ އެވެ. އޭނަގެ ހުރިހާ ބިރެއް ފިލައި ހުރިހާ ހާސްކަމެއް ހަނދާން ނައްތައިލުމަށް ފަހު އުފާވެރިކަމަށް ހިތް ހުޅުވާލުމުން ކެހިދިނީ އެވެ.

ޔޫޝައު ހުއްޓުނީ ކޮޓަރި ދޮރާއި ހަމައިންނެވެ. ތިރީގައި ރަމްޝާ ބަހައްޓާފައި ދޮރު ހުޅުވާލުމަށް ފަހު އަނެއްކާވެސް އޭނަގެ އަތުގައި ހިފާލައިފައި ވަދެގެން ދިޔަ އެވެ.

"ކޮންއިރަކުން ގެއަށް އަންނާނީ؟" އެނދުގައި ރަމްޝާ ބައިންދާފައި އެތާހުރި ގޮނޑި އެއަށްވުރެ ކައިރިކޮށްލައިގެން އިށީންނަމުން ޔޫޝައު އެހި އެވެ.

ރަމްޝާ އިސްޖަހައިލުމުން އެއަތުގައި ހިފާ މަޑުމަޑުން ފިތައިލި އެވެ.

"މީ އަހަރެން މި ގެއަށް އަންނާނެ ފަހު ދުވަސް..." ރަމްޝާ މަޑުމަޑުން ޖަވާބުދިނެވެ. ހިތާއި ހިތުން އޭނަ އަމިއްލަ ނަފްސަށް ހަނދާންކޮށްދެމުން ދިޔައީ ޔޫޝައު ކުރިމަތީ ބަލިކަށިނުވުމަށެވެ.

ޔޫޝައު ކުއްލިއަކަށް އޭނަގެ އަތުން ދޫކޮށްލާފައި ތެދުވި އެވެ. ދުރަށް ހިނގައިގެންފައި ގޮސް އަމިއްލަ އިސްތަށިގަނޑުގައި ހިފާ ވާންކޮށްލައިގެން ބޭރު ބަލަން އިރުކޮޅަކު މަޑުކޮށްލި އެވެ. ރަމްޝާ އިސްއުފުލާލައިފައި ޔޫޝައު އެނބުރި އަންނަން ފެށުމުން އަނެއްކާވެސް އިސްޖެހި އެވެ. ގުލްނާރު ގުޅައިގެން އެވަރަށް އާދޭސްނުކުރި ނަމަ އޭނަ އެ ކައިވެނީގައި ބައިވެރިވާން ވެސް ނައީހެވެ. ޚުދު ޖޫޒަން ވެސް ކައިވެނީގައި ބައިވެރިވާން ދައުވަތުދީފައެއް ނުވެ އެވެ. އެކަމަކު ޖޫޒަން ކުއްލިއަކަށް ކައިވެނި ކުރުމުން އެކަމާއި އޭނަ އެހުންނަނީ ސުވާލު އުފެދިފަ އެވެ.

"ރަމްއަކަށް އަދިވެސް ނުވިސްނޭތަ؟ އަހަންނާއި ޖޫ އެކަކު އަނެކަކާއި އިންނަން ބޭނުން ނުވާކަމެއް. ޝީ ޖަސްޓް މެރީޑް ކައި..." ޔޫޝައު އެވާހަކަ ބުނި ގޮތުން ހީވީ ރަމްޝާ ހަނދާން ނެތިދާނެތީ އަލުން ހަނދާންކޮށްދިންހެންނެވެ.

"މިއަދު އަހަރެން ވަރިއަށް އެދި ކޯޓަށް ފޯމުލާނަން.." ރަމްޝާގެ ޖަވާބަކީ އެއީ އެވެ. ޔޫޝައު ހައިރާންކޮށްލާފައި އޭނަ އެނދުން ފައިބައިގެން ދޮރާއި ދިމާއަށް ހިނގައިގަތެވެ.

ތިރިއަށް އައެއް ކަމަކު އެހާ ފަސޭހައިން އެ ގެއިން ނިކުމެވެން ދެވޭނެގޮތެއް ރަމްޝާއަކަށް ނުވި އެވެ. ގުލްނާރު ހުރީ އޭނަ ތިރިއަށް ނައިސްގެން ކަހަލަ އެވެ. ކުޑައިރުކޮޅެއް ފަހުން ޔޫޝައުވެސް ތިރިއަށް ފައިބައިގެން އައިތަން ރަމްޝާއަށް ފެނުނެވެ. އޭނައަށް އެންމެ އުދަނގޫ އާއިލީ ފޮޓޯ ނެގުމުގެ ބަހަނާގައި އަނެއްކާވެސް އޭނަ އާއި ޔޫޝައު ގެންގޮސް އެއްތަނެއްގައި ބެހެއްޓީމަ އެވެ. ޔޫޝައު އޭނަގެ އުނަގަނޑުގައި އަޅުވާލި އަތުން ކުރެވުނު ހޫނުގެ އިހްސާސާއެކު ދިލައެއް އިހްސާސްވި އެވެ. ޔޫޝައުގެ ހިތް އެހެން މީހެއްގެ އެއްޗެއްގެ ގޮތުގައި ވަނިކޮށް އެބީހުމަކަށް އޭނަ މިހާރު ނޭދެ އެވެ. އޭނަ ގެއަށް ގެންނަން ވެސް އެއުޅެނީ ގުލްނާރު ބުނެގެން ނޫންކަމެއް ނޭނގެ އެވެ.

ކޮޓަރިތެރޭގައި ޖޫޒަން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ފުރަތަމަ ފަހަރަށް ރަނގަޅަށް ބަލައިލި އެވެ. ހުދު ކުލައިގެ ކައިވެނީގެ ހެދުމާއި ތުންފަތުގައިވާ މަޑުމަޑު ފިޔާތޮށިކުލަ އާއި ލުއި މޭކަޕާއެކު އެއިސްތަށިގަނޑު އޮމާންކޮށްފައިވާ ގޮތުން ތަފާތުގޮތެއް ހުރި ކަމުގައި އަމިއްލައަށްވެސް ޤަބޫލުކުރެވުނެވެ. ނޫނީ މިއަދު ފުރަތަމަ ފަހަރަށް ރަނގަޅު ކުއްޖެއްގެ ގޮތުގައި އޭނަ ފެންނަނީ އެވެ. އާންމުގޮތެއްގައި އޭނަ އަކީ ރަތް ލިޕްސްޓިކް ބޭނުންކުރާ ކުއްޖެކކެވެ. ފުރާވަރުގައިވެސް "ބޭޑް ގާލް" އެއްގެ ގޮތުގައި ދައްކަންވެގެން ގޮތިކް ވައްތަރަށް ގަދައަށް އަނދުން އަޅައި އަނދިރި ކުލަތަކުގެ ލިޕްސްޓިކް ޖައްސާއުޅުނެވެ. އޭނައަކީ ބައްޕަ ދޫކޮށްލާފައި ދިޔަ ނިކަމެތި ބަލިކަށި ކުއްޖާގެ ގޮތުގައި "ލޭބަލް" ނުވާނެ ހުރިހާ އުކުޅެއް އަމިއްލަ ކުރި އެވެ. އަދި މިއަދު އޭގެ އަގު ކައިވެންޏަކުން އަދާކުރަން ޖެހުނީ އެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ޖޫޒަން އެނބުރި ބަލައިލި އެވެ. ކައިދަން އެތެރެއަށް ވަދެ އޭނައަށް ތތޫނު ނަޒަރެއްދީފައި އަނެއްފަރާތަށް އެނބުރި ދޮރު ލައްޕާ ތަޅުލި އެވެ. ކައިދަން ކައިރިއަށް އަންނަން ފެށުމުން ޖޫޒަންގެ ހިތް އެންގީ ފަހަތަށް ޖެހޭށެވެ. އެކަމަކު އޭނަގެ ސިކުނޑި ބުނެދިނީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ހުންނާށެވެ. އަދި އޭނަ އެވަގުތު އެހީ ސިކުނޑީގެ އަޑެވެ. ހަށަން ބަނދެލަމުން އޭނަ ކުރިއަށްވުރެ ހަށިގަނޑު ތެދުކޮށްލި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular