30 Jul 2020

By: Mariyam Yasma

ކައިދަން ކައިރިއަށް އަންނަން ފެށުމުން ޖޫޒަންގެ ހިތް އެންގީ ފަހަތަށް ޖެހޭށެވެ. އެކަމަކު އޭނަގެ ސިކުނޑި ބުނެދިނީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ހުންނާށެވެ. އަދި އޭނަ އެވަގުތު އެހީ ސިކުނޑީގެ އަޑެވެ. ހަށަން ބަނދެލަމުން އޭނަ ކުރިއަށްވުރެ ހަށިގަނޑު ތެދުކޮށްލި އެވެ.

ހުދު ގަމީހުގެ މަތިން އެހަށިގަނޑުގެ މިނަށް ފަހާފައިވާ ކަޅު ޓަކްސިޑޯ ކައިދަންގެ ގަޔަށް ހިފާލައިފައިވާ ދެވަނަ ހަމެއްފަދަ އެވެ. ފެޝަންމެގަޒިންއެއްގެ ބަނޑޭރިގަނޑަކުން ފުންމާލައިގެން އެރޭގެ ޕާޓީއަށް އައިސްހުރި މޮޑެލްއެއް ފަދަ އެވެ. ކައިދަންގެ ހަމުގެ އަނދިރިކުލައާއި އެލޮލުގައި ހުންނަ ސީރިއަސްކަން އެކުވެގެން އޭނަ ފެންނަނީވެސް ނުރައްކާތެރި ގޮތަކަށެވެ. ނުރައްކާތެރި ވީ ވަރަކަށް އަދި ބައެއް ފިރިހެނުންގެ ރީތިކަން އިތުރުވާ ކަހަލަ އެވެ. ކައިދަންއަކީ އޭގެ ތެރެއިން އެކަކެވެ. ޚުދު ޖޫޒަންއަށްވެސް އެކަމާއި ދެކޮޅެއް ނުވެވުނެވެ. ނޭވާނުލައި ހުރެވުނުކަން އޭނައަށް އެނގުނީ ކައިދަން އައިސް ކުރިމައްޗަށް ހުއްޓުނީމަ އެވެ. އެކަމަކު ސިފައަށް ހެއްލިގެން އޭނައަށް ސަލާމަތެއްނެތްކަން އަމިއްލަ ނަފްސަށް ވިސްނާދިނެވެ. ކައިދަން އެވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

"ފައިނަލީ... ޔޫ އާ މައި ވައިފް.." ކައިދަން ދެއަތް އުފުލާލައި ޖޫޒަންގެ ދެކޮނޑުގައި އަޅުވާލައިގެން ހަމަޖެހިލި އެވެ. އެދެއަތުގެ ބަރުން އެކަނިވެސް އޭނަގެ ބާރު ހުންނާނެ ވަރު ޖޫޒަންއަށް އިހްސާސްކޮށްލެވުނެވެ.

"އެން ޔޫ އާ މައި ހަޒްބެންޑް.." ޖޫޒަން ދެއަތް އުފުލާލައިފައި ކައިދަންގެ މޭމަތީ ހިންގާލައިފައި ގެންގޮސް ކަރުގެ ދެފަރާތުން އެދިގުއިނގިލިތައް ވަށާލި އެވެ. އެކަމަކު ބާރެއް ނުކުރެއެވެ.

"އިޒް ދެޓް އެ ތްރެޓް؟" ކައިދަންއަށް މަޖާވިއެވެ. އެކަމަކު އޭނަ އެއް ބުމަ އަރުވާލައިފައި ބަލަން ހުރީ ސީރިއަސް ގޮތް ދައްކައިގެންނެވެ.

"ވެދާނެ..." ޖޫޒަން ޖަވާބުދިނެވެ.

"އެކަމަކު އަހަންނަށް ހީވި ކުރިން ބުނިހެން ވެޑިން އޮންނަ ދުވަހު ފިލާނަމޭ... ކޮންކަމެއް ބަދަލުވީ؟" ކައިދަން އޮޅުންފިލުވަދޭން އެދުނެވެ.

"އަހަންނަކީ ޗެލެންޖަށް ބިރުން ފިލާ މީހެއް ނޫން. އައި އެމްބްރޭސް އިޓް.." ޖޫޒަން ބުނެލި އެވެ.

ކައިދަން ހީކޮށްފާނެ އެއްޗެއް އޭނައަށް އެވަގުތު މުހިންމެއް ނޫނެވެ. އަދި އޭނައަށް ޝައްކުވާ ގޮތުން ވިއްޔާ އެރޭ އޭނަ އައިސް މިޒްނާ އާއި ދެކެވުނު ވާހަކަ ކައިދަންގެ ކަންފަތާއި ހަމައަށް ހުންނާނީ ފޯރައިފަ އެވެ. މައިނާ އާއި ކައިދަންގެ ގުޅުން އޭނައަށް ހާމަވެގެން ދިޔައީ އެރެއެވެ. އަދި ކައިދަންގެ މަޤްސަދުވެސް މެއެވެ. ކައިދަންއަށް މައިނާ އާއި އޭނަގެ މާޒީ ކޮންމެވެސް ވަރަކަށް އެނގިފައި ވަނީ އެވެ. އަދި ކައިވެންޏަކީ އޭނަ ކައިދަންގެ މުށުތެރެއަށްލައި ބަރުބާދުކޮށްލަން ކުރަން އުޅުނނު ކަމެއްހެން ހީވެ އެވެ. އެކަމަކު އޭނައަކީ ވެސް ޗެލެންޖަކުން ފިލަން ދުވާނެ ކުއްޖެއް ނޫނެވެ. އެޗެލެންޖެއް އަމިއްލަ ކޮށް އެއާ ކުރިމަތިލާނެ ކުއްޖެކެވެ. އެކުވެރިން ބައިތިއްބަން ޖެހެނީ ކައިރީގަ އެވެ. އަދި ދުޝްމަނުން އެއަށްވުރެ ކައިރީގަ އެވެ. ދެން އޮތީ ޔޫޝައުގެ ބައެވެ. ޔޫޝައު އޭނައާމެދު އަމަލުކުރި ގޮތަށްފަހު އެންމެ ފަހަރަކު ބުނެލާއިރަށް އެކަމަކުން އޭނަ މަނާވެގަނންނާނެ ހެން ޔޫޝައުއަށް ހީވަންޏާ ރަނގަޅަށް އަދިވެސް އޭނަ ދަސްނުވަނީ އެވެ.

"އައި ލައިކް ޔޫ..." ކައިދަން ޖަވާބުދިނެވެ.

އުންމީދުނުކޮށް ހުއްޓާ ކައިދަން މިބުނި އެއްޗަކުން ޖޫޒަން ރަނގަޅަށްވެސް ސިހުނެވެ. އެއީ އެފަދަ ވާހަކައެއް ކައިދަން ބުނި ފުރަތަމަ ފަހަރެވެ. އޭނަގެ ހުއްދަ ހޯދުމަކާނުލާ އެންމެންތެރޭ ލޯބިވެރިއެއްގެ ގޮތުގައި ތައާރަފްކޮށް އާއިލާއޭގެ ތެރެއަށް ވައްދައި ކައިވެންޏާއި ހަމައަށް ގެންދިޔައިރުވެސް ގަޔާވާ ވާހަކަވެސް މިނޫނީ ބުނެފައެއް ނެތެވެ. އަދި އެލޮލުގައި ވި ސީރިއަސްކަން ބުނެދިނީ އެއީ ކައިދަންގެ ހިތުގެ އަޑިން ބުނި ވާހަކައެއް ކަމެވެ. ޖޫޒަންއަށް އޮޅުންއެރި އެވެ. އޭނަ ކައިދަން ދަސްކުރަން އުޅޭ ވަރަކަށް އޮޅޭނީ ހެއްޔެވެ؟

ނަސީބަކުން އޭނަގެ ރައްދަކަށް ނޭދި ކައިދަން ދުރަށްޖެހިލި އެވެ.

"ދައްތަ ގެނެސް ބެހެއްޓި މިލްކް ތަށްޓެއް އެހުރީ ބެޑްސައިޑު ޓޭބަލް މަތީ. ޔޫ ކެން ޑްރިންކް ހާފް އޮފފް އިޓް." ކައިދަން ގޮސް އަލަމާރި ހުޅުވާލައިގެން ކޮންމެވެސް އެއްޗެއް ހޯދަމުން ވާހަކަދެއްކި އެވެ.

ޖޫޒަން އެނބުރުނުއިރު ތެދެކެވެ. މައްޗެއް ޖަހާފައި ހުރި ކިރު ތަށްޓެއް އެބަހުއްޓެވެ. ޖޫޒަން ގޮސް މަތި ނަގާފައި ކިރު ތަށި އަތަށް ނަގައިގެން އެނދުގައި އިށީނދެލި އެވެ. އެކަމަކު ބޯކަށް ނޫޅުނެވެ. ކައިދަން އަލަމާރިން އެ ހޯދި އެއްޗެއް ހޯދައިގެން އެނބުރުނު އިރު ޖޫޒަން ކިރު ތައްޓަށް ބަލަން އިނެވެ.

"މީ އިންޑިއާގެ މީހުން ފަސްޓް ނައިޓްގަ ކުރާކަމެއް ނޫންތަ؟" ޖޫޒަން އިސްއުފުލާލައިފައި ސުވާލުކުރި އެވެ.

"ނޫނޭ. ދައްތަ ކައިވެނީގެ ކުރިން އަހަރެން ގެންގޮސް ބައިންދައިގެން ވަރަށް ވާހަކަ ކިޔައިދީ ވަރަށް ނަސޭހަތްދިން. މިއީ ސުންނަތޭ ބުނީ. ވަރަށް ޑިޓެއިލްކޮށް ކިޔައިދިން ..." ކައިދަން ވާހަކަދައްކަމުން އައިސް ޖޫޒަންގެ ދާދި ގާތުގައި އެނދުގައި އިށީނދެލައިފި އެވެ.

"ވާއު..." ޖޫޒަން އަށް ހަމައެކަނި ބުނެވުނީ އެވަރަށެވެ. ހާއްސަކޮށް ކައިދަންގެ ފަރާތުން އެފަދަ ދީނީ ވާހަކައެއް އިވުމުން އޭނައަށް ލިބުނު ބޮޑު ހައިރާންކަމަކަށްވި އެވެ.

ކިރުތަށި ނަގައި ދިއްކޮށްލުމުން ކައިދަން އޭގައި ހިފާފައި ބޯން ފެށުމުން ޖޫޒަން އަށް ބަލަން އިނދެވުނެވެ. މެދާކަށް ހަމައަށް ބޯލާފައި ކައިދަން ތަށި އަނބުރާ ޖޫޒަންއަށް ދިނެވެ. އޭނައަށް އެއިން ބޮވުނީ ކޯވަރެކެވެ.

އެގޮތަށް ދެފަހަރެއްގެ މަތިން އެކަކު އަނެކަކަށް ދެމުން ކިރުތަށި ހުސްވުމުން ޖޫޒަން ތަށި ކުރިން ހުރި ތަނުގައި ބަހައްޓައިފި އެވެ. އޭނަ ދެން އެނބުރުނުއިރު ކައިދަން އޭނަގެ އުނގުމަތީ ބާއްވައިލީ ހިމަ ދިގުކޮށް އޮތް މަހުމާ ފޮއްޓެކެވެ.

"މިވެސް ސުންނަތެއްތަ؟" ޖޫޒަން ފޮށި އަތަށް ނަގައިގެން ބަލަން އިނދެ އެހި އެވެ.

"ދައްތަ ބުނީ ދެ މީހުންގެ މެދުގައި ހަދިޔާ ބަދަލުކުރަން އިރުޝާދު ދެއްވާފައި އޮތްކަމަށް. އަދި އެއީ އެކަކު އަނެކެއްގެ މައްޗަށް ލޯބި އިތުރުވާނެ ކަމެއްކަމުގައި." ކައިދަން އޮޅުންފިލުވައިދިނެވެ.

ޖޫޒަން ފޮށި ހުޅުވާލިއިރު އެއީ ނިކަން ސާދާ ރިހި ފަށެކެވެ. ފުލުގައި ކުޑަކުޑަ ހިތެކެވެ. ޖޫޒަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. މިރޭގެ ވަގުތުތައް ހޭދަވަމުން މިދަނީ ޔަޤީނުން ވެސް އޭނަ އުންމީދުކުރި ގޮތަކަށް ނޫނެވެ. އޭނަ ހީކުރީ ކޮޓަރިއަށް ވަދެވުނުހާ އަވަހަށް ކައިދަންގެ ނުލަފާކަން ދައްކައިލާނެ ކަމުގަ އެވެ. އޭނަ ރުހުމުގައި ނޫނިއްޔާ ގަދަކަމުން ވެސް އޭނަގެ ޖިސްމުގެ މައްޗަށް ވެރިވެގަންނާނެ ކަމުގަ އެވެ. އެކަމަކު އެދެކެވުނު ވާހަކަތަކަށްފަހު ކުއްލިއަކަށް އަނިޔާވެރިއަކަށް ކައިދަންބަދަލުވާނެ ހެނެއް ހިއެއްނުވެ އެވެ.

"ވަރަށް ލޯބި. ތެންކިއު.." ޖޫޒަން ފަށު ފުލާއި ކުޅެން އިނދެފައި ކައިދަން މޫނަށް ބަލައިލި އެވެ.

ކައިދަން ކުޑަކޮށް ކަރުކެހިލާފައި ޓަކްސިޑޯގެ ގޮށް ނައްޓަމުން ތެދުވެގެން ދުރަށް ދިޔަ އެވެ. އެބާލާފައި އެއްފަރާތެއްގައި ބޭއްވުމަށްފަހު އޭނަ ގޮސް ވަނީ ފާޚާނާއަށެވެ. ޖޫޒަން ފަށް ނަގައިގެން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފައި ކަރުގައި އޮތް ފަށް ބޭލުމަށްފަހު ޑްރެސިންޓޭބަލް މަތީ ބާއްވާފައި ކައިދަން ހަދިޔާކުރި ފަށް އެޅި އެވެ. ކައިދަން އެނބުރި އަންނަންވާއިރަށް އޭނަ އަނެއްކާވެސް ގޮސް އިނީ ކުރިން އިން ތަނުގަ އެވެ. ކޮޓަރީގެ ވަށައިގެން ނަޒަރު ހިންގުމުން ފާހަގަވީ އާއިލާ ފޮޓޯގަނޑެއްހާ ހިސާބުވެސް އެތާ ނެތްކަމެވެ. އެކަމަކު މިޒްނާގެ ކޮޓަރީގައި ތިންބެއިންގެ ފޮޓޯ ހުއްޓެވެ.

"ކައި ބޭނުމެއް ނުވާނެ މައިނާގެ ވާހަކަ ދައްކާކަށް. އެހެންވެ ޖޫޒަންއަށް ވެސް އަހަރެމެންގެ އިތުރު ސިސްއެއް ހުންނަކަން ނޭނގި ތިހުރީ. ކައި އާއި މައިނާ ވަރަށް ކްލޯސްކޮށް އުޅުނީ. އެން އިޓް ބްރޯކް ހިޒް ހާޓް.." މިޒްނާގެ ޖުމްލަތައް ޖޫޒަންގެ ސިކުނޑީގައި ގުގުމާލި އެވެ. އޭނައަށް އަދިވެސް ނޭނގެނީ ކައިދަންއާ އެއްބައިވެގެން އެމީހުން ބިރުގަންނަވަން އެއުޅުނު އަންހެންކުއްޖަކީ ކާކުކަމެވެ.

ދޮރުހުޅުވުނު އަޑާއެކު ޖޫޒަންގެ ހިޔާލުތަކުން ނިކުމެވުނެވެ. އޭނަ އަވަހަށް ތެދުވެގެން އަލަމާރި ކައިރިއަށް ދިޔަ އެވެ. ފުރަތަމަ ދޮރުފަތް ހުޅުވާލިއިރު އެބައިގައި އަދި ހުރީ ހުސް ކައިދަންގެ އަންނައުނެވެ. އެނބުރި ބަލާލިއިރު ކައިދަން އެނދުގެ އަނެއް އަރިމަތީގައި އިށީނދެ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. ޖޫޒަން އަނެއް ދޮރުފަތް ހުޅުވާލިއިރު އޭނަގެ އަންނައުނުތައް މަތީ ޓައީއެއް އައްސާލައިފައި ހުރި ތުނި ފޮށްޓެއް ހުއްޓެވެ. އޭނަ އެޓައީ މޮހާލައިފައި މަތި ނެގިއިރު އެތެރޭގައި އޮތީ ރަތް ކުލައިގެ ތުނި ތުނި ނިދާ ހެދުމެކެވެ. އަނގައަށް ވައްތަރެއް ޖައްސާލައިފައި އޭނަ އޭގެ މަތި ޖެހުމަށްފަހު ފާޚާނާއަށް ވަނީ އާންމުކޮށް ނިދަންލާ ކަހަލަ ހަރުވާޅަކާއި ޓީޝާޓެއް ހިފައިގެންނެވެ.

ނިކުތްއިރު ކައިދަން އޭނަ އިން ފަރާތުގައި އެނދުގައި ދިގު ދިގަށް އޮށޯވެލައިގެން އޮތެވެ. ޖޫޒަން ގޮސް އަނެއްފަރާތުން އަރައި އޮށޯވެފައި ރަޖާ ނަގައި ގައިމަތީ އަޅަމުން ކައިދަންއާ ފުރަގަސްދިނެވެ. ނޭވާ ނުލައި އޮވެގެން ހިތާއި ހިތުނން ފަހަކާއި ހަމައަށް ގުނިއެވެ. ކައިދަންގެ ފުށުން އެއްވެސް ކަމެއް ނުފެނުމުން ފުން ނޭވައެއް ދޫކޮށްލާފައި ވީ އުފަލުން ލޯމަރާލލައިފި އެވެ. ދެންވީ ސިކުންތުކޮޅެކެވެ. ކުއްލިއަކަށް ގައިމަތީ އޮތް ރަޖާ ތިރިއަށް ޖެހިއްޖެ އެވެ.

ޖޫޒަން އެނބުރުނުއިރު ކައިދަން ބަލަހައްޓައިގެން އޮތެވެ.

"ދޭ އެހެރަ ސޯފާގަ ނިދަން.." ކައިދަން އަމުރުކޮށްލި އެވެ.

ޖޫޒަންއަށް ފުންމައިގެން ތެދުވެ އިށީނދެވުނެވެ. އޭނަ ދުރުގައި ހުރި ދިގު ސޯފާއަށް ބަލައިލާފައި އެނބުރި ކައިދަންއަށް ބަލައިލި އެވެ. ކައިދަން އެވަގުތު އޭނައާ ދިމާއަށް އަރިވެލުމުން މޭގަނޑު ފިނިވި އެވެ. އޭނަ ހީކުރިގޮތާއި ޚިލާފަށް ކައިދަން ނެގީ އޭނަ ބޯއެޅި ބާލީހެވެ. އެއަށް ފަހު ތިރިއަށް އެއްލައިފި އެވެ. ރުޅި އައިސްގެން ޖޫޒަންގެ ބޮލުން ވެސް ދުން އަރަން ފެށިހެން ހީވި އެވެ.

އޭނަ އެނދުން ފައިބައިގެން ތިރީގައި އޮތް ބާލީސް ނަގާފައި ގޮސް ސޯފާގައި ނިދަން އޮށޯވެއްޖެ އެވެ.

"ކޮންކަހަލަ މީހެއް؟ ދެފަހަރު ދެއަނގައިންތަ ވާހަކައެދައްކަނީ؟ މަލްޓިޕާސަނަލިޓީ ޑިސްއޯޑާ ހުންނަނީ ތޯއްޗެ.." ޖޫޒަން ހަށަން ބަނދެލައިގެން މަތި ބަލަން އޮވެ ވާހަކަދެއްކި އެވެ.

"އައި ކެން ހިއާ ޔޫ..." ކައިދަން ދުރުން ގޮވާލި އެވެ.

"އަޑު އިއްވާށޭ މި ކިޔަނީ..." ޖޫޒަން އެއަށް ވުރެ ބާރަށް ރައްދުދިނެވެ.

ކައިދަން އެވަގުތު ލައިޓްތައް ނިއްވާލުމުން މުޅިތަން އަނދިރިވެގެން ދިޔަ އެވެ. ޖޫޒަންއަށް ހަޅޭއްލަވައިގެންފައި ފުންމައިގެން ތެދުވެވުނެވެ. ކިތަންމެ ވަރަށް ބެލިއަސް އެކައްޗެއްވެސް އެނގެނީއެއް ނޫނެވެ.

"ލައިޓް ދިއްލާ ކައިދަން. އަހަންނަކަށް ނުނިދޭނެ އަނދިރީގައެއް..." ޖޫޒަން ގޮވި އެވެ.

"އަހަންނަކަށް ނުނިދޭނެ އަލީގައެއް..." ކައިދަންގެ ރައްދު އައެވެ.

ކުރިން އޮތް ގޮތަށް އޮށޯންނަމުން ޖޫޒަން ލޯމަރައިލި އެވެ. އެކަމަކު ހަމަ ހިލާ ގިނައިރަކު އެހެނެއް ނޯވެވުނެވެ. ލޯ ހުޅުވައިލުމުން އަނދިރިކަން އައިސް އޭނަގެ މުޅިހަށިގަނޑަށްވެސް ވަދެގެންދާ ކަހަލަ އެވެ. ފޯނުވެސް ކައިރިއަކު ނެތެވެ. އިރުކޮޅެއް ވުމުން ކޮންމެވެސް ވަރަކަށް ލޯ ހޭނުނެވެ. އޭނަ އިރުކޮޅަކު މަޑުކޮށްލީ ކައިދަންއަށް ނިދުނީމައި ލައިޓް ދިއްލަން ނިންމައިގެންނެވެ. އެގޮތުގައި ކެތްކުރެވުނީ އިރުކޮޅަކު އެވެ. އެންމެފަހުން ތެދުވެގެން އެކި ތަންތާ އަތް ކކާއްތަމުން ގޮސް ނިދާބޮކި ޖައްސައިފި އެވެ.

ކައިދަންއަށް ބަލާލިއިރު ހީވީ ނިދާފައި އޮތް ހެންނެވެ. ޖޫޒަން ސިއްރު ސިއްރުން ގޮސް ފޯނު ނަގައިގެން އައިސް ސޯފާއާ ކައިރިވީތަނާ އަނެއްކާ މުޅިތަން އަނދިރިވި އެވެ.

"ބާސްޓާޑް!" ދެދަތްޕިލަ ޖައްސައިލަމުން ޖޫޒަން އަށް ބުނެލެވުނެވެ.

ނަސީބަކުން މިފަހަރު އަތުގައި ފޯނު އޮތެވެ. އޭނަ ފޯނުގެ ސްކްރީނު ދިއްލައިގެން ގޮސް ސްވވިޗްތައް ކައިރިއަށް ހުއްޓުނުއިރު ކައިދަން އިނީ ބަލަހައްޓައިގެންނެވެ. ލައިޓު ހަމަ ޖެއްސުމާއެކު ކައިދަން ތެދުވެގެން އޭނަ ގާތަށް އަންނަން ފެށި އެވެ. ޖޫޒަން ސަލާމަތްވާން ވެގެން ދުވަން އުޅުމުން ކައިދަން ހުޝިޔާރު ކަމާއެކު އޭނަގެ އަތުގައި ހިފެހެއްޓި އެވެ.

"އައި ޖަސްޓް ޗޭންޖްޑް މައި މައިންޑް..." ކައިދަން ރުޅިއައިސްފައި އޭނައަށް ބަލަމުން ވާހަކަދެއްކި އެވެ.

"ކޮންކަމަކާ ބެހޭގޮތުން؟" ޖަވާބު އަންނާނެ ގޮތަކާމެދު ޖޫޒަން ކަންބޮޑުވި އެވެ.

"އެބައުޓް ލީވިން ޔޫ އެލޯން..." ކައިދަންގެ ޖަވާބު އައީ ޖޫޒަން ހީކުރިހާ ނުރައްކާކޮށެވެ.

"ނައު ސްޓްރިޕް!" ކައިދަން އެންގި އެވެ.

އެލޮލުގައި އެއްވެސް އެއްވެސް ރަހުމެއް ނެތެވެ. އަދި ލަފްޒްގައިވި ހަރުކަށިކަން ޖޫޒަންގެ މޭގަނޑު ފިނިކޮށްލި އެވެ. އެފިނިކަން އޭނަގެ ކަށިތަކާއި ހަމައަށް ދަތުރުކުރި ކަހަލަ އެވެ.

"ދެންމެއެއްނު ބުނީ ޗެލެންޖަކުން ފިލާކަށް ނުދުވާނަމޭ!" ކައިދަން ހަނދާންކޮށްދިނެވެ.

މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖޫޒަން ގޮތެއް ނިންމައިފި އެވެ. އޭނަގެ މޫނުމަތީގެ ކުލަވަރު ބަދަލުވީގޮތުން ޚުދު ކައިދަންއަށް ވެސް އެކަން އެނގުނެވެ. އޭނަ އެއަތުން ދޫކޮށްލާފައި ޖޫޒަންއަށް ފުރުސަތު ދިނެވެ. ނަޒަރު ވަކިކުރުމެއްނެތި ދެމީހުން އެކަކު އަނެކަކަށް ބަލަން ތިބީ ފުރަތަމަ އެނަޒަރު ވަކިކޮށްލާ މީހަކީ ބަލިވާނެ މީހަކު ކަމަށް ވެދާނެތީ ކަހަލަ އެވެ. އަތުގައި އޮތް ފޯނާއެކު ޖޫޒަން ކައިދަންގެ އެންގުމަށް އަމަލުކުރި އެވެ. އެވަގުތު ކައިދަންގެ ނަޒަރު އޭނަގެ ބަނޑަށް ދަތުރުކޮށްލި އެވެ. ބަނޑުގައި ހުރި ލަކުނުތަކާއި އިންސިއުލިން ފޮނުވަން ގުޅާފައިވާ ކެނިއުލާއަށް ނަޒަރެއް ދިނުމަށްފަހު ދާދި އަވަހަށް އެލޮލަށް ނަޒަރު ބަދަލުކޮށްލި އެވެ.

ހަރުވާޅު ޖީބުގައި އޮތް މެޝިން ނަގާފައި ދެން ގޮސް ހުއްޓުނީ އަތްދަބަސް ކައިރިއަށެވެ. މެޝިން އެ ހަށިގަނޑާއި ވަކިކޮށްލައި ބަނޑުގައި އިންނަ ކެނިއުލާގެ ކެޕް ޖެހުމަށްފަހު ފޯނާއެކު މެޝިން ވެސް ދަބަސް ކައިރީ ބޭއްވުމަށް ފަހު އެނބުރި އައިސް ކައިދަން ގާތަށް ހުއްޓުނެވެ. ކައިދަންގެ ލޮލުގައި ވި ހޫނުން އޭނައަށް ކުރިއަށް ގެންދަން ހިތްވަރު ލިބުނެވެ. ކައިދަން އެދުނު ފަދައިން އައިސް އެ ހުރީ ކުރިމަތީގަ އެވެ. އެކަމަކު ކައިދަން އޭރުވެސް ހުރީ ޓަކްސިޑޯ ބޭލިގޮތަށެވެ. ހުދު ގަމީހާއި ކަޅު ފަޓްލޫނުގައި ބެގީ ވެސް ކޮށްގެންނެވެ. ނުވިތާކަށް އަތުކުރީ ގަޑިވެސް އޮތެވެ.

"ކަމް ހިއާ!" ކައިދަންއަށް ކޮށްފައިވާ އަސަރު އޭނަގެ އަޑުން ދޭހަކޮށްދިނެވެ.

ޖޫޒަން ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ދާދި ކައިރިއަށް ހުއްޓުނެވެ.

***

ޕާޓީ ނިންމާފައި ގޭގައި މަޑުނުކޮށް ރަމްޝާ ނިކުމެގެން ދިޔައީއްސުރެ ގުލްނާރުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެ އެވެ. ޔޫޝައު އާއި ދެމީހުންގެ މެދުގައި ޖެހިގެން އުޅެނީ ކުޑަ މައްސަލައެއް ކަމުގައި ޤަބޫލުކުރެވުނީ ކުށަކުންކަން ފުރަތަމަ ފަހަރަށް އިހްސާސްވި އެވެ. ހަފްލާ ނިންމާފައި ބޭރަށް ދިޔަގޮތަށް ޔޫޝައު ވީ ތަނެއް ވެސް އެނގެނީއެއް ނޫނެވެ. އޭނަ މިހހާރު ދެތިންފަހަރު ގުޅައިފި އެވެ. ކޮންމެފަހަރަކު އަންނަނީ އެއް ޖަވާބެކެވެ. ފޯނު އޮތީ ނިއްވާލާފައި ކަމަށެވެ.

ބޮލުގައި ރިއްސާވަރުން ބޭސް ގުޅައެއް ކާލައިގެން ނިދަން އޮތްވާ ދޮރުގައި ޓަކި ދިނެވެ. ރޫބީ ބޯދިއްކޮށްލާފައި ބުނެލީ ޔޫޝައު ގެއަށް އައި ވާހަކަ އެވެ. ގުލްނާރު ބޮލުގެ ވޭން ހަނދާން ނައްތާލައިފައި ދަރިފުޅު ކައިރިއަށް ދާން އަވަސްވެގެންފި އެވެ. ޓަކި ޖަހާލިތަނާ ޔޫޝައު އައިސް ދޮރު ހުޅުވި އެވެ. މަންމަ ފެނުމުން އެމޫނުން ނުތަނަވަސްކަން ފެނިލި އެވެ. ގުލްނާރުގެ ހިތް އިތުރަށް އަވަސްވި އެވެ.

"އަހަންނަށް އެނގޭ މަންމަ ތިއައީ ރަމްޝާގެ ވާހަކަދައްކަންވެގެންކަން.." މަންމަ ގޮނޑީގައި އިށީނުމުން ޔޫޝައު އިށީނދެލީ އެނދުގަ އެވެ.

"އެހެންވިއްޔާ ބުނެބަލަ ރަމްޝާ ގެއަށް ނާންނަން އެއުޅެނީ ކީއްވެކަން؟" ގުލްނާރު ޖަވާބަކަށް އެދުނެވެ.

ޔޫޝައު އިރުކޮޅެއް ވަންދެން އިސްޖަހައިގެން އިނެވެ. ދެން އިސްއުފުލާލައިފައި ކަނދުރަމަތީ ހިފާލި އެވެ.

"މަންމާ އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ..." ޔޫޝައު ފުރަތަމަ ފަހަރަށް މަންމައަށް ހަޤީޤަތް ކިޔައިދޭން ތައްޔާރުވި އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular