1 Aug 2020

By: Mariyam Yasma

"މަންމާ! އަހަންނަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެ." ޔޫޝައު ފުރަތަމަ ފަހަރަށް މަންމައަށް ހަޤީޤަތް ކިޔައިދޭން ތައްޔާރުވި އެވެ.

***

ދިހައެއްޖެހިއިރު ވެސް ކޮޓަރިތެރެ އަނދިރިކަމުން ހީވަނީ މެންދަމުގެ ވަގުތެއް ހެންނެވެ. ޖޫޒަން ފޯނު ދިއްލާލައިފައި ގަޑި ބަލާލުމަށްފަހު ފުންމައިގެން ތެދުވި އެވެ. ކުޑަހިނދުކޮޅަކަށް ހީވީ އަމިއްލަ ގޭގައި އޮވެވުނު ހެންނެވެ. ބިރުގަތީ އެހާ ލަހުން ހޭލައިގެން ބޭރަށް ނިކުތުމުން މަންމަ އެތިވަރު ގޮވަންފަށާފާނެތީ އެވެ. ވަށައިގެންވި މާހައުލާއިމެދު ވިސްނައިލެވުނީ އަދި އޭގެފަހުންނެވެ. މަޑުމަޑުން ހުރިހާ ކަމެއް އައިސް ހަނދާނާ ގުޅިލާމެހިގެން ދިޔައެވެ. ހަމައެއާއެކު އިންތިހާއަށް ބަނޑުހައިކަން އިހްސާސްވި އެވެ. އަތް ވެސް އެބަ ތުރުތުރުއަޅައެވެ.

ޖޫޒަން ކޮޓަރިން ނިކުންނަންވެގެން އެނދުން ފޭބިވަގުތު މުށިގަނޑުގައި ފައިޖެހިފައި ފިނިކަމުން ގަނޑުނުވީ ކިރިޔާ އެވެ. ވަށައިގެން ހޯދާލިއިރު ތަންކޮޅެއް ދުރުގައި ކައިދަން ކޮޓަރިތެރޭ އަރަން ގެންގުޅޭ މަޑު ފައިވާން ހުއްޓެވެ. އޭނާ އެފައިވާނަށް ދެފައި މަހާލައިގެން ސިއްރު ސިއްރުން ބޭރަށް ބޯދިއްކޮށްލި އެވެ. ބަނޑުހައިކަމުން ގޮހޮރު ވަޔާ ތެޅެނީ އެވެ. ފެންވަރާލެވޭނީ ވެސް ބަނޑަށް އެއްޗެއް ލައިގެންނެވެ. ހުރި ސިފައާމެދު ވިސްނާނީ ފަހުންނެވެ.

ބަދިގެތެރެއަށް ނުވަދެވެނީސް ކައިދަން ވާހަކަދައްކާ އަޑު ކަންފަތުގައި ޖެހުނެވެ. ޖޫޒަންގެ ދެފައި ހަރުލީ އެތެރޭގައި ކައިދަންއާއި އެކު އަޒީމް އުޅެނީއޭ ހީވެފަ އެވެ. ދެމީހުން ތިއްބާ އެހުރިސިފައަށް ވަންނަން ޖެހިލުންވީ އެވެ. ހަމައެކަނި ތުނި ޓީޝާޓަކާއި ހަރުވާޅެއްގައި އިމޭޖިނޭޝަންއަށް ދޫކޮށްލެވިފައިވަނީ ކުޑަމިންވަރެކެވެ. އެކަމަކު އެނބުރި ދާވަރަށްވުރެ ކާއެއްޗަކަށް އެހަށިގަނޑު ބޭނުންޖެހިފައިވާ މިންވަރު އިތުރެވެ. އެހެންނޫނަސް ކައިވެނީގެ ފުރަތަމަ ހެނދުނު ގެއަށް އެކުވެރިން ގެންނަނީ ކޮންބައެއް ހެއްޔެވެ؟ ރަނގަޅަށް ވިއްޔާ އަޒީމް އަދިވެސް އެ އެޕާޓްމެންޓް ދޫކޮށްފައި ނުދަނީ އެވެ.

ފުން ނޭވައެއް ދޫކޮށްލާފައި ޖޫޒަން ގޮތެއް ނިންމައިފި އެވެ. މޭމަތި ނިވާވާނެހެން ދެއަތް ހުރަސްކޮށްލައިގެން ހުރެ ބަދިގެއަށް ވަންއިރު ނަސީބަކުން ކައިދަން އިނީ އެކަންޏެވެ. އަޅި ސްވެޓްޕޭންޓަކާއެކު މަތިން ލައިގެން ހުރި ހުދު ޓީޝާޓް ދެއަތާއި މޭމަތިން ވާންވެލާފައި ހުރީ ލޮލުގައި އެންމެ އަޅައިގަންނަ ގޮތަށެވެ. ހާވާލެވިފައިވާ އިސްތަށިގަނޑުގައި ތެތތްކަމެއް ހުރިހެން ހީވެ އެވެ. ކުރިމަތީ ލެޕްޓޮޕް ހުޅުވާފައި ބަހައްޓާފައި ހުރިއިރު ދާދި ކައިރީގައި ކިރާއި ސީރިއަލް އަޅާފައިވާ ބޯތައްޓެއް ހުއްޓެވެ. ޖޫޒަންގެ ނުތަނަވަސްކަން ކުޑަވި އެވެ. އޭނަ ވަދެގެން ދާ އަޑު އިވިގެން ކައިދަން ވެސް އެދިމާއަށް މޫނު އަނބުރާލައިފި އެވެ. އޭނަ ދެއަތްތިރިކޮށްލުމާއެކު ކައިދަންގެ ލޮލުގެ ވިދުން ގަދަވީހެން ހީވި އެވެ. ޖޫޒަން ޔަޤީންކުރާކަށް ގަސްތެއް ނުކުރެ އެވެ.

ޖޫޒަން ހުޅުވީ ފްރިޖެވެ. ގެރިކިރު އަޅާފައި ބަންދުކޮށްފައި ހުރި ބިއްލޫރި ފުޅިއެއް ފެނިގެން އަވަހަށް ނަގައިގެން މޭޒުދޮށުގައި ޖައްސާލި އެވެ. ސަމުސާ އަޅާ އެއްޗަކުން ސަމުސަލެއް ނަގައި ބައިސަމުސާ ގެރިކިރު ނަގައި ބޯލާފައި ފުޅި މޭޒުމަތީ ބެހެއްޓުނީ ތަންކޮޅެއް ބާރަށެވެ. އަތުގައި ހުރި ތުރުތުރުގެ ސަބަބުން ކޮންޓްރޯލް ނުވީ އެވެ. ނިތްކުރީގައި ވެސް ދާތިކިތައް ބަބުޅަނީ އެވެ.

"ޔޫ އޯކޭ؟" ކައިދަންގެ އަޑުގައި ނުތަނަވަސްކަން އެކުލެވުނު ކަހަލަ އެވެ. ކައިދަން އޭނަގެ ހުރިހާ ހަރަކާތަކަށް ބަލަން ކައިރީގައި އިން ކަންވެސް ޖޫޒަން ހަނދާންވީ ވާހަކަދެއްކީމަ އެވެ. ލޯމަރައިގެން އިނދެފައި އޭނައަށް ލޯ ހުޅުވައިލެވުނެވެ.

"އައި ވިލް ބީ..." ތެދުވެވޭވަރު ވުމުން އޭނަ ޖަވާބު ދީފައި އެތަނުން ނިކުންނަން ދިޔަ އެވެ.

މުޅިން ހަމައަކަށް އެޅެން ވިއްސަކަށް މިނިޓް ނަގާނެތީވެ ޖޫޒަން ނިންމީ އެވަގުތުކޮޅު ބަބްލް ބާތެއް ނަގާށެވެ. ހޫނު ފެނުން ޓަބް ފުރާލުމަށްފަހު ކައިވެނީގައި ލިބުނު ގިފްޓްޕެކްތަކު ތެރެއިން ޕެކަކުން އެންމެ ގަޔާވި ކަހަލަ ބާތު ބޮމްއެއް ވައްޓައިލުމުން ރީތި އެތައް ކުލަތަކެއް ފާއްދަމުން ބޮކިން ފުރާލި އެވެ. އެހާމެ މީރުވަސް ދުވަ އެވެ. އަދި އެވަރުން ނިންމައިލީއެއް ނޫނެވެ. އެންމެ މީރު ވަސް ދުވާ އެސެންޝަލް އޮއިލް ފުޅިން ތިންތިކި ވައްޓައިލި އެވެ. ފެންގަނޑުގެ ހޫނުމިން އެންމެ ހެއުވަރުވުމުން އިންސިއުލިން ޕަންޕާއި އަންނައުނުތައް ގަޔާއި ވަކިކޮށްލާފައި ޓަބަށް އެރި އިށީނދެއްޖެ އެވެ. ދެން ހީވީ އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. ދެއަރިމަތީ އަތް އަޅުވާލައިފައި ބޮލާއި ދިމާގައި ކަނދުރާ އަޅުވާލައިގެން އޮވެ ލޯމަރައިލލުމުން އިރުކޮޅަކަށް ނިދިޖެހުނުހެންވެސް ހީވި އެވެ. އޭނަ ޓަބުން އެރީ ފެންގަނޑު ހޫނުކަން މުޅިން ކެނޑި މާބޮޑަށް ފިނިވާން ފެށީމަ އެވެ.

ފެންވަރާލައިގެން ނިކުމެ ބާތްރޯބްއާއެކު އިނދެ ފުރަތަމަ ކަމަކަށް ހަކުރު ޓެސްޓްކުރި އެވެ. ބޭނުންވި ނަތީޖާ ލިބުމުން ހެދުން ލައިގެން ނިކުތީ ނާސްތާ ކުރަން ވެގެންނެވެ. އިސްތަށިގަނޑު ރަނގަޅަށް ނުހިއްކާ ހުރުމުން ބުރަކަށީގައި އިސްތަށިގަނޑު ޖެހޭތަން އިސާހިތަކު ތެމިއްޖެ އެވެ. ބަދިގެއަށް ވަންއިރު ކައިދަން ފެންނާކަށް ނެތެވެ. އޭނަ ފްރިޖް ހާވައިގގެން ނާސްތާ ތައްޔާރުކުރަން ބޭނުންވާނެ އެއްޗެހި ހޯދައިގެން ސޭންޑްވިޗެއް ހަދައިގެން ޖައްސައިލި އެވެ. ކައިދަން ފެންނަން ނެތުމުން އޭނަ ދިޔަ ތަނަކާއިމެދު ޖޫޒަންއަށް ވިސްނުނެވެ. އެގޮތަށް ގޭގައި އޭނަ އެކަނި ބަހައްޓާފައި ދާނެހެން ހާދަ ހީނުވެ އެވެ.

އިރުކޮޅެއް ފަހެވެ. ކޮންމެވެސް ދޮރެއް ހުޅުވިފައި ލެއްޕުނު އަޑު އިވިފައި އިރުކޮޅަކުން ކައިދަން އައއިސް ބަދިގެ ދޮރުމައްޗަށް ހުއްޓުނެވެ.

"އަވަހަކަށް މަރެއްވެސް ނުވާނެ ތޯއްޗެ!" ޖޫޒަންއަށް ހިތާހިތުން ބުނެލެވުނެވެ.

"ކޮންތާކަށް ހަނީމޫނަށް ދާން ބޭނުމީ؟" ކައިދަން ވާހަކަދެއްކިއިރު އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށެއްނުލަ އެވެ.

ޖޫޒަންއަށް ލިބުނު ސިހުމުގައި އަނގައިގައި އޮތް ކާއެތިކޮޅު ކުއްލިއަކަށް ދިރުވައިލެވިއްޖެ އެވެ. ކޮށިނޭރީ ކިރިޔާ އެވެ. އޭނަގެ ޖަވާބު ނައުމުން ކައިދަން އިސްއުފުލައިލި އެވެ. ދެން ފޯނު ޖީބަށް ލައިފައި ބުމަ އަރުވާލައިފި އެވެ. ޖޫޒަންގެ ހަނދާނަށް އައީ އޭނަ ޔޫޝައުއާ މޮޔަވެގެން އުޅުނު ދުވަސްވަރު ޕެރިސްއަށް ދާން ހުވަފެން ދެކުނު ކަމެވެ. އެކަމަކު އެވާހަކަ އޭނަ ކައިދަން ކައިރީ ދުވަހަކުވެސް ނުބުނާނެ އެވެ.

"ނެތް ވަކި ހާއްސަކޮށް ދާން ބޭނުންވާ ތަނެއް...." ވިސްނަން އިނދެފައި ޖޫޒަން ބުނެލި އެވެ.

"ޕަރފެކްޓް. ވީއާ ސްޓޭއިން ހޯމް..." ކައިދަން "ތަމްބްސް އަޕް" އެއް ދައްކާލައިފައި ގޮސް ލޯމަތިން ގެއްލުނެވެ.

ކައިދަންއާއެކު އެއްހަފްތާ ގޭގައި ތާށިވެފައި ހުރުމުގެ ހިޔާލުން ހިތް ނުތަނަސްވީވަރުން ޖޫޒަންއަށް އިތުރަށް އެންމެ އެތިކޮޅެއްވެސް އަރުން އެތެރެއެއް ނުކުރެވުނެވެ. އެދެމީހުން އެކަކު އަނެކަކާއި ގަޔާވާކަން އެއީ އެއިން އެކަކަށްވެސް ދެބަސް ވެވެން ނެތް ހަޤީޤަތެވެ. އެކަމަކު އެއީ ދެޖިސްމުގެ ގުޅުމެކެވެ. ހިތާއި ރޫޚުގެ ގުޅުމެއް ނޫނެވެ. ޖޫޒަން ބިރުގަންނަނީ އޭނަ ނުވިސްނާ ހުއްޓާ އެޖިސްމުގެ ގުޅުން ހިތާއި ހަމައަށް ވާސިލްވެދާނެތީ އެވެ. އޭނަ ބިރުނުގަންނަވަރެއް ނޫނެވެ. ރޭ ކައިދަންގެ އަތުތެރޭ ހޭދަވި ކޮންމެ މިނިޓެއް އަދި ސިކުންތެއް އޭނަ "އެންޖޯއި" ކުރި އެވެ. އަދި އެއިން އެންމެ ވަގުތުކކޮޅަކާއިމެދު ވެސް ފަހުން ހިތާމައެއް ނުކުރެ އެވެ. އަދި އެވަރުން ނިމުނީއެއް ނޫނެވެ. ކައިދަން ފެނިލާއިރަށްވެސް ހަށިގަނޑަށް އެނގުންވެ އެވެ. އެހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި މަސައްކަތް ކުރަން ފަށަ އެވެ. އަދި އެއީ ޔޫޝައުއަށްޓަކައިވެސް އެހަށިގަނޑު ނުދައްކާ މުޅިން އާކުލައެކެވެ. މިވަރުން ދަންޏާ ކުޅިގަނޑު ރަނގަޅަށް ނުފެށެނީސް އޭނަ ބަލިވެދާނެ އެވެ. ފުރަތަމަ ކަމަކަށް ކައިދަންގެ ވަކި ހާއްސަ ޕްލޭންއެއް އޮތްކަން ނުވަތަ ނޫންކަން އޮޅުންފިލުވަން ޖެހެއެވެ. ނޫނީ އޭނަގެ ހަމައެކަނި މަޤްސަދަކީ ބާރުގެ ދަށަށް ގެނެސްގެން ނަފްސާނީ އަނިޔާ ދިނުން ހެއްޔެވެ؟ މައިނާގެ ހަޤީޤަތް އޭނައަށް އެނގިއްޖެކަން އެނގުނީމަވެސް އެހުންނަނީ ނޭނގޭކަމަށް ހެދިގެން ވާހަކަ އޮއްބާލައިގެންނެވެ.

***

ޑިއުޓީ ނިންމާފައި ރަމްޝާ އައިސް ގެއަށް ވަންއިރު ގޭގެ ސިޓިންރޫމްގައި ގުލްނާރު އިންދާ ފެނުމުން ސިއްސައިގެންދިޔަ އެވެ. އެވަގުތު ގުލްނާރުވެސް ކޮޅަށް ތެދުވެއްޖެ އެވެ. ފީރޯޒާ ތަބަކެއްގައި ކާއެއްޗެހި ތަކެއް އަތުރައިގެން ނިކުމެފައި ރަމްޝާ ފެނިގެން ލޯހަނިކޮށްލައިފި އެވެ.

"މަންމަ ކިހިނެއް؟" ރަމްޝާ ހިނިތުންވުމެއް ވެރިކޮށްލާފައި ގޮސް ގުލްނާރު ގާތަށް ހުއްޓުނެވެ.

"ރަނގަޅު. މަންމަ މި އައީ ރަމްޝާއާ މުހިންމު ވާހަކައެއް ދައްކައިލަން..." ގުލްނާރު ޖަވާބުދީފައި ދެވަނަ ޖުމްލަ ބުނުމުގެ ކުރިން ފީރޯޒާއަށް ނަޒަރެއްދިނެވެ. އެ އިޝާރާތުން ރަމްޝާއަށް އެއްޗެއް ވިސްނުނެވެ.

އޭނަ ގުލްނާރު އަތުގައި ހިފައިގެން ގެންގޮސް ކޮޓަރިއަށް ވެއްދި އެވެ. ކުރެވުނު ކަންތަކާއިމެދު ކަންބޮޑުވީ ކޮޓަރިއަށް ވަންފަހުންނެވެ. ގުލްނާރު ކަހަލަ މީހަކަށް އޭނަގެ ކުޑަ ކޮޓަރިގަނޑު ފެނުމުން ލަދުގަންނަގޮތްވެއްޖެ އެވެ. ނަސީބަކުން ގުލްނާރު އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. ވަށައިގެން ލޯ ހިންގާލައިފައި ގޮސް ބަންކް ބެޑްގެ ތިރީ އެނދުގައި އިށީނދެފައި ކައިރީ އޮތް ހުސްތަނުގައި އަތުން ޖަހާލީ ރަމްޝާ އެތާ އިށީންނަން ކޮށްލި އިޝާރާތެއްގެ ގޮތުގަ އެވެ. މައިދައިތަ އެދުނުފަދައިން ރަމްޝާ ކައިރީގައި އިށީނދެލި އެވެ.

"މަންމައަކަށް ނޭނގެ ރަމްޝާ ކައިރީ މިވާހަކަ ދައްކާނެ ގޮތެއްވެސް. މަންމަ ބުނަން އޮތްހާވެސް އެއްޗަކީ ޔޫޝައުގެ ވާހަކަ އަހާފައި މަންމަ މިއިނީ ވަރަށް ލަދުގެންފައޭ..." ގުލްނާރު ރަމްޝާގެ އަތްތިލައިގައި ހިފާލައިފައި ވާހަކަދައްކަމުން އިސްޖަހައިލި އެވެ.

އެވާހަކަ އަހާފައި ރަމްޝާގެ ހިތް ތެޅިގަތެވެ. ޔޫޝައު ގުލްނާރުއަށް ކިޔައިދިނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

"މަންމަ ނުބުނާނަން ޔޫޝައުއަށް މާފުކުރާކަށް. އޭގެ ބަދަލުގަ މަންމަ ބުނާނީ ރަމްޝާ ކަންތައް ތިކުރީ ހަމަ ރަނގަޅަށޭ. ޔޫޝައު އަދި ދެރަވާނެ ތިކަހަލަ ކުއްޖަކު ގެއްލުނީމަ. ޖަވާހިރެއްގެ އަގު އެނގޭނީ ގެއްލުނީމައޭ ބުނެއެއްނު...." ގުލްނާރުއަށް އަސަރުކޮށްފައިވާ ވަރު ލޮލުން ހާމަވި އެވެ. ރަމްޝާއަށް އިނދެވުނީ ޤަބޫލުކުރަން ދަތިވެފަ އެވެ. އެވަރުންވެސް އޭނަގެ ދޫ ހަރަކާތެއް ނުކުރި އެވެ. ޔޫޝައު ކިޔައިދީފައި ވަނީ ކިހާ މިންވަރަކަށްކަން ނޭނގި އަނގަހުޅުވާކަށް ބޭނުމެއްވެސް ނުވި އެވެ.

އޮފީސް ނިންމާލައިފައި އައިމަގުމަތީގައި އަނބިމީހާގެ ގެ ހުންނަ މަގަށް ނިކުތް ޔޫޝައުއަށް ފެނުނީ މަންމަ އެގެއިން ނިކުމެގެން އަންނަތަނެވެ. ވަގުތުން އޭނަގެ ހިތް އަވަސްވި އެވެ. މަންމަ އެންމެ އިރުކޮޅަކުވެސް މަޑުކުރުމެއްނެތި ، އެތަނަށް އައިސް ކައިރިކުރި ކާރަށް އަރައިފި އެވެ. ޔޫޝައު ފޯން ނަގައިގެން ރަމްޝާގެ ނަންބަރަށް ގުޅާފައި ގެނެސް ކަންފަތުގައި ޖެހި އެވެ. ރޭ އޭނަ މަންމައަށް ހަޤީޤަތް ކިޔައިދިނުމުން ނިކުމެގެން ދިޔައީ ނުހަނު ހިތްހަމަނުޖެހުމާއި މޮޅިވެރިކަމާއެކުގަ އެވެ. ދުވަހަކު މަންމަ އޭނައާ މުޚާތަބުނުކުރާފަދައިން މުޚާތަބުކުރި އެވެ. އޭނަގެ ސަބަބުން ޚާންދާނަށްވެސް ހުތުރުވެއްޖެ ކަމުގައި ބުނެލި އެވެ.

ރަމްޝާ ފޯނު ނުނެގުމުން އެގެއަށް ވަންނާނެ ހިތްވަރު ނުލިބިގެން ޔޫޝައު އެނބުރި އައީ ގެއަށެވެ. ރޫބީ ފެނިގެން މަންމަ ކޮބައިތޯ އެހުމުން އިޝާރާތްކުރީ މައްޗަށެވެ. ހެދުން ބަދަލުކުރުމެއްނެތި އޭނަ ގޮސް މަންމަގެ ކޮޓަރި ދޮރުގައއި ޓަކި ޖަހާލައިފައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ހުޅުވާލައިފި އެވެ.

"ޔޫޝައު ވަދެބަލަ އެތެރެއަށް!" ބައްޕަގެ ބަރު އަޑު އިވިފައި ޔޫޝައުގެ އަތްފައި ފިނިކޮށްލައިފި އެވެ.

ކުށެއް ކޮށްފައި އަތުލައިގަނެވިފައިވާ ކުށްވެރިއަކު ފަދައިން އޭނަ ގޮސް ސޯފާކައިރިއަށް ހުއްޓުނެވެ.. ގުލްނާރު އިސްޖަހައިގެން އިންއިރު ދާދި ގާތުގައި ޖަލާލު އިނެވެ. އޭނަ އައުމުގެ ކުރިންވެސް ދެމީހުން ތިބީ ސީރިއަސް ވާހަކައެއްގައިކަން ދޭހަކޮށްދިނެވެ. އިސްއުފުލާލައިފައިވެސް ބައްޕައާ ހަތަރުކަޅި ހަމަވުމުން ޔޫޝައުއަށް ޖެހުނީ އިސްއޮބައިލާށެވެ. އޭނަ މިއަދު އެހުރީ އެކަކާއިވެސް ހަތަރުކަޅި ހަމަކުރަން ކެރޭފަދަ ހާލަތެއްގައެއް ނޫނެވެ.

"މަންމަ އެކިޔަނީ ތެދުވާހަކައެއްތަ؟" ޖަލާލު ބޭނުންވީ ޔޫޝައުގެ ދުލުން ބުނާ އަޑު އަހައިގެން އިތުރަށް ޔަޤީންކުރާށެވެ.

އެމޫނަށް ހުއްޓިފައިވާ ބައްޕަގެ ތޫނު ނަޒަރުން އޭނަގެ މޫނުގައި އަންދައިލަފާނެ ކަހަލަ އެވެ. ބައްޕަ މިހާ ނުރުހުންވެފައި އިންދާ މުޅި ހަޔާތުގައިވެސް ދެކުނު ހަނދާނެއް ނުވި އެވެ. ކުޑަކޮށް އިސްއުފުލައިލުމަށްފަހު އެހާމެ އަވަހަށް އިސްއޮބާލައިފައި ޔޫޝައު ބޯޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ވާހަކަދައްކާނެ ހިތްވަރެއް އޭނަގެ ކިބައަކު ނުވި އެވެ.

"ކައިވެންޏަކީ ކުޅޭ ކުޅިވަރެއްތަ؟" ބައްޕަގެ އަޑު ކުއްލިއަކަށް ބާރުވިގޮތުން ޔޫޝައުގެ މޭގަނޑަށްވެސް ގުޑުން އެރި އެވެ. ކައިރީގައި އިން ގުލްނާރުވެސް ސިހިފައި ތެޅިގަތެވެ.

"ވާވަރު ވެއްޖެ މިހާރު. ދެން ތިކުޅިގަނޑު ހުއްޓާލާ! އެމަންޖެ ވަރިއަށް އެދެންޏާ ވަރިކޮށްދީ! އެހުންނަނީކީ ގަދަކަމުން ދެމެހެއްޓޭނެ ގުޅުންތަކެއް ނޫން.. ފަހުން އާއިލާ ބަދުނާމުކުރަން ފުރުސަތު ނުދީ ބުނާ އަދަދަކަށް ފައިސާދީފަ އަނގަބަންދުކުރަން ހަނދާންކުރާތި!" ޖަލާލު ފަހު ބަސް އިއްވާފައި ތެދުވެގެން ހިނގައިގެންފި އެވެ. އޭނަ އެތަނުން ނިކުތުމުގެ ހުއްދަ ލިބުނީކަން އެނގުމާއެކު ޔޫޝައު ނިކުންނަންވެގެން އެނބުރުނެވެ. ގުލްނާރު އަނގަމަތީ އަތް އަޅައިގެން އިނީ ރޮވިފަ އެވެ..

ފިނިވެފައިވާ ދެފައިން ހިނގާލައިފައި ގޮސް ކޮޓަރިއަށް ވަދެވުމާއެކު ވާގި ހުސްވާހެން ހީވެގެން ޔޫޝައުއަށް ސޯފާއަށް ވެއްޓިގަނެވުނެވެ. އޭނަގެ ސިކުނޑީގައި ގުގުމަން ފެށީ ބައްޕަގެ ފަހު ބަސްކޮޅެވެ. ރަމްޝާގެ ދޫކޮށްލުމުގެ ހިޔާލުން އޭނަގެ މޭގައި ރިހުމެއް އުފެދިއްޖެ އެވެ. ބައްޕަގެ އެ ލަފައާއި ހިތް އެއްބަހެއް ނުވި އެވެ ކައިވެންޏެއް ކޮށްފައި ވަރިކޮށް އެއްލައިލުމަކީ ހަމަ އެހާ ފަސޭހަކަމެއް ހެއްޔެވެ؟ އެކައިވެނީގައި އެކުގައި ހޭދަކުރެވުނު ދުވަސްތަކުގެ އެއްވެސް މާނައެއް ނުވަނީ ހެއްޔެވެ؟ އެކަމަކު އޭނަފަދަ މީހަކު އެފަދައިން ހިޔާލު ކުރުމަކަށްވެސް ކުފޫ ހަމައެއްނުވެ އެވެ. އޭނަ އެއީ ކައިވެންޏަކީ ކުޅި ކުޅިވަރަށް ހެދި މީހެކެވެ. ރަމްޝާއަކީ ހަމައެކަނި ހަތިޔާރެކެވެ. އަދި އޭނަގެ މަންޒިލަކީ ޖޫޒަން އެވެ. އެކަމަކު ރަމްޝާއާ އޭނަ ގަޔާނުވެއޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. އަދި އެކުގައި ހޭދަކުރެވުނު ވަގުތުތަކަކީ ބޭކާރުވެގެން ދިޔަ ވަގުތުތަކެއްކަމުގައެއް އޭނައަށް ޤަބޫލެއް ނުކުރެވެ އެވެ.

***

މެންދުރުވާން ކައިރިވެފައި ގެއަށް މީހަކު އައި އަޑު އިވުނެވެ. ޖޫޒަން އަވަސް އަވަހަށް ދުވެލާފައި ގޮސް ކޮޓަރި ހުޅުވައިގެން ބޯދިއްކޮށްލީއިރު ގެއަށް ވަނީ މެދު އުމުރަށްދާ އަންހެނެކެވެ. ހަމަ ފެނިފައި ބިދޭސީއެއްކަން އެނގުނެވެ. ޖޫޒަންއަށް ވައްތަރުވީ ޔޫޝައުމެން ގޭގައި ކައްކަން އުޅޭ މީހާ އާއެވެ. އެމީހާގެ ދައްތައެއް ނޫނީ ކޮއްކޮއެއް ކަމަށް ވެދާނެކަމުގައއި ޤަބޫލުކުރެވުނެވެ. އަތުގައިގައި ހުރި ކޮތަޅުތައް ހިފައިގެން އަންހެންމީހާ ވަނީ ބަދިގެއަށެވެ. ޖޫޒަން ފަހަތުން ދިޔައިރު ފފްރިޖަށް އެއެއެއްޗެހި އަޅަނީ އެވެ. އޭނަ ފެނުމުން ސަލާމް ގޮވާލައިފައި އިސްވެ ވާހަކަދައްކަން ފެށި އެވެ. ގެއަށް ބޭނުންވާ އެއްޗެހީގެ ލިސްޓެއް ތައްޔާރުކޮށްފައި ފްރިޖް ދޮރުގައި ހަރުކޮށްފައި ބެހެއްޓުމުން އޭނަ ގަނެގެން ގެނެސްދޭނެ ވާހަކަ ބުންޏެވެ. މެންދުރަށް ކައްކަން ވީ އެއްޗަކާއި ބެހޭގޮތުން އެހުމުން ޖޫޒަންއަށް ފުރަތަމަ ފާޑަކަށް ބަލަން ހުރެވުނީ އެވެ. އަންހެންމީހާ އަނގަ ހުއްޓާނުލާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. ކައިދަން ގެއިން ކާނީ ވަރަށް މަދު ދުވަހަކު ކަމަށާއި ގެއިން ކާން ބޭނުންވެއްޖެނަމަ ކުރީގައި ބުނާނެ ކަމަށެވެ. އެކަމަކު އޭނަ އައުމުން ކޮންމެ ވަގުތެއްގެ ކެއުން ގޭގައި ތައްޔާރުކުރަން އިރުޝާދު ދީފައިވާ ކަމަށެވެ.

ކައްކާނެ އެއްޗެހި ކިޔައިދީފައި ނިކުމެ ސޯފާގައި އޭނަ އިނީ ކުރާނެ ވަކި ކަމެއް ނެތިފަ އެވެ. ފޫހިވެގެން ދާނެ ތަނެއް އޭނަގެ ހިތަކަށް ނައެވެ. ބައްދަލުކުރާނެ އެކުވެރިއަކު ނެތެވެ. މަޤްސަދު ހާސިލްވުމުން ނަދާމަތިން އޭނަ ހަނދާން ވެސް ވަނީ މަދުފަހަރެއްގަ އެވެ. ޓީވީ އަޅުވާފައި ހުރި ނަމަވެސް އެއިން ފެންނަ އެއްޗަކަށް ސަމާލުކަމެއް ނެތެވެ. ސިކުނޑީގައި ވީ އެންމެ ސުވާލެކެވެ. ކުއްލިއަކަށް އޭނަގެ ދިރިއުޅުމަށް މިވީ ކިހިނެތް ހެއްޔެވެ؟ އޮއެއް ވައެއް ނެތް މާސިންގާ ކަނޑުގައި އޮތް ލަކުނޑިގަނޑެއްގެ މަތީ އޮވެވޭފަދަ އެވެ. ވައިރޯޅި ހިނދިފައި ވުމުން އޭގެ މިސްރާބު ވަނީ ހުއްޓިފަ އެވެ. އަދި ދުރުދުރަށް ދަންދެންވެސް އެއްވެސް މަންޒިލެއް ފެންނާކަށް ނެތެވެ. ހުރިހާ ކަމެއްވެސް މިވީ ކައިދަންގެ ސަބަބުންނެވެ. އޭނަ އެހާ ރީތިކޮށް އަޒީމް ހިމަނައިގެން ތައްޔާރުކުރި ޕްލޭންގެ މެދަށް ކައިދަން އައިސް ފުންމައިލީ އެވެ.

ވިސްނަން އިނދެގެން ޖޫޒަން އެނބުރި ގެސްޓްރޫމާއި ދިމާއަށް ބަލައިލި އެވެ. ކައިދަން ރޭވެސް ހިތް ފުރުމުން ނިދަންވުމުން އޭނަ އެކަނިކޮށްލާފައި ކޮޓަރިން ނިކުމެގެން އައިސް ނިދީ އެތާގައިކަން އޭނައަށް ޔަޤީނެވެ. އެހެން ހިތަށްއަރާފައި އޭނަ އިންތަނުން ތެދުވެގެން އެދިމާއަށް ހިނގައިގަތެވެ. ތަޅުގައި ހިފާލިއިރު ތަޅުލާފައެއް ނޫނެވެ.

ޖޫޒަން މަޑުމަޑުން ދޮރު ހުޅުވާލައިފައި ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި އެވެ. އެއީ އޮފީހެއްގެ ގޮތުގައި ކައިދަން ބޭނުންކުރާ ތަނނެކެވެ. ލަކުޑިކުލައިގެ ފުޅާ ޑެސްކެއްގެ ފުރަގަހުގައި ހައިބަތު ހުރި ބޮޑު ގޮނޑިއެއް ހުއްޓެވެ. އެއްބިތުގައި ޖައްސާފައިވާ ހަރެއްގގައި ފައިލްތަކާއި ފޮތްތައް ޖަހާފަ އެވެ. ތަންކޮޅެއް ދުރުގައި އަރާމު ސޯފާސެޓަކާއި އޭގެމެދުގައި ކުޑަ މޭޒެކެވެ. ބެލްކަނީގެ ބަދަލުގައި ބޭރު ފެންނަން ހުރީ ބިއްލޫރި ފާރަކުންނެވެ. ފޮތިގަނޑު ކުޑަކޮށް ކަހާލައިފައި ހުރުމުން ބޭރުން އެޅިފައިވާ އަލިފިޔަވައި އިތުރު އައްޔެއްނުވެ އެވެ. ސޯފާގައި ނިދާލައިފައި އޮތް ކައިދަން އޭނަގެ ލޮލުގައި ފުރަތަމަ އަޅައިނުގަތީ އެހެންވެ އެވެ.

އޭނައަށް ކައިދަން ފެނުނީ ވަދެގެން ތަންކޮޅަކަށް ދިޔަފަހުންނެވެ. ކުޑަކޮށް ސިހުމާއެކު ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އެކަމަކު ކައިދަން އޮތީ ނިދާފައިކަން އެނގުމުން ހަމަޖެހިލެވުނެވެ. ހަށަން ބަނދެލައިގެން އުއްޑުން އޮތްއިރރު ދުނިޔޭގެ ހިޔާލެއް ފިކުރެއް ނެތްފަދަ އެވެ. ޖޫޒަންއަށް ފަރުވާވެ ބަލަން ހުރެވުނެވެ. ނިދާފައި އޮންނައިރު ޑެވިލް ވެސް މައުސޫމު ކުލަ ޖަހަނީތާއޭ ހިތަށްއެރި އެވެ. ހޭލާހުންނައިރު އެމޫނަށް ބަލަން ގިނައިރު ހުރެއްޖެނަމަ ފިއްސާލަފާނެ ކަމުގެ ބިރުން ނަޒަރު ވަކިކޮށްލަންޖެހެ އެވެ.

"ކޯއްޗެއް ތިބަލަނީ؟" ކައިދަންގެ އަޑުން ޖޫޒަންގެ މޭގަނޑު އަނގައަށް އައިކަހަލަ އެވެ.

ލޯ ހުޅުވާލައިލިތަން ފެނުމުން ކުރިއަށްވުރެ ބިރުގަތެވެ. ފަހަތަށް ޖެހިލިވަގުތު ޖެހުނީ ކައިރީގައި ހުރި މޭޒުގަ އެވެ. ފަޔަށް ތަދުވީ ވަރުން އާހެއްގެ އަޑު އިއްވައިލެވުނެވެ. ކައިދަންގެ ނަޒަރު އޭނަގެ ފަޔަށް ދަތުރުކޮށްލާފައި ދާދި އަވަހަށް މޫނަށް ހުއްޓުނެވެ.

"ވެން އާ ވީ ގޯއިން ޓު ޓޯކް އެބައުޓް ދަ އެލެފެންޓް އިން ދަ ރޫމް؟" ޖޫޒަން ހަށަން ބަނދެލާފައި ސާބިތުކަމާއެކު އެހި އެވެ.

ކައިދަން ބުމަ ކައިރިކޮށްލީ އޭނަ އެކިޔާ އެއްޗެއް ނޭނގިގެން އުޅެނީއޭ އޭނައަށް ވިސްނަދޭން ކަހަލަ އެވެ. ނޫނީ ނުރުހިގެންނެވެ. އޭނައަށް އެނގޭ އެއްޗަކީ ކައިދަންއަށް އޭނަ އެކިޔާ އެއްޗެއް ނޭނގި ނުހުންނާނެ ކަމެވެ. އަދިވެސް އެއުޅެނީ ނޭނގޭކަމަށް ހެދިގެން ހުންނަން ހެއްޔެވެ؟

"އަދިވެސް ވާހަކަ އޮއްބާލައިގެން ހުންނަންތަ ގަސްތުކުރަނީ؟ އަހަރެން މިދައްކަނީ ކައިދަންގެ ލިޓްލް ސިސްޓަރ މައިނާގެ ވާހަކަ.." ޖޫޒަންގެ ޖުމްލަ ނިމުނުއިރު ކައިދަން ތެދުވެ ހުރީ ކޮޅަށެވެ. އެމޫނުގެ ކުލަވަރު ބަދަލުވީގޮތުން ޖޫޒަން ކުޑަކޮށް ޖެހިލުންވިއެވެ. ކައިދަން އަތް އިސްކުރިއަސް އޭނަ ސަލާމަތް ކުރާނެ މީހަކު ނާންނާނެ އެވެ. އެވަގުތު ކައިދަން ރައްދު ދިނުމެއްނެތި ދޮރާއި ދިމާއަށް ހިނގައިގަތުމުން އޭނައަށް އިތުރަށް ވާހަކަދައްކަން ހިތްވަރު ލިބުނެވެ.

"މައިނާ ވޯޒް ނޯ ސެއިންޓް. އަހަރެން މީ ނުބައި މީހެއްވިއްޔާ މައިނާ އަކީ ވެސް ވަކި ސަހަލު އަންހެންކުއްޖެކޭ ނުބުނެވޭނެ. އެހެންމީހުންނާއި ދިމާއަށް އިނގިލި ދިއްކުރުމުގެ ކުރިން ފުރަތަމަ އަމިއްލަ ކޮއްކޮގެ ކްލޯސެޓް ހުޅުވާފަ ސްކެލެޓަން ހުރިވަރެއް ބެލިއްޔާ ރަނގަޅުވާނެ..." އަޑަށް ބާރުލާފައި ޖޫޒަން ގޮވި އެވެ.

ދޮރާ ހަމައިން ކައިދަން ހުއްޓުމުން އަނެއްކާވެސް ހިތް އަވަސްވެލައިފި އެވެ. ދެން ފެނުނީ ދޮރު ލައްޕާލައިފައި ތަޅުލީތަނެވެ. ޖޫޒަންގެ މޭގަނޑު އެކީ ފިނިވެގެން އައެވެ. ކައިދަން އެނބުރިލާފައި ގާތަށް އަންނަން ފެށުމުން ހަށަން މޮހާލައިފައި ބިރެއް ފެނިގެން ބަލާމީހަކު ފަދައިން ބަލަން ހުރެވިއްޖެ އެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular