3 Aug 2020

By: Mariyam Yasma

ދޮރާ ހަމައިން ކައިދަން ހުއްޓުމުން އަނެއްކާވެސް ހިތް އަވަސްވެލައިފި އެވެ. ދެން ފެނުނީ ދޮރު ލައްޕާލައިފައި ތަޅުލީތަނެވެ. ޖޫޒަންގެ މޭގަނޑު އެކީ ފިނިވެގެން އައެވެ. ކައިދަން އެނބުރިލާފައި ގާތަށް އަންނަން ފެށުމުން ހަށަން މޮހާލައިފައި ބިރެއް ފެނިގެން ބަލާ މީހަކު ފަދައިން ބަލަން ހުރެވިއްޖެ އެވެ.

ކައިދަން އައިސް ސޯފާގައި އިށީނދެލާފައި އެއްފައި ނަގައި އަނެއްފައިމައްޗަށް ހުރަސްކޮށްލައިގެން ހަމަޖެހިލި އެވެ. އެއް އަތް އަތްގަނޑު މަތީ ބާއްވާލައިފައި އަނެއް އަތް ލެނގޭ ބައިގެމަތީ ދިގު ދިގަށް ބޭއްވި އެވެ. ހީވީ މާ ގަޔާވާ ވާހަކައެއް މީހަކު ކިޔައިދޭތީ އަޑުއަހަން އައިސް ޖައްސައިލި ހެންނެވެ. އެ މޫނުގައިވި ހަމަޖެހުން ޖޫޒަން އިތުރަށް ނުތަނަވަސްކުރި އެވެ. އެހެން ހިމޭނުން އިނދެފައި ކައިދަން ކޮށްލާނީ ކީއްކަން ލަފާކޮށްލާކަށް ނޭނގޭނެ އެވެ.

"ޓޯކް!" ކައިދަން އެންގި އެވެ.

ޖޫޒަންއަށް އަދިވެސް ބަލަން ހުރެވުނީ ޝައްކެއްގެ މަތީގަ އެވެ. ކައިދަން އެއައީ އޭނަ ދެންމެ އެދުނުފފަދައިން މައިނާގެ ވާހަކަދައްކަން ކަމަށް ވާނަމަ ދޮރުލައްޕާފައި ތަޅުލީ ކީއްވެ ހެއްޔެވެ؟

"މައިނާ ވޯޒް އެ ބުލީ..." ޖޫޒަން އިށީންނަން ނުހަދާ ވާހަކަދައްކަން ފެށި އެވެ.

ކައިދަންއަށް އެޖުމްލައިން އަސަރެއް ކުރިކަމުގައިވިއަސް އެކަމެއް މޫނަކުން ނުފެނެ އެވެ. ހީވީ ނުހަނު އާދައިގެ ވާހަކައެއް އޭނައަށް ބުނެވުނު ހެންނެވެ. ވާހަކަ ކުރިއަށް ގެންދަން އޭނައަށް އުދަނގޫވީ އެހެންވެ އެވެ. ބުނެވޭ އެއްޗަކުން ކައިދަން ކޮށްފާނެ ކަމަކާ މެދު ކަންބޮޑުވާން ފެށި އެވެ.

"އަހަރެން ހަމައެކަނި ކުރިކަމަކީ މައިނާއާ ދެކޮޅަށް ތެދުވުން. އޭނަގެ ބުލީކުރުމަށް އެއާ އެކަށީގެންވާ ޖަވާބު ދިނުން.." ޖޫޒަން އިތުރަށް ބުނެލި އެވެ.

"އިން ދެޓް ކޭސް... އަހަރެން ވެސް ވީ ޖޫޒަން މަރާލަންތަ؟" ކައިދަން ކަމަކާ ވިސްނައިލާފަދައިން ދަތްދޮޅިއާދިމާއިން ތުނބުޅި ކަހާލައިފައި ސުވާލުކޮށްލި އެވެ.

ޖޫޒަންއަށް ތެޅިގެންފައި އެމޫނަށް ބަލައިލެވުނެވެ. ކައިދަން އޭނަ މަރައިލަފާނެ ހެއްޔެވެ؟

"އެންމެރަނގަޅު އަހަރެންވެސް އެއްބަސްވަން ބުލީ ކުރުމަކީ ޖަސްޓިފައި ކުރެވެން ނެތް އަމަލެއްކަން. ސޯ އިޒް މާޑަރ.." ކައިދަން ފައި ތިރިކޮށްލާފައި ކަކޫމަތީ ދެއަތް އަޅާލަމުން ސީޓުގެ ކުރިއަށް ޖެހިލި އެވެ. އެލޮލުން ކުއްލިއަކަށް ހާމަވާންފެށި އަލިފާނުގެ ހޫނު ދުރުގައި ހުއްޓަވެސް އޭނައަށް ކުރި އެވެ. އިސާހިތަކު އޭނަ ދާހިތްލަން ފަށައިފި އެވެ.

ފަހަތުގައި މޭޒު ހުރުމުން ޖޫޒަން ފަހަތަށް ޖެހިލަން އުޅުނުވަގުތު އޭނައަށް އިށީނދެވުނީ މޭޒުމަތީގަ އެވެ.

"އަހަރެން މައިނާ މަރައެއްނުލަން..." ޖޫޒަން އަކުރުތަކަށް ބާރުލައިފައި ދެކޮޅުހެދި އެވެ.

"އެކަމަކު އޭނަގެ ބުރަކަށީގައި އަތް އަޅާ މަރުގެ ތުންފަތްމައްޗާ ހަމައަށް ގެންގޮސްދިނީމެއްނު. އަދި ބުނީމެއްނު އަމިއްލަ މަރުވާށޭ ވެސް..." ކައިދަން ކުއްލިއަކަށް މޭޒުގައި މުށްކަވާފައި ޖެހިގޮތުން ޖޫޒަން ދިޔައީ ސިއްސައިގެންނެވެ. ރުޅިއައިސްގެން އޭނަ ހިތަށް އައި އެންމެ ނުބައި ބަހުރުވައިން ރައްދުދިނެވެ.

"ކަމް އަގެއިން!" ކައިދަންގެ އެ ޖުމްލައަކީ އިންޒާރެކެވެ. އަދި ޗެލެންޖެކެވެ. ޖޫޒަންއަށް އެކަން އެނގުނެވެ. އެކަމަކު އޭނަ ހުރީ އެހިސާބުން ފަހަތަށް ޖެހޭކަށް ނޫނެވެ. ބަލިކަށިކަމަކީ އޭނަ ދުވަހަކުވެސް ނުދައްކާނެ ސިފައެކެވެ.

"އައި ސެޑް. ** ޔޫ..ކައިދަން!" ކައިދަންގެ ލޮލަށް ބަލަން އިނދެގެން ޖޫޒަން ޖަވާބުދިނެވެ.

ބަލަބަލާ އިންދާ އެލޮލުގައިވި ސީރިއަސްކަމުގެ ތެރެއަށް އެހެން ކުލައެއްވެރިވި އެވެ. މޭޒުމަތީ އޮތް އަތް އުފުލާލައިފައި ޖޫޒަންގެ ދަތްދޮޅީގައި ހިފާލިގޮތުން އޭނައަށް ތެޅިގަނެވުނެވެ. ނޭވާ ނުލާ އިންދާ ކައިދަން ބޮޑުވައި އިނގިލި ހިންގައިލީ ޖޫޒަންގެ ތިރީ ތުންފަތުގަ އެވެ.

"ދިސް ފައުލް މައުތު އޮފް ޔުއާސް... ޑޫ ޔޫ ނޯ ވެން އިޓްސް ލުކްސް ބެސްޓް؟" ކައިދަންގެ އަޑު ކުރިއަށްވުރެ ބަރުވި އެވެ.

ޖޫޒަންގެ މޫނަށް އޭނަ ބަލަމުންދިޔައީ ކޮންމެހެން އެސުވާލުގެ ޖަވާބު ބޭނުންވެގެން ނޫންކަން އޭނައަށް އެނގުނެވެ. އަދި އޭނަ ކޮންމެ އެއްޗެއް ބުންޏަސް ކައިދަން އެހުރީ އޭނައަށް ޖަވާބު އިއްވަން ތައްޔާރުގަ އެވެ. އޭނަ ޖަވާބުދޭންވެގެން ޖޫޒަންގެ ކަންފަތާ އަނގަ ކައިރިކޮށްލުމުން އެ ނޭވާގެ ހޫނު އިހްސާސްވެފައި އަތުން ހީބިހި ނަގައިގަތެވެ. އަދި ކައިދަންގެ ޖަވާބު އިއްވުމާއެކު މުޅި މޫނު އެކީ ރަތްވެގެން އައެވެ.

"މަށަށް އޭރު ވެސް އެނގުނޭ ދޮރުތަޅުލާފަ ތިއައީ ވާހަކަދައްކާކަށް ނޫންކަން..." ޖޫޒަން ކައިދަންގެ މޭގައި އަތް އަޅާ ދުރުކޮށްލަމުން ނުރުހުމާއެކު ރައްދުދިނެވެ.

"ސްމާޓް ގާރލް! ނައު އޮން ޔޯ ނީސް!" ކައިދަން ނުލަފާ ވައްތަރަކަށް އެއްމިޔަކަނުން ހީލާފައި ފަހަތަށް ޖެހިލައި އަނެއްކާވެސް ސޯފާގައި ރަނގަޅަށް ލެނގިލައިގެން ހަމަޖެހިލި އެވެ. އައިސްފައި ހުރި ރުޅީގައި ނިކުމެގެން ދާން ބޭނުންވިއަސް ޖޫޒަންގެ ހަށިގަނޑު އެކަމަކަށް އިޖާބައެއްނުދިނެވެ. އެދެފައި އޭގެ އަމިއްލަ އިޚުތިޔާރެއްނެތި ދާންފެށީ ކައިދަންއާ ގާތަށެވެ.

"ކީއްވެ އަހަންނާއި މެރީކުރަން ބޭނުންވީ؟ ހަމައެކަނި ރިވެންޖް ނަގަންތަ؟" ޖޫޒަން ދެކަކޫ ޖަހައިގެން ކައިދަންގެ ކުރިމަތީ އިށީނދެލާފައި ކައިދަންގެ ކަކުލާއި ހަމައިން ފެށިގެން މައްޗަށް ދެއަތްތިލަ ގެންދަމުން ސުވާލުކުރި އެވެ. ކައިދަން ކިތަންމެ ފުއްޕާފައި އުޅުނަސް ކައިދަންގެ މައްޗަށް އޭނައަށް ކޮންޓްރޯލް ހޯދޭނެ އެއްވަގުތު ވެއެވެ. އަދި އޭނަ އެހެރީ އޭގެ ބޭނުން ރަނގަޅަށް ހިފަންވެގެންނެވެ.

"ކިހިނެއްވީ؟ ހީކުރީ ޖޫޒަންއަށް އެކަނިކަމަށްތަ ރިވެންޖް ނަގަން އެނގެނީ؟" ކައިދަން އޭނަގެ އެއްއަތްތިލައިގައި ހިފާ އުފުލާލައިފައި ގެންގޮސް ބޭއްވީ އޭނަ ބޭނުންވާ ހިސާބުގަ އެވެ. ކައިދަން އޭނައަށް ބޭނުންވެފައިވާވަރު އެނގުމުން ޖޫޒަންގެ ހިތް ވެސް އިތުރަށް އަވަސްވެލައިފި އެވެ.

"ކިހިނެއް އަހަރެންގެ ޒާތީ ދިރިއުޅުމުގެ ހުރިހާކަމެއް ހޯދީ؟" ޖޫޒަން އިތުރަށް ސުވާލުކުރި އެވެ.

"ޕްރައިވެޓް އިންވެސްޓިގޭޓަރ..." ކައިދަން ޖަވާބުދިނީ ލޯމަރާލައިގެން އިނދެ އެވެ. ޖޫޒަން އެމޫނަށް ބަލަން އިނދެފައި ތިރީ ތުންފަތުގައި ދަތް އަޅައިލި އެވެ. އޭނަ އަދި ކުރަން ބޭނުންވާ އެއްސުވާލު އެބައޮތެވެ. "އެން ދަ ގާރލް ހޫ ޕްރެޓެންޑެޑް ޓު ބީ މައިނާ. އެއީ ކާކު؟"

ކައިދަން ކުއްލިއަކަށް ލޯ ހުޅުވައިލި އެވެ. "ހާދަ އަވަހަށް ހުރިހާކަމެއް އޮޅުންފިލުވަން ތިއުޅެނީ. އަދި ކެތްކޮށްލާ. ވަގުތުޖެހުނީމަ އެނގޭނެ އެއީ ކާކުކަން..."

ކައިދަން ދިން ޖަވާބު ޖޫޒަންއަށް ކަމަކުނުދިޔަ އެވެ. އޭނަ ހިތްހަމަނުޖެހުނުކަން މޫނުން ދައްކާލައިފައި ވެސް މަސައްކަތް ކުރިއަށް ގެންދިޔަ އެވެ.

"އަދި އެއް ސުވާލު؟ ވަޓް އާ ޔޫ ގޯއިން ޓު ޑޫ؟" ކައިދަންގެ މޫނުން ހިތްހަމަނުޖެހުން ފެންނަން ފެށުމުން އެވަގުތަށް އެވާހަކަ ހުއްޓައިލަންވެގެން ޖޫޒަން ފަހު ފަހަރު އެހި އެވެ.

"ގިއްމީ ދެޓް ޑޭމް މައުތު!" ކައިދަން ކެތްތެރިކަން ކުޑަވެފައި އަމުރުކޮށްލި އެވެ.

"ބަދަލުހިފަން ކުރާ ކަމެއް އަހަންނަށް ކުރޭ. ލީވް ރަމްޝާ އައުޓް އޮފް އިޓް!" ޖޫޒަން އެވަރުން ވެސް އޭނަ ބުނަން ބޭނުންވި ވާހަކަ އިއްވާލި އެވެ. އެވަގުތު ކައިދަންގެ މޫނަށް ވެރިވި ކުލަވަރެއް އޭނައަކަށް ނުފެނެ އެވެ. އަދި އެކުލަވަރު އެމޫނުގައި ހުރީ ފަޅި ސިކުންތެއްހާ ކުޑަ ވަގުތުކޮޅަކަށެވެ.

***

ދެހަފްތާއަށް ކައިދަން ފުރަން އުޅޭ ވާހަކަ ބުނުމުން ޖޫޒަންއަށް ލިބުނީ ފާޑެއްގެ ހަމަޖެހުމެކެވެ. ދެހަފްތާ ވަންދެން ކައިދަންއާ ދުރުގަ އުޅެން ލިބުމަކީ ޣަނީމާ އެކެވެ. އޭނަ ފޮއްޓަށް އެއްޗެހި އަޅައިދޭން އުޅުނީމަވެސް ކައިދަން އެކަން ހުއްޓުވި އެވެ. ކުރާކަމެއް ކުރީ ގޭގަ ގެންގުޅޭ މީހާ ކައިރީ ބުނެގެންނެވެ. ކައިވެނީގެ ގޮށް ޖެހިއެއްކަމަކު އަންބެއްގެ ވާޖިބުތައް އޭނަ ލައްވާ ފުއްދަން ކައިދަން ގަޔާނުވާކަން ފުރަތަމަ ފަހަރަށް އިހްސާސްވި އެވެ. އެންމެ ކަމެއް ފިޔަވައެވެ.

މިޒްނާ ބާރުއެޅީ ދަތުރުގައި ޖޫޒަންވެސް ބައިވެރިކުރުމަށެވެ. އޭނައަށް ލިބުނު އެއްހަފްތާގެ ޗުއްޓީ ނިމޭނެކަން ހާމަކޮށްފައި ޖޫޒަން އަވަހަށް އެކަމުން މަނާވެގަތެވެ.

ކައިދަން ފުރި ދުވަހު ފުރަތަމަވެސް އޭނަ ކޮޓަރިތައް ކޮނެލި އެވެ. ކައިދަންގެ އަލަމާރީގެ ތިރީގައި ހުރި ވަތްގަނޑަކުން އޭނަ އާއި މައިނާ ފުރާވަރުގައި ނަގާފައިވާ ފޮޓޯގަނޑެއް ނޫނީ އެޒާތުގެ އެކައްޗެއްވެސް ނުފެނެ އެވެ. ޖޫޒަން އެފޮޓޯގަނޑު ނަގައިގެން ބަލަން އިންއިރު ދެބެންގެ ސިފަތައް ވައްތަރުކަން ފާހަގަވި އެވެ. ކުއްލިއަކަށް ކަމެއް ހަނދާންވެގެން ތެދުވާހެން އޭނަ ފޮޓޯގަނޑު ހިފައިގެން ގޮސް ބަދިގެއަށް ވަނެވެ. ފްރިޖްގައި ހަރުކޮށްފައި ހުއްޓާ ކުރިން ފެނުނު ފޮޓޯގަނޑު އަދިވެސް އެބަހުއްޓެވެ. ޖޫޒަން އެދެފޮޓޯ އަޅާ ކިޔާލުމުން ޖަވާބުލިބުނެވެ. އޭރު އެފޮޓޯ ފެނިގެން ދަންނަހެން ހީވި ސަބަބު އެނގުނީ އެވެ.

***

ރަތްކުލައިގެ ދެރޮނގުބުރި ފައުޅުވާން ހުރި ޕްރެގްނެންސީ ޓެސްޓް ކިޓަށް ބަލަން ރަމްޝާ ހުރީ ގަނޑުވެފފަ އެވެ. ދެރޮނގުބުރި ފަނޑުވަމުން ގޮސް އެއްރޮނގަށް ވީ އިރުވެސް ގުޑިލާކަށް ނޭނގުނެވެ. އުދަނގޫތަކެއް އޭނައަށް ވާތާ ދެދުވަހެއް ވީ އެވެ. ޕީރިއަޑް ލަސްވުމަކީ އާންމުކޮށް ވާކަމެކެވެ. އެހެންވެ އެއްފަހަރުވެސް މާބަނޑު ވެދާނެ ކަމަކަށް އުންމީދެއްނުކުރެ އެވެ. ސަމާ އެވަރުން ބާރު ނޭޅިނަމަ އޭނަ ޓެސްޓްވެސް ނުކުރީހެވެ. ގަވާއިދުން އޭނަ ބޭސް ވެސް ކެއެވެ. އެހެންވީއިރު ބަލިވެ އިންނަންވީ ކީއްވެ ހެއްޔެވެ؟ ނޭނގިނަމަވެސް ބޭސްނުކައި ދުވަހެއް ވައްޓާލެވުނީ ހެއްޔެވެ؟

ދޮރުގައި ތަޅައިގަތް އަޑަށް ހޭވެރިކަންވެގެން މޫނުދޮންނަ ތަށިމަތީ ކިޓް ބާއްވާފައި އަތް ދޮވެލި އެވެ. ނިކުތްއިރު ފީރޯޒާގެ ދެލޯ ހުރީ ރަތްވެފަ އެވެ. އެތިވަރު ގޮވަން ފެށިގޮތަށް ހުދާ އެތަނަށް ދޫކޮށްލާފައި ނިކުމެގެން ހިނގައްޖެ އެވެ. އެކީ އެއްޗެއްވެސް ރަމްޝާގެ ބޮލަކަށް ނުވަނެވެ. އޭނަގެ ސިކުނޑީގައި ވީ އެންމެ ކަމެކެވެ. ލިބުނު ނަތީޖާ އެވެ.

ހުދާ އުފަލުން ދުވެލާފައި އައިސް ކޮޓަރިތެރޭ ކުރިއްސުރެ އެއްކޮށްފައި ހުރި ކުޅޭ އެއްޗެހިތައް ކައިރީ ކުޅެން ޖައްސާލައިފި އެވެ. ރަމްޝާ ވިސްނާލައިފައި ފޯނު ނެގުމަށްފަހު ގުޅީ ސަމާއަށެވެ. އޭނަގެ ވާހަކަ އަހާފައި ސަމާ ފޯނު ބޭއްވީ އިތުރު ކިޓެއް ގަނެގެން އަންނާނެ ކަމަށް ވަޢުދުވެފަ އެވެ. އެހިސާބުން ރަމްޝާ އިންތިޒާރު ކުރަން ފެށީ އެކުވެރިޔާއަށެވެ.

އެނބުރި ފިރިމީހާގެ ގެއަށް ނުދާނެކަން އެނގުނު ހިސާބުން ފީރޯޒާގެ ކުރީގެ އުޅުން އިއާދަވެއްޖެ އެވެ. ހެސްކިޔާފައި މަސައްކަތް ޖެއްސުމާއި ކުރާ ކޮންމެ ކަމަކާއި ފާޑުކިޔައި ނުވާހާ ކަންތަކުގެ ވާހަކަ ކިޔައިގެން އެތިވަރުގޮވުމެވެ. ރަމްޝާއަކީ ފީރޯޒާ ސްޓްރެސް ފިލުވަން ގެންގުޅޭ ކުއްޖެއްފަދަ އެވެ.

ޔޫޝައުގެ ކޯލްތަކަށް ޖަވާބުދިނުމުން އޭނަ ހުއްޓައިލި ފަހުން ވެސް އެއް މިސްކޯލު ނަމަވެސް ނާންނަ ދުވަހެއް ނާދެ އެވެ. ރަމްޝާ ހިތަށް އަރަނީ އެއީ ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމެއްތޯ ނުވަތަ ނޫންތޯ އެވެ. އެކަމަކު އޭނަ ބަނޑުބޮޑުވެއްޖެނަމަ ޔޫޝައު ފެންނަ ހިސާބަށް ނުދާން ވީ ވަޢުދު ޖެހޭނީ އުވާލާށެވެ. ކޮންމެ ގޮތެއްވިއަސް އޭނައަކީ ބައްޕައަކާއި ދަރިއެއްގެ މެދަށް ހުރަހަކަށް ވެގެން ހުންނާނެ އަންހެނެއް ނޫނެވެ.

"މަރުހަބާ!" ސަމާ ގެނެސްދިން ކިޓްގެ ނަތީޖާ ލިބުމުން އެއަށް ބަލައިލާފައި އޭނަ މުބާރިކްބާދު ދިނެވެ.

ރަމްޝާ ހިނިތުންވެލާފައި ކަނާއަތުން ބަނޑުގައި އަތް ޖައްސައިލި އެވެ. އެވަގުތު އޭނައަށް ކުރެވެމުންދިޔަ އިހްސާސްތައް ބަޔާން ކުރެވޭނެ ގޮތެއް ނެތެވެ. އެންމެ ހާއްސަ ވީ ސިކުނޑީގައި ވި އެތައް ނުތަނަވަސްކަމަކާއިއެކުވެސް ހިތަށް ލިބުނނު އުފާވެރިކަމެވެ. އަދި އެއީ މީން ދުވަހަކު ނުކުރެވޭފަދަ ތަފާތު އުފާވެރިކަމެކެވެ.

"ކޮންއިރަކުން ޔޫޝައު ކައިރީ ބުނާނީ؟" ސަމާ ރަމްޝާގެ އަތުގައި ހިފާލައިފައި ގެންގޮސް އެނދުގައި ބައިންދަމުން ސުވާލުކުރި އެވެ.

"ހޮސްޕިޓަލަށް ގޮސް ޓެސްޓް ހަދާފަ ބުނާނީ..." ރަމްޝާ ގޮތެއް ނިންމި އެވެ. ސަމާއަށްވެސް އެގޮތް ކަމުދިޔަ އެވެ.

***

ރަމްޝާގެ މެސެޖު ޔޫޝައުއަށް ލިބުނީ އޭނަ އޮފީހުގައި ބައްދަލުވުމެއްގައި އިންދަ އެވެ. މެސެޖް ކިޔާލިއިރު ކުރުކުރު ދެލަފްޒެވެ. "އައިމް ޕްރެގްނެންޓް." މިއެވެ. އެކަމަކު އެއީ ޔޫޝައުގެ ދިރިއުޅުން ބަދަލުކޮށްލި ދެ ލަފްޒު ކަމުގައިވި އެވެ. އޭނަ ކުއްލިއަކަށް ގޮނޑިން ތެދުވުމުން މޭޒުގެ ވަށައިގެން ތިބި އެންމެންވެސް ބަލަން ފަށައިފި އެވެ. ޔޫޝައު އެއިން އެކަކަށް ވެސް ސަމާލުކަމެއް ނުދެ އެވެ. ބައްޕަގެ މޫނަށް ބަލާލުމަށްފަހު "ސޮރީ" އޭ ބުނެލާފައި އެތަނުން ނިކުމެއްޖެ އެވެ.

ނުނިމޭ

ދިގު ވާހަކަ

Popular