10 Jan 2021

By: Mariyam Yasma

ސިކުންތުކޮޅެއްފަހުން އަނެއްކާވެސް ކައިރިވެލިއެވެ. އިތުރަށް އެނބުރި ދިއުމެއް ނެތެވެ. އިތުރަށް ހުއްޓުމެއް ނެތެވެ. އިތުރަށް ލަސްކުރުމެއް ވެސް ނެތެވެ. ދެން އޮތީ ކުރިއަށް ދިއުމެވެ.

***

ނިދުމަށްވުރެ ގިނަވަގުތު އަނަސް ހޭދަކުރީ ނިދާފައި އޮތް މިރްހާއަށް ބެލުމުގައެވެ. އޭނަ ތެދުވީ ފަތިސް ނަމާދަށް ދާން ފެންވަރައިލާނެ ވަގުތުކޮޅެއް އޮއްވައެވެ. ދަމުން މިރްހާއަށް ގޮވިއެވެ. ހަމަ ގޮވާލުމާއެކު މިރްހާ ހޭލައިފިއެވެ.

"އެބަ އަންނަން މިސްކިތަށް ގޮސްލާފަ. ތެދުވޭ އިނގޭ..." އަނަސް އޯގާތެރިއަޑަކުން ވާހަކަދެއްކިއެވެ.

މިރްހާ ބޯޖަހައިލުމުން އޭނަ ކޮޓަރިން ނިކުމެއްޖެ އެވެ. ދޮރު ލެއްޕުނު އަޑާއެކު މިރްހާ ތެދުވެ އިށީނެވެ. ގަޑި ބަލާލައިފައި އޭނަ އަވަހަށް ރަޖާ އެއްފަރާތްކޮށްލުމަށް ފަހު ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. ވާޖިބު އަދާކޮށްލައިގެން ނިކުމެ ހަސަންގެ ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެގެންދިޔައެވެ. އެނދާ ކައިރިވީއިރު ހަސަން ހިނިއައިސްފައި އޮއްވައި ފެނުމުން އޭނާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެއްޖެ އެވެ.

"މަންމިގެ ޕަމްޕްކިން ހޭލައިގެން ނުވެސްރޮއެ. ހާދަ ބަސްއަހައޭ..." މިރްހާ ވާހަކަދައްކަން ފެށުމާއެކު ހަސަން ފޮނިވެގެން އެނބުރިލާފައި ތެދުވެއްޖެ އެވެ.

މިރްހާ އެވަގުތު ވަށައިގެން ނަޒަރު ހިންގާލައިފައި ހަސަން އަތަށް ކުޅޭއެއްޗެއް ދިނުމަށްފަހު ބުއްފުޅިގިރަން ހިނގައްޖެއެވެ. އޭނަ އެނބުރިއިރު ހަސަން ހަމަ އެއިންގޮތަށް ކުޅެލަ ކުޅެލާ އިނެވެ. އޭނަ ކުޅޭއެތި ފުޅިއަށް ބަދަލުކޮށްލުމުން ހަސަން އުފަލާއެކު އޮށޯވެ ބަނޑުހައި ހޫނުކަން ފިލުވަން ފެށިއެވެ. މިރްހާ އެތަނުން ނިކުތީ ހަސަންއަށް ނިދިގެން ފުޅި ވެއްޓުނުފަހުން އެހިފައިގެންނެވެ. ދޮވެލާފައި ގެންގޮސް ހިއްކަން ބެހެއްޓުމަށްފަހު އޭނަ މަޑުކުރީ ބޭރުގައި ސޯފާގައެވެ.. އެހެން އިންއިރު އިރުއިރުކޮޅާ ބަލައިލެވެނީ ބޭރު ދޮރާއި ދިމާއަށެވެ. އިންތިޒާރު ކުރެވެމުން ދިޔައީ އަނަސް އެދޮރު ހުޅުވާފައި ވަދެގެން އަންނާނެ ވަގުތަކަށެވެ.

ވަގުތު ކުރުކޮށްލަން ފޯނު ނަގައިގެން ހާވަން އިންދާ މެސެޖެއް އައެވެ. މިރްހާ ސިހުނީ މެހެވިޝްގެ ނަން އަރާފައި އޮއްވައި ފެނުނީމަ އެވެ. މެހެވިޝް އެ ގަޑީގައި ހޭލާ ކުރަނީ ކީއްހެއްޔެވެ؟ އަދި އޭނައަށް މެސެޖުކުރަނީ ކީކޭ ކިޔާފައި ހެއްޔެވެ؟

ތެޅިތެޅި އޮތް ހިތަކާއެކު އޭނަ މެސެޖު ހުޅުވާލައިފައި ރަނގަޅަށް ކިޔާލިއެވެ. ހަމައެއާއެކު ފުންމައިގެން ތެދުވެވިއްޖެ އެވެ.

"ކިހިނެއްވީ؟" އެ އިވުނީ އަނަސްގެ އަޑެވެ.

މިރްހާ ބަލާލިއިރު އަނަސް ވަދެގެން އަންނަނީ އެވެ. އޭނައަށް މެހެވިޝްގެ މެސެޖު ފެނިފައި ލިބުނު ޝޮކްގައި ހުއްޓާ އަނަސް ދޮރު ހުޅުވާލި އަޑު ވެސް ނީވުނީއެވެ.

"މެހެވިޝް މިރަށަށް އަންނަނީ.." މިރްހާއަށް ނުހުއްޓުވެނީސް އަނގައިން އެ ބަސްތައް ނިކުތެވެ.

"ބޭނުމެއް ނުވޭތަ އޭނަ މިރަށަށް އަންނާކަށް؟" އަނަސް އައިސް ކައިރިއަށް ހުއްޓުނުއިރު ބުމަކައިރިކޮށްލިއެވެ. މިރްހާ ހިތްހަމަނުޖެހެންވީ ސަބަބެއް އޭނައަށް ކުޑަކޮށްވެސް ނުވިސްނޭ ކަހަލައެވެ. ނޫނީ މެހެވިޝް ކަންތައް ކުރިގޮތް އޭނަ އެހާ އަވަހަށް ހަނދާން ނެތުނީހެއްޔެވެ؟

"އެނގޭދޯ މެހެވިޝް އަނަސްދެކެ ރުޅިއަންނަކަން؟" މިރްހާ ފޯނު ސޯފާމައްޗަށް ވައްޓާލައިފައި ހަށަން ބަނދެލިއެވެ.

"އެކަމަކު އެއީ މިރްހާގެ ދައްތައެއްނު..." އަނަސް ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.

މިރްހާއަށް ހައިރާންވެގެން ހަށަން މޮހާލައިފައި އެ މޫނަށް ބަލަން ހުރެވުނެވެ. އެއަށްފަހު އޭނާ ވެސް އިށީނދެލައިފި އެވެ. އަނަސް ނުހަނު ލޯބިން މިރްހާގެ ބޮލުގައި ފިރުމާލައިފައި އަދިވެސް ފުންކޮށް އެމޫނަށް ބަލައިލި އެވެ.

"މެހެވިޝް އިޒް ޓްރަބްލް. އޭނަ މީހަކުދެކެ ރުޅި އަރަން ފަށައިފިއްޔާ ވަރަށް ޒާތީކަމަށް ހަދާނެ. މިއަދާއި ހަމައަށްވެސް އޭނަ އަނަސް ބަލައެއްނުގަނޭ. އަބަދުވެސް މަސައްކަތްކޮށްފަ ހުރީ އަނަސްއާ ދެކޮޅަށް. ޝީ ތިންކްސް ޕީޕަލް ލައިކް ޔޫ ޝުޑް ނެވަ އެންޖޯއި ލަގްޒަރީ. އޭނަގެ ނަޒަރުގައި ވެލްތީ މީހުންނާ ގުޅޭ އާދައިގެ ބެކްގްރައުންޑެއްގެ ކޮންމެ މީހަކީ ގޯލްޑް ޑިގާރއެއް. އަހަންނަށް ޔަޤީން މިހާރުވެސް އޭނަ އެއަންނަނީ ކޮންމެވެސް ކަންތައްގަނޑެއް ހިންގައިލަންކަން...." އަނަސްއަށް ވަޢުދުވީ ފަދައިން މިރްހާ އޭނަގެ ކަންބޮޑުވުންތައް އަނަސްއަށް ކިޔައިދިނެވެ.

އަނަސް އޭނަގެ އަތުގައި ހިފާލައިފައި މަޑުމަޑުން ދެފަރާތަށް ބޯ ހޫރައިލީ އެކަމާ ނުވިސްނަން ބުނަމުނންނެވެ. މިރްހާ ދޫކޮށްލީ ފުން ނޭވައެކެވެ. އެއްޗެއް ބުނަން އެނގޭނީ ވަގުތު ދައްކާ މަންޒަރަކުންނެވެ. އެކަމަކު އޭނަ ޖެހޭނީ ވިސްނައިގެން ހުންނާށެވެ. ލިބުނު އާޚަބަރާއެކު މިރްހާއަށް ގިނައިރު އެގެއަކު ނުހުރެވުނެވެ. އަނަސް ކައިރީ ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އެއްވެސް ވަރަކަށް ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނަ ނުބުންޏަސް މެހެވިޝްގެ ވާހަކަ ބުނި ހިސާބުން މޫޑު ބަދަލުވެފައިވާކަން ވިސްނުނީ ކަމަށްވެދާނެ އެވެ.

ގެއަށް ގޮސް މިރްހާއަށް އިނދެވެނީ އަނެއްކާވެސް ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަމަކު މިފފަހަރު އަނަސްގެ އިންތިޒާރުގައެއް ނޫނެވެ. އަނަސް އަތުވެދާނެތީއެއްވެސް ނޫނެވެ. އެކަމަކު މެހެވިޝް އެދޮރު ހުޅުވާލައިފައި ވަދެގެން އަންނާނީ ކޮންއިރަކު ކަމެއް ނޭނގިފައެވެ. ބޭރުން މީހަކު ހިނގައިލާ އަޑު އިވުނަސް ހިތުގެ ތެޅުން އަވަސްވެއެވެ. ވަރަށް މަސައްކަތުން އޭނައަށް ނިދުނެވެ. ދެން ހޭލެވުނީ އެގާރަޖަހަން ދަނިކޮށެވެ. ބަނޑުހައިކަމުން އޭރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. އަވަހަށް ފާޚާނާއަށް ވަދެލާފައި ނިކުމެ ބބަދިގެއަށް ދިޔައީ ކޮންމެވެސް އެއްޗެއް ބަނޑަށްލުމުގެ ގަސްތުގައެވެ. މިރްހާގެ ފިޔަވަޅުތައް ހުއްޓުވައިލީ ބަދިގެއަށް ވަންއިރު މޭޒު ދޮށުގައި އިން މީހަކު ފެނިގެންނެވެ.

"މެހެވިޝް!!" މިރްހާގެ ދެފައި ބިމުގައި ތަތްލިއެވެ.

މެހެވިޝް ހިނިއައިސްފައި އިނީ ކައިރީގައި އިން އުލާ ދައްކަމުންދިޔަ ވާހަކައެއް އަޑު އަހާށެވެ. އެކަމަކު އޭނަ ވާހަކަދެއްކިއަޑަށް އެދިމާއަށް މޫނު އަނބުރާލައިފިއެވެ.

"ޔޫ ލުކް ފެޓް..." މިރްހާ ދެވަނަ ފަހަރަށް ހިނގައިގެންފައި ގޮސް ކައިރިވުމާއެކު މެހެވިޝް އޭނައަށް ބަލަން އިނދެގެން ފާޑުކިޔާލިއެވެ. އުލާ އެވަގުތު އަނގައަށް ގޮތެއް ހަދައިލަމުން މިރްހާއަށް ބަލައިލިއެވެ.

"ނޫން. ފަލައެއް ނޫން. ޝީ ލުކްސް ހެލްދީ. މިރަށަށް ފުރަތަމަ އައިއިރު ހީވަނީ ކަށީގައި ހަން ތަތްލާފަ ހެން...އެން ނައު ޝީޒް މޯ ޕްރިޓީ..." އުލާ މެހެވިޝްގެ ވާހަކައާ ގުޅުވައިގެން ވާހަކަދެއްކިއެވެ.

މިރްހާ އެއްވެސް އެއްޗެއް ނުބުނެ ގޮނޑީ ދަމާލައިފައި އިށީނުމަށް ފަހު ޕާންފޮޗެއް ނަގައި ބަޓަރު ހާކަންފެށިއެވެ. މެހެވިޝް އާއި އުލާ އެހިސާބުން ވާހަކަ ނިންމައިލީއެއް ނޫނެވެ. މިރްހާފަދަ ހަށިގަނޑެއް ދަމަހައްޓަން މީހުން ކުރާ މަސައްކަތުގެ ވާހަކަ ކިޔައި އަދިވެސް އޭނަގެ ވާހަކަ ދިފާއު ކުރިއެވެ. އެކަމަކު އުލާ މުޅިން އިދިކޮޅެވެ. މި ދެ މީހުންނަށް އޭނާ އެތާ އިނންކަން ވެސް ނޭނގެނީ ކަހަލަ އެވެ.

"މިރްހާ!" އުލާ ދެއްކި ވާހަކައަކަށް މިރްހާގެ ޖަވާބު ނައިސްގެން ކޮނޑުގައި ހިފާލިއެވެ. ހިޔާލުގެ ފުންކަނޑެއްގައި ގެނބެމުންދިޔަ މިރްހާއަށް ހޭވެރިކަންވެގެން އެމޫނަށް ބަލައިލެވުނެވެ. އުލާ ކަންބޮޑުވެފައިވާ ފަދަ ނަޒަރެއް ދެމުން ނިތަށް ރޫ ގިނަކޮށްލިއެވެ. މެހެވިޝް އެވަގުތުވެސް އިނީ އުލާއަށް ކުރިން ބުނެވުނު އެއްޗަކާއި ގުޅިގެން ރުޅިއައިސްފައި ކަހަލަ އެވެ. އޭނަގެ ލޮލުން އާވިއަރާހެން ހީވެއެވެ. "އަހަރެން މިދައްކަނީ އަނަސްގެ ވާހަކަ. މިރްހާގެ އުފާވެރިކަން އެނބުރި އައީ އެހެންވެއޭ..." އުލާ އޮޅުންފިލުވައިދިނެވެ.

މިރްހާއަށް ވަގުތުން ވިސްނުނެވެ. މެހެވިޝް ނައްޓާފައި އެއިނީ އަނަސްގެ ނަން ބުނެވިގެންނެވެ.

"އަހަރެންގެ ދަރިފުޅާ ފިރިމީހާއާ މީޓްކުރަން ދާނީ ކޮންއިރަކުން؟" އެނގޭކަމަށްވެސް ނުހަދާ މިރްހާ ސުވާލުކޮށްލާފައި ފާންޕޮތީގައި އަނގަޖެހިއެވެ.

އެވަގުތު މެހެވިޝްގެ އާވި އަރައަރާ ހުރި ދެލޮލުގައި ހުޅުހިފި ހެން ހީވިއެވެ. ދެދަތްޕިލާ ޖައްސާބާރުކޮށްލިއިރު ދަތްތަކަށް ތަދުނުވާކަމެއްވެސް ނޭނގެއެވެ.

"ކީއްވެ އެއްޗެކޭ ނުބުނީ؟ އެހެންވެއެއްނޫންތަ މިރަށަށް ތިއައީ؟ އަހަންނާއި އަހަރެންގެ ލޯބި ލޯބި ކުޑަ އާއިލާއާ ބައްދަލުކުރާކަށް ނޫންތަ؟" މިރްހާ ބެލީ ހައްތަހާ ބޮޑަށް މެހެވިޝް ރުޅިއަރުވާލެވޭތޯ އެވެ. ދެބެންގެ މޫނުގެ ކުލަވަރާއި ވާހަކައަށް ބަލާފައި އުލާ އިނީ އެތަނުން ގުޑިލަންވެސް ނުކެރި ހިމޭންވެފފަ އެވެ. ތެދުވެގެން ދާން ބޭނުންވިއަސް ތެދުވާކަށް ނުކެރުނެވެ.

"އެހެންވެއެއް ނޫން އަހަރެން މިރަށަށް އައީ..." މެހެވިޝް އަޑަށް ބާރުލައިފައި ބުނެލިއެވެ.

"ދެންއެހެންވީއިރު ކީއްކުރަން؟ އޯހ ވެއިޓް... އަހަރެން އަނަސްއަށް ނުކިޔައިދީ އޮތް ހަމައެކަނި ސީކްރެޓް ފަޅާއަރުވާލަންވެގެންތަ؟ " މިރްހާއަށް ލިބިފައިހުރީ ކޮންހިތްވަރެއް ކަމެއް ނޭނގެއެވެ. އޭނަ ހުރީ އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. ލައްކަ ދުވަހު ބަންދުވެފައިވާ ބޮއްކެއްގެ ތެރޭގައި އުޅެވިއްޖެއެވެ. މިއަދު ފުރަތަމަ ފަހަރަށް އެބޮކި ފެޅިއްޖެކަމުގެ އިހްސާސް ކުރެވެމުންދިޔައެވެ. އިތުރަށް އޭނަގެ އުފާވެރި ދިރިއުޅުން އެގޮތުގައި ކުރިއަކަށް ނުދާނެއެވެ. އިތުރަށް އަނަސްއަށް ސިއްރުކޮށްގެން ބިރުން ހުރުމެއް ނެތެވެ. ދެން ބޭނުމީ އަނަސް ކޮންމެ ގޮތަކަށް ނިންމިއަސް އެސިއްރު ފާޅުކުރާށެވެ. އޭނަގެ ހަޔާތުގެ ހުންގާނު އޮތީ އަނަސްގެ އަތްމަތީގަ އެވެ. ގޮތެއް ނިންމާނީ އަނަސް އެވެ.

"އެހެންވީމަ އަދިވެސް ބިރުން ދޯ ތިހުންނަނީ އެވާހަކަ ނުބުނެ...؟ " މެހެވިޝްގެ ތުންފަތަށް އަލުން ހިނިތުންވުން އެނބުރި އައެވެ. މިރްހާގެ ޝައްކު އެވަގުތު ޔަޤީނަށް ބަދަލުވިއެވެ. ނީޒާ އެވާހަކަ މެހެވިޝްއާ ދެއްކީއެވެ. އާއިލާމީހހުންނާއި އެކުވެރިކަން އޮންނަ މީހުން ތެރަޕިސްޓުން ގޮތުގައި ހަމަނުޖައްސަންވީ ސަބަބަކީ އެއީއެވެ. ނީޒާ އެވާހަކަ އެބުނީ އޭނައަށް އެހީވުމުގެ ގޮތުން ކަމަށްވެދާނެއެވެ. އެކަމަކު ތިމާގެ ދުޝްމިނަކީ އެންމެ ގާތުގައި އުޅޭ އާއިލާ މީހާ ކަމުގައި ވަނީ މަދުފަހަރަކު ނޫނެވެ. ނީޒާއަށް އެކަން ނޭނގި އޭނަ އެންމެ ރައްކާތެރިކުރަން ބޭނުންވާ ސިއްރު އެހާމަ ކުރީ މެހެވިޝްކައިރީގައެވެ. އަދި މެހެވިޝްއަށް އެއީ ރަނުގެ ފުރުސަތެކެވެ. އަދިވެސް އެއްފަހަރު އޭނައާއި އަނަސް ދުރުކޮށްލަން އެހަތިޔާރުގެ ބޭނުން ހިފާނެކަމާއިމެދު ޝައްކެއް ނެތެވެ.

"ކުރިން ހުރީ ނުބުނަން. އެކަމަކު މިހާރު ބުނަން ނިންމައިފިން. މިއަދު ހަވީރު އެގެއަށް ދާނީ އަނަސްއަށް ހުރިހާ ވާހަކައެއް ކިޔައިދޭ ގޮތަށް. އަދި އަނަސް އަހަރެންގެ މެންޓަލް އިލްނެސްއާއެކުވެސް ބަލައިގެންފިއްޔާ އަހަންނާއެކު އަލލުން ރަށަށް ދިރިއުޅެންދާންވެސް ހުށައަޅާނަން. މެހެވިޝް ބޭނުމިއްޔާ ޝޯ އެންޖޯއި ކުރަން ފްރޮންޓް ސީޓު ޓިކެޓް އިންނާނެ. އެހެންވީމަ މިއަދު ހަތަރެއް ޖަހާއިރަށް ރެޑީވެގެން ހުރޭ!" މިރްހާ ނުހަނު ހަމަޖެހިލައިގެން އިނދެ ވާހަކަތައް ނިންމާލައިފައި ތެދުވިއެވެ.

ކޮޓަރިއަށް ވަދެ މިރްހާ ފެށީ އަންނައުނުތައް ފަތްޖަހައި ފޮށްޓަށް އެޅުމުގެ މަސައްކަތެވެ. ރީތިވާ ސާމމާނުވެސް ކުޑަ ކޮސްމެޓިކްސް ދަބަހަކަށް އަޅާފައި ރީތިވާ މޭޒުމަތީ ބެހެއްޓިއެވެ. އޭނަ އިރުކޮޅަކުން ބޭރަށް ނިކުތްއިރު މެހެވިޝް ގޯތިތެރޭ ހުރީ ފޯނެއްގައެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު އެމޫނުގައި ކާމިޔާބީގެ ހިނިތުންވުމެއް ވިއެވެ. އަނަސް އޭނަ އަލުން ބަލައިނުގަންނާނެކަން މިހާރުވެސް ޔަޤީންވަނީ ކަހަލަ އެވެ. ތެދަށް ބުނަންޏާ ޚުދު މިރްހާގެ ހިތްވެސް ބުނަނީ އެހެންނެވެ. އެކަމަކު މިހާރު އޭނަ ބިރެއް ނުގަނެއެވެ. ހަމަ ކުއްލިއަކަށް އެއިހްސާސް އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ.

ހަވީރު ފަހެއް ޖަހަން ދެތިން މިނިޓަށް ވެފައި ހުއްޓާ މިރްހާ ކޮޓަރިން ނިކުތްއިރު ކޮޓަރިތެރޭ އޭނަގެ ފޮށްޓާއި އަތް ދަބަސް ގެނެސް ހުރީ ފާރުކައިރީ ބަހައްޓާފައެވެ. އަދި ކޮޓަރިތެރެއަށް ބަލައިލުމުން މީހަކު ދިރިއުޅޭކަން އެނގޭފަދަ އެއްވެސް ނިޝާނެއް އިތުރަކަށް ނެތެވެ. އަލަމާރި އާއި ރީތިވާ މޭޒާއި ފާޚާނާވެސް ހުރީ ހުހަށެވެ.

ފޯނަށް ބަލަމުން ގޮސް ގޯތިތެރެއަށް ނިކުމެވުމާއެކު މެހެވިޝް ގޮވި އަޑު އައެވެ. މިރްހާ ބަލާލިއިރު ގެއިން ނިކުމެގެން އަންނަނީ އެވެ. މިރްހާ ގާތަށް އެވަގުތު ރުޅިއެއްވެސް ނައެވެ. މެހެވިޝް ފަރާތުން އޭނަ ކުރާނެ އާ އުންމީދެއް ނެތެވެ. ދެބެން އެކީ ގޮސް އަނަސްމެންގޭ ދޮރާށި ހުޅުވާލައިފައި ވަންއިރު އެތެރެއިން ބޮޑުދައިތަ ވާހަކަދައްކާ އަޑު އިވެއެވެ. މިރްހާ ސަލާމް ގޮވާލައިފައި ގޮސް ދޮރުމައްޗަށް ހުއްޓުމާއެކު ޒާހިރާ މޫނު ހަދާލައިފައި ސޯފާއިން ތެދުވެއްޖެ އެވެ. ތަންކޮޅެއް ދުރުގައި ހުރި އަނަސްއަށް އޭނަ ފެނިގެން ކައިރިއަށް އައެވެ. އަނަސްގެ އުރުގައި އިން ހަސަންއަށްވެސް މަންމަ ފެނުމާއެކު ހެވިފައި މަންމާއޭ ގޮވާލައިފިއެވެ. މިރްހާގެ މެއަށް ބާރުވެގެން އައެވެ. އެދެލޮލަށް ކަރުނަ ޖަމާވިއެވެ. އޭނަ ދަރިފުޅު އުރާލަން އުޅެނިކޮށް ފަހަތުން އައިސް އޭނައަށްވުރެ ކުރިން ހަސަން އުރައިލީ މެހެވިޝް އެވެ. މިރްހާއަށް ހައިރާންވެފައި ބަލައިލެވުނެވެ. އެކަމަކު މެހެވިޝްގެ މޫނުން އޭނަ އުންމީދުކުރިފަދަ ލޯއްބެއް ނުފެނުނެވެ. އާވައްތަރެއްގެ ކުޅޭއެއްޗެއް ފެނިގެން މީހަކު ބަލާހެން ކުޑަކުޑަ ހަސަންއަށް އޭނަ ބަލަމުންދިޔައީ ގަޔާ ދުރުކޮށްލައިގެން ހުރެއެވެ. -- ނުނިމޭ --

ދިގު ވާހަކަ

Popular