11 Jan 2021

By: Mariyam Yasma

އޭނަ ދަރިފުޅު އުރާލަން އުޅެނިކޮށް ފަހަތުން އައިސް އޭނައަށްވުރެ ކުރިން ހަސަން އުރައިލީ މެހެވިޝް އެވެ. މިރްހާއަށް ހައިރާންވެފައި ބަލައިލެވުނެވެ. އެކަމަކު މެހެވިޝްގެ މޫނުން އޭނަ އުންމީދުކުރިފަދަ ލޯތްބެއް ނުފެނުނެވެ. އާވައްތަރެއްގެ ކުޅޭއެއްޗެއް ފެނިގެން މީހަކު ބަލާހެން ކުޑަކުޑަ ހަސަންއަށް އޭނަ ބަލަމުންދިޔައީ ގަޔާ ދުރުކޮށްލައިގެން ހުރެއެވެ.

"އާ ޔޫ ޝުއަރ ދިސް ކިޑް އިޒް ޔުއާސް؟ އޭރު މީރާދެއްކި ފޮޓޯގަނޑަކާ އެއްވެސް ވައްތަރެއް ނޫން..." މެހެވިޝް ފާޑަކަށް ބަލަންހުރެލާފައި ހަސަން ގެންގޮސް މިރްހާގެ އަތަށްދެމުން ވާހަކަދެއްކިއެވެ.

މިރްހާ ގާތަށް ހިނިއަންނަގޮތްވި އެވެ."އެ މިހާރު ހަސަން ބޮޑުވީމަ.." އޭނަ ޖަވާބުދީފައި ހަސަންގެ މޫނުގައި ބޮސްދިނެވެ.

"މެހެވިޝް ކިހިނެއް؟" އަނަސް ލުއި ހިނިތުންވުމަކާއެކު ސުވާލުކޮށްލީ މެހެވިޝް ވަންނަން ތަންދައްކަމުންނެވެ. "ފަސްޓްކްލާސް..." މެހެވިޝް ވަދެގެން ގޮސް ވަށައިގެން ލޯ ހިންގާލައިފައި ސިޓިންރޫމްގައި ހުރި ސޯފާއަށް ވެއްޓިގަތެވެ.

"ހައި..." މިރްހާ ބަލާލިއިރު އަނަސް އޭނައަށް ބަލަން ހުރުމުން ރަކިވެފައި ބުނެލިއެވެ. އަނަސް އެވަގުތު ބޯޖަހާލައިފައި ފަހަތަށް ފިޔަވަޅެއް އަޅާލުމަށްފަހު އޭނައާއެކު އަނެއްފަރާތަށް އެނބުރި އެތެރެއަށް ވަދެގެން ދިޔައެވެ.

މެހެވިޝް އޭރު ސޯފާގައި ނީނދެވިގެން ތެދުވެ ގޭގެ އެތަން މިތަން ބަލަމުން ގޮސް ފަހަރަކު ކޮޓަރިއެއްގެ ދޮރު ހުޅުވަނީއެވެ. މިރްހާއަށް ދަތްކުނޑިވިކައިލެވުނެވެ. އަނަސް ދަށްކޮށްލަން ކިޔާނެ އެއްޗެއް ހޯދަނީކަން ކަށަވަރެވެ. އޭނަ އަނަސްގެ މޫނަށް ބަލައިލީ މާފަށްއެދެން ބޭނުންވާފަދަ ނަޒަރަކުންނެވެ. އަނަސް ހިނިތުންވެލާފައި މެހެވިޝް ކައިރީ އެހީ ގެންނަންވީ ކޮންކަހަލަ ބުއިމެއްތޯއެވެ.

"ކޮފީ.." މެހެވިޝް އަނަސްގެ ކޮޓަރި ހުޅުވައިގެން ބަލަން ހުރެފައި އެނބުރި ޖަވާބުދިނެވެ. އަނަސް އެވަގުތު ބޯޖަހާލައިފައި ގޮސް ބަދިގެއަށް ވަނެވެ.

"މެހެވިޝް!! ތީ ދެން ކޮންކަމެއް؟ ކޮބާ މޭނަރސް؟" މިރްހާ މަޑުން ހުންނަން ބޭނުންވިއަސް ނުހުރެވުނެވެ. މެހެވިޝް ކޮނޑު އަރުވާލައިފައި އަނެއްކާވެސް ބޯދިއްކޮށްގެން ހުރެ ކޮޓަރިތެރެ ރަނގަޅަށް ބަލައިލިއެވެ. އޭނަ އެނބުރި އައިސް އިށީންވަގުތު ބަދިގެއިން ނިކުތް ބޮޑުދައިތަ އެދެމީހުންނަށް ބަލައިލާފައި ގެއިން ނިކުމެގެން ހިނގައްޖެ އެވެ.

"އެއީ ކާކު؟" ޒާހިރާ ލޯމަތިން ނުވެސް ގެއްލެނީސް މެހެވިޝް އެހިއެވެ.

"އަނަސްގެ އާންޓް.." މިރްހާ ބަލަން އިނީ ކަކޫމަތީ އިން އަނަސްގެ މޫނަށެވެ. އެދެއަތުގައި ހިފާލައިގެން އިނދެ އޭނަ ހަސަން ހެއްވަން އެކި ވައްތަރު ޖައްސަނީއެވެ. އޭނަގެ ކޮންމެ އާ ހަރަކާތަކާއެކު ހަސަން ހޭންފަށައެވެ.

"މިގެވެސް މީ އެއާންޓްގެ ދޯ؟" މެހެވިޝް އިތުރަށް އޮޅުންފިލުވަންވެގެން އެހިއެވެ.

"ރަނގަޅު. ބޮޑުދައިތަގެ ގެ މީ..." މިރްހާއަށްވުރެ ކުރިން ޖަވާބު ދިނީ ކޮފީ ތަބައް ހިފައިގެން ވަން އަނަސްއެވެ.

މިރްހާއަށް ހާސްކަމާއެކު އެމޫނަށް ބަލައިލެވުނެވެ. އިތުރަށް މެހެވިޝް އޭނަ ކުރިމަތީ އަނަސް ފަޟީހަތްކުރާކަށް ބޭނުމެއް ނޫނެވެ. މެހެވިޝްގެ މޫނަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނަ އަނަސް ކޮފީތަށި ދިއްކޮށްލުމުން އޭގގައި ހިފާފައި ރަހަވެސް ބަލައިލުމެއްނެތި ބެހެއްޓީ މޭޒުމަތީގައެވެ. އަނަސް އިށީނދެލީ މިރްހާގެ ގާތުގައެވެ. އިޝާރާތުން ކޮފީތަށި ދައްކައިލުމުން މިރްހާ މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލި އެވެ. އަނަސް އެވަގުތު ކޮނޑުއަރުވާލައިފައި އެތަށި ނަގައި ރަހަ ބަލައިލިއެވެ.

"ކިހިނެއް މަންމަމެން؟" އަނަސް ބެލީ އާދައިގެ މީހަކާއި ވާހަކަދައްކާހެން މެހެވިޝްއާ ވާހަކަދެއްކޭތޯއެވެ.

"މަންމަ އެބައޮތް އަތްބިނދިފަ ގޭގަ. ބައްޕަ ވެސް އުޅޭ.." މެހެވިޝް ފޯނު ނަގައި ބަލަން އިނދެގެން ފަރުވާކުޑަ ގޮތަކަށް ޖަވާބުދިނެވެ.

"އެއީތެދެއްތަ؟ ނުވެސް ބުނަމެއްނު..." އަނަސްއަށް އެވަގުތު ބަލައިލެވުނީ މިރްހާއަށެވެ.

"ސޮރީ އަދި ނުބުނެވިފަ. މެހެވިޝް ބުނި އެހާ ގޯހެއް ނޫނޭ ޕްލާސްޓަރ އަޅާފައޭ..." މިރްހާއަށް ކޮންމެވެސް ވަރެއްގެ ކުށްވެރިކަމެއް އިހްސާސްވިއެވެ. އަނަސްއާއި އޭނަގެ މެދުގައި ވެވުނު އެއްބަސްވުމުގައި ވަނީ ދެމީހުން އެކަކު އަނެކަކަށް ސިއްރެއް ނުބާއްވާ ހުރިހާ ކަމެއް ހިއްސާ ކުރުމެވެ. އެކަމަކު މިރްހާ މަންމަގެ ވާހަކަ ސިއްރު ކުރީ އެކަން އއެނގިގެން އަނަސް އޭނަ ފޮނުވައިލަން މަސައްކަތްކޮށްފާނެތީއެވެ. އަދި އޭނަ އެހުރީ އަލުން އަނަސް ދޫކޮށްފައި ދާގޮތަކަށް ނޫނެވެ. އަނަސް އޭނަ ބޭނުން ނެތިގެން އެވާހަކަ ބުނުމާއި ހަމައަށް އެގޮތުގައި ހިފަހައްޓާނެއެވެ. ނަސީބަކުން އޭނަގެ ޖަވާބު އަހާފައި އަނަސް އޭނަ އިތުރަށް ދެރަވެދާނެތީ އެއްޗެއް ނުބުންޏެވެ.

"ދެން އަނަސް މިގޭގަތަ އުޅެނީ؟ އެހެންމީހުންގެ ތައްޕާހުގަ އުޅެގެން ކިހިނެތް އާއިލާއެއް ބަލާނީ؟" މެހެވިޝް އެތަނަށް އައި މަޤްސަދު ހާސިލްކުރަން ލަސްތަކެއްނުނެގިއެވެ. ފޯނު ހާވަން އިނދެލާފައި ހުއްދަ އެހުމެއްނެތި ސުވާލުކޮށްފިއެވެ.

"މެހެވިޝް!" މިރްހާއަށް އަނެއްކާވެސް ބުނެވުނެވެ.

"ނޫނޭ ރަށުގަ ބައްޕަ ދޫކޮށްފަ ދިޔަ ގެ މިހާރު ހުރީ އަހަރުމެންނަށް އުޅެވޭވަރަށް ހެދިފަ. ދެން ވިސްނަނީ އަނެއްކާވެސް އެކޮޅަށް ބަދަލުވާން..." އަނަސް ޖަވާބުދީފައި ބަލައިލީ މިރްހާއަށެވެ. އެކަން ވާންއޮތީ މިރްހާގެ އެއްބާރުލުން ލިބިގެންނޭ ބުނެލިކަހަލަ އެވެ. ނޫނީ މިރްހާގެ ކުރިމަތީ އެހިޔާލު ހުށައެޅުމުން އޭނަގެ ކުލަވަރު ހުންނަގޮތް ބަލައިލަން ބޭނުންވީ ކަމަށްވެދާނެ އެވެ.

"އެހެންވިއްޔާ އަނަސްއަށް ކިހާ ޔަޤީންކަމެއް އޮތީ މީރާ އަނެއްކާވެސް އަނަސްތިހޯދަދޭ ދިރިއުޅުމުން ހިތް ނުފުރިގެން ފިލައިގެން ނުދާނެކަމުގެ...؟" މެހެވިޝް ސޯފާގެ ކުރިއަށް ޖެހިލާފައި އަނަސްއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

މިރްހާގެ މެއަށް ހީވީ ފެންއެއްޗެއް އޮއްސައިލި ހެންނެވެ. މެހެވިޝްއާ ދިމާއަށް އެތިވަރު ގޮވައިގަންނަން ބޭނުންވިއަސް އެކަމެއްވެސް ނުކުރެވުނެވެ. އަނަސް ވާހަކަދައްކަން އުޅުނުހެން ހީވެގެން ބަލައިލެވުނީ އެމޫނަށެވެ. އަނަސް ދޭ ޖަވާބެއް އަހަން ޚުދު އޭނަވެސް ބޭނުންވެއްޖެ އެވެ.

"މިރްހާއަށް އަހަރެން އިތުބާރު ކުރަން..." އަނަސް މެހެވިޝްއަށް ބަލަން އިނދެގެން ސާބިތުކަމާއެކު ބުނެލިއެވެ.

އެއަޑު އަހާފައި އަނެއްކާވެސް މިރްހާ ފިނިވެއްޖެ އެވެ. ދެން ބަލައިލެވުނީ މެހެވިޝްއަށެވެ. މެހެވިޝް އަނަސްއަށްވުރެ ކުރިއަރަން ރައްދުގައި ގޮއްވާލާނީ ކޮންފަދަ ބޮމެއްކަމެއް އެނގެނީއެއް ނޫނެވެ. ހަސަން އެވަގުތު ފައިބަން އުޅެން ފެށުމުން ހަސަން ތިރީގައި ބަހައްޓާފައި ހުރިހާ ސަމާލުކަމެއް ކުރިމަތީ ތިބި ދެމީހުންނަށް އަނބުރައިލެވިއްޖެ އެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އުލާގެ ގޭގައި ހުއްޓާ އޭނައަށް ލިބިފައި ހުރި ސާބިތުކަން މަޑުމަޑުން ފިލަމުން ގޮސް ބިރާއި ހާސްކަމުން ހިތް އަލުން ވަށާލައިފި އެވެ.

"އަނަސް!" މިރްހާ ވާހަކަދައްކަން މަސައްކަތްކުރި އެވެ.

"ތީ އަނަސްގެ މޮޔަކަން.. މީރާއަށް އަމިއްލައަށްވެސް ނޭނގެ އޭނައަށް ކުރެވިފަ ނުކުރެވޭނެ ކަމެއް. އެހެންނޫންނަމަ އޭނަ ބަނޑުން ވިހޭ ދަރިފުޅަށް ގެއްލުން ދޭކަށް ހިތަކަށް ނާރާނެ. އަމިއްލައަށް މަރުވާކަށް ނޫޅޭނެ....އަނަސްއަށް ފަހަރެއްގަ ނޭނގިދާނެ އޭނަގެ ސިކުނޑީގެ ބައްޔެއް ހުންނަކަން.." މެހެވިޝް އެއިންގޮތަށް އެއްފައި މައްޗަށް އަތްފައި އަރުވާލައިގެން އިނދެ އާދައިގެ ވާހަކައެއް ބުނެލިހެން އަނަސް ކުރިމަތީ މިރްހާގެ ސިއްރު ފަޅާއަރުވައިލި އެވެ.

މިރްހާއަށް ކުރެވުނު ކަމަކީ ދެލޯމަރައި ބާރުކޮށްލުމެވެ. ކުޑައިރު މަންމަ ރުޅި އަރުވާފައި ފިލައިގެން ދިއުމުން ގެއަށް ގެނެސް އަދަބުދޭން އަނދިރީގައި ގުދަނުގައި ބަހައްޓާފައި ހުންނައިރު ބިރުން ލޯމަރައިގެން ހުންނަފަދައިންނެވެ. ލޯ ހުޅުވާނުލައިފިނަމަ ގުދަންތެރޭ އުޅޭ ޖިންނިތަކަށް އޭނަ ނުފެންނާނެކަމުގައި ޔަޤީންކުރި ފަދައިން އޭނަ ލޯ ހުޅުވާނުލާހައި ހިނދަކު ކުރިމަތީގައި އެނބުރެމުންދިޔަ ތޫފާން އައިސް އޭނައާ ބައްދަލުނުކުރާނެކަމުގައި ޔަޤީންކޮށްގެންނެވެ.

މެހެވިޝް އެދިން އާ ޚަބަރާއެކު އެވަގުތު އަނަސްވެސް ކުއްލިއަކަށް ހިމޭންވެއްޖެ އެވެ. މެހެވިޝް އެއްބުމަ އަރުވާލައިފައި އަނަސް އަށް އެދިން ޚަބަރުން އަރައިގަންނަން ބުނާ އެއްޗެއް އަޑުއަހަން އިނީ ހިނިއަންނަގޮތްވެފަ އެވެ. އޭނަ އުންމީދުކުރިހެން އަނަސް އަނގަ ހުޅުވާލައިފައިވެސް ލައްޕައިލިތަން ފެނުމުން ކޮޅަށް ތެދުވެއްޖެ އެވެ.

"އަހަރެން މިހެންބުނީމަ ފަހަރެއްގަ ޤަބޫލުކުރަންވެސް އުދަނގޫ ވެދާނެ. އެކަމަކު ރަނގަޅު ވާހަކައެއް ބުނަންތަ؟ ހަމައެކަނި ލޯއްބަކުން ދިރިއުޅުމެއް ނޫޅެވޭނެ. ކޮމްޕެޓިބްލް ތޯވެސް ބަލަންޖެހޭ.. ވިސްނާލީމަ އިނގޭނެ ތިދެމީހުންގެ އެއްގޮތް އެއްވެސް ކަމެއް ނެތްކަން. އަހަރެންގެ އެކުވެރިޔާ ބުނީ މީރާއަށް ޑިޕްރެޝަން ޖެހުނީ ދިރިއުޅުމުގެ ހާލަތުގެ ސަބުންނޭ. މާނައަކީ އޭނައަށް އެބަލި ޖެއްސީ އަނަސް އޭ. އަނަސް އޭނަ އުފާކޮށްދެވޭނެހެން ހީވިއަސް ހަޤީޤަތް އޮތީ އިދިކޮޅަށް.. ވަގުތު އޮތްވާ ދެންވެސް ތިކަން ހުއްޓާލާފަ މީރާގެ ދިރިއުޅުމުން ދުރަށް ދޭ! ދެމީހުންނަށްވެސް ހަމަޖެހުން އޮތީ ވަކިން އުޅެގެން. އައިމް އޮންލީ ޓްރައިން ޓު ހެލްޕް ހިއާ. އެކަމަކު އެކަކުވެސް އެޕްރިޝިއޭޓްކުރީއާއެއްނު.." މެހެވިޝް ތަންކޮޅެއް ސީރިއަސްވެލާފައި ފަހުގެ ނަސޭހަތް އިއްވިއެވެ.

އަނަސް ހަމައެކަނި އެއިންގޮތަށް އަޑުއަހަން އިނީ އެވެ. އަނެއްކޮޅުން މިރްހާ ލޯމަރާލައިގެން ބުދެއްހެން އިނެވެ. މެހެވިޝް ގޮސް މިރްހާގެ އަތުގައި ހިފާ ނަގާފައި ދާން ހިނގާށޭ ބުނެ އެތަނުން ނަގައިގެން ގެއިން ނިކުންނަން ދިޔައިރު މިރްހާވެސް ގަދައެއްނުހަދަ އެވެ. މެހެވިޝް ގެންދާނެ ތާކަށް ގެންދަން ދޫކޮށްލައިގެން ލޯމަރައިގެން ހުއްޓެވެ.

"ކީއްވެ އަހަރެންދެކެ ތިހާ ނަފްރަތު ކުރަނީ؟ މެހެވިޝްގެ އާއިލާފަދައިން ތަނަވަސް އާއިލާއަކުން އައިސްފައި މީހަކަށް ނުވާތީތަ؟" ފުރަގަސްދިންފަހުން އަނަސް ސުވާލުކުރި އަޑު އިވުނެވެ.

މެހެވިޝް ހުއްޓިފައި ބަލާލިއިރު އަނަސް ކޮޅަށް ތެދުވެ ހުރީ އެމީހުންނާއި ދިމާއަށް އެނބުރިއެވެ. އެވަގުތު މިރްހާވެސް ކުއްލިއަކަށް ލޯ ހުޅުވައިލި އެވެ. އެކަމަކު އެނބުރި ބަލައެއްނުލަ އެވެ. ހުރީ ދޮރާއި ދިމާއަށް ބަލަން އަނަސްއަށް ފުރަގަސްދީގެންނެވެ. މެހެވިޝް އެކައްޗެކޭވެސް ނުބުނެ އަނަސް އެދެމެދުގައި އޮތް ތަންކޮޅު ކަޑައްތުކޮށްފައި އައިސް ކުރިމަތީ ހުއްޓެންދެން ބަލަން ހުއްޓެވެ.

"އަޑުއެހިންތަ ދެ ބަގީޗާގެ ވެރިޔާގެ ވާހަކަ؟" އަނަސް ކޮށްލީ ނުގުޅޭ ޒާތެއްގެ ސުވާލެކެވެ.

"އެންލައިޓެން މީ!" މެހެވިޝް ދާން ބޭނުންވެފައި ހުއްޓަސް އަނަސް ކިޔާއެއްޗެއް އަހާލަން ގަސްތުކުރި އެވެ.

"ދުނިޔޭގައި ވީހައި ކަންތަކާއި ފަހުން ވާނެ ކަންތައް ބަޔާންކުރައްވާފައިވާ ފޮތުގައި ދެމީހެއްގެ މިސާލު ޖައްސަވަމުން އެތަނުން އެކަކަށް ދެބަގީޗާ ދެއްވުނު ވާހަކަ އޮވޭ. އެބަގީޗާތަކުގައި މޭބިސްކަދުރު އަޅާބަރާވެފައި. އޭގެ ވަށައިގެން ކަދުރު ރުއްތައް ލެވިފައި. އޭގެ މެދުގައި ދަނޑުގޮވާންވެސް. އަދި އެދެބަގީޗާގެ މެދުން ފެންކޯރެއް ލެއްވިފައި. އެބަގީޗާތަކުން މޭވާ އައިސް އުންޏެއްނުވޭ. ނުވިތާކަށް އެމީހާއަށް އެހެން މުދާތައްވެސް ދެވުނު. އެމީހާ ބޮޑާވެފައި އޭނަގެ އެކުވެރިޔާ ކައިރީ އެއްދުވަހަކު ބުނަނީ މުދަލާއި އަހަރެންގެ ދަށުގައިވާ މީހުންނާއި އަދި އިއްޒަތާއި ގަދަފަދަކަމުގެ ގޮތުން ބެލިއަސް ކަލެއަށްވުރެ އަހަރެން މޮޅު އިތުރުކަމުގައި. އޭނައަށް އެމުދާތައް ދެއްވި ފަރާތް ހަނދާން ނައްތާލައިފަ ބުނަނީ ދުވަހަކު އެތަކެތި ނެތިގެން ނުދާނެކަމުގައި. އަދި ޤިޔާމަތްވެސް ނުވާނެކަމުގައި. އަދި މަރުވެ އޭނަ ހެއްދެވިފަރާތުގެ ހަޟްރަތަށް އެނބުރި ދިއުމަށްފަހުވެސް އެއަށްވުރެ މޮޅުގޮތް ފެންނާނެކަމުގައި. ޖަވާބުގައި އޭނަގެ އެކުވެރިޔާ ބުނީ ކީކޭކަން އިނގޭތަ؟" އަނަސް ވާހަކަ މެދުކަނޑައިލަމުން ސުވާލުކުރި އެވެ. މެހެވިޝް އެވަގުތު އަނަސްގެ ވާހަކަ މެދުކަނޑާލަން ވާހަކަދައްކަން އުޅެނިކޮށް އޭނަ އެފުރުސަތު ނުދީ އަނެއްކާވެސް ފެށިއެވެ.

"އޭނަގެ އެކުވެރިޔާ އެހީ އޭނާ ހެއްދެވިފަރާތަށް ކާފިރުވީތޯ. އަދި ބަގީޗާއަށް ވަދެ ﷲ އިރާދަކުރެއްވިކޮންމެ ކަމެއް ވާނެއޭ ބުނިނަމައޭ. އެއްވެސް ބާރެއް ﷲ ގެ ހަސްޜަތުން ނޫނީ ނުވާކަމުގައި. އޭނައަށްވުރެ މުދަލާއި ދަރިން މަދުކަމުގައި ވިއަސް އެކަލާނގެ އޭނައަށް އެއަށްވުރެ މާރަނގަޅު ނިއުމަތްތަކެއްވެސް ދެއްވަފާނެކަމުގައި. އަދި އޭނަގެ ބޮޑާ އެކުވެރިޔާގެ ބަގީޗާތަކުގެ މައްޗަށް އާފާތެއް ފޮނުއްވައި ގަހެއް ރުކެއްނެތް ހުސްބިމަކަށްވެސް ވެދާނެކަމުގައި. އަދި އެދެ ބަގީޗާގެ މެދުގައި ވި ކޯރު ބިންގަނޑުތެރެއަށް ހިނދިއްޖެނަމަ އެއަތުލުމަށް އޭނައަށް ކުޅަދާނަވެގެން ނުވާނެކަމުގައި. އަދި ކަންތައް ވީވެސް އެހެން. އޭނައަށް އެނގުނީ އޭނަގެ ބާރެއް ނެތްކަން. އޭނައަށް މުދަލާއި މުއްސަދިކަން ދެއްވިފަރާތުން އެތަކެތި ގެންދެވީ. ބަދަލުގައި އޭނައަށް ކުރެވުނު ހަމަ އެއްކަމެއްވެސް ނެތް..." އަނަސް ވާހަކަ ނިންމައިލި އެވެ. އޭރު މިރްހާވެސް ހުރީ އެނބުރި ދެލޯ ބޮޑުކޮށްލައިގެން އަނަސްއަށް ބަލާށެވެ. އޭނަގެ އަތުން ހީބިހި ނަގާފައި ހުރިއިރު ލޮލުގައި ކަރުނަ ވިދައެވެ.

މެހެވިޝް ވެސް ހުރީ ފާޑަކަށް މޫނު ހުދުވެފަ އެވެ. އެކަމަކު އަނަސް ނިންމާލިއިރަށް އެކަމާއި އޭނަދެއްކި ވާހަކައާ އޮތީ ކޮން ގުޅުމެއް ހެއްޔޭ ކިޔާފައި ރައްދުދީފި އެވެ. "މާކުރިން ބާވާލެވިފައި އޮތް ފޮތެއްގެ ވާހަކަ ކިޔައިގެން ތިއުޅެނީ އަހަރުމެން ދަށްކުރަންތަ؟" މެހެވިޝް އިތުރަށް ބުނެލައިފި އެވެ.

"ޤުރުއާނުގައި ވަނީ ހަމައެކަނި ކުރީގެ ވާހަކައެއް ނޫން. އެއީ މިހާރުގެވެސް ވާހަކަ. މިއަދުގެ ވާހަކަ. މެހެވިޝްއަށް އެއްޗެއް ވިސްނޭނީ ކިހާ ސާފުކޮށް ކިޔާދިނީމަ؟ ތަންކޮޅެއް ތަނަވަސްވީމަ ބޮޑާވެގަތުމުގެ ކުރިން އެތަކެތި ދެއްވި ފަރާތުގެ މަތިން ހަނދާންކުރާނަމަ އިނގޭނެ ތިމާއާ ސަލާންޖަހާ މީހާއާވެސް ވަނީ އެއް ދަރަޖައެއްގައިކަން. އިތުރަށް އަހަރެންގެ ވާހަކަ ގުޅުވަން ބޭނުމިއްޔާ އަހަރެން ބުނެފާނަން އަދި ވާހަކައެއް. އެންމެގިނަ މީހުންނަށް ޑިޕްރެޝަން ޖެހެނީ އަމިއްލަ އާއިލާއިން އެމީހުންނަށް ދޭ ހިތާމައިން. އެމީހުންގެ ނިންމުންތަކަށް ތާއީދުނުކޮށް އެމީހުން ބާކީކޮށްލާ ދަށްކޮށްލާ. އަދި އެވަރުން ނުވެގެން އެކި ގޮތްގޮތުން އެމީހުންގެ ވިސްނުން ބަދަލުކުރަން މަސައްކަތްކޮށް ފާޑުފާޑު ވާހަކަ ދައްކަންޏާ ކިތަންމެ ހިތްވަރުގަދަ މީހާވެސް އެކަންކަމާއި ވިސްނާނެ. އަހަންނަށް ހީވަނީ އަހަރެން ބޮލުގައި އިލްޒާމު އެޅުވުމުގެ ކުރިން ފުރަތަމަ މެހެވިޝްއާއި މެހެވިޝްގެ އާއިލާއިން މިރްހާއާ ދޭތެރޭ ކަންތައްކުރި ގޮތާއި ދޭތެރޭ ރަނގަޅަށް ވިސްނާލުން ބުއްދިވެރިވާނެހެން..." އަނަސް ދުވަހަކު މީހަކާ ވާހަކަނުދައްކާހެން ވާހަކަ ދައްކާލިތަން ދެކެފައި މިރްހާއަށް ކުއްލިއަކަށް އަނގަމަތީ އަތް އެޅުނެވެ.

މެހެވިޝްއަށްވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން އޭނަ ގާތަށް އައީ ރުޅިއެވެ. އުޅުނީ އަތް އިސްކުރާށެވެ. އެކަމަކު އަނަސްގެ ހުޝިޔާރުކަމުން އެކަންވެސް ކާމިޔާބެއް ނުވިއެވެ. އޭނަ އަތް މަޅައިލިހާއިރުން އަނަސް އެއަތުގައި ހިފަހައްޓައިފައި ފަހަތަށް ކޮށްޕާލައިފި އެވެ. މާބާރަށް ނޫނަސް މެހެވިޝް ދެފިޔަވަޅު ފަހަތަށް ޖެހުނެވެ.

"މީރާ ހިނގާ ދާން!" މެހެވިޝް ވާހަކަދެއްކީ އަނަސްގެ މޫނަށް ބަލަން ހުރެގެންނެވެ.

"އުހު. މެހެވިޝް އެކަނި ދޭ އަހަރެންގެ އަންހެނުން ހުންނާނީ އަހަރެން ކައިރީ..." އަނަސް އައިސް މިރްހާގެ އަތުގައި ހިފާފައި ކައިރިއަށް ދަމައިލި އެވެ. މެހެވިޝްގެ ދެލޯ ބޮޑުވިއެވެ. ދެން ފާޑަކަށް ދެފަހަރު ދެމީހުންނަށް ބަލައިލާފައި ކުދި ކިޔަމުން ފުރަގަސްދީފައި ނިކުމެގެން ގޮސް ދޮރާށިން ނިކުތެވެ.

އަނަސް މެހެވިޝް ނިކުމެގެންދިޔަ ދިމާއަށް ބަލަން ހުރިއިރު މިރްހާ އޭނަގެ ކުރިމަތީ ހުރީ އެމޫނަށް ބަލާށެވެ. އިރުކޮޅަކުން އޭނަ ނަޒަރު ވަކިކޮށްލާފައި މިރްހާގެ މޫނަށް ބަލައިލި އެވެ. މިރްހާގެ ދެލޯ ކަރުނުން ފުރިފައެވެ. އެލޮލުގައި މިރްހާ ނުބުނާ އެތައް ވާހަކައެއްވި އެވެ. އަނަސް ބަލަން ހުރެލާފައި ފުރަތަމަ ކަރުނަ ތިކި ވެއްޓުމާއެކު ބޮޑުވައި އިނގިލިން ފުހެލާދިނެވެ. މިރްހާގެ ކެތްތެރިކަންކޮޅުންލީ ހިސާބަކީ އެއީއެވެ. ރޮއިގަނެވުމާއެކު އަނަސްގެ މޭގައި މޫނު ފޮރުވާލިއެވެ. ހުހަށް އޮތް އަތުން އަނަސްގެ ޓީޝާޓްގައި ބާރުބާރަށް ހިފާ ބޮނޑިކޮށްލެވުނެވެ. އަނެއް އަތް އޭރުވެސް އަނަސްގެ އަތުތެރޭގަ އެވެ.

އޭނައަށް ވާހަކަދެއްކޭވަރުވުމުން ފުރަތަމަވެސް ދުރަށް ޖެހިލާފައި ކޮށްލީ ސުވާލެކެވެ. ނުނިމޭ

ދިގު ވާހަކަ

Popular