25 Jun 2020

ނިއުމާ އާއި ޝާޔާގެ ހިތްވަރުން މިއަދުގެ މެސެޖު!

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ވިޓިލައިގޯ އެވެއަނެސް ދުވަހުގެ ގޮތުގައި

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ވިޓިލައިގޯ އެވެއަނެސް ދުވަހުގެ ގޮތުގައި

By: Ifraz Ali

"ވޯލްޑް ވިޓިލައިގޯ އެވެއަނެސް ޑޭ" މިއަދު ފާހާގަކުރާއިރު، ވިޓިލައިގޯ ނުވަތަ ހުދު ބައްޔާ އެކު ދިރިއުޅެން ޖެހިފައިވާ 100 މިލިއަނަށް ވުރެ ގިނަ މީހުން ދުނިޔޭގައި އެބަ އުޅެ އެވެ. އިންސާނާގެ ހަމުން "މެލަނިން" ކިޔާ މާއްދާއެއް މަދުވުމުން ކުރިމަތިލާންޖެހޭ މި ބައްޔާ، ވަރަށް ހިތްވަރުގަދަ ކަމާ އެކު ކުރިމަތިލާއި އެހެން މީހުންނަށް މިސާލު ދެއްކި ދެ މީހެއްގެ ވާހަކަ "ދޯ" އިން މީގެ ކުރިން ވާނީ ގެނެސްދީފަ އެވެ. އެއީ ކުރީގެ އެކްޓްރެސް ނިއުމާ މުހައްމަދާއި ގދ.ތިނަދޫގެ ޒުވާނެއް ކަމަށްވާ މަރިޔަމް ޝަޔާ އިމްރާން އެވެ.

ނިއުމާ މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވަނީ ވިޓިލައިގޯއާ އެކު އޭނާ އަށް ކުރަން ޖެހުނު ބައެއް ތަޖުރިބާތައް އަލުން ކިޔައިދީފަ އެވެ. ވިޓިލައިގޯ ޖެހިފައިވާކަން އެނގުމުން ވަރަށް ބިރުގަތް ކަމަށާއި މުޅި އުމުރު ދުވަހު އާމްދަނީ ހޯދުމަށް ކުރަމުން އައި މަސައްކަތް ކަމަށްވާ، ފިލްމީ މަސައްކަތްތައް ހުއްޓާލަންޖެހިދާނެ ކަމަށް ހީވެ ލޮލުން ކަރުނަ ވެސް އޮހުނު ކަމަށެވެ.

"އަހަރެން މިކަން ނެގީ ޗެލެންޖެއްގެ ގޮތުގައި... އަމިއްލަ ނަފުސަށް އައި މި ބަދަލު ބަލައިގަތިން... އަދި މާ ހިތްވަރުކުރިން،" ނިއުމާ ބުނީ ހެއްދެވި ފަރާތައް އޮތް އިތުބާރާ އެކު އަދި އޭނާ ކުރި ހިތްވަރަށް ފަހު ބުނަން އޮތީ، މި ކަހަލަ ކަމެއް މެދުވެރިވެ ތިމާ ފެންނަ ގޮތް ތަފާތުވި ނަމަވެސް، ތިމާ އަކީ ރީތި ނޫން މީހެއް ކަމަށް ނުނިންމާށެވެ. ދުވަހުގެ މަރުހަބާ ކިޔަމުން ބުނީ، އަމިއްލަ ނަފުސު ދެކެ ލޯބިވާން ދަސްކުރާށެވެ.

"ދޯ" އަށް ކުރިން ދިން އިންޓަވިއުގައި ޝާޔާ ބުނީ ވިޓިލައިގޯއަށް ޑައިގްނޯސްކުރީ އޭނާގެ އުމުރުން ގާތްގަނޑަކަށް ދެ އަހަރުގަ ކަމަށެވެ. އޭގެ ކުލަ ހަނދާނެއް ޝާޔާގެ ނެތަސް، އޭނާގެ ހަޔާތުގެ ކޮންމެ ދުވަހަކީ އެތައް ކުލަ ހަނދާނެއް އުފައްދަމުން އަންނަ ތަފާތު ދިރިއުޅުމެކެވެ.

"އަމިއްލަ އަށް މިހެން އުޅޭއިރަކު އިހްސާސެއްނުވޭ މިއީ އެހެން ކުދިންނާ ނުވަތަ މީހުންނާ ތަފާތު މީހެކޭ. އެކަމަކު ދެން މީހަކު އަހަންނާ ދިމާލަށް ބަލަން ހުއްޓައި ފެނިއްޖެއްޔާމު ހަނދާންވާނީ އަހަރެން ހުންނަ ގޮތް. ނޫނިއްޔާމު މީހަކު އައިސް، ތިއީ ވިޓިލައިގޯ ދޯއޭ ކިޔާފައި އަހާލައިފިއްޔާމު ވަރަށް ބޭޑް ފީލްވާނެ،" އޭރު ޝާޔާ ބުންޏެވެ.

ދިވެހި ފިލްމް އިންޑަސްޓްރީ ނިއުމާ މުހައްމަދު އާޓިސްޓް

Popular